Views: 7900 129

އަފީފު އާ ދާދި އެއްކޮން ކަހަލަ ގޮތަކަށް ނިޒާރުވެސް އައީ ނަސީރުމެންގެއަށް ވަންނާށެވެ. ދެމީހުންވެސް ދިމާވީ އެގޭ ދޮރާށިކައިރިން މަގުމަތިންނެވެ. ދެމީހުންވެސް ފެނުމުން ސަލާންކޮށް ހާލު އަހުވާލު އޮޅުން ފިލުވިއެވެ. އެދެމީހުނަށް ނޭގެނީ އެދެމީހުންވެސް ނަސީރާ ބައްދަލުކުރަން މިއައީ އެއް ބޭނުމެއްގައި ކަމެވެ. ދެމީހުންވެސް މިއައީ އައްފާން ކައިވެނީގެ ވާހަކަ ދައްކާށެވެ. އެހެނަސް ދެމީހަކާއެވެ. އަފީފު އެއައީ އާޝާ އާއި އައްފާން ކައިވެނިކުރަން ނަސީރުގެ ހިޔާލުހުރި ގޮތެއް ބަލާށެވެ. ނިޒާރު އެއައީ ޒީނިޔާ އާއި އައްފާން ކައިވެނި ކުރަން ނަސީރު ދެކޭ ގޮތެއް ބަލާށެވެ.
" އައްސަލާމް އަލައިކުމް......." އަފީފު ސިޓިންގރޫމް ދޮރުމައްޗަށް ހުއްޓެމުން އިސްލާމީ ރީތި ސަލާމުން ސަލާން ގޮވާލިއެވެ.

" ވައަލަޔަކުމުއް ސަލާމް...." ސަލާމްގެ ޖަވާބުދިނީ އާދިލާއެވެ. އަތުގައި ތަބަކެއް ހުއްޓެވެ. ނަސީރަށް ސައިތައްޔާރުކޮށްގެން އާދިލާއަށް ނިކުމެވުނީ އަފީފު ސަލާން ގޮވާލި އަޑަށެވެ. އަފީފު އާއެކު ނިޒާރުވެސް ހުއްޓި ދޮރުމަތީގައި ހުއްޓެވެ.

" ކޮބާ ނަސީރު" އާދިލާ ފެނުމުން ނިކަން ފުޅާ ހިނިތުންވުމަކާއި އެކު އަފީފު އަހާލިއެވެ.

" ރަނގަޅު ގަޑިއަކުއޭ މިއާދެވުނީ............." އާދިލާ އަތުގައި ހުރި ތަބަކަށް ބަލާލަމުން އަފީފު ލާނެތް ހިނިތުންވުމަކާއި އެކު ނިޒާރުގެ ކޮނޑުގައި ޖަހާލިއެވެ.

" ނަސީރު ބަގީޗާގަ........ގަސްތައް ކައިރީ ......." އާދިލާވެސް ހިނިތުންވެލަމުން ބުނެލިއެވެ.

"ދުރުވޭ ދުރުވޭ..........." ސިޓިންގރޫމް އެއްފަރާތުގައި ބަގީޗާއަށް ނިކުންނަން ދޮރެއް އިނދެއެވެ. އާދިލާގެ ފަހަތުން އަފީފާއި ނިޒާރު ގޮސް ނިކުތީ ނަސީރުމެންގޭ ބަގީޗާއަށެވެ. އެތަނުގެ މެދުގައި ވަށްމޭޒެއް ބަހައްޓާފައި ހުރި އިރު ފަންގެލައިފައިވާ އަވިކުޑައަކުން މޭޒަށް ހިޔާވާނޭހެން ނަގާފައިވެއެވެ. މޭޒުގެ ދެފަރާތުގައި އިށިއިނދެވޭނޭހެން ވަރުނީސްލައި އޮފްއަރުވާފައި ލަކުޑިގޮނޑިއެއް ބަހައްޓާފައި ހުއްޓެވެ. ވަށައިގެން އެކިކަހަލަ ކަހަލަ މާގަސްތައް ހައްދާފައިވާއިރު އެތަނުގައި ކޮންމެ މީހަކުވެސް މަޑުކޮށްލާ ހިތް ވާފަދަ ހިތްގައިމު ކަމެއްވެއެވެ. ނަސީރު އިނީ ފޮތެއް ކިޔަން މޭޒުދޮށުގައެވެ. އާދިލާގެ އިންތިޒާރުގައި އޭނާ އިނީ ސައިހިފައިގެން އަންނަދެންނެވެ.

" ނަސީރު .........." އަފީފުގެ އަޑުޖެހުމުން ސިހިފައި ނަސީރު ކިޔަން އިން ފޮތްދުރުކޮށްލެވުނެވެ. ގިނަދުވަސްތަކަކަށްފަހު އަފީފު ފެނުމުން ނަސީރުގެ މޫނުމަތިން ފެނުނީ އިންތިހާ އުފާވެރިކަމެވެ. އަފީފާއި ނަސީރު ދެމީހުން ސަލާން ކޮށްލިއިރު ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ އެއްކަހަލަ އަސަރުތަކެކެވެ.

" ބޭބެވެސް ގޮވައިގެން މިއައީ........" ސަމާސާ ރާގެއްގައި އަފީފު ބުނެލިއެވެ. ނަސީރުގެ ސަމާލުކަން ނިޒާރަށް ހުއްޓުނީ އެހެން އަފީފު ބުނުމުންނެވެ.

ނިޒާރު ހިނިއައިސްހުރެގެން ގަސްތަކަށް ބަލަމުން ދިޔައެވެ. ގަސްމުށިތަކުގައި ހައްދާފައިވާ ގަސްތައް ރީތިކަމުން އާޝޯޙްކުރާވާހާ ވެއެވެ. ބައެއް ގަސްތައް ހެދިލާފައިވާލެއް ރީތިކަމުން ނިޒާރަށްވެސް އަތްޖައްސާނުލާ ނުހުރެވެއެވެ. ބައެއް ގަސްތައް ހީވަނީ ޕުލާސްޓިކްހެންނެވެ. ގަސްތަށް ބަލަހައްޓާ ހަދަނީ އާދިލާއެވެ. އެކަމަށް ނަސީރުގެ ވަރަށް ބޮޑު އެއްބާރުލުމެއް އާދިލާއަށް ލިބެއެވެ. ނަސީރު ގިނަވަގުތު ހޭދަކުރަނީ އެ ބަގީޗާގައެވެ. ފޮތްކިޔުމުގައެވެ. އެއީ އޭނާއަށް އެތަށްހާސް ހިތްހަމަޖެހުމެއް ލިބޭތަނަކަށް ވަނީ ވެފައެވެ.

އާދިލާ އަތުގައި ހުރި ތަބަކުގައި ހުރި ތެތްލި ބަނބުކެޔޮތައްޓާއި ކުޅިކާޖާތަށި އަދި ނަސީރަށް ގެނައި ސައިޖޯޑު މޭޒުމަތީ ބެހެއްޓިއެވެ. އަދި ހުސްތަބަށް ހިފައިގެން އާދިލާ އެއްފަރާތަކަށް ޖެހިލިއެވެ.

" އާދިލާ........! އަފީފަށާއި ބޮޑުބެއަށްވެސް ސައިގެނޭ........." އާދިލާ ހިނިތުންވެލާފައި ބޯޖަހާލިއެވެ. އަދި އެތެރެއަށް ވަދެގެން ދިޔައީ ނިކަން ހަލުއިކޮށެވެ.

ނަސީރުވެސް ސައިބޯންފެށީ އެދެމީހުނަށް ސައިގެނައުމުންނެވެ. އެމީހުން ކައިރީ މަޑުނުކޮށް އާދިލާވެސް ވަނީ އެތެރެއަށެވެ. ކަމެއް ބޭނުން ވެއްޖެއްޔާ ގޮވާލަން ބުނެފައެވެ. ހީވަނީ އެތިން މީހުން ދައްކާ ވާޙަކައެއް އާދިލާ ހުރުމުން ދައްކަން އުނދަގުވެދާނެތީ ދުރަށްޖެހިލިހެންނެވެ.

" ހާދަ ދުވަހެއް ވެއްޖޭދޯ މިހެން އެއްސުފުރާމަތިން އެއްޗެއް ކާލަން އަނގަތަޅާލަން ދިމާނުވާތާ............" ތެތްލި ބަނބުކެޔޮ ފޮއްޗެއް ތަށިން ނަގަމުން ނަސީރު ވާހަކަދެއްކިއެވެ.
" އާން........ނަސީރު ނުގުޅާތީ އަހަރެން ނާންނަނީ.............އެއްޗެއް ކާން ވިއްޔާ އަބަދުވެސް އަހަރެން ހުންނާނީ ތައްޔާރަށް........" ވަރުގަދަ ހިނިގަނޑެއް ޖަހާލަމުން އަފީފު ބުނެލިއެވެ. ނިޒާރުވެސް އަފީފާއި ބައިވެރިވެލުމުގެ ގޮތުން ހިނިގަނޑެއް ޖަހާލިއެވެ. އަފީފަކީ އޭނާގެ ގާތް ރައްޓެހިންނާ ވަރަށް ސަމާސާކުރާ މީހެކެވެ.

" މާލެގަ ހުރެވިގެންދޯ އާދެވޭނީ ތިއައީ ސިންގަޕޫރުގަ މަހެއްހާ ދުވަހު އުޅިފަ...............މަހީކުރީ ދިރިއުޅުން ބަދަލުކުރިއްޔޭ އެކޮޅަށް............." ނަސީރުވެސް އިނީ ހުރިހާ ދަތެއް ފެންނަވަރަށް ހިނިއައިސްފައެވެ.

" އާން.......އެކޮޅަށް އެއްކޮން ހިޖްރަކުރަން ބޭނުމީ.........އެކަމަކު އާޝާ........" އަފީފު ސައިޖޯޑު ތުނބުގައި ޖައްސާލިއެވެ. ތަސައްރަފު ފުރިފައި ހުރި އަންހެންދަރިއަކު ދިރިއުޅުމެއް ނުފަށަނީސް އަފީފަށް ރާއްޖެދޫކޮށް ދާން ލާހިކެއް ނޫނެވެ. ކިތަންމެ މޮޅަށް ކިޔަވައިގެން ހުއްޓަސް މަގުން ކަސިޔާރުވެދާނެތީ އަފީފު ޖެހިލުންވެއެވެ.

" އާޝާ ކިހިނެތްވީ............؟ އާޝާ އެހެރީ ކިޔަވައި ނިމިފަ.......މީހުން ގަދަރުކުރާ ކަހަލަ ޖޮބެއްގަ އެއުޅެނީ....."

" ދެން......." ނަސީރަށް އަފީފު ބުނަން އެއުޅެނީ ކިހާވަރެއްގެ ވާހަކައެއް ކަމެއް ނޭގުނެވެ. ވިސްނާލާކަށް އޭނާ މަސައްކަތެއްވެސް ނުކުރެއެވެ.

" އާޝާ މީހަކާ އިނީމައެއްނު އަހަންނަށް ހަމަ ޖެހިލެވޭނީ................" ދެމީހުންގެ މޫނަށް ވަކިވަކިން ބަލާލަމުން އަފީފު ބުނެލިއެވެ. ނިޒާރުވެސް ބޯޖަހާލީ އަފީފާއި އެއްބައިވުމުގެ ގޮތުންނެވެ.

" ތީ ރަނގަޅު ވާހަކައެއް............އާޝާ ނޫޅޭތަ ދިރިއުޅުމެއް ފަށާކަށް.......؟ " ނަސީރު އެސުވާލުކުރުންވީ އަފީފަށް ލިބުނު ހިތްވަރަކަށެވެ. ވާހަކައިގެ ސީދާ މައުލޫއަށް އަނބުރާލަން ލިބުނު ބާރަކަށެވެ.

" އާން....... އާޝާއަށް މީހަކު ހޯދައިދޭން މިއުޅެނީ އަހަރެން.......އުމުރު ހުސްވާއިރުވެސް އެމީހުންނަކަށް އެކަމެއް ނުވާނެ.........." އަފީފުގެ ވާހަކަ އިވިފައި އެކަމާ އެންމެ ބޮޑަށް ގަޔާވީ ނަސީރެވެ. އޭނާގެ ހުރި ދަރިއަކީވެސް ހަމަ އެކަހަލަ ދަރިއެކެވެ. ދިރިއުޅުމެއް ފަށަން އުޅޭކަމުގެ ކުޑަވެސް އިޝާރާތެއް އޭނާއަކަށް ނުކުރެއެވެ. ޒުވާން އުމުރު ފަހަނައަޅާ ދަނީއެވެ.

" ތިބުނީ ހަމަ ތެދެއް........އަހަރެންގެ އައްފާނެކޭ ހަމަ އެއްގޮތްދޯ އޭނަވެސް އެކަހަލަ ހިޔާލެއް ފިކުރެއްނެތް........." ނަސީރުގެ ވާހަކަ އިވިފައި ނިޒާރު ކޮށިއަރާގޮތްވިއެވެ. ތުންފަތުން ނައްޓާލި ސައިޖޯޑު މޭޒުމަތީގައި ބެހެއްޓުނީވެސް ތަންކޮޅެއް ބާރަށެވެ. ކަރުކެހިލައި ހަމައަކަށް އެޅޭތޯ މަސައްކަތް ކުރި ނަމަވެސް އަޑުވެސް ހުރީ ކުރެހިފައެވެ. އަފީފަށް ނިޒާރާއި ދިމާއަށް ބަލާލެވުނެވެ. އެހެނަސް އޭނަގެ އަމާޒަކަށްވީ ދައްކަމުންދާ ވާހަކައިގެ މިސްރާބު އަނބުރައިނުލާ ވާހަކަދެއްކުމެވެ.

" މިވީ މާރަނގަޅަކަށް ނު އަހަރެން މިއައީ ތިވާހަކަދައްކާށޭ.........." އަފީފު މޫނުމަތިން ކުރިން ނުފެންނަ އުޖާލާކަން ފެންނަން ފެށިއެވެ.

" އެދެކުދިން ކައިވެނިކުރުވަންވީނު .................ކީކޭ ނަސީރު މިކަމަށް ބުނާނީ.............މީ ރަނގަޅު ހިޔާލެއްތަ؟" ނަސީރު ދޭނެ ޖަވާބަކަށް އަފީފު އިނީ ކެތްމަދުވެފައެވެ. ސުވާލުތައް ފަތިފައްޗަށް ދޫކުރަމުން ދިޔައީ އެކަމަށް އެދިއެދި އިންވަރުންނެވެ.

" އާން ތީ ވަރަށް ރަނގަޅު ނިންމުމެއް............." މާބޮޑު ވިސްނުމެއްނެތި ނަސީރު އެއްބަސްވިއެވެ. ނަސީރު ވާހަކަ ދެއްކީ ނިޒާރުގެ މޫނަށް ބަލަން އިނދެއެވެ. ނިޒާރު ތުންފަތްމައްޗަށް ގަދަކަމުން ހިނިތުންވުމެއް ގެނައެވެ. އެހެނަސް އޭނާގެ ހިތް ތެޅިފޮޅެނީއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އައްފާނާއި ޒީނިޔާ އުޅުނު އުފާވެރި ލޭފަވެތި މަންޒަރު ނިޒާރުގެ ހިތުގައިވަނީ ބިންވަޅުނެގިފައެވެ.

މިފަދަ ވަގުތެއްގައި އައްފާނާއި ޒީނިޔާގެ ގުޅުމުގެ ވާހަކަ ބުނުމަކީ ރީތި ގޮތަކަށް ނުވާނެތީ ދޫހިމޭނުން ލައިގެން ނިޒާރު އިނީއެވެ.

ނަސީރާއި އަފީފު ދައްކަމުން ދިޔަ ވާހަކަ ކަނުލާ އަޑުއަހަން ނިޒާރު އިނެވެ. އެހެނަސް ނިޒާރު އެމީހުން ދައްކާ ވާހަކަޔާ ގަޔާނުވާތާގައި އެއްޗެއް ބުނެވެސް ނުލައެވެ. އަދި އެދެމީހުންވެސް ނިޒާރުގެ ލަފަޔަކަށް ނާހައެވެ. އެދެމީހުންނަށް ފެންނަ ގޮތަށް އާޝާ އާއި އައްފާންގެ ކައިވެނީގެ ރޭވުންތައް ރާވަމުން ދިޔައީ ވަރަށް ފޮނި އުއްމީދާއެކުއެވެ.

*****

ތެމިފޯވެފައި ހުރި އައްފާން ހުޝިޔާރުކަމާއެކު ޒީނިޔާގެ އަތުގައި އޮތް ފެން ހޮޅި އޭނާގެ އަތުން އަތުލައި ޒީނިޔާ ތެންމާލިއެވެ. ޒީނިޔާ ލައިގެން ހުރީ މަޑު ރީނދޫކުލައިގެ ކޮޓަން ފޮތީގެ ކުރުތާއެކެވެ. ހެދުން ގައިގާ ތަތްލުމުން ޒީނިޔާގެ ދެއަތް މެއާ ދިމާލުން ހުރަސްކޮށްލިއެވެ. އަޅާފައި ހުރި ކުޑަބުރުގާއިން މޭމަތި ނިވަލެއް ނުވެއެވެ. ލަދުން އައްފާނަށް ޒީނިޔާ ފުރަގަސްދިނެވެ. އައްފާން ހީކުރީ ޒީނިޔާ ހީކަރުވައިގަތީ ކަމަށެވެ.

އަތަށް ނަގައިގެން ހުރި ހޮޅި ބިންމައްޗަށް އެއްލާލާފައި ޒީނިޔާ ގައިގާ އައްފާން ފުރަގަހުން ބައްދާލިއެވެ. ޒީނިޔާއަށް ލިބުނީ ސިހުމެވެ. އެފަދަ ހަރަކާތެއް އައްފާން ގެނެސްދާނެ ކަމަކަށް ފަހަރެއްގައިވެސް ޒީނިޔާ ހީކޮށްފައެއް ނުވެއެވެ. ޒީނިޔާ ދުރަށްޖެހެން މަސައްކަތްކުރިއެވެ. އެހެނަސް އައްފާންގެ ދެއަތް ހައްޔަރުކޮށްލާފައިވަނީ ޒީނިޔާއަށްވެސް ގަދަ ހަދާލާފައި ދެވޭ ވަރަށްވުރެން ބާރަށެވެ.

" އަފޫ........." ޒީނިޔާ އައްފާނަށް ގޮވާލީ ނިކަން މަޑުންނެވެ.

" ކީކޭ........؟" ލުއިހިނިތުންވުމަކާއި އެކު އައްފާން އަހާލީ ނިކަން ލޯބިންނެވެ.

" ތިހާ ގާތްވެފަ އަހަންނާ ދުރުނުވާތި.........." ޒިނިޔާ ދެލޯމަރާލިއެވެ. ދަމާބާރަކުން ޒީނިޔާގެ ހިތުގެ ކޮންޓުރޯލް އަތުލާފައިވާ ކަހަލައެވެ. އެހާ ގާތްވެފައި އައްފާން ފަޅި ސިކުންތަކަށްވެސް ޒީނިޔާ އާ ދުރަށް ދިއުމަކީ އޭނާގެ ހިތަށް ކުޅަދާނަވާނެ ކަމެއްނޫނެވެ. އައްފާންގެ އެންމެ ބަލާލުމެއް އެންމެ ބީހިލުމެއް އެންމެ ލަފުޒަކުން ޒީނިޔާގެ ހިތް އައްފާނަށް ހިބަކޮށްދޭހާވެއެވެ.

" ޔަގީންތާ............މީ ހަމައެކަނި ބިއުޓިފުލްގެ މީހެއް............" އައްފާން ޒީނިޔާގެ އަތްތިލާގައި ހިފާ އަތަށް ފިތާލިއެވެ. އައްފާންގެ ކޮންމެ ޖުމްލައެއްގައިވީ ޔަގީންކަމެވެ. އައްފާނާއި މެދު ޒީނިޔާވެސް ޝައްކެއް ނުކުރެއެވެ. އެޔަގީންކަމާއި އިތުބާރު އައްފާނަށް އޭނާ އެބައޮތެވެ.

" ކޮންކަމަކާތަ ބިރުގަންނަނީ............" ޒީނިޔާ އަތުގައި ހުރި ތުރުތުރުލުން އައްފާނަށް ފާހަގަވިއެވެ. ޒީނިޔާ އަވަސްވެފައިވާ ނޭވާއިން އައްފާނަށް ހެކިދެނީ އޭނާ ކަންބޮޑުވެފައިވާކަމެވެ.
" މިހާ ހިސާބަށް މިގުޅުން ގެންގޮސް ދެމީހުން ވަކިވާން ޖެހިދާނެތީ..............." ޒީނިޔާ ހިތަށް އަރަމުންދިޔަ ކޮންމެކަމެއް މިހާރު އެއްވެސް ޖެހިލުމެއްނެތި އައްފާން ކުރިމަތީ ހާމަކޮށްލަން ކެރެއެވެ.

" ނުޖެހޭނެ ވަކިވާކަށް............ އެކަހަލަ ކަމެއް ﷲ އިރާދަކުރެއްވިއްޔާ ދިމަލެއް ނުވާނެ..........."

ސަތޭކަ ސަބަބު މެދުވެރިވިޔަސް އަހަރެން އަހަރެންގެ ބިއުޓިފުލްއަކާ ވައްކެއް ނުވާނަން............އެއަށްވުރެން އަހަރެން މާ ލޯބިވޭ......." ޒީނިޔާ އައްފާނާއި ދިމާލަށް އަނބުރާލިއެވެ.

" އަހަންނަށް އިތުބާރުކުރޭ........ " އައްފާންގެ ދެއަތުން ޒީނިޔާގެ މޫނުގައި ހިފަހައްޓާލަމުން ބުނެލިއެވެ. އިތުރަށް އެކަން ޔަގީންކޮށް ދިނުމުގެ ގޮތުން ޒީނިޔާގެ ނިތްކުރީ އައްފާން ބޮސްދިނެވެ.

" އައި ލަވް ޔޫ ސޯމަޗް........." ޒީނިޔާ އައްފާންގެ މެދުހަށީގައި ނިކަން ބާރަށް ބައްދައިގަތެވެ. އެދެލޮލުން މީރާލި ކަރުނަތައް އައްފާންގެ މޭގެތެރޭ ފޮރުވާލިއެވެ.

ބޭރުން އައިސް ގެއަށް ވަންނަން ނަވީނާއި ޖޫލީ އައީ ވާހަކައެއްގައި ތިބެއެވެ. ނަވީންގެ އަތު މަލައްދަނޑީގައި ޖޫލީ އޮޅުލައިގަނެގެން ހުރިއިރު އެދެމީހުން މީހުންވެސް ހީހީފައި ކޮންމެވެސް ވާހަކައެއް ދައްކަމުން ދިޔައެވެ. ނަވީންގެ ފިޔަވަޅަށް ހުއްޓުމެއް އައީ ގޭ ބަގީޗާތެރޭގައި އައްފާނާއި ޒީނިޔާ އެކަކު އަނެއްކަކު ގައިގާ ބައްދާލައިގެން ތިބިތަން ފެނުމުންނެވެ. ނަވީން ހުއްޓުމުން ޖޫލީއަށްވެސް ނަވީންގެ ލޯ އަމާޒުވެފައިވާ ދިމާއަށް ބަލާލެވުނެވެ. އެމީހުންނަށް ނަވީންމެން ތިބިކަން އަންގާލުމުގެ ގޮތުން ނަވީން ކަރުކެހިލިއެވެ.

ދެމީހުންވެސް ސިހިފައި ދުރަށްޖެހިލިއެވެ. ހީވީ ބިރުވެރި ހުވަފެނަކުން ހޭލެވުނު ހެންނެވެ. ޒީނިޔާ ފަސްއެނބުރި ބަލާލިއިރު ނަވީނާއި ޖޫލީ ތިބިތަން ފެނިފައި މޫނުމަތި ރަތްވެގެން ދިޔައެވެ. ލަދުން ޒީނިޔާގެ ހަތަރެސްފައި ރޫރޫ އަޅާލިއެވެ. އެމީހުންނާއި ކުރިމަތި ލާނެ ހިތްވަރު ނެތުމުން އަވަސް އަވަހަށް ގޮސް އެތެރެއަށްވަނެވެ. އައްފާނަށްވެސްވީ އެވަރެވެ. އޭނާއަކަށް ފިލާއިގެން ދެވޭކަށްނެތެވެ. އިސްޖަހާލައިގެން ހުއްޓާ ނަވީން އައިސް އައްފާނާއި ދާދި ކައިރީ ހުއްޓުނެވެ.

" ތިޔޯ............" އައްފާން ނަވީންގެ އަޑަށް ބަލާލިއެވެ.

" ބުރޯ ކިހިނެތްވީ ތެމިފަ.................." އެއްފަހަރު ނަވީނަށް އަނެއްފަހަރު ޖޫލީއަށް ބަލާލިއިރު އެއިން ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ ލާނެތް ހިނިތުންވުމެވެ.
" މީ.....މީ.....ދެންމެ ވާރެވެހުނީ......." އައްފާން އެހެން ބުނުމުން ނަވީނާއި ޖޫލީއަށް ޖަހާލެވުނީ ހިނިގަނޑެކެވެ. ރަކިވެފައި ހުރެ އައްފާން އަވަސްއަވަހަށް އެގެއިން ނިކުތްއިރުވެސް އެދެމީހުން ހެނީއެވެ.

" މީ އެވާރެއަކީ.............." ބިންމަތީގައި އޮތް ފެންހޮޅި ނަގަމުން ނަވީން ބުނެލިއެވެ. އިސްކުރު ބަންދުކުރީވެސް އޭނާއެވެ. ޖޫލީ ހެމުން ގޭތެރެއަށް ވަންއިރު ޒީނިޔާ ފެންނާކަށްނެތެވެ. މިވަގުތު ޖޫލީއާ ފިލުނަސް ޖޫލީގެ ދިމާކުރުމަކުންދެން ޒީނިޔާއަށް ސަލާމަތް ނުވެވޭނެއެވެ.

*****

ނިދިފައި އޮތް ސަޖާއަށް ލޯހުޅުވާލެވުނީ މާހިލް ނިކުމެގެން ދިޔަތަނާހެންނެވެ. ސަޖާ ކައިރީގައި އިން ގޮނޑީގައި އިށިއިނދެގެން އިނީ ސަރުމީލާއެވެ. މާހިލް ފެންނަން ނެތުމުން ސަޖާއަށް އިޙްސާސްކުރެވުނީ ފަޅުކަމެވެ.

" މަންމާ.........ކޮބާ މާޙިލް.........." ފޯނުގެ ސްކުރީނަށް ބަލަންއިން ސަރުމީލާ ސަޖާގެ އަޑަށް ބަލާލިއެވެ.

" މާހިލް ދިޔައީ ގެއަށް ............މިހާރު ވަރަށް އިރުވެއްޖޭނުން މާޙިލް އިންނަތާ......"

"ނިދާލަން ދާށޭ ބުނީމަ އެދިޔައީ ..........ހެނދުނު އަންނާނެ މާޙިލް.............." ސަރުމީލާ އޮޅުންފިލުވައިދިނެވެ.

" ގަޑިން ކިހާއިރެއްތަ މަންމާ..........." މާޙިލް ފެންނާނެ އިރަކަށް ސަޖާ އިންތިޒާރުކުރަން ފެށިއެވެ.

" އެގާރަގަޑި ބައި އެވީ................" ސަރުމީލާގެ ޖަވާބު އިވިފައި ސަޖާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އަދި ހާދަ ވަގުތެއް އެބައޮތެވެ. އިންތިޒާރުގައި ހުންނަ މީހަކަށް އެންމެ މިނެއްޓެއްވެސް އެހާ ދިގެވެ.

*****

ފެރީން ފައިބައިގެން ގެއާއި ދިމާލަށް މާޙިލް މިސްރާބުޖެހިއެވެ. ބޮލަށް ބަރުވެފައި ހުރުމުން ހިނގުން ބާރުކޮށްލީ އަވަހަށް ގެއަށްގޮސް ނިދާލުމަށެވެ. ގޭދޮރު ހުޅުވާލުމުން މާޙިލަށް ލިބުނީ އިންތިޙާ ހައިރާންކަމެވެ.

ނުނިމޭ

  1. Avatar

    ކިހިނެތްތަ ތިހަދަނީ…. 2 ހަފްތާ ކޮށްފައައިސް ލިޔުނު ފުރަތަމަ ސީންގެ ފުރަތަމަ 14 ޕެރެގްރާފްގަ ހުސް ހާސަރު… ދެން ލަވް ސީނަކަށްފަހު މާހިލް ގެއަށް ދިޔަކަމަށާ ފަހު ސީންގަ މާހިލްގެއަށް ވަންނަ މަންޒަރު… މިވެސް ބައެއް އަޕްކުރީމޭ ބުނަން ކޮށްފައޮތް ކަމެއް ދޯވް….ތީ އަސްލު ވަރަށް ހިޔާލު ތަނަވަސް ލިޔުންތެރިއެއް، އެކަމަކު ކިޔުންތެރިން ވަރަށް ޑިސަޕޮއިންޓްވާ ގޮތަކަށް ކަންތައް ތިހުންނަނީ

  2. Avatar

    މިވާހަކަ ކިތަންމެ ރީއްޗަސް މިހާރު ފޫހިވެއްޖެ ކިޔަން. ޢެހާ ދުވަސްކޮށްފަ ގެނެސއދޭއިރުވެސް ދެފޮޅުވަތް.އަޕްކުރަން ބުނާ ދުވަހަކަށް އަޕްކުރެވެނީއެއްވެސް ނޫނޭ. މަހަކު އެއްފަހަރު ގެނެސްދެވޭއިރުވެސް މިއަށްވުރެ ގިނައިން ގެނެސްދޭކަށް ނުކެރޭ

    12
    1

ޚިޔާލު ފޮނުއްވާ