9712 133

ކޮޓަރީގެ ދޮރު ހުޅުވާލަމުން ޖޫލީ ސަޖާއަށް ގޮވާލިއެވެ. އެވަގުތު ފެނުނު މަންޒަރުން އަތުގައި އޮތް ޕާރުސަލު އަތުން ދޫވީ ފެނުނު މަންޒަރުންނެވެ. ފަހަރެއްގައިވެސް އެފަދަ މަންޒަރެއް ފެނިދާނެކަމަށް ޖޫލީ ހިތަށްވެސް ނާރައެވެ. ޖޫލީ ސަޖާއޭ ކިޔާ ހަޅޭލަވައިގަނެވުނު އިރު އޭނާގެ ދެލޮލުން ކަރުނަ ހިލިއްޖެއެވެ.

ސަޖާ އޮތީ ޓައިލްސްމައްޗަށް ވެއްޓިފައެވެ. ހިތްކުރި ސައިޑްޓޭބަލްގެ ދާރާގައި ޖެހިފައިވައިތަނުން ފަޅާއިގެންގޮސް ލޭއާދެއެވެ. ޖޫލީ ސަޖާގެ ބޯ އޭނާގެ އުނގުގައި ބާއްވަމުން ސަޖާއަށް ތަކުރާރުކޮން ދިޔައީ ގޮވަމުންނެވެ. އެހެނަސް ސަޖާ އޮތީ ހަބަރުހުސްވެފައެވެ. ކަރުބުޑުން ޖޫލީ ހަޅޭލަވައިގަނެވުނެވެ. އެފަދަ ހާލެއްގައި ސަޖާ އޮތްތަން ފެނުމުން ޖޫލީއަށް ހަދާނެގޮތް ހުސްވިއެވެ.

ޖޫލީގެ ހަޅޭކުގެ އަޑަށް އައި ސަރުމީލާއަށްވެސް ސަޖާއޮތް ހާލު ފެނުމުން ރޮއެގަނެވުނެވެ. ދެމައިން ވެގެން އެންމެ މިނެއްޓެއް ލަސްކުރުމެއްނެތި އެމްބިއުލާންސަށް ގުޅިއެވެ. ހަދާނެ ގޮތެއް ނޭގި ސަރުމީލާވެސް ތެޅިފޮޅެން ފެށީ ކަންބޮޑުވި ވަރުންނެވެ. ޖޫލީއަށްވެސް ފުރަތަމަ ގުޅަންވީ މީހެއް ނޭގުނެވެ. ނަވީނަށް ގުޅުން އިރު ޖޫލީގެ އަޑުވެސް ރޮވޭވަރުން ނުނިކުމެއެވެ.

ނަވީން ކުރަން ހުރި މަސައްކަތް ބަހައްޓާފައި އަވަސްވީ ހޮސްޕިޓަލަށް ދިއުމަށެވެ. ނަވީންގެ ކޮޓަރިން ނިކުތްއިރު މާހިލް މަސައްކަތާއިގެން އަވަދިނެތި އުޅޭތަން ފެނިފައި ނަވީންގެ ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ. ސަޖާ ހޮސްޕިޓަލަށް ގެންދިޔަކަން ނަވީނަށް ނޭގެނީއޭ ހިތާ މާހިލަށް ގޮވާލިއެވެ.

” ނުދަންތަ ؟ ” ކުޑަކޮން ހައިރާންވެފައި ނަވީނަށް އަހާލެވުނެވެ.

” ކޮންތާކަށް….؟ ” މާހިލް ސުވާލުން ފުރިގެންވާ ނަޒަރަކުން ނަވީނަށް ބަލަން ހުއްޓެވެ. އެބަލާލުމުން މާޙިލަށް ކަމެއް ވެގެން އުޅޭކަން ނޭގޭކަން ކަށަވަރުވިއެވެ.

” ގޭން ނުގުޅާ…………..” ނަވީން އެހެން ބުނުމުން މާޙިލް ފޯނުގެ ސްކުރީން ދިއްލާ ޔަގީން ކޮށްލިއެވެ. ވާނުވާނޭގި ހުރި މާހިލް ބޯޖަހާލީ ނަވީން ދައްކާވާހަކަ ނޭގޭ ހާލުއެވެ.
” ސަޖާ ވެއްޓިގެން ހޮސްޕިޓަލަށް ގެންގޮއްސި……….” ނަވީންގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމެވެ. ޖޫލީ ގުޅާފައި ރޮއެގަތް އިރު ކަންކަން މާ ރަނގަޅުނޫންކަން އޭނާއަށް ޔަގީންކުރެވުނެވެ. މާޙިލަށް ބުނާނެ އެއްޗެއް ނޭގުނެވެ. ނަވީނާއި ހަތަރުކަޅި ހަމަ ނުކުރަން އިސްޖަހާލިއެވެ. ސަޖާ އާ އޭނާއާ މެދު ގުޅުމެއް ނެތޭ ބުނާނަން އޭނާ ބޭނުންވިއެވެ. އެހެނަސް ސަޖާއަކީ އޭނާގެ އަންހެނުންނެވެ. މާހިލްގެ މައްޗަށް ސަޖާގެ ހައްޤުތަކެއްވެޔެވެ. ލޯބިނުވިޔަސް އަންބެއް ގޮތުގައި ސަޖާ އިންނަހާ ދުވަހަކު އެ ހައްޤުތައް އަދާކުރަން އޭނާއަށްވެސް ޖެހޭނެއެވެ.
” އާދޭ ދާން އަހަރެން މިދަނީ އެދިމާލަށް………..” ނަވީން އެހެން ބުނުމުން މާޙިލަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ހިތާދެކޮޅަށްވެސް އިންތަނުން ތެދުވިއެވެ. ނަވީން ހުރީ ވަރަށް ލަސްވެފައެވެ. އެފަދަ ކަމެއްގައި ބަލިމީހާގެ އެހީތެރިންގެ ހާލު ހުންނާނެގޮތް ނަވީނަށް ވިސްނެއެވެ. އެމީހުންނަށް ހިތްވަރުދޭނެ މީހުން ބޭނުންވެއެވެ.

ސަޖާ ވެއްޓިގެންނޭ ބުނުމުން މާހިލަށް ނެގުނީ މުޅިން ތަފާތު މާނައެކެވެ. ކަހާލައިގެން ވެއްޓުނީ އޭ ހިތާ އޭނާގެ މޫނުމަތިން މާބޮޑު ހާސްކަމެއް ނުފެނެއެވެ. ސަޖާއިން ހާލަތު އެނގޭނަމަ އެހިތުގައި ކުޑަނަމަވެސް ރަހުމެއް ކުލުނެއް އުފެދުނީސްކަން ގައިމެވެ. އަނެއްކޮޅުން މާހިލްގެ ހިތުގައި ސަޖާއާ މެދު މާ ބޮޑު ލޯތްބެއްނެތެވެ. ވީއިރު އަންބަކަށް ވިޔަސް ސަޖާއަށް ކަމެއްވިއޭ ބުނުމުން އޭނާއަށް މާބޮޑު އަސަރެއް ނުކުރެއެވެ.

*****

ނަވީނާއި މާހިލަށް ހޮސްޕިޓަލަށް ދެވުނު އިރު ޖަލީލްވެސް އެތަނަށް އަތުވެއްޖެއެވެ. ސަރުމީލާ ރޯތީ އޭނާ ހަމައަކަށް އަޅުވަން ޖަލީލް ވާހަކަ ދައްކަމުން ދިޔައެވެ. ސަރުމީލާއަށް އަމިއްލަ ނަފުސުކުށްވެރިކުރެވުނެވެ. ސަޖާ ގާތު މަޑުނުކޮށް އެހެން ކަމެއްގައި އުޅެވުނީތީ ރޮއެރޮއެފައި އެވާޙަކަ ދައްކަމުން ދިޔައެވެ.

” ކޮބާ ސަޖާ ………؟ ” ނަވީން އެމީހުން ކައިރީ ހުއްޓެމުން ސުވާލުކޮށްލީ ޖޫލީއާއެވެ. އެމެޖެންސީ ރޫމަށް އިސާރާތްކޮށްލި އިރު ޖޫލީގެ ދެލޮލުންވެސް ކަރުނައާދެއެވެ. ކޮއްކޮއަށް ވީވަރު ފެނުމުންނާއި މަންމަ ދެރަވެގެން ރޯތީ ޖޫލީއަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ވާހަކަދައްކަންވެސް އޭނާއަށް ފަސޭހައެއްނޫނެވެ. ނަވީން ސަރުމީލާ ކައިރިއަށް ހުއްޓި ނުރޯން ނަސޭހަތްތެރިވިއިރު މާހިލް ހުއްޓިލައިގެން ހުރީ ހިލައިގެ ބުދެއް ފަދައިންނެވެ. އޭގެން އެކަކާވެސް ވާހަކަދައްކާކަށް އޭނާ ނޫޅެއެވެ. އޭނާ ހުރީ ހަމަޖެހިފައެވެ.

މާޙިލް ފިޔަވާއި އެންމެންވެސް ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުން ދިޔައީ ޑޮކްޓަރ ނިކުމެ ސަޖާގެ ހަބަރެއް ދޭނެ އިރަކަށެވެ. މާހިލް ކުރަމުން ދިޔައީ ފޫހި އިންތިޒާރެކެވެ. އެހެން މީހުންގެ ހިތް ނުތަނަވަސްވެފައި ވިޔަސް އޭނާ އަކަށް މާބޮޑު އަސަރެއް ނުކުރާ ކަހަލައެވެ. އެމެޖެންސީ ރޫމްގެ ދޮރު ހުޅުވުނު އަޑަށް އެންމެންވެސް އެދިމާއަށް ދުއްވައިގަތެވެ. މާޙިލްގެ ފިޔަވަޅުތައް ލަހެވެ. އޭނާ އެދިމާއަށް ހިނގައިގަތްތަނާ ޖީބުގައި އޮތް ފޯނު ރިންގު ވާންފެށިއެވެ. ޖީބުން ފޯނުނަގާ ބަލާލިއިރު ” މޮމް” ގެ ނަން އަރާފައި އޮތުމުން އެފޯނަށް ޖަވާބުދޭން އެއްފަރާތަކަށް ޖެހިލިއެވެ.
” ހަލޯ………” މަމްދޫހާ ހުއްޓިހުރީ މާޙިލް މަސައްކަތް ކުރާ އޮފީސްކުރިމަތީގައެވެ.

” ހަލޯ……..” މާހިލްގެ ނަޒަރު ހުއްޓިފައިވަނީ އެމެޖެންސީ ރޫމް ދޮރުމައްޗަށެވެ. ޑޮކްޓަރ އެމީހުންނާއި ކޮންމެވެސް ވާހަކައެއް ދެއްކުމުން އެއެންމެން އެކީ ކަހަލަ ގޮތަކަށް ބަލާލީ ފަސްއެނބުރި މާހިލާއި ދިމާލަށެވެ.

” ކޮބައި ދަރިފުޅު……….ލަންޗަށްވެސް ނުދާދުވަހަކީތަ؟ ” ވަގުތަކީ އޮފީސްތަކުގައި މަސައްކަތްކުރާ މީހުންގެ ” ލަންޗު ބުރޭކް ” ގަޑިއެވެ. މަމްދޫހާ މާޙިލްގެ އޮފީސް ކައިރިއަށް އައިސް ހުރީ އެގަޑިއާ ދިމާކޮށެވެ. މަމްދޫހާއަށް ލިބިގެން އުޅޭ ހަބަރު އޭގެ ތާޒާކަންމަތީ މާހިލްގެ ކަންފަތާހަމައަށް ފޯރުކޮށްދިނުމަކީ އޭނާ އަށް މުހިއްމުކަމެއް ކަމުގައި ދެކުނެވެ.

” އާނ……….އާނ…… ހޮސްޕިޓަލުގަ މިހިރީ………..” އޭރު ޑޮކްޓަރ އައިސް މާހިލް ކައިރިއަށް ހުއްޓެނީއެވެ. އިތުރު އެއްޗެއް ނުބުނެ މާހިލް ފޯނުގަނޑާލީ ޑޮކްޓަރގެ މޫނުމަތީގައި ހުރި ކަންބޮޑުވުން ފެނިފައެވެ. މާހިލް ފޯނު ކަނޑާލުމުން މަމްދޫހާއަށް ފޯނުގެ ސްކުރީނަށް ބަލާލެވުނެވެ.

” ހިނގާ ވާހަކަ ދައްކާލަން ……..” މާޙިލްގެ ކޮނޑުގައި ޖަހާލަމުން ޑޮކްޓަރ އެދުނީ ޑޮކްޓަރާއި އެކު ދިއުމަށެވެ. މާހިލްވެސް އަވަސްއަވަހަށް ފޯނު ޖީބުގެ ތެރެއަށް ކޮއްޕާލަމުން ޑޮކްޓަރ އެކީ ހިނގައިގަތެވެ. ދެމީހުން އެކީ ގޮސްވަނީ ޑޮކްޓަރަށް ހާއްސަކުރެވިފައިވާ ކޮޓަރިއަށެވެ.

” ތީ ސަޖާގެ ހަޒްބަންޑު……..އެހެންނު……” ޑޮކްޓަރ ގޮނޑީގައި އިށިއިންނަމުން މާޙިލަށް އޭނާ ކުރިމަތީގައި ހުރި ގޮނޑިއަށް އިޝާރާތްކޮށް އިށިއިނުމަށް އެދުނެވެ.
” ހޫމް…… މާހިލް….” މާޙިލް އޭނާގެ ނަންބުނެލަމުން ގޮނޑީގައި އިށިއިނެވެ.

” ޑޯންޓްވޮރީ…..ބޭބީ ފައިން އިނގޭ……….” ޑޮކްޓަރ އޮޅުން ފިލުވައިދިނެވެ. ޑޮކްޓަރ ހީކޮށްގެން ހުރީ މާޙިލް އިންނާނީ ސަޖާ އާއި ބޭބީގެ ހާލު ނޭގިގެން ކަންތައް ބޮޑުވެފައި ކަމަށެވެ.

” ކީކޭތޯ….؟ ” ޑޮކްޓަރ ބުނި އެއްޗެއް ޔަގީން ނުވެގެން މާޙިލަށް ދެލޯ ހަނިކޮށްލެވުނެވެ.

” ބޭބީ ރަނގަޅު އެއްވެސް މައްސަލައެއް ނެތް……..” ޑޮކްޓަރ ގެ އެޖުމްލަ މާޙިލްގެ ކަންފަތަށް އައިސްވަނީ ބެރުވެރިޔަކު ބެރުގައި ޖަހާލާފަދަ ގޮތަކަށެވެ. މެއަށްވެސް ނޭގޭގޮތެއް ވިއެވެ.
” ތިބުނި އެއްޗެއް އަޅުގަނޑަކަށް ނޭގުނު………” މާޙިލްގެ މޫނުމަތިން ފެނުނީ އިންތިހާ ހައިރާން ކަމެވެ. ޑޮކްޓަރ ވަރަށް ފުން ނަޒަރަކުން މާހިލްގެ މޫނަށް ބަލާލިއެވެ. ސަޖާ ބަނޑުބޮޑުކަން ނޭގެނީއޭ ހިތާ ޑޮކްޓަރ ހިނިތުންވެލިއެވެ.

” އަންހެނުން ބަނޑުބޮޑު……….” ޑޮކްޓަރގެ އެޖުމްލައިން މާހިލަށް ބުނާނެ އެއްޗެއް ނޭގުނެވެ. ވާންވީ އުފާކަމެއް ވާންވީ ދެރަކަމެއް އޭނާއަކަށް ނޭގުނެވެ.
” ކޮންގުރާ……..” މާޙިލަށް ވެފައި އިން ގޮތުން ޑޮކްޓަރަށް ހީވީ ކުއްލިއަކަށް އެކަހަލަ ޙަބަރެއް ލިބުމުން ޝޮކެއް ލިބިފައި އިނީ ކަމަށެވެ. ހޭންވެސް އަދި ރޯންވެސް ނުދަންނަ މީހެއްގެ ކުރިމަތީ އެއުފާވެރިކަމުގެ އިޙްސާސްދައްކަން ބޭނުން ނުވީ ކަމަށެވެ.

” ކުޑަކޮން ބުލީޑްވެފަ……………….އަނެއްހެން މައްސަލައެއް ނޫން އެއީ………އެކަމަކު ސަޖާއަށް ބެޑްރެސްޓު ވަރަށް މުހިއްމު ……..” ޑޮކްޓަރގެ ކޮންމެ ޖުމްލައެއް މާހިލް ހިތުގައި ކޫރުން އެޅެމުންދިޔައެވެ. ހިތުގެ ހިނގުން ބާރުވާކަން އަމިއްލައަށް އިޙްސާސްކުރެވުނު ހިނދު ކަނާތުން މޭގައި ފިރުމައިވެސްލެވުނެވެ. ސަޖާ ބަނޑުބޮޑީ ހެއްޔެވެ؟ މާޙިލަށް އެކަން ބަލައިގަންނާނެ ގޮތެއް ނޭގުނެވެ.

” އަދި އޭގެ އިތުރުން ވަރަށް ހިތްހަމަޖައްސައިގެން ގެންގުޅެންވާނީ……..މިހާރު ހަމައެކަނި އެއީ އެންމެ މީހެއް ނޫން……ދެއެއް” އަތުން ދެއިނގިލި ދައްކާލަމުން ޑޮކްޓަރ ނިކަން ބޮޑަށް ހިނިތުންވެލިއެވެ.

” މިހެން މިބުނީ ހޭވެރިކަންވި ގަޑީގަ ސަޖާ ވަރަށް ރުއި ވަރަށް އިރުން އޭނަ ހަމައަކަށް އެޅުނީ………ހީވަނީ ކަމަކާ ވަރަށް ހިތްދަތިވެގެން ރުއިހެން……….” މާޙިލް އިސްޖަހާލިއެވެ. މިވީ ދުވަސްތަކުގައި ސަޖާ ކޮބައިތޯވެސް އޭނާއަށް ބަލާލެވިފައެއް ނުވެއެވެ. ސަޖާ މާޙިލް ދެކެ ލޯބިވާކަމީ އޭގައި ކުޑަވެސް ޝައްކެއްނެތް ގޮތަށް މާޙިލަށް ޔަގީންވާ ކަމެކެވެ. ވީއިރު ސަޖާ އާމެދު އެފަދައިން ކަންކުރުމަކީ އިންސާފަކަށް ވާނެ ހެއްޔެވެ؟ އަމިއްލަ ނަފުސުކުށްވެރި ކުރެވުނު ހިނދު އިސްޖަހާލެވުނީ އެކަމާ ލަދުވެތިވާ ހާލުއެވެ. ދެން ޑޮކްޓަރ ދެއްކި އެއްވެސް ވާހަކައެއް މާހިލަކަށް ނީވުނެވެ. އޭނާގެ ވިސްނުން ދަތުރުކުރަމުން ދިޔައީ ގޮތްނޭގޭ ފުންކަނޑެއްގެ ތެރެއަށެވެ. ދިރިއުޅުމުގައި އާދެވިފައިވަނީ ހަތަރު އަނގޮޅިއެއްގެ ކަންމައްޗަށެވެ. ދާންވީ ދިމާލެއް ނިންމަން މާހިލަށް ފަސޭހައެއް ނޫނެވެ. ފަހަރެއްގައި ހިތް ބޭނުންވާ ދިމާއަށް ދިއުމަށްވުރެން މިވަގުތު އޭނާއަށް މުހިއްމުވެފައި އެވަނީ ހިތާދެކޮޅަށް ނިންމުމެއް ނިންމާށެވެ.

ޖޫލީ އާއި ނަވީން ވަރަށް ވާހަކަ ދައްކައިގެންވެސް ސަޖާ އެއްޗެއް ބުނެނުލައެވެ. ލުއިލުއި ހިނިތުންވުމެއް ތުންފަތްމަތީގައި ވިޔަސް އެހިނިތުންވުމުގައި އެކުލެވިފައިވަނީ ރިހުމެވެ. މަމްދޫހާގެ ޖުމްލަތަކުން ސަޖާގެ ހިތަށް ކޮށްފައިވާ އަސަރުތައް އޭގެ ތާޒާކަން މަތީ އަދިވެސް އެހިތުގައި އެބަހުއްޓެވެ. އެނަފްރަތާއި ރުޅިވެރިކަމުން ފުރިގެންވީ ކޮންމެ ޖުމްލައެއް އޭނާ ހިތް ޒަހަމްކޮއްލައިފިއެވެ. ޖޫލީ އާއި ނަވީން ސަޖާ ކައިރީ މަޑުކުރުމުން ސަރުމީލާމެން ދެމަފިރިންވެސްވީ ގެއަށް ގޮހެވެ. ސަރުމީލާ މާބޮޑަށް ދެރެވެގެން ރޯތީ ސަޖާ ކައިރީ ބޭންދުން ރަނގަޅުކަމަށް ނުފެންނާތީ ޖަލީލް ދަމުން ދިޔައީ ސަރުމީލާ ގޮވައިގެންނެވެ.

މާހިލް އައިސް އޮތް އެނދުކައިރީ ހުއްޓުނެވެ. ސަޖާއަށް ލިބުނީ ހައިރާންކަމެވެ. ފަހަރެއްގައިވެސް ފެނިދާނެކަމަށް އުއްމީދު ނުކުރާ މީހަކު ފެނުމުން ސަޖާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. މާޙިލްގެ މޫނުމަތިން ފެންނަ ކުލަވަރު ސަޖާގެ ހިތުގައި އިތުރު ބިރުވެރިކަމެއް އުފެދުނެވެ. މާހިލްގެ މަންމަ އޮންނާނީ މިހާރު ސަޖާ ބަނޑުބޮޑުކަން އަންގާފައޭ ހިތަށް އެރި ވަގުތު ސަޖާއަށް ދެލޯ މަރާލެވުނެވެ.

” ތި މީހުންދާންވީނު ގެއަށް ………އަހަރެން ސަޖާ ކައިރީ މަޑުކުރާނީ………….” މާހިލްގެ އަޑު އިވުމުން ސަޖާ ދެލޯ ހުޅުވާލިއެވެ. އެބުނި އެއްޗަކާއި މެދު ޔަގީން ނުކުރެވިގެންނެވެ. “ކީއްކުރަން އަހަރެން ކައިރީ މާހިލް މަޑުކުރަން ބޭނުންވަނީ ….؟ ޔަގީން މާޙިލްގެ މަންމަ އޮންނާނީ އަހަރެންގެ ވާހަކަދައްކާފަ…….އަނެއްކާ މާހިލްވެސް މިދަރިފުޅާމެދު…..ނޫން ” ސަޖާގެ ހިތް ނުތަނަވަސްކަމުން ކިލަނބުކޮށްލިއެވެ. ގައިދޮށުގައި އަޅާފައިވާ ބެޑްޝީޓް އަތުގެ ތެރޭ ބޮނޑިކޮށްލެވުނެވެ.

ޖޫލީ ހިނިތުންވެފައި އައިސް ސަޖާގެ ބޮލުގައި ބޮސްދިނެވެ. ޖޫލީ ނިކުތީ ކަމަކަށް ބޭނުންވެއްޖެއްޔާ ގުޅަން ބުނެފައެވެ. ޖޫލީއަށް ވުރެން ތަންކޮޅެއް ކުރިން ނިކުމެ ނަވީން ހުރީ ބޭރުގައެވެ. ޖޫލީ ނިކުތީ ނިކުންނަން ބޭނުންވެގެނެއް ނޫނެވެ. އެކަން އޭނާގެ މޫނުމަތިންވެސް ހެކިދެއެވެ. ކޮއްކޮ ކައިރީ މަޑުކުރަން އޭނާވެސް ބޭނުމެވެ . އެހެނަސް ދެމަފިރިން އެކަނި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާނެތީ ޖޫލީވެސް ހިތާ ދެކޮޅަށް ނިކުތީއެވެ.

” އަޅެ ލޯބި ކަޕަލްއެއްދޯ………” ކޮޓަރީގެ ބިއްލޫރި ގަނޑުން އެތެރެއަށް ބަލަން ހުރެ ޖޫލީ ބުނެލިއެވެ.

” އަހަރެމެން ލޯތްބޭވެސް އެހެން މީހުން ބުނާނެދޯ…..” ޖޫލީގެ އުނަގަނޑުގައި ހިފާ ގާތްކޮށްލަމުން ނަވީން ބުނެލިއެވެ.

” ހޫމް ޔަގީން……” ހިނިތުންވެލަމުން ޖޫލީ އެއްބަސްވިއެވެ.

” އޭ ކޮންއިރަކުންތަ ބޭބީގެ ކަންތަކާ އުޅޭނީ……..” ނަވީން ހުރި މޫޑުން ޖޫލީ ބޭނުންވީ އެވާޙަކަ ދައްކާށެވެ.

” ބޭބީ ދޯ މާ ލަހެއްދެން ނުވާނެ………….” ނަވީން ޖޫލީގެ އަތުގައި ހިފައިގެން ނިކުތީ ހޮސްޕިޓަލުން ނުކުންނާށެވެ.

” ކިހާ އަވަހެއް ވާނެ…….” ދަރިއަކު ބޭނުންވެގެން ޖޫލީ އުޅޭތާ ވަރަށް ދުވަސްވެއްޖެއެވެ. ކެތްތެރިކަން ނަވީނަށް އަންދާޒާކޮށްލަންވެސް ފަސޭހައެއްނޫނެވެ.

” ނުވަމަހާ ނުވަދުވަސްދޯ………..” ނަވީންގެ ޖަވާބު އިވިފައި ޖޫލީ ބަލާލީ ނަވީންގެ މޫނަށެވެ. ޖޫލީ މޫނު ހަދާލުމުން ނަވީން އެއްލޯމަރާލިއެވެ. ނަވީން ސަމާސާއެއް ކޮށްލީކަން އެނގުމުން ޖޫލީއަށް ހިނިތުންވެވުނެވެ.

******

ތަނަށްވެރިވެފައިވަނީ މަރުގެ ހިމޭންކަމެވެ. ފަންކަލުން އިވޭ އަޑެއް ފިޔަވައި އިތުރު އަޑެއް ނީވެއެވެ. މާޙިލާއި ސަޖާވެސް ވާހަކަ ނުދައްކަން ހުވާކޮށްގެން ތިބި ކަހަލައެވެ. ސަޖާ އޮތީ މާޙިލްގެ ދުލުން އިވޭނެ ބަސްތަކަށް ބިރުންނެވެ. މާޙިލްގެ މަންމަ އެފަދަ އިލްޒާމެއް އަޅުވާފައި ދިއުމުން މާހިލް ބުނާނެ އެއްޗަކާއި މެދުވެސް ހިތުގައިވީ ޝައްކު އުފެދިފައެވެ.

” ކީއްވެ ނުބުނީ………” މާހިލް އަޑުގައިވީ މަޑުމައިތިރިކަމެވެ. ސަޖާ އެއަޑުއަހާލަން ވަނީ ކެތްތެރިކަން ކުޑަވެފައެވެ.

” ކޯޗެއް……..؟” ސަޖާ އެކޭ މަރުވެފައި އޮތް މައްޔިތެކޭ މާބޮޑު ތަފާތެއްނެތެވެ. ދިރުމެއްނެތް އެމޫނުން ފެންނަނީ މާޔޫސްކަމެވެ. އުއްމީދެއްނެތް ކަމެވެ.
” ޕުރެގް ވާހަކަ ބުނެވެސް ނުލާ………..” މާހިލްގެ އަތް ސަޖާގެ އަތްތިލާގައި ބީހިލުމުން ސަޖާ ދިޔައީ ތައްޅުވައިގެނެވެ. އެފަދަ ހަރަކާތެއް މާހިލް ގެނެސްދާނެޔޭ ހިތަށްވެސް ނާރައެވެ. މާހިލް ބުނެލީ ޝަކުވާ ކުރާ ރާގަކަށެވެ.

” ކީއްވެ ނުބުނީ……….” ސަޖާގެ ލޮލަށް ބަލަން އިނދެ މާޙިލް ބުނެލިއެވެ. މާހިލްގެ ދެލޯވަނީ ފެންކަޅިވެފައެވެ. އަމިއްލަ ކުށް އިހްސާސްކުރާ ކަހަލައެވެ. ބަހެއް ބުނެލަން ސަޖާގެ ދޫ ނުކުޅެދުނެވެ. މާހިލަށް ޖަވާބުދިނީ ސަޖާގެ ލޮލުގެ ހިމަކޮޅުން ރޮނގަކަށް ދެމުނު ކަރުނައެވެ. މާހިލްގެ އަތުން އެކަރުނަތައް ފޮހެދޭން ފެށުމުން ސަޖާއަށް ލޯމަރާލެވުނެވެ. ވަގުތީ އޯގާތެރިކަމެއް ސަޖާ ބޭނުމެއްނެތެވެ. ސަޖާ މާޙިލްގެ އަތުގައި ހިފެހެއްޓިއެވެ. ހުއްޓާލާށޭ ބޭނުމެއް ނެތޭ ބުނާފަދައިން ސަޖާ ދެއަތަށް ބޯހޫރާލިއެވެ.

” އައި އެމް ރިއަލީ ސޮރީ……..” ގޮނޑިން ތެދުވެ ސަޖާ ގެ ބޯހިއްލާލައިލިއެވެ. އަދި ސަޖާ ގެނެސް އޭނާގެ މޭގެތެރޭ ފޮރުވާލިއެވެ. މާހިލްގެ ދެލޮލުންވެސް ކަރުނަ މީރާލިއެވެ. ދަރިއަކަށް ބައްޕަގެ ލޯތްބަކީ ކިހާ މުހިއްމު އެއްޗެއްކަން މާޙިލަށް ވުރެން ވަކިން ބޮޑަށް އެނގޭނެ އެހެން މީހަކު ނުހުންނާނެއެވެ. ބައްޕަގެ ލޯބި މާޙިލް ބޭނުންވީ ދުވަހު މާޙިލްގެ މަންމަޔާއި ބައްޕަ ތިބީ ދުރުވެފައެވެ. ކައިވެނީގެ ގޮށްމޮހެވި ދެތަންވެފައެވެ. އެހެން އޭނާގެ ދަރިއަކަށް ވާކަށް މާޙިލް ނޭދެއެވެ.

ސަޖާގެ ހިތް އުފަލުން ނަށާލިއެވެ. އާސްމާނުގައި އުފާވެރިކަމުގެ ހިޔާލުތައް އުދުހެން ފެށިކަހަލައެވެ. ވަގުތީ އުފަލަކަށް ވިޔަސް މިވަގުތު ކޮޅަށް ނިމުން އަންނާކަށް ސަޖާ ބޭނުމެއްނުވިއެވެ. ހިތުގައި އޮތް ލޯބި ދެއްކޭތޯ ބެލީ ބަހަށްވުރެން އަމަލު ގިނަކޮށްގެނެވެ. މާޙިލްގެ ކޮންމެ ބީހުމަކަށް ސަޖާ އިޖާބަދެމުން ދިޔައެވެ. މާހިލްގެ ބީހުންތަކަށް އޭނާވަނީ ކެއްތެރިކަން ކުޑަވެފައެވެ.

****

ލައިބާ ފޯނު ކަންފަތާއި ދުރުކޮށްލިއިރު އެމޫނުން ކުރިން ފެނުނު ހިނިތުންވުމެއް ނެތެވެ. ނަވީން މިހާރު ހުރީ ހަމަޖެހިފައެވެ. މިވަގުތަށް ލައިބާ މާލެއައުން މުހިއްމު ނޫންކަމަށް ބުނުމުން ލައިބާ ކަރުއެލުނެވެ. ނަވީން ދެކޭހިތް އޮތްލެއް ބޮޑުކަމުން ލައިބާ އެހުރީ ދަތުރަށްވެސް ތައްޔާރުވެގެނެވެ. ފޮއްޓަށް އެއްޗެހިވެސް އަޅާއިގެންނެވެ. ބަޝީރާ އިނީ ކުރިންވެސް އިންގޮތަށް ދަތްދޮޅީގައި އަތްވިއްދާލައިގެންނެވެ. ދެލޯރަތްވެފައި ވާއިރު ރޮއެފައި ހުރިކަން ޔަގީން ވެއެވެ.

” މިވަގުތު ކޮންމެހެން މާލެ ނަޔަސް ރަނގަޅުވާނޯ…….” ފޯނު އެނދުމައްޗަށް އެއްލާލަމުން ލައިބާ ބުނެލިއެވެ. އަދި އެއަށްފަހު އެނދުމަތީގައި ހުރި ފޮށިން އަންނައުމުތައް އެޅިފަދައިން ނަގަންފެށިއެވެ. ބަޝީރާ އިތުރު ހަރަކާތެއް ކޮއްލީވެސް ލައިބާ އެހެން ބުނުމުންނެވެ. އެޙަބަރުން ބަޝީރާއަށް ހިތްހަމަޖެހުން ލިބުނެވެ.
” އެކަމަކު ބުނި ދެތިން މަހެއް ވެލީމަ މާލެ އަންނަން ވާނެއޭ…… ” ލައިބާ އެހެން ބުނީ ބަޝީރާގެ މޫނަށް ބަލާލަމުންނެވެ. މަންމަގެ މޫނަށް އަރާ ކުލަވަރު ބަލާލުމަށް ލައިބާ އެހެން ބުނެލީއެވެ. ވަގުތުން ބަޝީރާ މޫނު އަނބުރާލިއެވެ.

” މަންމާ..! ކީއްވެގެންތަ މާލެނުދާން ތިއުޅެނީ……..އަހަރެން ދާންވެސް މަންމަ ހިތްހަމަނުޖެހެނީ………..” ބަޝީރާ ކައިރީ ހުއްޓެމުން ލައިބާ ވާޙަކަދެއްކީ ލޯބިންނެވެ. ކިޔަމަންތެރިކަމާއެކުއެވެ. ޖަވާބު އެނގޭ ހާލުވެސް މަންމަގެ ދުލުން އެވާޙަކަތައް އަޑުއަހާލަން ލައިބާ ބޭނުންވަނީއެވެ. ބަޝީރާ ހިތުން އެކަންކަން ފިލާގެން ނުދާނެކަން ލައިބާއަށް އެނގެއެވެ.
” ހަމަ ނޭގިގެންތަ ތިއަހަނީ………….” ބަޝީރާ އަޑުގައިވީ ރުންކުރު ގޮތެކެވެ. ނިކަން ހަމަޖެހޭގޮތް ދެއްކިޔަސް ބަޝީރާގެ އެތެރެ ހަށިހީވަނީ ފުރިގެން އަރާފާނެހެންނެވެ. ރުޅި އާއި ކަރުނައިން މޭފިތޭކަމުގެ އިޙްސާސް ކުރެވޭތީ ބަޝީރާ އިނީ އުނދަގުވެފައެވެ.

” އެނގޭ އަހަރެންގެ ބައްޕަ ފެނިދާނެތީއޭނުން………އެމަންމަގެ މާޒީއެއްނު ………..” ލައިބާ ޖެހިލުމެއްނެތި ބައްޕައޭ ބުނީތީ ބަޝީރާގެ ރުޅިގަނޑު ކޮންޓުރޯލުންނެއްޓިއެވެ.
” ބައްޕައޭ………ލައިބާގެ ބައްޕައެއް ނުހުންނާނެ………….” ރުޅި އައިސްގެންގޮސް ބަޝީރާ ފެންކަޅިވިއެވެ.

” ބައްޕައަކު ހުންނަނަމަ އެންމެ ދެރަވެގެން ލައިބާ ނަމުގެ ފަހަތުގަ އޭނަގެ ނަން އިންނާނެ………….” ބަޝީރާ އިންތަނުން ތެދުވެތެވެ. ލައިބާއަށް ލޯއަޅާލީ ނުރުހުމުގެ ގޮތުންނެވެ. ނަސީރުގެ މައްޗަށް ބަޝީރާގެ ހިތުގައި ނަފްރަތު ނޫނީ ނުވެއެވެ. މިނޫނީ ލައިބާ ދުވަހަކުވެސް ބައްޕައޭ ކިޔާފައި ނަންވެސް ނުގަނެއެވެ.

” އަހަރެން ދުވަހަކުވެސް ނާހަމެއްނު ބައްޕަ ކޮބައިތޯ ކިޔަނީ ކޮންނަމެއްތޯވެސް ………. އަހަންނަށް އެނގޭ ތިބުނާ މީހާއުޅެނީ މާލޭގަ ކަން…………އެއީ ތަނަވަސް ޤަދަރުވެރިއެއްކަން ” ލައިބާ އަޑުބެދުނެވެ. މަންމަގެ ހިތުގައި ޖެހޭފަދަ ކަމެއް ކުރަން އެއްޗެއް ބުނަން އެހިތަކަށް ކުޅަދާނައެއް ނޫނެވެ.

” އަހަރެންގެ ދިރިއުޅުމަކަށް ބައްޕައެއް މުހިއްމެއްނޫން…………އެލޯބި ބޭނުންވި ދުވަސް މާޒީވެ ހިނގައްޖެ……..” ލައިބާ ކޮޓަރިން ނިކުތެވެ. އެދެލޮލުން ކަރުނަ އޮހޮރާ މަންޒަރު މަންމައަށް ދައްކަން އޭނާ ބޭނުމެއް ނޫނެވެ. ބަޝީރާ ލައިބާ ނިކުމެގެންދިޔަ ދިމާލަށް ބަލަން އިނދެފައި ކުރިން އިށިއިނދެއިން ތަނުގައި އިށިއިނެވެ.

*****ގ

ބަގީޗާގައި ފޮޅިފައިވާ މާތަކު މީރުވަހުން ވަނީ ހުވަނދުލެވިފައެވެ. ހުސްކޮންހުރި ގަސްމުށިތަކުގައި ގަސްއިންދަން ޒީނިޔާ އުޅުނެވެ. ކައިރީގައި އައްފާންވެސް އުޅެއެވެ. ފެންނަ ފެނުމަށް އައްފާންވެސް ދިޔައީ ޒީނިޔާއަށް އެހީވަމުންނެވެ. ގަސްމުށިތަކަށް ވެލި އަޅާއިދީ ހަދަމުން ދިޔައިރު އައްފާން ދޭތެރެ ދޭތެރެއިން ޒީނިޔާ އާ ސަމާސަކޮށްލައެވެ. އަތުގައި ހިފާލައި “ފުލައިން ކިސް” ފޮނުވާލައި ހަދައެވެ.

ނިޒާރަށް ގެއަށް އައިސް ވަދެވުނީ ދެލޯބިވެރިން މިފަދަ ސަމާސާއެއް ކުރަނިކޮށެވެ. ފެނާއި އެއްކޮށްފައި ހުރި ކަޅުވެލި ޒީނިޔާގެ މޫނުގައި އުނގުޅުމުން ޒީނިޔާވެސް ބަދަލު ހިފުމުގެ ގޮތުން އައްފާނަށް ލަނޑެއް ދިނެވެ. ފެންހޮޅި ދޫކޮށްލާފައި އައްފާން ތެންމާލިއެވެ. ނިޒާރު އެތަނުގައި މިހުރިހާ މަންޒަރު ބަލަން ހުރިކަމެއް އެދެމީހުން ނުދެނަ ހުއްޓެވެ. އެތެރެއަށް ވަނުމުގެ ބަދަލުގައި ނިޒާރު ނިކުތީ ބޭރަށެވެ. ދެލޯބިވެރިންނަށް ދެމެދަށް އެޅޭހުރަހަކަށް އޭނާ ވާން ބޭނުން ނުވާތީއެވެ.

ނިޒާރު ދެން މިސްރާބު ޖެހީ ނަސީރުމެން ގެއާދިމާލަށެވެ. އައްފާން ކައިވެނީގެ ވާހަކަ ދެއްކުމަކީ ނިޒާރަށް މިވަގުތު ވަރަށް މުހިއްމުކަމެކެވެ. ޒީނިޔާއަކީ ނިޒާރު ގޭގައި ގެންގުޅޭ ކުއްޖަކަށްވެފައި ހުތުރު އަޑެއް އަރަން އޭނާ ޖާގައެއް ނުދޭނެއެވެ. އެވިސްނުން ނަސީރާ އެވާހަކަދައްކަން ނިޒާރު ބޭނުންވީއެވެ.

އަފީފުގެ ބީ.އެމް.ޑަބްލިޔު ކަޅުކުލައިގެ ކާރު ނަސީރުމެން ގެއާ އެންމެ ކައިރިން ޖާގަލިބުނު ޕާރކިން ޒޯންގައި ޕާރކްކޮށްލިއެވެ. ނަސީރުއަށް ގުޅައިވެސް ނުލައި އަފީފު އެއައީ ވަރަށް ބޮޑުކަމަކައިގެންނެވެ. ކަމަކަށް އެދި ސަލާން ޖަހާށެވެ. އެކަމަށް އެންމެ ރަނގަޅު މީހަކަށް އަފީފަށް ފެނުނީ ނަސީރުގެ ދަރިފުޅު އައްފާނެވެ. އަފީފުގެ ދަރިފުޅު އާޝާ ކައިވެނިކުރާން އައްފާނަށް ވުރެން ވަކިން ރަނގަޅު މީހަކު އަފީފަކަށް ފެނުނެވެ.

އަފީފުއާ ދާދި އެއްކޮން ކަހަލަ ގޮތަކަށް ނިޒާރުވެސް އައީ ނަސީރުމެންގެއަށް ވަންނާށެވެ. ދެމީހުންވެސް ދިމާވީ އެގޭ ދޮރާށިކައިރިން މަގުމަތިންނެވެ. ދެމީހުންވެސް ފެނުމުން ސަލާންކޮށް ހާލު އަހުވާލު އޮޅުން ފިލުވިއެވެ. އެދެމީހުނަށް ނޭގެނީ އެދެމީހުންވެސް ނަސީރާ ބައްދަލުކުރަން މިއައީ އެއް ބޭނުމެއްގައި ކަމެވެ. ދެމީހުންވެސް މިއައީ އައްފާން ކައިވެނީގެ ވާހަކަ ދައްކާށެވެ. އެހެނަސް ދެމީހަކާއެވެ. އަފީފު އެއައީ އާޝާ އާއި އައްފާން ކައިވެނިކުރަން ނަސީރުގެ ހިޔާލުހުރި ގޮތެއް ބަލާށެވެ. ނިޒާރު އެއައީ ޒީނިޔާ އާއި އައްފާން ކައިވެނި ކުރަން ނަސީރު ދެކޭ ގޮތެއް ބަލާށެވެ.

ނުނިމޭ

  1. Avatar

    މިވާހަކަ ވަރަސް ރީތި. ތަންކޮޅެއް ހަފްތާއަކު 3 ދުވަހު މިވާހަކަ ގެނެސްދީބާ ޕްލީސް ޕްލީސް

    23
    1. Avatar

      ހަފްތާއަކު އެއް ފަހަރު ގެނެސްދޭން ބުނެފަ އޮންނައިރު، ދެހަފްތާ ފާއިތުވެގެންދާއިރުވެސް ވާހަކަނުގެނެސްދެވޭ، ސޯ ކިހިނެއް ހަފްތާއަކު 3 ދުވަހު ގެނެސްދޭނީ!

  2. Avatar

    ރައިޓާއައް އެގޭބާ ދޮގުހެދުމަކީ ކިހާވަރެއްގެ ކަމެއްކަން…ކޮންމެ ހަފްތާއްކު އަޕްވާނޭ ކިޔައިގެން ދޮގުހަދާނެ ކަމެއް ނެތެްްްއްނު…ވަރައް ވެދުން…

    14
  3. Avatar

    މަރިޔަމް ހުސައިން ހަފްތާއެއް ކިޔަނީ ކިތައް ދުވަހަށްބާ؟؟؟ 36ވަނަ ބައި ގެނެސްދިންފަހުންވެސް މިހާރު 11 ދުވަސް ވެއްޖެ…

    13
  4. Avatar

    ވާހަކަ ޕޯސްޓްކުރިތޯ ބަލާލަން ދޭތެރެއަކުން ޗެކްކޮށްލެވޭ! ނަމަވެސް ޗެކްކޮށްލާ ކޮންމެ ފަހަރަކު ޑިސަޕޮއިންޓްވުން ނޫން ކަމެއްނުވޭ! ލިޔުންތެރިޔާގާތު ވަރަށް އާދޭސް ކުރެވިއްޖެ! ދެނެއް ނުކުރާނަން! މި ވާހަކަޔަށްވެސް އިންތިޒާރު ކުރުން މިހާ ހިސާބުން މި ނިންމާލީ!

    16
  5. Avatar

    މިތާ ކޮމެންޓް ކުރުމަކީ ބޭކާރު ކަމެއް.. މަރިޔަމް ސައީދު އަކީ ރީޑާސް ގެ ފީލިންގްސް ތައް އަޑުއަހާ މީހެއް ނުން.. ?

  6. Avatar

    ސާބަސް….މަރީ ބަލި ވީ ކަމަށް ވެސް ވެދާނެ ދޯ…އަބަދު ވާހަކަ އަށް ބަލާތީ އޭ ލަސް ވަނީ މަހެއް ވީމަ ބަލާބަލަ…. އޭރުން ހުންނާނެ ހިތް ހަމަ ޖެހޭ ވަރަށް…..

ޚިޔާލު ފޮނުއްވާ