7384 111

ފެރީން ފައިބައިގެން ގެއާއި ދިމާލަށް މާޙިލް މިސްރާބުޖެހިއެވެ. ބޮލަށް ބަރުވެފައި ހުރުމުން ހިނގުން ބާރުކޮށްލީ އަވަހަށް ގެއަށްގޮސް ނިދާލުމަށެވެ. ގޭދޮރު ހުޅުވާލުމުން މާޙިލަށް ލިބުނީ އިންތިޙާ ހައިރާންކަމަމެވެ. ސިޓިންގރޫމް ބޮކިތައް ދިއްލާ އަޅާފައި ހުރިއިރު މަމްދޫހާ ދެކޮޅަށް ހިނގާލަ ހިނގާލައި ހުއްޓެވެ. ތެޅިތެޅި އޮތް ހިތަކާއި އެކު މާޙިލް އެތެރެއަށްވަނީ މަމްދޫހާގެ ހަރަކާތްތައް ހުރިގޮތުން ކޮންމެވެސް ބޮޑުކަމެއްވެއްޖެކަން ޔަގީން ކުރެވޭ ހާލުއެވެ. ސިޓިންގރޫމް ދޮރުމަތީ މާޙިލް ހުއްޓުމުން މަމްދޫހާ ނިކަން ހަލުވިކޮން އައިސް މާޙިލްގެ ކުރިމަތީ ހުއްޓުނެވެ.
” މަންމާ……..!” މަމްދޫހާގެ މޫނުމަތިން ފެންނަ ނުތަނަވަސްކަމާއި ކަންބޮޑުވުން މާޙިލްގެ ހިތް ބިރުގަންނަވާލިއެވެ. މާހިލަށް އޭނާގެ މަންމައަށް ގޮވާލެވުނީވެސް ތަންކޮޅެއް ބާރަށެވެ. އެއަޑުގައި އިންތިޙާ ހައިރާންކަން އެކުލެވިގެންވެއެވެ.

” މަންމާ……….ކިހިނެތްވީ؟ ނުނިދަންތަ އަދި………….” މަމްދޫހާ އަކީ އެގަޑީގައި ހޭލާއުޅޭ މީހަކަށް ނުވާތީ މާޙިލަށް އެސުވާލުކޮށްލެވުނީއެވެ. ކޮންމެވެސް ބޮޑުކަމެއް ވީއޭ ހިތާއެވެ.

” މަންމަ ހާދަ ވަރަކަށް ގުޅައިފީމޭ…………..” މަމްދޫހާ އެހެން ބުނުމުން ޖީބުން ފޯނުނަގާ މާހިލަށް ބަލާލެވުނެވެ. ބެޓެރިގޮސްގެން ފޯނު އޮތީ ނިވިފައެވެ.

” ފޯނު ނިވިފައޭ …….” މާޙިލަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. މާޙިލަށް ހީވީ މަންމަ ކަންބޮޑުވެގެން އެއުޅެނީ މާޙިލްގެ ފޯނަށް ނުގުޅިގެން ކަމަށެވެ. މަމްދޫހާ އެއްޗެއް ބުނޭތޯ މަޑުކުރުމެއްނެތި މާހިލް ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. ޖައްސާލަން ބޭނުންވެފައި ހުރީމައެވެ.

” މާޙިލް…………” ކޮޓަރީގެ ތަޅަށް ތަޅުދަނޑި ޖަހާލައި އަނބުރާ ނުލެވެނީސް މަމްދޫހާ މާހިލަށް ގޮވާލިއެވެ. ފަސްއެނބުރި މާޙިލް މަންމަގެ މޫނަށް ބަލާލިއިރު އެމޫނުމަތިން އެފެންނަ ކުލަވަރު މާހިލަށް ތަރުޖަމާކުރާނެ ގޮތެއް ނޭނގުނެވެ.

” ކީކޭ މަންމާ….” މަމްދޫހާގެ މޫނުމަތިން ހީވަނީ ކަމަކަށް އެދޭހެންނެވެ. ދެލޮލުގައިވީ އިންތިހާ އާދޭހެވެ.

” އައިސްބަލަ……ކުޑަ ވާހަކައެއް ދައްކާލަން………..” މަމްދޫހާ ސަރަންފީ ގޮނޑިއެއްގައި އިށިއިނެވެ. މާހިލްވެސް ދެކޮޅުހެދުމެއްނެތި އައިސް މަމްދޫހާ އާއި އެންމެ ކައިރީގައި ހުރި ސަރަންފީ ގޮނޑީގައި އިށިއިނެވެ.

” ކިހިނެތްވީ މަންމާ………..” މަމްދޫހާ ދެއަތްދެއަތާއި މޮޑޭތަން ފެނިފައި އެދައްކަން އުޅޭ ވާހަކައިގެ ސީރިޔަސްކަން މާހިލަށް ވަޒަންކޮށްލެވުނެވެ. މަމްދޫހާ ވިސްނަމުން ދިޔައީ ވާހަކަ ފަށާނެ ގޮތެއް ނޭގިގެންނެވެ.

” މަންމައަކަށް ނޭގެ މިވާހަކަ ފަށާނެ ގޮތެއްވެސް…………..” މާޙިލްގެ މޫނަށް ބަލާލާފައި މަމްދޫހާ ނަޒަރު ހުއްޓާލީ އެހެން ދިމާލަކަށެވެ.

” މިއަދު މަންމަ ސަ……….ސަޖާ ކައިރިއަށް ދިޔައިން……..” މަމްދޫހާއަށް ސަޖާގެ ނަން ކިޔަންވެސް ވީ އުނދަގޫކަމަކަށެވެ. މަމްދޫހާގެ ހިތުގައި މިހާރު ސަޖާގެ މައްޗަކަށްވަނީ ނަފުރަތާއި ފޫހިކަމެވެ. ހަގީގަތް އެނގުމެއްނެތި ކުރެވިފައިވާ ކުންހީއެއްގެ އަސަރު މިހާރުވަނީ މަމްދޫހާގެ ހިތުގެ އެންމެ ފުނާހަމައަށް ފޯރާފައެވެ. މަމްދޫހާގެ ވާހަކަ އަޑުއަހަން މާހިލް އިނީ ބަސްއަހާ ކުޑަކުއްޖަކު ފަދައިންނެވެ. މަމްދޫހާ އެހެން ބުނުމުންވެސް މާޙިލް ސުވާލެއް ކޮށްނުލާ އިނީއެވެ.

” އެގެއަށް ދިޔާމަ މަންމައަށް އެނގުނީ ސަޖާ ބަނޑުބޮޑުކަން……….” މާހިލްގެ މޫނަށް ބަލާލަމުން މަމްދޫހާ ބުނެލިއެވެ. އެއްވެސް އުފަލެއްނެތް ރުންކުރު ގޮތަކަށެވެ. މަމްދޫހާގެ މޫނަށް ބަލާލާފައި މާހިލް އިސްޖަހާލީ ލުއިހިނިތުން ވުމަކާއެކުއެވެ. މާހިލަށްވީ ގޮތް ފެނިފައި މަމްދޫހާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

” ސަޖާ ބަނޑުބޮޑު……………” މަމްދޫހާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވެނީސް މާޙިލް ބޯޖަހާލިއެވެ.

” އާން މަންމާ…….އަހަންނަށްވެސް މިއަދު އެނގުނީ…………” ހުރިހާ ދަތްތަކެއް ފެންނަވަރަށް މާހިލް ހިނިއައިސް އިނދެ އެހެން ބުނިނަމަވެސް މަމްދޫހާގެ މޫނުމަތީގައި ވަނީ ހިތްހަމަނުޖެހުމެވެ.

” ސަޖާ އެޑްމިޓްކޮށްފަ އޮތީ ހޮސްޕިޓަލްގަ ހުއްޓައޭ މަންމަ ގުޅީ މެންދުރު……………” ސަޖާއަށްވީ ކިހިނެތްތޯވެސް މަމްދޫހާ އަހާ ނުލިއެވެ. މަމްދޫހާ ކަންފަތް ބުޑުގައި އަދިވެސް ހީވަނީ ސަޖާގެ އާދޭހުގެ އަޑު ގުގުމާހެންނެވެ. ބަނޑުބޮޑުކަން މާހިލަށް ސިއްރުކޮށްދިނުމަށް ތަކުރާރުކޮން އެދުނު އެދުން މަމްދޫހާ ލޯކުރިމަތީ އަދިވެސް ސިފަވަނީއެވެ.

” ސަޖާ މަންމަ ކައިރީ ބުނީ ދަރިފުޅަށް އޭނަ ބަނޑުބޮޑުކަން ނާންގާށޯ…………..” މަމްދޫހާ އެހެން ބުނުމުން މާޙިލަށް ލިބުނީ ހައިރާންކަމެވެ. ގަބޫލުނުކުރެވިގެން ބަލާލާ ފަދަޔަކުން މަމްދޫހާގެ މޫނަށް މާހިލަށް ބަލާލެވުނެވެ.

” އެ ކީ….ކީއްވެ؟ ” މާހިލަށް ގަބޫލުކުރަން ފަސޭހައެއް ނުވިއެވެ.

” ނޭގެ……..ގޮސް އޭނަ ކައިރީ އަހާބަލަ………..” ދުވަހަކުވެސް މަމްދޫހާގެ ދުލުން އެހާ ރުޅިވެރިކޮން ސަޖާއަށް އަމާޒުވާނޭހެން ބަހެއް ބުނިއަޑު މާޙިލް ނާހައެވެ.

” ގައިމު ކަމެއް ވީމަދޯ މާހިލަށް ނާންގާށޭ ބުނާނީ…………” މަމްދޫހާގެ ކޮންމެ ޖުމްލައެއްގައިވީ ނަފުރަތާއި ރުޅިވެރިކަމެވެ. އެއިންކޮންމެ ބަހެއް އައިސް މާހިލްގެ ހިތަށް އައިސް ހެރުނީ ތޫނު ކަށިތަކެއް ފަދައިންނެވެ.

” މަންމަ ތިކިޔާ އެއްޗެއް ނުވިސްނުނު………………..” މާހިލަށް އިށިއިނދެއިން ގޮނޑިން ތެދުވެވުނެވެ.

” ރަނގަޅަށް ވިއްޔާ އެވާނީ އެހެން މީހެއްގެ ދަރިއަކަށް އެހެންވެ މާޙިލް ކައިރީ ނުބުނާށޭ އެބުނާނީ………….” މަމްދޫހާގެ ދުލުން އެއިވުނީ މާހިލް އުއްމީދުކުރިފަދަ ބަސްތަކެއް ނޫނެވެ. އެއަޑު އަހަން މާހިލަށް ފަސޭހައެއް ނުވިއެވެ. ފިރިހެން ދަރިއެއް ކައިރީ ދައްކަން މަންމަޔަކު ރީތި ވާހަކައެއްވެސް ނޫނެވެ. ރުޅިއައިސްގެން މާޙިލްގެ ހަށިގަނޑު ރޫރޫ އަޅައިގަތެވެ. ދެއަތް ތިލަ މުށްކެވުނެވެ. ސަޖާގެ ވަފާތެރިކަމާއި މާހިލް ދެކެވާ ލޯބި މާހިލަށް ވުރެން ބޮޑަށް އެހެން މީހަކަށް އަންދާޒާކޮށްލަން ނުވެސް އެނގޭނެއެވެ.

އައިސްފައިވާ ރުޅީގައި މާހިލް ގޮސްވަނީ ކޮޓަރިއަށެވެ. މަމްދޫހާއަށް ލިބުނީ ފެހި ސިގްނަލެކެވެ. މަމްދޫހާ ދެއްކި ވާހަކަތަކުގައި ހަގީގަތެއްވާކަން އޭނާއަށް ޔަގީން ކުރެވުނީ ސަޖާގެ ދިފާއުގައި މާހިލް އެއްޗެއް ނުބުނީމައެވެ. ކައިރީގައި ހުރި ގޮނޑީގައި އޮތް ކުޝަން ނަގާ އޭގައި ބައްދާލަމުން ގޮނޑީގައި ބުރަކަށި ޖައްސާލިއެވެ.

” މާހިލް ސަޖާ ދޫކޮށްލިޔަސް އަހަރެން ދެރަވާކަށް ނުޖެހޭނެ……… ގޮނޑި ހުސްވާއިރަށް ގޮނޑިއަށް ކުރިމަތިލާނެ މީހަކު އެހެރީ………….ސަޖާއަށްވުރެން މާ މުއްސަނދި މާ ޤަދަރުވެރި…………….” މަމްދޫހާ ދެލޯ މަރާލިއެވެ. އުފަލުން މަމްދޫހާގެ ހިތް އުދުހެނީއެވެ. ވިލާތަކުގެ އެންމެ މަތީގައެވެ.

މިއަދު މެންދުރު މާޙިލް މަސައްކަތް ކުރާ އޮފީސްކައިރިއަށް މަމްދޫހާ ދިޔައީ ފުނޑުފުނޑުވެފައިވާ ހިތަކާއި އެކުއެވެ. މާޙިލާ ބައްދަލުކޮށް ސަޖާގެ ވާހަކަ ދެއްކުމުގެ ބޭނުމުގައެވެ. އެއޮފީހުން ނިކުންނަނިކޮށް ފެނުނީ އާޝާއެވެ. އެވަގުތަކީ އާޝާވެސް ލަންޗަށްދާންވެގެން މާހިލް ނަގަން އެއޮފީސްކައިރިއަށް އައިސް މާޙިލް އޮފީހުގައި ނެތުމުން އޮފީހުން ނިކުތް ވަގުތެވެ. މަމްދޫހާވެސް މާޙިލް ފޯނު ކަނޑާލުމުން އެތެރެއަށް ވަންނަން ހިނގައިގަތް ގަޑީ އެތެރެއިން ނިކުތް އާޝާ ގައިގާ ލައިގަތީއެވެ.

” ސޮރީ ދައްތާ……” އާޝާ ބިންމައްޗަށް ވެއްޓިފައި އޮތް މަމްދޫހާގެ ވޮލެޓާއި ފައިލުނަގަމުން މައާފަށް އެދުނެވެ. އަދި މަމްދޫހާ ކޮނޑުގައި ފިރުމާލަމުން ތަނަކަށް ތަދުވިތޯ ސުވާލުކުރިއެވެ. މަމްދޫހާ ނޫނެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ. އާޝާ އަވިއައިނު ލޮލަށް ހެޔޮވަރުކޮށްލަމުން ކުރިއަށް ހިނގައިގަތެވެ.

” ކޮއްކޯ………” އެތެރެއަށް ވަންނަން އުޅިފައިވެސް މަމްދޫހާ ގޮވާލީ އާޝާއަށެވެ. އާޝާ ފަސްއެނބުރި ބަލާލިއެވެ.

” ކޮއްކޮ އުޅެނީ މިއޮފީހުގައިތަ …..؟ ” މަމްދޫހާ އޮފީހަށް އިޝާރާތްކޮށް އެހެން ބުނުމުން އާޝާ ހިނިތުންވެލިއެވެ. އާޝާ އެއްޗެއް ބުނުމުގެ ކުރިން ވާހަކަ ދެއްކީ އަނެއްކާވެސް މަމްދޫހާއެވެ.
” މާޙިލް އެބައުޅޭތަ …………” މަމްދޫހާ އެ ސުވާލުކުރުމުން އާޝާ މަމްދޫހާގެ ފައިންފެށިގެން ބޮލަށް ނަޒަރު ހިންގާލިއެވެ.

” އޮފީހުގައި އުޅެންޏާ މާޙީލް ކައިރީ ބުނެބަލަ މަންމަ އައިސް އެބަހުއްޓޭ ބިޒީ ނޫނިއްޔާ އައިސްދޭށޭ…………” މަމްދޫހާގެ ވާހަކައިން އާޝާއަށް އެއީ މާހިލްގެ މަންމަކަން ޔަގީންވިއެވެ.

” ތީ މާހިލްގެ މަންމަތަ…….” މަމްދޫހާ ބޯޖަހާލިއެވެ. އާޝާ އުފަލުން މަމްދޫހާ ގައިގާ ބައްދާލި އިރު ހީވަނީ ގިނަދުވަސްތަކެއް ވަންދެން ނުފެނި ހުރި ގާތް މީހަކު ފެނުމުން ބައްދާލިހެންނެވެ. މަމްދޫހާ ހުރީ މިވާ ގޮތެއް ނޭގިފައެވެ. ބުނާނެ ބަހެއްވެސް ދުލާހަމައަށް ނައެވެ.

” މަންމާ ……….ވަރަށް އުފާވެއްޖެ ދިމާވީމަ………….” މަމްދޫހާގެ އަތުން އާޝާ ދޫކުރާކަށް ނޫޅެއެވެ.

” މާޙިލް ނެތޭ އޮފީހެއްގަ ………….ކިހިނެތް ހަދައިދޭންވީ………..” އޮފީހާ ހަމައަށް މާހިލްގެ މަންމަ އަންނާނީ މުހިއްމު ބޭނުމެއްގައި ކަމަށް އާޝާ ނިންމިއެވެ.
” ތީ ކޮންކުއްޖެއް………” އާޝާގެ ހިތްހެޔޮކަން ފެނިފައި މަމްދޫހާ އާޝާއަށް ޝައުގުވެރިވިއެވެ. އެސިފަ އަކީ މިހާރު ވަރަށް މަދުކުއްޖެއް ކިބައިން ފެންނަ ސިފައަކަށްވާތީ އޭނާ ގަޔާވިއެވެ.

” އޯ ………މީ އާޝާ………..”

” އާޝާ……….” މަމްދޫހާ އެނަން ކިޔާލިއެވެ.

ދެން މަމްދޫހާ މަގުމައްޗަށް ނަޒަރު ހިންގާލިއެވެ. ވިލިގިލީ ފެރީ ޓާރމިނަލަށް ދާން ޓެކްސީއެއް ލިބޭތޯ އެވެ. އެހާ ދުރަށް އައި ބޭނުން ފުރިހަމަ ނުވީއެވެ. މާޙިލް އޮފީހުގައި ނެތީމައެވެ.
” މިގަޑީގަ ނޭގެދޯ ޓެކްސީއެއް ލިބޭނެ ކަމެއް………….” އާޝާއަށް ބަލާލަމުން މަމްދޫހާ ބުނެލިއެވެ. އޮފީސްތަކުގެ ލަންޗު ބުރޭކް ގަޑިއާއި ސްކޫލްތަކަށް ކުދިން ދާގަޑިއަށް ވާތީ މަގުތައް ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ.

” ކޮންތާކަށް ދާންވީ އަޅުގަނޑު މިއުޅެނީ ކާރުގަ ……….” މަމްދޫހާ އާ އެއްހަމައެއްގައި ހުރެގެން އާޝާ ހިނގައިގަތެވެ. ޕާރކްކޮށްފައި އޮތް ކާރުގެ ކުރީ ދޮރުފަތް ހުޅުވާލަދެމުން އާޝާ ވާހަކަ ދެއްކިއެވެ.

” މާޙިލް ނުބުނޭތޯ އަޅުގަނޑުގެ ވާހަކައެއް…………..” އެފަދަ ފުރުސަތެއް ލިބުމުން އާޝާވެސް ބޭނުންވީ މަމްދޫހާ އާ ގުޅުން ބަދަހި ކުރާށެވެ. މަމްދޫހާ ހިނިތުންވެލަމުން ބޯޖަހާލިއެވެ. މަމްދޫހާ އިށިއިނުމުން ދޮރުލައްޕާލަ ދީނީވެސް އާޝާއެވެ. ހިނިއައިސްފައި ހުރެ އާޝާ އިށިއިނީ ޑުރައިވަރ ޝީޓްގައެވެ.

” އާޝާ ………ނޭގުނު ތީ ކޮންކުއްޖެއްކަމެއް………….” މަމްދޫހާވެސް ހުރީ އެއަންހެން ކުއްޖަޔާ ބެހޭގޮތުން އޮޅުން ފިލުވަން ބޭނުންވެފައެވެ.

” ހަމަ ނުބުނޭތޯ…………..” ރަކި ގޮތަކަށް ހީލަމުން އާޝާ ކާރު އިސްޓާޓުކޮށްލިއެވެ.

” އަޅުގަނޑުމެން މެރީކުރަން މިއުޅެނީ………………” މަމްދޫހާގެ ކަންފަތަށް އިވުނީ އުއްމީދުކޮށްގެން ހުރި ކަހަލަ ޙަބަރެއް ނޫނެވެ. އެދަތުރު ނިމެންވާއިރަށް އާޝާ އާ ބެހޭ ގޮތުން ހުރިހާ ކަމެއް މަމްދޫހާއަށް އޮޅުން ފިލިއެވެ. މާހިލާއި މެދު އަނެއްކާވެސް ފޮނި އުއްމީދުތަކެއް ކުރެވެން ފެށިއެވެ. ސަޖާ މާހިލްގެ ހަޔާތުން އަބަދަށް ވަކިވެގެންދާއިރު އާޝާ ހުރީތީ މަމްދޫހާ އުފާކުރިއެވެ. މިރޭ މަމްދޫހާ އާޝާގެ ވާހަކަ ނުދެއްކީ އެއަށްވުރެން ކުރިން ސަޖާ އާމެދު ނިންމުމެއް ނިންމަން ބޭނުންވެފައި ހުރީތީއެވެ. މަމްދޫހާއަށް ނުލިބުނު ތަނަވަސް ދިރިއުޅުން މާހިލަށް ލިބުމަކީ އޭނާ ދެކޭ ހުވަފެނެކެވެ. ސިޓިންގ ރޫމް ދޮރުތަޅުލައި ބޮކިތައް ނިވާ ލާފައި މަމްދޫހާވަނީ ކޮޓަރިއަށެވެ. ހޭލާއި ހުރެގެން ބަލަމުންދާ ހުވަފެން ނިދީގައިވެސް ބަލާލުމުގެ ބޭނުމުގައެވެ.

*****

މާހިލް ދެކޮޅަށް ފުރޮޅި ފުރޮޅި ނިދޭގޮތެއް ނުވިއެވެ. ފޯނު ޗާޖަށް ޖަހާފައި ހުޅުވާލިއިރު އާޝާ މެސެޖުތަކެއް އައިސް ހުއްޓެވެ. މާޙިލްގެ މަންމަޔާ ދިމާވި ވާހަކަ އެއް މެސެޖްގައި އޮތެވެ. އެއްވެސް މެސެޖަކަށް ރިޕްލައި ކުރާން މާހިލް މޫޑެއް ނެތެވެ. މަންމަ ދެއްކި ވާޙަކައިން ހިތުގައިވަނީ ގޮތްނޭގޭ ހައިޖާނެއް އުފައްދާފައެވެ. އެއްކޮޅުން އާޝާއެވެ. އަނެއްކޮޅުން ސަޖާޔާ ނުއުފަންނަ ދަރިފުޅެވެ. ގޮތެއް ނިންމަން މާހިލަށް ފަސޭހައެއް ނޫނެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ބާލީހުގެ ތެރެއަށް ވަދެގެން ދިޔައެވެ. ދެލޯ މަރާ ބާރުކޮށްލީ ލޯހުޅުވާލާން ބޭނުން ނެތީމައެވެ.

*****

އާދުވަހަކަށް އަރައިގެން އައި އިރާއެކު އާދިލާ އާއި ނަސީރު ތިބީ ސައިބޯން ބަގީޗާ ތެރޭގައެވެ. ތަނަށްވެރިވެފައިވަނީ ހިމޭންކަމެވެ. އަފީފު ދެއްކިވާހަކަ އާދިލާ އާއި ހިއްސާކުރުމުން ބަހެއް ނުބުނެ އޭނާ އިނީ ވިސްނުމަކަށް ގެއްލިފައެވެ. ނަސީރުވެސް އާދިލާ އެއްޗެއް ބުނޭތޯ އިންތިޒާރުގައި އިނެވެ.

” ކީއްވެ އެއްޗެއް ނުބުނީ…………….” އެންމެ ފަހުން އާދިލާ އިސްޖަހާލައިގެން ހިމޭންވެފައި އިނުމުން ނަސީރަކަށް ނީދެވުނެވެ.

” އަފޫ ގަބޫލުވާނެބާއޭ ހިތަށް މިއަރަނީ……………” އާދިލާ ދިނީ ނަސީރު އުއްމީދުކުރި ޖަވާބެއް ނޫނެވެ.

” އޭނައަށް ދޫކޮށްލައިގެންދޯ މިޔޮއްހާ ދުވަހު މިތިބީ……………….” ނަސީރުވެސް ކޮއްލީ ސުވާލެކެވެ.

” ފަހަރެއްގަ އަފޫ ކުއްޖަކާ ރައްޓެހިވެގެންވެސް އުޅިދާންނު………….” ނަސީރަށް ބަލާލަމުން އާދިލާ ބުނެލީ މަޑުމައިތިރިކަމާ އެކުއެވެ. އޭނާ އަށް ހީވާ ހީވުމެއްގެ މައްޗަށް ބިނާކޮށެވެ.

” އަފީފު އެވާހަކަ ދެއްކިއިރު ބޮޑުބެވެސް މިތާ އިން…………..ބޮޑުބެއަށް އެނގޭނެ ހެން ހީވަނީ އައްފާން ކުއްޖަކާ ރައްޓެހިވެގެން އުޅެންޏާ……… ބޮޑުބެ އެވާހަކަ ދެއްކީމަ އެކަމާ ދެކޮޅަށްވެސް އަދި އެއްކޮޅަށްވެސް އެއްޗެއް ނުބުނޭ…..އައްފާން މީހަކާ ރައްޓެހިވެގެން އުޅޭނަމަ ބޭބެ ބުނާނެދޯ ………” ކޮފީ ޖޯޑު ތުނބުގައި ޖައްސާލަމުން ނަސީރު ބުނެލިއެވެ. ނަސީރު އެހުރީ އަފީފު އެދުނު ގޮތަށް އެކަން ކުރަން އަތުކުރި އޮޅާލައިގެންނެވެ. އާދިލާއަށް ދެފަރާތަށް ބޯހޫރާލެވުނީ އެއީ އޭނާ ގަޔާވާ ކަމަކަށް ނުވާތީއެވެ. އެފަދަ ނިންމުމެއް ނިންމާއިރު އައްފާންގެ ހިޔާލުހުރި ގޮތެއްވެސް ބަލާލަން އާދިލާ ބޭނުމެވެ.

” އަފޫގެ ހިޔާލު ހުރިގޮތެއް ބަލާލަންވީނު…………” ޖެހިލުންވެފައި އިނދެ އާދިލާ ބުނެލިއެވެ. ކަންކަމުގައި ގޮތް ނިންމުމުގެ ބާރު އާދިލާއަށް ލިބިފައި ނުވާކަން އެނގިވެސް އާދިލާ ވާހަކަ ދެއްކީ އައްފާންގެ ޙައްޤުގައެވެ.

” ހޫމް……….” މިފަހަރު ނަސީރުވެސް އާދިލާގެ ބަހަކާ ދެކޮޅެއް ނެހެދިއެވެ.

” ކޮބައިތަ އައްފާން………..” ޓިސޫއަކުން އަނގަމަތި ފޮހެލަމުން އަހާލިއެވެ.

” ތެދުވެގެން ފެންވަރަންވަނީ………” އާދިލާ ގޮނޑިން ތެދުވެގެން މޭޒުމަތީގައި ހުރި ތަށިތައް ތަބަކުގެ ތެރޭގައި ބަހައްޓަން ފެށިއެވެ.

” ބޭރަށް ދިއުމުގެ ކުރިން ބުނެލާތި ބައްޕަޔާ ބައްދަލު ކޮއްލާށޭ…….” އާދިލާ ހިނގައިގަންނަމުން ބޯޖަހާލިއެވެ.

ބަގީޗާ ތެރެއަށް އައްފާން އައިސްވަނީ ގަމީހުގެ ގޮށްތައް އަޅުވަމުންނެވެ. ފެންވަރައިގެން ނިކުމެ ގަމީސްވެސް ނުލެވެނީސް މަންމަ ގޮސް ބައްޕަޔާ ބައްދަލުކޮށްލުމަށް އެދުމުން އޭނާ އެއައީ ވަރަށް އަވަސް އަރުވާލާފައެވެ

” ކީކޭ………..” ތެޅެމުން ފޮޅެމުން އައިސް އައްފާން ހުއްޓުނީ ނަސީރުގެ މޫނުމަތީގައިވި ސީރިޔަސްކަން ފެނިފައެވެ.

” އިށިއިނދެބަލަ………” އެއްވެސް އަސަރެއް ގާތްކަމެއް ނެތްފަދަ ގޮތަކަށް ނަސީރު ބުނެލިއެވެ. ހިތާދެކޮޅަށް އައްފާން ގޮނޑީގައި އިށިއިނެވެ. ނަސީރު އެގެނައި ބޭނުމެއް ނުބުނެގެން އައްފާން ބަލާލީ ލަސްވެގެން ބަލާލާ ފަދަޔަކުންނެވެ.

” ބައްޕަގެ ރައްޓެހި އަފީފުގެ ދަރިފުޅު އެނގޭދޯ………….”

” ހޫމް………..އާޝާ……….” ބޯޖަހާލަމުން އެއްވެސް ޝައުގެއްނެތް ގޮތަކަށް ޖަވާބުދިނެވެ.

” އެއީ އައްފާންގެ ރައްޓެއްސެއްނު…………………އެއީ ރަނގަޅު ކުއްޖެއްތަ….؟ ” ނަސީރު އާޝާގެ ވާހަކަ ދައްކަން ފެށުމުން އައްފާން ވިސްނާލިއެވެ.
” ހޫމް………ވަރަށް ރަނގަޅު ކުއްޖެއް އެއީ…………..” ބޯހަލުވާލަމުން އައްފާން ބުނެލިއެވެ.

” އިއްޔެ މިގެއަށް އަފީފު އާ……… އާޝާ ކައިވެނީގެ ވާހަކަ ދެއްކީ ………….” ދުފާ ތަބަށް ހިފައިގެން އައިސް އާދިލާ މޭޒުމަތީ ބެހެއްޓީ އެވަގުތުއެވެ. ނަސީރު ބުނި އެއްޗެއް އާދިލާއަށް އިވުނެވެ. އެއްފަހަރު އައްފާނަށް އަނެއްފަހަރު ނަސީރަށް އާދިލާ ބަލާލިއެވެ. އައްފާން ދޭނެ ޖަވާބެއް ނޭގޭ ހާލުއެވެ.

” އެހެންތަ………އާޝާ މެރީ ކުރަނީ ކާކާ………….؟ ” އެކަހަލަ ކޫސަނިވާހަކައެއް ބުނަން ނަސީރު އޭނާ ގެނައިތީ އައްފާން ގާތަށް ހިނިއައެވެ. އެހެނަސް އެކަން މޫނުމަތިން ނުދައްކާ އެތެރެއަށް ހިންދާލައިގެން އޭނާ އިނީއެވެ.

” އައްފާނާ……..” ނަސީރު އެހެން ބުނުމުން ހީވީ ބޮމެއް ގޮވިހެންނެވެ.

” ކީކޭ………..؟ ” ގަބޫލުނުކުރެވިގެން އާދިލާގެ މޫނަށް ބަލާލުމުން އާދިލާ އިސްޖަހާލިތަން ފެނިފައި ނަސީރު އެބުނީ ތެދުވާހަކައެއްކަން އައްފާނަށް ގަބޫލުކުރެވުނެވެ.
” ހޫމް ތިއިވުނީ ރަނގަޅަށް………..އަފީފު ބޭނުންވަނީ އާޝާ އާ އައްފާން ކައިވެނި ކުރަން………..” ދެލޯ ބޮޑުވެ ގަބު އަރާފައި އިން އައްފާނަށް އިންތަނުން ތެދުވެވުނެވެ. މި ހަރަކާތުގެ ސަބަބުން އެންމެ ސިހުނީ އާދިލާއެވެ. ދެބަފައިންގެ މެދުގައި އަރާރުމެއް ހިނގައިދާނެތީއެވެ.

” ކިހިނެތް ތިހެންވާނީ………..ނުވާނެ …..ނުވާނެ ……. އާޝާ އަކާ އަހަންނެއް ނީންނާނަން…..” ކަރަންޓް ޝޮކެއް ހަށިގަނޑަށް ލިބުމުން އަރާކަހަލަ ބާރެއް އައްފާންގެ ހަށިގަނޑަށް އަރާއިގެން ދިޔައެވެ. ނަސީރުގެ އެދުމަކާ ދެކޮޅަށް އައްފާން އަޑުއުފުލީތީ ނަސީރުގެ މޫނުމަތިންވެސް ފެނުނީ ހިތްހަމަނުޖެހުމުގެ ކުލަވަރެވެ.

” އަފީފު އަހަރެން ކައިރިއަށް އައީ ވަރަށް އުއްމީދާ އެކު ………….” ދެފަހަރު ދެމީހުންނަށް ބަލާލަމުން ނަސީރު ބުނެލީ އާދައިގެ ވަރަކަށެވެ. އެތެރެއިން ކިތަންމެ ހިތްހަމަ ނުޖެހިފައި އިނަސް ބުނާބަހުން އެކަން ނުދެއްކޭތޯ އޭނާ މަސައްކަތް ކުރާ ކަހަލައެވެ.

” އާޝާ ބައްޕަގެ އުއްމީދުތައް ފުރިހަމަކޮށް ދޭންވީ އަހަރެންގެ އުއްމީދުތައް ފުނޑުފުނޑުކޮށްލާފައިތަ ؟ ” ލައިގެންހުރި ފަޓުލޫނުގެ ޖީބަށް ދެއަތްކޮށްޕާލަމުން އައްފާން ވާހަކަދެއްކީ ނަސީރަށް ފުރަގަސްދީގެންނެވެ.

” އަހަންނަކަށް ނޭގުނު އައްފާންގެ އުއްމީދުތައް އެކަންކޮށްގެން ފުނޑުފުނޑުވާނެ ކަމެއް……………..އައްފާނަށްވެސް ރަނގަޅަކަށް އެކަން ކުރަން މިއުޅެނީ…………..” ރަހުމުގެ ކުޑަމިންވަރެއްވެސް ނަސީރުގެ ހިތުގައި ދަރިފުޅާއި މެދު ލައްވާފާ ވާހެނެއް ހިޔެއް ނުވެއެވެ. އެބަސްތައް އިވުމުން އައްފާންގެ ލޭހޫނުވިއެވެ. ހިތުގެ ފުނުގައި ވަޅުލެވިފައިވާ ޖަޒްބާތުތައް ހޭލައްވާލިއެވެ.

” އަޅުގަނޑަށް ރަނގަޅަކަށް ކަމެއް ކޮށްދޭކަށް ބައްޕައަކަށް ނޭގޭނެ……………….” ފަހަރެއްގައިވެސް އައްފާންގެ ދުލުން އެހާ އަދަބުކުޑަކޮން ބައްޕަޔާއި މެދު އެއްޗެއް ބުނެފާނެކަމަކަށް އާދިލާ ހިތަށްވެސް ނާރައެވެ.

” އަފޫ……….” އާދިލާ އައްފާނަށް ގޮވާލީ ބާރަށެވެ. އިތުރަށް ބައްޕަޔާ ޖަދަލުކުރަން ފުރުސަތު ނުދޭށެވެ.

” މިއަދު އަޅުގަނޑު ނުހުއްޓުވާ މަންމާ………..” އައްފާންގެ އަޑުގައިވީ އާދޭހެވެ.

” އަޅުގަނޑު ބައްޕައެއްގެ ލޯބި ބޭނުންވި ދުވަހު އެލޯތްބެއް ނުލިބުނު ……………ބައްޕަގެ މަޖްބޫރީ ބަލިހާލަތަށްޓަކާ…….” އައްފާންގެ ވަރުގަދަ އެޖުމްލައިން ނަސީރުގެ ހިތް މަޑުކޮށްލިއެވެ. އިސްޖަހާލަން މަޖްބޫރުވިއެވެ.

” ފުރޮޅުލީ ގޮނޑިއެއްގަ އިންނަން ޖެހުނަސް ބައްޕަގެ ލޯބި ކިތަންމެ ގޮތަކަށް ދެވޭނެ……………… އައްފާންގެ ދެލޮލުގައި ވިދަވިދާހުރި ކަރުނަތައް ހީވަނީ އޮހިގަނެދާނެހެންނެވެ.
” އެންމެ ކުޑަވެގެން ބައްޕަގެ ދުލުން ދަރިފުޅާއޭ ކިޔާ ދުވަހަކުވެސް އަޅުގަނޑަށް ގޮވައިނުލާ…………” ރުވާފައި ދޫކޮށްލާ ދުނިދަނޑިތަކެއް ފަދައިން ތޫނުކަމާއެކު އެބަސްތައް އައިސް ނަސީރުގެ ހިތަށް ހެރެމުންދިޔައެވެ. ތުންފަތުގައި ދަތްއަޅާލައިގެން ނަސީރުއިނީ ކުށްވެރިއެއްފަދައިންނެވެ.

” ޖަވާޒީ ހަޔާތެއް ފެށުމަކީ މުޅި އުމުރަށް ޖަހާލެވޭ ގޮށެއް………ލޯބިނުވާ މީހަކާ އަބަދަށް އެގޮށް ޖަހާއިގެން އަޅުގަނޑަކަށް ނުހުރެވޭނެ……………… އޭގެ މިސާލަކަށް މަންމަޔާ ބައްޕަގެ ދިރިއުޅުން ފުދޭ ………….” މިފަހަރު އައްފާން އެބުނި އެއްޗަކުން އާދިލާއަށް ދެފައިމައްޗަށް ކޮޅަށް ހުރުންވީ އުނދަގޫ ކަމަކަށެވެ. އެންމެ ކައިރީގައި ހުރި ގޮނޑީގައި ފޫޖައްސާލެވުނުއިރު އެދެލޮލުން ފެންނަނީ ބިރުވެރިކަމެވެ. ނަސީރާއި އާދިލާގެ ދެމެދުގައި ލޯބިނެތްކަން ދަރިފުޅަށް އެނގުމަކީ އާދިލާ ދުވަހަކުވެސް ބޭނުންވި ގޮތެއްނޫނެވެ.
” ބައްޕަ ތިހާލުގަ އިންއިރުވެސް މަންމަ ކިހާ ރަނގަޅަކަށް ކަންތައް ކޮއްދެނީ……….މަންމަ ޝަކުވާއެއް ކޮއްނުލާ ބައްޕަ އެއްކަމަކު ބުންޏަސް އެކީއްވެ؟ ” ނަސީރާ ދިމާލަށް ލޯއަޅާލަމުން އައްފާން ސުވާލުކޮށްލިއެވެ.

” އެއީ މަންމަ ބައްޕަ ދެކެ ލޯބިވާތީ……………….އެކަމަކު ބައްޕަ ކިޔާ އެއްޗެއްސަށް މަންމަ ރޮނީ މުޅިދުނިޔެއާ ސިއްރުން މަންމަ ލޮލުން ކަރުނަ ފައިބާތީ އަހަރެން ދުވަހަކުވެސް ނުދެކެން……….އެކަމަކު މަންމަ ރޯކަން މަންމަގެ ތެމިފައިވާ އެސްފިޔަތަކުން ހެކިދޭ……….ރަތްވެފައިވާ ލޮލުން ކަށަވަރުވޭ…….” އާދިލާގެ އަނގައިން އަޑެއް ނިކުމެދާނެތީ އަނގަމަތީގައި އަތް އަޅާލެވުނެވެ. ދަރިފުޅަށް މަންމަގެ ހާލު ސިއްރުނުވީތީ ދެލޮލުން ފޭބި ކަރުނަތައް ފޮހެލަން ދެއަތް އުފުލާލަންވެސް އާދިލާ ބޭނުމެއްނުވިއެވެ. އެއީ ބޭކާރުކަމެއްކަމަށް ވީތީއެވެ.

” ބައްޕަ މަންމަދެކެ ކުޑަކޮންވެސް ލޯބިނުވޭ……………..” ޝަހާދަތް އިނގިލި ދައްކާލަމުން އައްފާން ޔަގީންކަމާއެކު ބުނެލިއެވެ.

” އަފީފު ކައިރީ ބުނޭ އޭނަގެ ދަރިޔާ ކައިވެނިކުރަން އަހަރެން ނޫން އެހެން މީހަކު ހޯދާށޭ……….” ދަތްކުނޑި ވިކައިގަނެފައި އައްފާން އެހެން ބުނެފައި ނަސީރުވެސް އާދިލާވެސް އެއްޗެއް ބުނޭތޯ މަޑުކޮށްލުމެއްނެތި ނިކުމެގެން ދިޔައީ އެވެ. އައްފާން ދިއުމުން އާދިލާ ދުއްވައިގަތީ އެތެރެއަށެވެ. ނަސީރަށް ފެންނަ ހިސާބުގައި އާދިލާ މަޑުކުރަން ބޭނުން ނުވީއެވެ. އެކަނިވުމުންވެސް ނަސީރު އިނީ އިސްޖަހާލި ގޮތަށެވެ.

އައްފާނަކީ ނަސީރުގެ ހުރި ހަމައެކަނި ދަރިފުޅަށްވެފައި އެދަރިފުޅާއި މެދު އޭނާއަށް އަޅާލުން ކުޑަކުރެވުނު ވަރު ހިތަށް އެރުމުން ދެލޯފެންކަޅިވިއެވެ. އައްފާން ދެކެ ރުޅި އައަން ހައްޤުކަމަކަށް ނަސީރަކަށް ނުފެނުވެ. ރަނގަޅު ހެޔޮ އަނތްބަކު ލިބިފައި އިނަސް ނަސީރުގެ ދިރިއުޅުން ފުރިހަމައެއް ނޫނެވެ. ލޯބިނުވާ މީހަކާއެކު އުފާވެރި ދިރިއުޅުމެއް ނޫޅެވޭނޭ ބުނާފަދައިން ނަސީރުގެ ދިރިއުޅުން ހިތްހަމައެއް ޖެހޭ ހަމަޖެހޭ ދިރިއުޅުމެއް ނޫނެވެ. އައްފާންވެސް ނަސީރަށް ވިސްނައިދޭން އެއުޅެނީ އެކަމެވެ. ގަމީހު ޖީބުގައި އޮތް އައްފާންގެ ފޯނުނަގާ އަފީފުގެ ނަންބަރަށް ޑައެލް ކޮށްލިއިރު ދެލޯވަނީ ފެންކަޅިވެފައެވެ.

******

ހެނދުނު ހޭލިއިރުވެސް ލައިބާ ހުރީ ބޯއަނބުރާގޮތްވެފައެވެ. ކިރުތަށި ބޯލިތަނާހެން އޯކަށްދެމި ހޮޑުލަވާ ގޮތްވުމުން އަނގަމަތީ އަތްއަޅާއިގެން ގިފިއްޔާ ހަމައަށްދެވުނީ ކިރިޔާއެވެ.
ބޭރުން މީހަކު ސަލާން ގޮވާއަޑުއިވުނީ ގިފިލިތެރޭގައި ހުއްޓައެވެ. ބަޝީރާވެސް ގޭގައި ނެތް ވަގުތެއްކަމުން އަވަސް އަވަހަށް އަނގަދޮވެލައިގެން ބޭރަށް ނިކުތްއިރު މީހަކު ފެންނާކަށްނެތެވެ. މެދުގޯތި ޖޯލިފަތީގައި ރަތް ކަރުދާހުން ބަންދުކޮށްފައި ހުރި ޕާރުސަލެއް ހުއްޓެވެ. މީހަކު ފެނޭތޯ ދެފަހަރަކު ގޯތިތެރެއަށް ނަޒަރު ހިންގާލެވުނެވެ. ތެޅިތެޅި އޮތް ހިތަކާއި އެކު ޖޯއްޔާހަމައަށް ދިޔައީ ޖޯލީގައި އޮތް އެއްޗެއް ޔަގީންކުރުމުގެ ބޭނުމުގައެވެ. ޕާރުސަލް މަތީގައި ޖަހާފައި އޮތް ނަމުގައި އިނގިލިތަކުގެ ކުރި ޖައްސާލެވުނުއިރު ތުންފަތްމަތީގައިވީ ފުޅާ ހިނިތުންވުމެކެވެ. އެވަގުތު ގޭގެ ދޮރާށި ހުޅުވުނުއަޑަށް އެދިމާއަށް ބަލާލެވުނީ އެއުފާވެރިމޫނާއެކުއެވެ.

ނުނިމޭ

  1. Avatar

    ވަރަށް ފުރިހަމަ. އެހެންނަމަވެސް ހަފްތާއަކު އެއްފަހަރު އަޕްކުރާއިރު ތަންކޮލެއް ވާހަކަ ދިގުކޮށްލަ ދިނިޔާ ވަރަށް ރަނގަޅު.

ޚިޔާލު ފޮނުއްވާ