Views: 12885 230

" ސަޖާ ނުބުނޭތަ...........؟ މާހިލްވެސް ނުބުނޭ........" ސަޖާ ނޫނީ މާހިލްގެ ފަރާތުން ނޭގޭކަމެއް ސަރުމީލާވެސް ނުދެނަހުއްޓެވެ. އަދި ސަޖާ ބަނޑުބޮޑުކަން ސިއްރުކޮށްދާނެޔޭ ސަރުމީލާ ހިތެއް ނުވެސްބުނެއެވެ. މަމްދޫހާ ދެލޯ ހަނިކޮށްލާ ކޮނޑުއުފުލާލި ގޮތުން އެކަން ނޭގޭކަން ސަރުމީލާއަށް ޔަގީން ކުރެވުނެވެ.

" ސަޖާ ބަނޑުބޮޑޭ......." ހެވިދިލިފައި ސަރުމީލާ އެހެން ބުނުމުން މަމްދޫޙާއަށް ލިބުނީ ޝޮކެކެވެ. މަމްދޫހާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. އޭނާގެ ދެލޮލަށް ގިނަވީ އުފާވެރިކަމުގެ ކަރުނައެވެ.

" ނާހަމަ ތެދެއް......" ދަތްތައް ފެންނަވަރަށް މަމްދޫހާ ހިނިތުންވެލިއެވެ. ސަރުމީލާވެސް އެފަދަ ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ.

" އަލްޙަމްދުﷲ....." އިށިއިނދެއިން ގޮނޑިން ތެދުވަމުން މަމްދޫހާ ﷲއަށް ޙަމްދުކުރިއެވެ. ސަރުމީލާގެ ފަހަތުން މަމްދޫހާ ވެސް ހިނގައިގަތެވެ. ސަޖާގެ ކޮޓަރިއަށް ދިއުމަށެވެ. ސަރުމީލާ ދިޔައީ ސައިބޯން ތިރިއަށް އައުމަށް ސަޖާއަށް އަންގާށެވެ.

ސަރުމީލާ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއިރު ސަޖާ އިނީ ލޯގަނޑުކުރިމަތީ ރީތިވާށެވެ. ދޮރަށް ފުރަގަސްދީގެންނެވެ. ދޮރު ހުޅުވުނު އަޑަށްވެސް އޭނާ ފަސްއެނބުރި ބަލާއިވެސް ނުލައެވެ. މަންމަނޫން އިތުރު މީހަކު އައިސްދާނޭ ހިތަކަށް ނާރައެވެ. ލޮލުން ފައިބަމުންދާ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ފުއްމާގަނޑު މޫނުގައި ޖައްސާލިއެވެ. މިހާރަކަށް އައިސް ސަޖާ އެއްގޮތަކަށްވެސް ރީތިވާ ހިތްވެސް ނުވަނީއެވެ. ފެންވެރިޔަސް މޫނުގައި ފުށްޖަހާ ތުންފަތުގައި ލިޕްސްޓިކްވެސް ޖައްސަން ފޫހިވަނީއެވެ. ސެންޓާއި ބޮޑީސްޕުރޭން ދުވާ ވަހުން ބޯއަނބުރާތީ އެއެއްޗެހި އެއްގޮތަކަށްވެސް ބޭނުމެއް ނުކުރެއެވެ.

" ސައިބޯންދާންވީ ދޯ..........." އެއިން ގޮތަށް އިނދެ ސަޖާ ބުނެލިއެވެ. މަންމަޔާ ކުރިމަތިލާން ވަގުތު ކޮޅެއް ސަޖާ ބޭނުން ވެއެވެ. ފާހާނާގައި އެތަށް އިރެއް އޭނާ ރުއިމުގައި ހޭދަކޮށްފިއެވެ. މާހިލް މަތިން ހަނދާންވަނީ އެހެންކަމަކަށްވުރެން މާބޮޑަށެވެ. މާޙިލްގެ މަތިން ހަނދާންނައްތާލެވޭނެ ގޮތެއް ސަޖާއަކަށް ނެތެވެ. ސަޖާ ބަނޑުގައި އެވާ ތުއްތު ފުރާނައަކީ މާޙިލްގެ ހަނދާންތައް ތާއަބަދު އާވެ އާލާވާނެ ރަމްޒެކެވެ.

ފަހަތުން އައިސް މަމްދޫހާ ސަޖާގެ ގައިގާ ބައްދާލިއެވެ. ދެކޮނޑުގައި ހިފާ އޭނާގެ ގައިގާ ސަޖާ ލައްކޮށްލިއެވެ. މަސްނުއީ ހިނިތުންވުމަކާއި އެކު ސަޖާވެސް ބޯމައްޗަށް އުފުލާލީ މަންމަގެ މޫނަށް ބަލާލުމަށެވެ. އެހެނަސް ސަޖާއަށް ފެނުނީ ސަރުމީލާއެއް ނޫނެވެ. މަމްދޫހާގެ ހިނިތުންވެފައިވާ މޫނު ފެނުނު ވަގުތު ސަޖާ ތެޅިގަތީ ދިރޭ އެއްޗެއް ކަށިޖެހުމުން ތެޅިގަންނަ ފަދައިންނެވެ.
" އައްދެ މަންމަ ފެނުނީމަ ވަރަށް ހައިރާންވެއްޖެދޯ....." މަމްދޫހާގެ މޫނުމަތިން ހިނިތުންވުން ފިލާ އެންމެ ވަގުތުކޮޅެއްވެސް ނުދެއެވެ. މާމަ ދަރިއަކު ލިބެންއުޅޭކަމުގެ އުފާވެރި ޙަބަރުން މަމްދޫހާ ވަނީ އިންތިހާއަށް އުފާވެފައެވެ. އެހެނަސް މަމްދޫހާ އެތަނުން ފެނުމުން ސަޖާއަށް ލިބުނީ ބަޔާންކުރަން ދަތި ބިރުވެރިކަމެވެ. ހާސްކަމެވެ. އިށިއިނދެއިން ގޮނޑިން ތެދުވެ މަމްދޫހާ އާ ދުރަށްޖެހިލިއިރު އެމޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ. ދޮރުން އެތެރެއަށް ބޯދިއްކޮށްލައިގެން ހުރި ސަރުމީލާ ސައިބޯން އަންނަން ބުނެފައި އެތަނުން ދުރަށް ޖެހިލީ އެދެމީހުން ވާހަކަދައްކަން ފުރުސަތުދީފައެވެ.

" މަންމާ.......!" ގަދަކަމުން ހިނިތުންވެލަމުން ސަޖާ މަސައްކަތްކުރީ ހަމަޖެހޭތޯއެވެ. އޭނާގެ ހާސްކަން މަމްދޫހާއަށް ފޮރުވޭތޯ ބަލަމުން މަމްދޫހާއަށް ގޮވާލީ ނިކަން އުނދަގުލުންނެވެ.
" ދަރިފުޅުމެންވާ ރަނގަޅު މަންމަ ކައިރީ ބުނެވެސް ނުލާ.........." ސަޖާގެ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބައިންދަމުން މަމްދޫހާ ވާހަކަދެއްކިއެވެ. ސަޖާގެ ބުރަކަށީގައި ފިރުމަމުން މަމްދޫހާ ބުނެލިއެވެ. ސަޖާއަށް ދެލޯމާރާލެވުނެވެ. ސަޖާ ބަނޑުބޮޑުކަން ދެން މާޙިލަށްވެސް ސިއްރުވެފައެއް ނޯންނާނެކަން ހިތަށް އެރުމުން ދެރަވިއެވެ. އެކަން އެނގޭކަށް ސަޖާ ބޭނުމެއްނޫނެވެ. މަމްދޫހާ ޝަކުވާކުރީ އޭނާ ގާތު ސަޖާ ބަނޑުބޮޑު ވާހަކަ ނުބުނީތީއެވެ.

" މަންމަ ބުނި ސަޖާ ވަރަށް ހޮޑުލާ ވާހަކަ..............." މަމްދޫހާގެ ކޮންމެ ފިރުމުމެއްގައިވީ މައިވަންތަކަމެވެ. ސަޖާގެ ހިތަށް އުނދަގޫވިއެވެ. މާހިލްގެ ފަރާތުން ލިބެންނެތް ލޯތްބެއް މަމްދޫހާގެ ފަރާތުން ހޯދާކަށް ސަޖާ ބޭނުމެއް ނޫނެވެ. ވަގުތީ އޯވާތެރިކަމެއް އަމުދުން މިހާރު ސަޖާ ބޭނުމެއްނެތެވެ. ސަޖާ މަމްދޫހާއަށް ބަލާލާފައި ބޯޖަހާލިއެވެ. މަމްދޫހާ ސަޖާގެ މޫނަށް ވަރަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ރަތްވެފައިވާ ދެލޮލާއި މިލާފައިވާ މޫނެކެވެ. އެއްވެސް ދިރުމެއްނެތެވެ. ހަމައެކަނި ތުންފަތްމަތީގައިވީ ލުއިހިނިތުންވުމެކެވެ. އެހިނިތުންވުމުގެ ފަހަތުގައި އެތަށްހާސް ވާހަކަތަކެއް ފޮރުވަން މަސައްކަތްކުރާ ފަދައެވެ.

" މާޙިލްވެސް ނުބުނޭ ދަރިފުޅު ބަނޑުބޮޑު ވާހަކައެއް....... ބަލިވާހަކައެއް ..........." ސަޖާ ހިތްތެޅިލިއެވެ. މާޙިލްގެ ނަން ބުނާއަޑުއިވުނަސް ހިތުގެ ތެޅުން އިތުރުވެއެވެ. ނޭވާލާން އުނދަގޫވެއެވެ. ސަޖާގެ ހިތުގައި މާހިލްގެ މައްޗަށް ލޯބިލައްވާފައިވަނީ އޭގެ އިންތިހާއަށެވެ. ނިމުމެއް ފަނޑުވުމެއްނެތިއެވެ.

" މާޙިލް ....ކޮންމެ ދުވަހަކު ހެނދުނު އޮފީހަށް ދާގޮތަށް ރޭގަނޑު އެގާރައިގެ ކުރިއަކު ނާންނާނެ ހަމަ އެއްރޭވެސް......މަންމަ އަހަން ދަރިފުޅުގެ ވާޙަކަ.............މިގެއަށް ނުދަންހޭ..... ބުނާނެ ދަމޭ ސަޖާ ރަނގަޅޭ......." ސަޖާގެ ދެލޯފެންކަޅިވިއެވެ. މަމްދޫހާއަށް ދޮގުހަދާ އޮޅުވާލުމެއްގެ ތެރޭގައި ބެހެއްޓުމުގެ ބޭނުމެއް އޮތްކަމަކަށް ސަޖާއަކަށް ނުފެނެއެވެ. މާހިލް އެހެން ދިރިއުޅުމެއް ފަށަން ބޭނުންވާއިރު އެކަން އޭނާގެ މަންމައަށް އެނގިފައި އޮތުން މުހިއްމިކަމުގައި ސަޖާ ދެކުނެވެ.

" ހިނގާ ސައިބޯންދާން......." ސަޖާ މާ ބަސްމަދުވެފައި އިނުމުން މަމްދޫހާ އެދުނީ ސައިބޯންދާށެވެ. ލަދުން ވާހަކަދައްކަން ނުކެރުނީއޭ ހިތާ މަމްދޫހާ ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ.

" މަންމާ..........." ދޮރުން ނިކުންނަން ދިޔަ މަމްދޫހާއަށް ސަޖާ ގޮވާލިއެވެ. އެކޮޓަރިން ނިކުތުމުގެ ކުރިން ސަޖާ ބޭނުންވީ މަމްދޫހާއަށް ހަގީގަތް ކިޔާދޭށެވެ. މަމްދޫހާ ހުއްޓި ސަޖާއަށް ބަލާލިއެވެ.

" އަހަރެން ވާޙަކައެއް ދައްކަން.............." ސަޖާއަށް ވާހަކަދެއްކުނީ އުނދަގުލުންނެވެ. މަމްދޫހާ އައިސް ސަޖާ ކުރިމައްޗަށް ހުއްޓުނެވެ. ސުވާލުން ފުރިގެންވީ ނަޒަރަކުން ސަޖާއަށް ބަލާލިއެވެ.

" މަންމާ............." ސަޖާ މަމްދޫހާގެ އަތުގައި ހިފާ އޭނާގެ ދެއަތުގެ ތެރޭގައި މަމްދޫހާގެ އަތްތިލަ ފޮރުވާލިއެވެ.

" މަންމާ.......އަހަރެން ބަ......ބަނޑުބޮޑުކަން މާޙިލަށް ނާންގާތި.............." މަމްދޫހާއަށް ލިބުނީ ހައިރާންކަމެވެ. ސަޖާގެ އަތުތެރޭގައި އޮތް މަމްދޫހާގެ އަތް ދަމާގަނެވުނެވެ. މީހާ ދެލޯބޮޑުވިއެވެ. ސުވާލުތަކުން ސިކުނޑި އެނބުރެން ފެށިއިރު ހިތުގައި ހައިޖާނު އުފައްދާލިއެވެ. ކުރިމަތީގައި ހުރި ސަޖާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކުން މަމްދޫހާއަށް ވިސްނުނީ ކަންތައް މާ ރަނގަޅުނޫން ކަމެވެ. އެދެލޮލުން މަމްދޫހާއަށް ފެނުނީ އާދޭހެވެ.

" ސަ.....ސަ...ޖާ......." ފިލިތަކަށް ދަމާލާފައި މަމްދޫހާއަށް ގޮވާލެވުނެވެ. ސަޖާ ބަނޑުބޮޑުކަން މާހިލަށްވެސް ނޭގެނީ ހެއްޔެވެ؟

" މާހިލަކަށްވެސް ނޭގޭތަ ސަޖާ ބަނޑުބޮޑުކަމެއް.........." މިފަހަރު މަމްދޫހާގެ މޫނުމަތިން އެފެނުނު ކުލަވަރު ސަޖާއަށްވެސް ނަގާގަންނާކަށް ނޭގުނެވެ. އެއަޑުގައިވި ރުންކުރުކަން ސަޖާގެ ހިތްއިތުރަށް ކަތިލެވުނު ކަހަލައެވެ. ސަޖާ ބޯޖަހާލީ އަނގައިންބުނާނެ ހިތްވަރުނެތުމުންނެވެ. މަމްދޫހާވެސް އޭނާ ކުށްވެރިކުރާނެކަން އެނގެއެވެ.

" ކީއްވެ؟" ސަޖާ ދެކޮނޑުގައި މަމްދޫހާ ހިފަހައްޓާލަމުން ހިސާބަކަށް ހައިރާންވެފައި އަހާލިއެވެ.

" ކީއްވެ މާހިލަށް ސަޖާ ބަނޑުބޮޑުކަން ސިއްރުކުރަންވީ..........ތީ މާހިލްގެ ކުއްޖެއްނޫންތަ؟ " އެންމެފަހުން އަހަންނުވާ ސުވާލެއްވެސް މަމްދޫހާއަށް އެހިއްޖެއެވެ. އެއްވެސް ހާލެއްގައި ސަޖާގެ ބޮލުގައި ހުތުރު އިލްޒާމެއް އެޅުވުމުގެ ބޭނުމެއްގައި ނޫނެވެ. މަމްދޫހާ އެހެން ބުނުމުން ސަޖާއަށް ތެޅިގަނެވުނެވެ.

" ނޫން މަންމާ..........މީމާހިލް .....މީމާހިލްގެ......" ސަޖާއަށް ރޮއެގަނެވުނެވެ. އެފަދަ ގޮތަކަށް ހީކުރީތީ ސަޖާ ކަންބޮޑުވިއެވެ. ކުއްލިއަކަށް އެފަދަ ސުވާލެއް ކުރިމަތިކުރުމުން ސަޖާއަށް އެއްޗެއް ބުނަން ދަތިވިއެވެ. އަމިއްލަ ކުށެއްނެތްކަން އަންގަން ބޭނުމަސް ސަޖާއަށް ވާހަކަދައްކަން ފަސޭހައެއް ނުވިއެވެ. އެހިތްވަރު ވެސް އޭނާގެ ނެތީ އެވެ.

" ދެން ކީއްވެ މާހިލް ކައިރީ ނުބުނަންވީ..............." ކަންތައް ގޮސްފައިވާ ހިސާބު އަންދާޒާކޮށްލަންވެސް މަމްދޫހާއަކަށް ނޭގެއެވެ. ސަޖާގެ ހަރަކާތްތަކުން މަމްދޫހާއަށް ކަންތައްތަކެއް ފޮރުވަން އުޅޭހެންވެސް ހީވެޔެވެ. ކަމަކާ ބިރުން އުޅޭހެންވެސް ހީވެއެވެ. އަސްލު ސަޖާ ޖެހިލުންވަނީ މާހިލަށް އެގެން ބޭނުން ނުވާވަރުންނެވެ. މާޙިލަށް ނޭގޭކަން ސަޖާގެ މައިންބަފައިންނަށް އެނގިދާނެތީ ގަންނަ ބިރުވެސް ވަކިކުޑައެއް ނޫނެވެ.

" އެހެންވެދޯ ކުއްލިއަކަށް ގެއަށް ބަދަލުވީ..............އޭރުވެސް އަހަރެންގެ ބޮލުގައި ރިއްސާލިއޭ...........ހަމަ ޓަސްލާފަ ގެއަށް އައިމަ........" މަމްދޫހާ ހަރަމް ބަނދެލަމުން ސަޖާއަށް ލޯއަޅާލިއެވެ. މިހާރު ސަޖާ ކުރިމަތީގައި އެހުރީ ކުރިން ފެނުނު އުފާވެރި މަމްދޫހާއެއް ނޫނެވެ. ކަތިލެވިފައިވާ ހިތަކާއި އެކު ސަޖާ ދެފަރާތަށް ބޯހޫރާލިއެވެ. ލޮލުން ހޯސްލައިފާ ފައިބަމުންދިޔަ ކަރުނަތަކުން މަމްދޫހާގެ މޫނު ފެންނަމުން ދިޔައީ ވަރަށް ފުސްކޮށެވެ. އެފުސްކަމުގެ ތެރެއިން ސަޖާއަށް ފެންނަނީ މަމްދޫހާގެ ރުޅިއައިސްފައިވާ މޫނެވެ.

" މަންމާ އަ.............." ސަޖާ އޭނާގެ ކުށެއްނެތްކަން ބުނެދެވޭތޯ އުޅުނެވެ. އެހެނަސް މަމްދޫހާ އަތުގެ އިޝާރާތުން އެންގީ ވާހަކަ ނުދެއްކުމަށެވެ.

" އަހަރެންނާ ސަޖާ ދައްކާނެ ވާޙަކައެއް ނޯންނާނެ............." ސަޖާގެ ހާލަށް ސަޖާ ދޫކޮށްލާފައި މަމްދޫހާ ކޮޓަރިން ނިކުތީ ނިކަން ބާރަށެވެ.

މާބަނޑު އަންހެނަކާއި ދިމާއަށް އައިސްފައިވާ ރުޅީގައި މަމްދޫހާ ދުލުގެ ހަމަލާތަކެއް ދޭން ބޭނުން ނުވާތީއެވެ. ސަޖާ އާ މެދު މަމްދޫހާ ދެކެމުން އައިގޮތް އެވަނީ ކިލަނބުވެފައެވެ. މިހާރު ކުރިން އޮތް ލޯބީގެ ޒައްރެއްގެ މިންވަރުވެސް ސަޖާއާ މެދު ނެތެވެ. އެހިތުގައި މިހާރުވަނީ ނަފްރަތާއި ރުޅިވެރިކަމެވެ. މަމްދޫހާއަށް ސަޖާ އަކީ މުޑުދާރު މީހަކަށް ވެއްޖެއެވެ. މީގެ އިރުކޮޅެއް ކުރިން ސަޖާ އާ މެދު ދެކުނު އުފާވެރި ފޮނި އިޙްސާސްތައް ހިތަށް އެރުމުން މަމްދޫހާގެ ދެލޯފެންކަޅިވިއެވެ. ކަމެއް ބަދަލުވާން ގިނަވަގުތުތަކެއް ނުނަގައެވެ. މިވީ ކުޑައިރުކޮޅުގެ ތެރޭގައި ތަފާތު ދެއިޙްސާސެއް މަމްދޫހާއަށް ކުރެވުނެވެ. ސަޖާ ކޮޓަރިން މަމްދޫހާ ނިކުތްއިރު ސަރުމީލާވެސް ފެންނާކަށް ނެތެވެ. އެއީ ކާކުގެ ނަސީބެއް ކަމެއް ނޭގެއެވެ. އެހެންނަމަ އިވެން ނުޖެހޭ ބަސްތަކެއް ދޮގު އިލްޒާމްތަކެއް ސަޖާގެ ބޮލަށް މެހިގެން ދިޔާސްކަން ޔަގީނެވެ.

ޓެކްސީގައި އިންއިރުވެސް ރުޅިއައިސްގެން މަމްދޫހާ ތުރުތުރުލައެވެ. ދެލޮލުން އާވިއަރަމުން ދިޔައިރު ހިތުގައިވީ އިންތިހާ ނަފްރަތެވެ. ސަޖާ އާމެދު އެހިތުގައި ރުޅިވެރިކަމުގެ އަލިފާން އަނދަމުން ދިޔައެވެ. ރޮއެފައި ސަޖާ މާހިލަށް އެކަން ނޭންގުމަށް އެދުމުން މަމްދޫހާއަށް އެކަމުން ނެގުނީ ވަރަށް ނުބައި މާނައެކެވެ. ވާނީވެސް އެހެންތާއެވެ. ބަނޑުބޮޑުކަން އެނގުމުން ކޮންމެ އަންހެނެއްވެސް އެންމެ އިސްކަމެއްދެނީ ފިރިމީހާއަށް އެކަން އެނގުމަށެވެ. އޭގެ ބަދަލުގައި ސަޖާ އެއެދުނީ އެކަން މާހިލަށްވެސް ނޭނގުމަށެވެ.

******

މަމްދޫހާ ދިއުމުން ސަޖާ ބަޑިފަޅާގެންދިޔައެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލީއެވެ. ޒަހަމްވެފައިވާ ހިތެއްގައި އިތުރަށް ކަތިލެވުނީއެވެ. މަމްދޫހާ އެފަދަ ނުބައި ގޮތަކަށް އޭނާއާ މެދު ދެކެފާނެއެކޭ އޭނާ ހިތަކަށް ނާރައެވެ. މާހިލަށް އެކަން ސިއްރުކޮށް ދިނުމަށް ސަޖާ އެދެން ބޭނުންވީ މާހިލް އެހެން ދިރިއުޅުމެއް ފަށަން ބޭނުންވާތީއެވެ. އެދިރިއުޅުމަށް ލިބެން އުޅޭ ދަރިފުޅުގެ ހިޔަނިވެސް އެޅުން އޭނާ ބޭނުމެއް ނޫނެވެ. ކަންތައް ވެގެން އެދިޔަ ގޮތުން ދެން އެކަން މާހިލަށް ސިއްރުވެފައިވެސް ނޯންނާނެއެވެ. މަމްދޫހާގެ ރުހުމެއްވެސް އޭނާއަކަށް ދެން ނުލިބޭނެއެވެ. އެކަން ހިތަށް އެރުމުން ބާލީހުގައި މޫނު ފޮރުވާލީ ކަރުނަތަކަށް ޖާގަދެމުންނެވެ.

*****

ކުޑަދޮރުގައި ދަމާފައިވާ ލޭސްފަރުދާތައް އެއްފަރާތް ކޮށްލުމުން ކޮޓަރިތެރެއަށް އަލިވެގެން ދިޔައެވެ. އެނދު ހެޑްބޯޑްގައި ލައްގަނެގެން ނަވީން އިނެވެ. ދެލޮލުން ނިދީގެ އަސަރު ފިލައިގެންނުދެއެވެ. ފެންވަރާއިގެން ނިކުތް ޖޫލީ ހުއްޓިލީ ކުޑަދޮރުކައިރީގައެވެ. ލައިގެން ހުރި ބީޓްރޫޓްކުލައިގެ ސިލްކް ބާތުރޯބެކެވެ. މޫނުމަތިން ތާޒާކަން ފެންނައިރު މުޅި ކޮޓަރިތެރެ އެއްވަސްވެގެންދިޔައީ ސަވަރޖެލްގެ ހިތްގައިމުވަހުންނެވެ.

" ހޭއި އަދިވެސް ނިދި ނުފިލާތަ.....؟ " ބަހެއް ނުބުނެ މާ މަޑުމަޑުން ނަވީން އިނިމުން ޖޫލީއަށް އަނގަ ހިމޭނުންލައިގެން ނުހުރެވުނެވެ.

ނަވީން ހަށިފުރާ ދޫކޮށްލި ނޭވާއާއެކު ޖޫލީއަށް ބަލާލިއެވެ. އެދެލޮލުން ޖޫލީއަށް ފެނުނީ ރަތްކަމެވެ. ވަރުބަލިކަމެވެ. ރޭ ރަނގަޅަށް ނުނިދޭކަން ޔަގީނެވެ. ގަޑިއަށް ބަލާލާފައި ނަވީން އެނދުންތެދުވެތެވެ.

" މިހާރު ނަވީން ވަރަށް ޗޭންޖުވެއްޖެ....." ނަވީން ކުރިމައްޗަށް ހުއްޓެމުން ޖޫލީ ޝަކުވާކޮށްލިއެވެ.

" ތިބުނީ ކިހިނެތް........" ޖޫލީގެ ދެލޮލަށް ބަލާލަމުން ނަވީން އަހާލީ އާދައިގެ ގޮތަކަށެވެ.

" މިބުނީ ވަރަށް ދުރުވެއްޖޭ......" ނަވީންގެ މޭގައި ދެއަތުން މަޑުމަޑުން ޖަހާލަމުން ޖޫލީ ތުއިވެލިއެވެ. ޖޫލީގެ އެހަރަކާތްތަކަކީ ނަވީން ވަރަށް ގަޔާވާ ހަރަކާތްތަކެކެވެ. އެފަދަ ލޯބީގެ ސަމާސާތަކާ ޝަކުވާތަކަށް ނަވީންވެސް ވަރަށް ޝައުޤުވެރިވެއެވެ. ނަވީން ހިނިތުންވެލިގޮތުން ޖޫލީ ރަކިވިއެވެ. ނަވީންގެ ދެއަތް ޖޫލީގެ އުނަގަނޑުގައި ވަށާލައި ނަވީނާއި ގާތަށް ޖޫލީ ގުނައެވެ. ޖޫލީ ތަތްވީ ނަވީންގެ މޭގައެވެ.

"މިހާރުވެސް ދުރުތަ........؟ " ނަވީން އެއްބުމަ ހިތްލާލަމުން ބުނެލިއެވެ. ޖޫލީ ލަދުން އިސްއޮބާލިއެވެ.

" އެހެނެއް ނޫނޭ މިބުނީ.........މިހާރު ވަރަށް ދުރުވެއްޖޭ......." ޖޫލީ އެބުނާނީ ކީކޭކަން ނަވީނަށް އެނގެއެވެ. ގަސްތުގައި އެނގޭކަމަށް ނުހެދީއެވެ.

" އާން ތީ ތެދަކަށްވެދާނެ........ހިސާބަށްވުރެން ޒިންމާތައް ގިނަވީމަ.............." އިންކާރުކުރާކަށް ނަވީންވެސް ނުހަދައެވެ. އެކަމުން ޖޫލީ ނަގާނެ މާނައެއް ނަގަންވީއެވެ. ނަވީން ޒިންމާ މާނަކުރީ އިތުރު އަންބަކާއި ދަރިއަކަށް ނިސްބަތްކޮށެވެ.

" އަދި ކުރިއަށް އޮތީ.......މިހާރު މިވާވަރަށް ވަގުތު ދެވޭނެކަމެއް ނޭގެ........އެކަމަކު ވަގުތު ވީވަރަކުން ދޭ ލޯތްބެއް މަދެއްނުވާނެ......" ޖޫލީގެ ކޮލުގައި ނޭފަތްޖައްސާލަމުން ނަވީން ބުނެލިއެވެ. ޖޫލީއަށް ދެލޯމަރާލެވުނެވެ. ނަވީންގެ ލޯތްބަށް އޭނާގެ ކެތްތެރިކަންވަނީ ކުޑަވެފައެވެ. ނަވީންގެ ކޮންމެ ހަރަކާތަކަށް ޖޫލީ އިޖާބަދެމުން ދިޔައެވެ. އެހެނަސް ނަވީން ހުރީ އެފަދަ މޫޑެއްގައި ނޫނެވެ. ނަވީން ޖޫލީ ގައިން އަތްދޫކޮށްލާ ދުރަށްޖެހިލިއެވެ. ޖޫލީ ނަވީން ދުރަށްޖެހުމުން ދެލޯ ހުޅުވާލިއެވެ. އެދެލޮލުން ނަވީނަށް ބޭނުންވާވަރު ފެނުމުން ނަވީން ބުނެލިއެވެ.
" އަށެއް ޖަހާއިރު މީހަކާ ބައްދަލުކުރަން ވެފައި އެބައޮތް.........އެހެންވެ ރެޑީވާން މިދަނީ ......." ނަވީން ހިނިތުންވެލިއެވެ. އެހިނިތުންވުމުން ޖޫލީގެ ހިތަށް ފިނިކަން ލިބުނެވެ. ނަވީން ފާހާނާއަށް ވަނުމުން ޖޫލީ ރީތިވާން ލޯގަނޑު ކައިރީ ހުއްޓުނެވެ.

އެނބުރި ނަވީން ފާހާނައިން ނިކުތްއިރު ޖޫލީ ހުރީ ތައްޔާރުވެގެނެވެ. ނަވީން ތައްޔާރުވެގެން ލާނެ ގަމީހާއި ފަޓްލޫނު ނަގާދީފައި ޖޫލީ އިނީ ނިޔަފަތި ކަނޑާށެވެ.

" ޖޫލީ..........." ނަވީން ގޮވާޅުމުން ޖޫލީ ޖަވާބުދިނީ އެއިން ގޮތަށް އިނދެއެވެ.

" ގެއަށްދާންތަ ތިއުޅެނީ........" ޖޫލީގެ އަތްދަބަސް ރީތިވާ މޭޒުމަތީގައި ހުރުމުން ތަނަކަށްދާން އުޅޭކަން ނަވީނަށް ޔަގީންވިއެވެ.

" ހޫމް.....ސަޖާ ރޭ ގުޅާފަ ބުނީ ހެނދުނު އަންނާތިވޭ......އެހެންވެ ދާން މިއުޅެނީ........." ސަޖާގެ ވާހަކަބުނުމުން ނަވީން ހަނދާންވީ ލައިބާ މަތިންނެވެ.

" ޖޫލީ........" ވިސްނުމެއްގައި ހުރެފައި ގޮވާލާފަދައިން ނަވީން ގޮވާލިއެވެ.

" ހޫމް.....ކިހިނެތްވީ...." މިފަހަރު ޖޫލީ ޖަވާބުދިނީ ނަވީނަށް ބަލާލަމުންނެވެ. ނަވީން ހުރީ އެހެން ހިޔާލަކަށް ގެއްލިފައެވެ.

" ސަޖާ ވަރަށް ބަލިތަ؟ ވަރަށް ހޮޑުލައިތަ ؟ " ނަވީން ކުރި ސުވާލުން ޖޫލީގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ.

" ހޫމް ވަރަށް........." ޖޫލީގެ ޖަވާބު އިވިފައި އިތުރަށް އޮޅުން ފިލުވަން ނަވީން ބޭނުންވިއެވެ. މާބަނޑުމީހުންނަށް ދިމާވާ ކަންތައްތައް ހޯދާބަލަން އޭނާވެސް ބޭނުމެވެ.
" ވަރަށް ހޮޑުލައިތަ.....؟ " ޖޫލީގެ މޫނަށް ބަލަން ހުރު ނަވީން އެހިއެވެ.

" ހޫމް.....ވަރަށް ހޮޑުލައި ............" ޖޫލީގެ ޖަވާބު އިވިފައި ނަވީނަށް އުނދަގޫވިއެވެ.

" ހަމަ އެއްޗެއް ކާލާއިރަށް ހޮޑުލެވެނީ.........." ނަވީން އެހާ ވަރަށް ސުވާލުކުރާތީ ޖޫލީ ހިސާބަކަށް ކަންބޮޑުވިއެވެ. އެކަން ނިތަށް އެރި ކުދިރޫތަކުން ހެކިދެއެވެ.

" އާނ އާނ..........ކިހިނެތްވީ " ހައިރާންވެފައި ޖޫލީ އަހާލިއެވެ.

" ދެން އެހާވަރަށް ހޮޑުލާއިރު ބޭބީއަކަށް ގެއްލުމެއް ނުވާނެތަ ؟" ނަވީނަށް ދޫހިމޭނުންލައިގެން ނުހުރެވުނެވެ. ރޭހަތަރުދަމު އޭނާ ހޭދަކުރީ ލައިބާގެ ބަނޑުގައިވާ އޭނާގެ ނުއުފަންނަ ދަރިފުޅަށް ވެދާނެ ގޮތަކާއިމެދު ވިސްނުމުގައެވެ.

" އާން.......އެކަމުގެ ގެއްލުމެއް ބޭބީއަކަށް ނުވާނެ........" ޖޫލީ އިންތަނުން ތެދުވަމުން ދިނީ ސަޖާގެ ފަރާތުން އޭނާއަށް އެނގިފައިވާ މައުލޫމާތެކެވެ.

" ކިހިނެތް އެނގެނި ........." އަދިވެސް ނަވީންގެ ހިތަށް ހަމަޖެހުމެއް ނުސަލިބެއެވެ.

" ސަޖާ ޑޮކްޓަރަށް ގޮސް އައީ އެހުރިހާ ސުވާލެއްގެ ޖަވާބު ހޯދާފަ ............ކިޔަން ވަރަށް ގިނަ ލީފްލެޓްތައްވެސް ދިން ........." ބޮލަށް އުނދަގުވެގެން ބުނާ ފަދައިން ޖޫލީ ބުނެލިއެވެ.

" ކިހިނެތް ވެގެންތަ މާ ސަޖާގެ ހާލާމެދު މާ ސުވާލު ގިނަވީ......." ސަމާސާ ރާގެއްގައި ޖޫލީ ބުނެލިއެވެ. ނަވީން ލޯގަނޑު ކުރިމަތީ ހުއްޓި ރީތިވާންފެށިއެވެ.

" ކަމެއް ނުވޭ.........ސަޖާ ބަލިވެ އުޅޭއިރުވެސް ތިގެއަށް ނުދެވޭތި ހަމަ އަހާލީ........." ކަންކަން ފޮރުވަން ދައްކާނެ މޮޅެތި ވާހަކަތައް ނަވީނަށްވެސް ވަނީ ދަސްވެފައެވެ. ޖޫލީގެ ހިތުގައި ޝައްކެއްވެސް ނުއުފެދޭނެ ޖަވާބެއް އޭނާ ތައްޔާރުކޮށްލީ ވަގުތުންނެވެ. ދުރާލާ ރާވައިގެނެއް ނޫނެވެ.

" ޖޫލީ ދަމުން ސަޖާއަށް ކޮންމެވެސް އެއްޗެއް ގަނެގެންދާތި..........." ނަވީން އެހެން ބުނުމުން ޖޫލީ ވަރަށް ހިތްހަމަޖެހުނެވެ. ކިތަންމެ ބުރަކޮށް އުޅުނަސް ނަވީން ޖޫލީގެ ޢާއިލާ އާމެދު ވިސްނާވަރު ހިތަށް އަރާ ހިތްހަމަޖެހުނެވެ.

*****

ހެނދުނު މާ މައިރަކާ އާޝާ ގޮސްއިނީ އޭނާގެ ކުލިނިކްގައެވެ. ބައްޕަޔާ ކުރިމަތިލާން ބޭނުންނުވާތީއެވެ. މޯބައިލް ފޯން ނިއްވާލައިގެން އިނީ ބައްޕަގެ ކޯލެއް އައިސްދާނެތީއެވެ. ބައްޕަޔާ ވާހަކަދައްކަން ބޭނުން ނުވާތީއެވެ. ދޮރުގައި ޖަހާލުމާއެކު އެތެރެއަށް ވަދެގެން އައީ އައްފާނާއި ނަވީންއެވެ. ކިތަންމެ މިލާފައި އިނދެގެންވެސް އެދެމީހުންނާއި ކުރިމަތިލީ ހިނިތުންވުމާއެކުއެވެ.
" ގުޑްމޯނިން..........." އައްފާން ހިނިއައިސްފައި ހުރެ އެތެރެއަށް ވަދެގެން އައީ ނަވީނަށް ވުރެން ކުރީގައި ހުރެގެންނެވެ.

" މޯނިންގ......މޯނިންގ......." ދެމީހުންނަށް އަވަސް ނަޒަރެއް ދެމުން ކުރިމަތީގައި ހުރި ސޯފާގައި އިށިއިނުމަށް ބުނެލިއެވެ.

" ނަވީން ވަރަށް ގުޅިންދޯ............" ނަވީނަށް ބަލާލަމުން އާޝާ ބުނެލިއެވެ.

" ހޫން ފޯނުނުގަތީއޭނުން މިތަނަށް މިއައީ ދޯ..........." ނަވީނަށް އެއްޗެއް ބުނުމުގެ ކުރިން ވާހަކަދެއްކީ އައްފާނެވެ. ނަވީން ޖަހާލީ ހިނގަނޑެކެވެ.

" ކަމަކުތަ ގުޅީ......." ސަކަރާތް ޖަހާކަހަލަ މޫޑެއް އާޝާގެ ނެތެވެ. އެއަށްވުރެން އޭނާގެ ބޮލުގެ ރިހުން ގަދައެވެ. ހިތުގައި ހައިޖާނު ބޮޑެވެ.

" އާން މީނަ ބަނޑުބޮޑުވެ ހޮޑުލެވޭތި ރޭ ނުވެސްނިދާ............" އައްފާން ސަމާސާކޮށްލިއެވެ. އައްފާން ކިތަންމެ މަޖާވެފައި އެހެން ބުންޏަސް އާޝާ ގާތަށް ކުޑަކޮންވެސް ހިންޏެއް ނާދެއެވެ.

" އެދޮގެއް ވައިފް ޕުރެގް......... މާވަރަކަށް ހޮޑުލަނީ އެކަމުން ބޭބީއަށް ގެއްލުމެއް ނުވާނެތަ....." ނަވީން ދައްކަން ފެށިވާހަކައިން ކިތަންމެ ގޯސްމޫޑެއްގައި އިން ނަމަވެސް އާޝާގެ ސަމާލުކަން ހުއްޓޭގޮތްވިއެވެ. ޖޫލީ ބަނޑުބޮޑީ ސާމްޕަލްތައް ފޮނުވައިގެންވެސް އޭނާ ޓެސްޓުތައް ހެދުވިއެވެ. ޖޫލީ ބަލިވެ އިނުމަކީ ނުވާނެކަމެކެވެ.

" ވަޓް......"

" އާރ...ޔޫ ....ސީރިޔަސް........." ދެލޯ ހަނިކޮށްލަމުން އާޝާ ބުނެލިއެވެ. އާޝާ ހީކުރީ ނަވީން އެދައްކަނީ ޖޫލީގެ ވާހަކަ ކަމަށެވެ.

" ޔާރ.........މައި ވައިފް ލައިބާ ސީއިޒް ޕުރެގްނެންޓް........." ހިނި އައިސްފައި ނަވީން އޮޅުން ފިލުވައިދިނެވެ. އާޝާ ނަވީނަށް އޭނާ ބޭނުން ހުރިހާ ކަމެއް އޮޅުން ފިލުވައިދެމުންދިޔައެވެ. ނަވީންގެ ބޮލަށްވެސް އާޝާ އާ ވާހަކަދެއްކުމުން ލުއި ލިބިގެން ދިޔައެވެ. އަދި ލައިބާ މާލެގެނައުން މިވަގުތު މުހިއްމު ކަމަކަށް ނަވީނަކަށްވެސް ނުފެނުނެވެ. އާޝާ އާ ވަކިވެގެން ގޮސް ދެމީހުން އެކަނި ވާހަކަ ދައްކާލުމަށް އެރީ ކޮފީއަކަށެވެ.

******

ސަރުމީލާ އަވަދިނެތި އުޅެނީ ކޭކެއް އަޅާށެވެ. ސަރުމީލާ ކޭކު އޯޑަރ ލިބުމުން އެކޭކު އޯޑަރ ބަލައިގަތީވެސް ސަޖާ ކައިރީ އަހާފައެވެ. ސަޖާ ބަލިކޮށް އުޅޭތީ ގިނަ ވަގުތު ސަރުމީލާގެ އެހީތެރިކަން ސަޖާއަށް ބޭނުންވާނެތީއެވެ.

ނަވީން ބުނިފަދައިން ޖޫލީ ގެއަށް އައީ ސަޖާއަށް ހަދިޔާއެއް ހިފައިގެންނެވެ. ރަންކުލައިގެ ކަރުދާހުން ބަންދުކޮށްފައިވާ ޕާރުސަލް ބޮޑުކަމުން ޖޫލީއަށް ހިފަންވެސް އުނދަގުލެވެ. ޖޫލީ ފެނުމުން ސަރުމީލާވެސް ހިތްހަމަޖެހުނެވެ.

" އައްދެ ދަރިފުޅާ ހާދަ ބޮޑު ޕާރުސަލެކޭ............" ޖޫލީއަށް ބަލާލާފައި ސަރުމީލާ ބުނެލިއެވެ.

" އާން މަންމާ..........މީ ކޮއްކޮއަށް ގެނައިތި ..........ކޮބާ ކޮއްކޮ......؟ " ސަޖާ ފެންނަން ނެތުމުން ޖޫލީ އަހާލިއެވެ.

" ކޮޓަރީގަ ވެއްޖެ........." ސަރުމީލާއަށް ޖަވާބު ދެވެންވާއިރަށް ޖޫލީ ސަޖާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ސަޖާ އުފާވާނެވަރު ހިތަށް އަރާފައި ޖޫލީގެ މޫނުމަތިން ހިނިތުންވުން ފިލާ ނުދެއެވެ. ކޮޓަރީގެ ދޮރު ހުޅުވާލަމުން ޖޫލީ ސަޖާއަށް ގޮވާލިއެވެ. އެވަގުތު ފެނުނު މަންޒަރުން އަތުގައި އޮތް ޕާރުސަލު އަތުން ދޫވީ ފެނުނު މަންޒަރުންނެވެ. ފަހަރެއްގައިވެސް އެފަދަ މަންޒަރެއް ފެނިދާނެކަމަށް ޖޫލީ ހިތަށްވެސް ނާރައެވެ. ޖޫލީ ސަޖާއޭ ކިޔާ ހަޅޭލަވައިގަނެވުނު އިރު އޭނާގެ ދެލޮލުން ކަރުނަ ހިލިއްޖެއެވެ.

~ ނުނިމޭ~

   1. Avatar

    ކޮންމެ ހަފްތާއެއްގަ ގެނެސްދެވޭތޯ މަސައްކަތް ކުރަން ބުނި ފަހުން 2 މަސް. އަދިވެސް އާ ބައެއް ކިޔާލަން ނުލިބޭ. މި ވާހަކަ އަކީ ވަރަށް ތަފާތު ހިތްގައިމު ކޮންސެޕްޓް އަކަށް ގެނެސްދޭ ވާހަކައެއް. ލިޔުންތެރިޔާގެ ވާހަކަ ލިޔުމުގެ ހުނަރު އެބަހުރި. އެކަމަކު އެންމެ މުހިއްމު ކަމަކީ “ސިލްސިލާ ވާހަކަ” އެއް ލިޔާއިރު ގަވާއިދުން ގެނެސް ދިނުން. ޢެއްވެސް އިތުބާރެއް ނެތް ލިޔުންތެރިއެއް

 1. Avatar

  ތިހާ ދިގުކޮށް ލިޔުނު އިރު އެންމެ ހަތަރު ސީން…. އެވެސް ބޭކާރު އެތައް ސިފަކުރުމަކާއި އެކު… މިހާވަރަށް ވާހަކަ ދިގުދަންމަންޏާ 2އަހަރުންވެސް މިވާހަކަ ނުނިމޭނެ…. ބޭކާރު ސިފަކުރުންތައް މަދުކޮށްލަބަލަ….

  2
  4

ޚިޔާލު ފޮނުއްވާ