Views: 9563 161

ލައިބާގެ ފޯނުކޯލަށްފަހު ނަވީން އަވަސް އަވަހަށް ފޯނުނަގާ ޑައެލްކޮށްލީ ކުއްލިއަކަށް މީހެއްގެ މަތިން ހަނދާންވެގެނެވެ. އެމީހަކީ ލައިބާއަށް ދިމާވެގެން އުޅޭ މައްސަލައަށް ހައްލު ހޯދައިދޭން އެފަދަ ދެވަނަ ދެވަނައެއް ނުވާފަދަ މީހެކެވެ. އެއީ ނަވީންގެ ސްކޫލް ދައުރުގެ ރަހްމަތްތެރިޔާއެވެ. ޑރ.އާޝާ އަފީފެވެ.

ސައިލެންޓުގައި އޮތް އާޝާގެ ފޯނު ރިންގުވާތީ އާޝާއަށް ފެނެއެވެ. އެހެނަސް އެފޯނު ނަގަން އާޝާއަށް ނުކެރުނީ އާޝާގެ ބައްޕަ އޭނާ ކުރިމަތީގައި އިނުމުންނެވެ. އަފީފު ބަހެއް ނުބުނެ އިނުމުން އާޝާ އިނީ އިންތިހާއަށް ކަންބޮޑުވެފައެވެ. އަފީފު ހީވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި އިންހެންނެވެ. އަފީފުގެ ނަޒަރު ހުއްޓިފައިވަނީ މޭޒުމަތީގައި އޮތް އަފީފުގެ ފޯނުގެ ސްކުރީނަށެވެ. ޝަހާދަތް އިނގިލި ފޯނުގެ ސްކުރީނުގައި ހާކަމުންދިޔައިރު ހީވަނީ ބަހެއް ނުބުނަން ހުވާކޮށްގެން އިންހެންނެވެ. އާޝާއަށް އިނީ އުނދަގޫވެފައެވެ. އޭނާ ދެއްކި ވާހަކަ ބައްޕަ އިވުން ކަމަށް ނުހެދީމައެވެ. ދެވަނަފަހަރަށް އެވާހަކަ ތަކުރާރުކުރަން ނުކެރުނީ ބައްޕައަށް އެވާހަކަ އިވޭނޭކަން ޔަގީންވާތީ އާވެސް އެކީއެވެ.

" ބައްޕާ.........." އެންމެ ފަހުން އާޝާގެ ކެތްތެރިކަން ކޮޅުންލީއެވެ. ކަންބޮޑުވެފައި އިނދެ ބައްޕައަށް ގޮވާލިއެވެ. އެހެނަސް އަފީފު އިންގޮތަށް އިނީއެވެ. ބަހެއް ނުބުނިތާ އިސްއުފުލާ އާޝާ އާ ދިމާއަށް ބަލައިވެސް ނުލިއެވެ.

" ބައްޕާ..........ދެން އެއްޗެއް ބުނެބަލަ........" އާޝާގެ އަޑުގައިވީ އާދޭހެވެ.

ފޯނުގެ ސްކުރީން ނިވާލާފައި އަފީފު އާޝާއަށް ބަލާލިއެވެ. ބައްޕަގެ ދެލޮލުން އާޝާއަށް ފެނުނީ ރުޅިވެރިކަމެވެ. ދެބުމަ ގޮށްޖަހާއިގެން ހުރެ އިށިއިނދެއިން ގޮނޑިން ތެދުވެގެން ގޮސް ހުއްޓުނީ ކުޑަދޮރު ކައިރީގައެވެ. އައިސްފައިވާ ރުޅި ފިނިވޭތޯ މިއޮށްހާއިރު އޭނާއިނީ ބަހެއް ނުބުނެއެވެ. ފަޓުލޫނު ކުރިމަތި ޖީބުތެރެއަށް ދެއަތް ކޮއްޕާލަމުން އަފީފު ދޫކޮށްލީ ފުންނޭވާއެކެވެ. އާޝާ ފެންކަޅިވެފައިވާ ދެލޮލުން ބައްޕަގެ ހަރަކާތްތަކަށް ބަލަންއިނެވެ. މާހިލާއި އާޝާގެ ގުޅުމަށް އަފީފު ނުރުހޭކަން އޭނާގެ ކޮންމެ ހަރަކާތަކުންވެސް ހެކިދެއެވެ.

" ކުރިންވެސް ތިގުޅުމަށް ބައްޕަ އޮންނާނީ ނޯ އޭ ބުނެފަ............" އަފީފަކީ ކޮންމެ ކަމެއްގައިވެސް އެބުނެފި ގޮތެއްގައި ހިފަހައްޓާ މީހެކެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނީވެސް އާޝާއަށެވެ.

" ދަރިފުޅު ހީކުރީތަ ސަތޭކަ އަހަރުވިޔަސް ބައްޕަގެ ނިންމުން ބަދަލުވާނޭ............." ބައްޕަގެ ކުރިމަތީ ގަދަ ދައްކާލައިގެންވެސް މާހިލާއި ކައިވެނިކުރަން އޭނާ ނުހަނު ބޭނުމެވެ. އާޝާއަށް އިންތަނުން ތެދުވެވުނީ ނިކަން ބާރުލައިފައެވެ. އިށިއިނދެއިން ގޮނޑިވެސް ކޮއްޕާލެވުނުލެއް ބާރުކަމުން ފަހަތަށް ވެއްޓިއްޖެއެވެ. އާޝާގެ ބޭނުމަކަށްވީ ބައްޕަގެ ސަމާލުކަން ހޯދުމެވެ. އެކަން އޭނާއަށް ކާމިޔާބުވެސްވިއެވެ. އާޝާއަށް ފުރަގަސްދީގެން ހުރި އަފީފަށް ސިއްސައިގެން ގޮސް ފަހަތަށް ބަލާލެވުނެވެ. އާޝާ ރުޅިއައިސްގެން ތުރުތުރުލާތަން ފެނުމުން އަފީފު އެނބުރިލާ އާޝާއާ ކުރިމަތިވާނޭހެން ހުއްޓުނެވެ.

" ހަމަޖެހޭ ހަމަޖެހޭ ރުޅިއަންނާކަށް އަދި ނުވެޔޭ........" އަތުގެ އިޝާރާތުން ހަމަޖެހިގެން އިށިއިންނަން އަފީފު ބުންޏެވެ. އެހެނަސް އާޝާ ރުޅި އައިސްހުރިވަރުން އޭނާ މޫނު އަނބުރާލައިގެން ހުރީ އަފީފުގެ މޫނަށް ބަލަން ބޭނުންނުވާތީއެވެ. އަފީފު ހުރީ އައިސްފައިވާ ރުޅި އެތެރެއަށް ހިންދާލައިގެންނެވެ. މީ އާޝާއާ ރުޅިއައިސްގެން ހަރުކަށިކޮން ވާހަކަދައްކަންވީ ވަގުތު ނޫންކަން އޭނާ ހުރީ ދަނެގެނެވެ. ބުއްދީގެ ބޭނުން އިސްކޮށްގެން އޭނާ ބޭނުންވާ ގޮތަށް ކަންކަން އަނބުރާލަން އޭނާ ހުރީ އަތުކުރިއޮޅާއިގެންނެވެ.

" ބައްޕަ ހިތަށް އަރަނީ މާހިލާ ގުޅެން އަނެއްކާވެސް އާޝާ ތިއުޅެނީ ކީއްވެގެންބާއޭ........." ޖީބަށް އަތްޖަހާލައިގެން ހުރެ އަފީފު ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސް ހުއްޓިފައި އާޝާގެ މޫނަށް ބަލާލިއެވެ. އަފީފު ބަލާލުމުން އާޝާ އަވަސްއަވަހަށް އިސްޖަހާލިއެވެ. އެމަންޒަރު ފެނިފައި އަފީފުގެ ތުންފަތްމަތިން ފެނުނީ ހިނިތުންވުމެވެ.

" ބައްޕަ ހީކުރީ އެޗެޕްޓަރ ނިމިއްޖެ ކަމަށް..............." އާޝާ ދެލޯމަރާލިއެވެ. ދަތްކުނޑި ވިދާލެވުނެވެ. ތެދުވެރި ލޯތްބަކީ އެހާއަވަހަށް ހަނދާން ނައްތާލެވޭ އެއްޗެކޭ އަފީފަށް ހީވީތީ އާޝާ އިތުރަށް ރުޅިގަދަވިއެވެ. ދުވާލަކު ލޯބިވެރިޔަކު ގެނައުމަކީ އާޝާއަށް ރީތިކަމެއް ނޫނެވެ. އޭނާ އުޅުންވެސް ގޮތެއް ނޫނެވެ. އާޝާ މާހިލް ދެކެވީ ތެދުވެރި ލޯތްބެވެ.

" އަހަރެން ބޭނުން މެރީ ކުރަން.............." ކުރެހިފައިވާ އަޑަކުން އާޝާގެ ފައިސަލާ އިއްވާލިއެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާއަށް ހެވެ. މިއަދު ބައްޕަޔާ ދެކޮޅަށް ނިކުމެގެންވެސް އޭނާއަށް އުޅެވޭނެ ތަނަވަސްކަންވެސް އެބަހުއްޓެވެ.

"މަރުހަބާ..........." އަފީފް އެހެން ބުނުމުން ހައިރާންވެފައި އާޝާއަށް ބައްޕަގެ މޫނަށް ބަލާލެވުނެވެ. އަފީފް އާޝާއަށް ހަދިޔާކުރީ ހިނިތުންވުމެކެވެ.

" ވެލްކަމް ހަމަ....... " އަފީފްގެ ކޮނޑު އުފުލާލަމުން ބުނެލިއެވެ. އެހިނިތުންވުމުގެ ފަހަތުގައިވަނީ ކީކޭކަން އާޝާގެ ވިސްނުމަކަށް ނައެވެ.

" ބައްޕަވެސް ބޭނުން އާޝާ ލައިފެއް ފަށަން............ދަރިފުޅަށް މީހަކު ނުވިއެއްނު............" އަފީފުގެ ކޮންމެ ލަފްޒެއްގައިވީ މަލާމާތެވެ. އެއީހަމަ ބައްޕަ ބާއޭ އޭނާގެ ހިތަށް އެރިއެވެ. އާޝާއަށް މީހަކު ނުވީކީ ނޫނެވެ. މާޙިލާ ގުޅެން އަފީފް ބޭނުން ނުވަނީއެވެ. އަފީފަށް މާހިލް މީހަކަށް ނުވީންވީ ސަބަބެއް އާޝާއަކަށް ނުވިސްނުނެވެ. މާހިލަކީ އަމިއްލަ އޮފީހެއްގައި މަސައްކަތްކުރާ ހިންގުންތެރިއެކެވެ. ރަނގަޅު މުސާރައެއް ލިބެއެވެ. ވިލިގިލީގައި މައިންބަފައިންގެ ގޯއްޗެއް ލިބިފައިވާތީ ބޯހިޔާވަހިކަން އެބަހުއްޓެވެ. އެވަރުން އާޝާއަށް ފުދެއެވެ. އެވަރުން ހިތްހަމަނުޖެހެނީ އަފީފެވެ. އަމިއްލަ ވިޔަފާރިތަކާއި އަގުބޮޑެތި ކާރުތައް ނެތީމައެވެ. ތަނަވަސްކަންނެތް މީހެއް އަފީފަށް މީހަކަށް ނުވެއެވެ.

" ބައްޕަ ދެން އާޝާއާ އެކަށޭނެ މީހަކު ހޯދާނީ............." އާޝާއަށް ހީވީ ރުވާފައި ދޫކޮށްލި ދުނިދަނޑިއެއް އައިސް އޭނާގެ ހިތަށް ހެރުނުހެންނެވެ. ކަރުނައިން ދެލޯ ބަރުވެގެން އައި މަދުސިކުންތުކޮޅެއްގެ ތެރޭގައެވެ.

" އާޝާ ގެންގުޅެވޭނެ ފެންވަރުގެ މީހަކާ އަހަރެން ބޭނުމީ އާޝާ ކައިވެނިކުރަން......." އަފީފު އެބުނާ ފެންވަރަކީ ފައިސާ އާ ތަނަވަސްކަން ހެއްޔެވެ؟ އަފީފަށް ހީވަނީ ފައިސާއިން ހުރިހާ އުފަލެއް އާޝާއަށް ހޯދަދެވިދާނެހެންނެވެ. ލޯބިނުވާ މީހަކާއެކު ކިތަންމެ ފައިސާއަކާ ތަނަވަސްކަމެއް ހުއްޓަސް އުފަލުގައެއް ނޫޅެވޭނެއެވެ.

" މާހިލް ނޫން މީހަކާ އަހަރެން............." އާޝާއަށް ރޮއެގަނެވުނެވެ. އަޑުބެދިގެން ބުނަން އުޅުނު ޖުމްލަ ފުރިހަމަވެސް ނުކުރެވުނެވެ.

" މާހިލާއޭ.........އޭނަ އަތުގަ ކޯޗެއް އޮތީ..........." އަޑަށް ބާރުލައިފާ އަފީފް ބުނެލިއެވެ.

" އެކައްޗެއްވެސް އޮތް މީހެއް ނޫނޭއެއީ......." އާޝާއަށް ބަލަން ހުރެ ބުނެލާ ކޮންމެ އެއްޗަކުން އާޝާގެ ހިތްކުދިކުދިކޮށްލާހާވެއެވެ. ރަހުމެއްގެ ޒަރެއްގެ މިންވަރުވެސް އަފީފުގެ ހަރުހިތުގައި ލައްވާފައިނެތެވެ. ތުންފަތުގައި ދަތްއަޅާލައިގެން ހުރެ އާޝާ ރޮމުންދިޔައެވެ.

މަޑުނޫކުލައިގެ ނިދާހެދުމުގައި ހުރި ހައިފާ ކޮޓަރިން ނިކުމެ ބޯދިތްކޮށްލީ ސިޓިންގ ރޫމަށެވެ. ކޮޓަރީގައި ނޯވެވިގެން އޭނާ ނިކުތީ ބޭރެގައި ދައްކާވާހަކަ އަޑުގަދަކަމުންނެވެ. އަފީފު ހައިފާ ފެނުމުން މޫނު އަނބުރާލިއެވެ. ރޮމުންދިޔަ އާޝާގެ ދެލޮލުން ހައިފާއަށް ފެނުނީ އާދޭހެވެ.

" ހާދަގޮތެއްނެތް މީހެކޭ އެމާހިލަކީ ........އާޝާ މާލެއެރީ ......އެވީ އާޝާ ފަހަތުން ދުވަން........އަދި ނޭނގެ ކައިވެނިކުރިފަހުން ތިންމަސްވީކަމެއް............." ހައިފާ ފެނުނަސް އަފީފުގެ އަޑުމަޑުވާ ގޮތެއް ނުވިއެވެ. އާޝާ ހައިފާގެ މޫނަށް ބަލާލާފައި ދެފަރާތަށް ބޯތަޅުވާލިއެވެ. ވާހަކަދައްކާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.

" އަހަރެން ބުނާ މީހަކާ އިންނަން ތައްޔާރުވޭ............." އަނދަމުންދިޔަ އަލިފާންގަނޑަށް ޕެޓްރޯލްއެޅާފައި އަފީފް ނިކުމެގެން ދިޔައީއެވެ. ފަސްއެނބުރި ބަލާވެސް ނުލައެވެ. ހައިފާގެ މޫނަށް ބަލާލާފައި އާޝާ ދުވަމުން ކަހަލަގޮތަކަށް ގޮސް ވަނީ އޭނާ ނިދާކޮޓަރިއަށެވެ. އެއްޗެއް ބުނަން ހައިފާގެ ދެތުންފަތްވެސް ހަރަކާތްކުރި ނަމަވެސް އަޑުބޭރެއްނުވިއެވެ. މިއަދު ހައިފާ އާޝާއަށް ގޮވާލާނީ ކޮންހައިސިއްޔަތަކުން ކަމެއް ޙުދު އޭނާއަކަށް ނޭނގުނެވެ.ހައިފާއަކީ އާޝާގެ ދޮންމަންމައެވެ. އެދެމީހުންގެ ދެމެދުގައި ލެވިފައިވަނީ ރުޅިވެރިކަމާއި ނަފްރަތުގެ ބޯފާރުތަކެވެ. ދެމީހުން އެއްފުރާޅެއްގެ ދަށުގައި ދިރިއުޅުނަސް އަނގައިން ބުނެ ވާހަކަދައްކައެއް ނުހަދައެވެ. އާޝާ ކޮޓަރި ތަޅުގައި ހިފާ ހައިފާ އަނބުރާލިއެވެ. އެހެނަސް އެތެރެއިން ތަޅުލައިފާ ހުރުމުން އެނބުރި އައިކޮޅަށް ދިޔައީ ކަރުއެލުވާލައިގެނެވެ. މިރޭ ހައިފާ އާޝާ އާ ވާހަކަ ދައްކަން ބޭނުންވީ ކީއްވެގެންކަމެއް ޙުދު އޭނާއަށްވެސް ނޭނގުނެވެ.

*****

ނިދަން އުޅިއުޅިވެސް ނަވީނަކަށް ނުނިދުނެވެ. ހަމަ އުނދަގުވަނީއެވެ. ލައިބާގެ ހާލާއިމެދު ވިސްނެނީ މާބޮޑަށެވެ. އާޝާއަށް ގުޅުންވަރެއްގެ އަދަދުވެސް ނޭނގެއެވެ. އެންމެ ފަހުން އެނދުން ތެދުވެގެން ކޮޓަރިން ބޭރަށް ނިކުތެވެ. ބޭނުންވީ ހޫނު ކޮފީއެއް ބޯލައިގެން ހިތްހަމަޖައްސާލާށެވެ. ސިޓިންގރޫމާއި ބަދިގެތެރޭގައި އަލިކަމެއް ނުވެއެވެ. ސިޑިމައްޗަށް އަލިވާނޭހެން ދިއްލާފައިވާ ބޮކިން ވަރަށް މަޑުއަލިކަމެއްނޫނީ ނުވެއެވެ. ސިޑީގެ ހަރުފަތްތައް ގިރާކުރަމުންދަނިކޮށް ނަވީންގެ ކަންފަތުގައިޖެހުނީ އަންހެންކުއްޖެއްގެ ހުނުމުގެ އަޑެވެ. ހުރިފިޔަވަޅުމަތީ ހުއްޓިލީ އެއަޑާއިމެދު ޔަގީންނުވެގެންނެވެ. އެވަގުތު އަނެއްކާވެސް އެކުއްޖާގެ ހުނުމުގެ އަޑުއިވުނެވެ. ނަވީންވިސްނާލިއެވެ. އެއީ ޒީނިޔާގެ އަޑެވެ. ސޯފާގައި އިނދެގެން މީހަކާ ފޯނުން ވާހަކަދައްކަނީކަމަށް ނިންމާފައި ކުރިއަށް ހިނގައިގަތެވެ.

" ޕުލީޒް ދޫކޮށްލަބަލަ...........ބޭބެ އައިސްދާނެ............" އަޑުއައި ދިމާއަށް ނަވީންގެ ދެލޯއަމާޒުކޮށްލިއެވެ. ކަނުއަނދިރިކަން ނޫނީ ނުވެއެވެ. އެއަނދިރިކަމަށް ހޭނެން އިރުކޮޅެއް ނެގިއެވެ. ދެމީހަކު ތިބިހެން ނަވީނަށް ހީވިއެވެ. ނަވީން ތިރިއަށްދާން ބޭނުންނުވެފައި ހުރީ އެތަނުގައި އެތިބި ދެމީހުން ޔަގީންކުރަން ބޭނުންވެފައެވެ.

ފާރުގައި ހަރުކޮށްފައިވާ ސްވިޗް ޖައްސާލުމާއެކު މުޅިތަން އަލިވެގެންދިޔައެވެ. ސޯފާގައި ތިބި ޒީނިޔާ އާއި އައްފާނަށްވެސް ތެޅިގަނެފައި ދުރަށް ޖެހިލެވުނެވެ. ނަވީންގެ ދެލޯ ބޮޑުވިއެވެ. ލޯކުރިމަތިން މިފެނުނު މަންޒަރު ގަބޫލުކުރަން އޭނާއަށް ދަތިވިއެވެ. އައްފާނާއި ޒީނިޔާ އާމެދު އޮންނަ ގުޅުމުގެ ބަދަހިކަން އޭނާއަށް އެނގިގެން ދިޔައެވެ. އައްފާންވެސް ކިތަންމެ ގާތްކޮން އުޅުނަސް އެފަދަކަމެއްގެ ސުރުހީވެސް އަޅާލާފައިނެތުމުން ނަވީން ރަނގަޅަށްވެސް އަޖައިބުވެ އަންތަރީސްވެއްޖެއެވެ.

ތެޅިތެޅި އޮތް ހިތަކާއިއެކު އިސްޖަހާލައިގެން އިން ޒީނިޔާ ލަދުން ހަތަރެސްފައި ރޫރޫ އަޅާއިގެން ދިޔައެވެ. ނަވީން ކުރިމަތީ އެންމެ މިނެއްޓަކު ކެތްކޮށްލަންވެސް އޭނާއަށް ނުކެރުނެވެ. ނަވީނަކީ ޒީނިޔާ ވަރަށް ގަދަރުކުރާމީހެކެވެ. މިފަދަ ގޮތަކަށް ނަވީންގެ ކުރިމަތީ އަގުވެއްޓުމުން ޒީނިޔާ ވަރަށް ލަދުގަނެ ދެރަވެސްވެއްޖެއެވެ. ދުވެފައި ކަހަލަގޮތަކަށް ޒީނިޔާ ގޮސްވަނީ ނިދާކޮޓަރިއަށެވެ.

ސިޑިން ފައިބައިގެން އައިއިރުވެސް ނަވީންގެ ދެލޯ އަމާޒުވެފައިވަނީ އައްފާނަށެވެ. އައްފާނު އިނީ ފާޑަކަށް ރަކިވެފައެވެ. ބުނާނެ ބަހެއް ދައްކާނެ ބަހަނާއެއް އޭނާގެ ހިތަކަށް ނައެވެ. ނަވީން އެމީހުން " ރެޑްހޭންޑެޑް" ކޮށް ހިފީއެވެ. ފަރުދާގެ ފުރަގަހުގައި ފޮޅުވަމުންދިޔަ ފޮޅުވުން ބޭޒާރުވީއެވެ. ދެން އައްފާނަށްވެސް ޖެހޭނީ ހަގީގަތާއި ކުރިމަތިލާށެވެ.

" ނޫނޭ ވަގުމީހެއްތީ............" އައްފާން ކުރިމަތީ ހުއްޓެމުން ނަވީން ބުނެލީ ޖެއްސުމުގެ ރާގަށެވެ. އިންގޮތަށް އިނދެ ވަށްކަޅިން ބަލާލާފައި އައްފާން އިނީއެވެ.

" ކިހާ ދުވަހެއްވެއްޖެ ތިގަނޑެއް ގަންނަތާ..........؟" ސޯފާގައި އިށިއިނދެ އައްފާނުގެ ކޮނޑުގައި ނަވީންގެ ކޮނޑުން ކޮއްޕާލަމުން ނަވީން ވާހަކަދެއްކިއެވެ.

"އޭނ...........ގަނޑެއް ނުގަންނަން.........." އައްފާން އިންކާރުކުރިއެވެ. އެފަދަ ގާތްކޮން ތިއްބާ ނިޒާރަށް ނުފެނުންކަން ނަސީބެކޭ ހިތަށްއެރިއެވެ. އެހެންނަމަ ދެމީހުންވެސް ގަންނާނެ ލަދު މާބޮޑުވީހެވެ.

" ތިކަމެއްނޭނގެ........އެންމެން ނިދީމަ ބޮކިތައް ނިވާލައިގެން ތީ ކޮންކަމެއް............." ނަވީން ދިމާކޮށްލިއެވެ. އައްފާންގެ ޖެހިލުންވެފައިވާ މޫނުފެނުމުން ނަވީން ގާތަށް ހިނިއައެވެ. އެތެރެއަށް ހިންދާލައިގެން އޭނާ އިނީއެވެ. އައްފާން ކުޑަކޮން ތަޅުވާލަން ބޭނުންވެފައި އިންވަރުންނެވެ.

" ތިކަމެއް ކުރާތާ ކިހާދުވަހެއް؟ " އައްފާނެކޭ ތަހްގީގަށް ޙާޒިރުކޮށްފައިއިން ކުށްވެރިއެއްފަދައެވެ. ނަވީންގެ ކޮންމެ ސުވާލަކަށް ޖަވާބުދޭން އޭނާއަށް ޖެހޭނެއެވެ. ނުދީ ސަލާމަތެއް ނުވާނެއެވެ.
" ވަރަށް ދުވަސްވެއްޖެ.........." މާބޮޑުވިސްނުމެއްނެތި އައްފާން ބުނެލިއެވެ.

" ނާހަމަ ތަދެއް........ ތިގަނޑެއް މިތަނުގައިތަ ގަންނަނީ........." މިފަހަރު ނަވީން ވާހަކަދެއްކީ ހިނިއައިސް އިނދެއެވެ.

" މިބުނީނުން ގަނޑެއް ނުގަންނަމޭ.........." ނަވީންގެ މޫނަށް ބަލާލާފައި އައްފާން ލޯއަޅާލަމުން ބުނެލިއެވެ. ނުކުރާކަމެއްގެ އިލްޒާމް އަޅުވާ ފަދައިން ވާހަކަދައްކާތީ އައްފާން ހިތްހަމަނުޖެހޭ ގޮތް ދައްކާލިއެވެ.

" އެކަމަކު ދެންމެ ބުނި ވަރަށް ދުވަސްވެއްޖޭ..............ނޭނގުނުދެން........" ހަމަ އައްފާން ވާހަކަދެއްކިފަދަ ރާގަކަށް ނަވީންވެސް ވާހަކަދެއްކިއެވެ.

" މިބުނީ އެހެނެއް ނޫނޭ............މަބުނީ ޒީ މަށަށް ކަމުގޮސްގެން އޭނަ އޯކޭ ނުވެގެން އުޅޭތާ ވަރަށް ދުވަސްވެއްޖޭ......." އެއްވެސް ކަމެއް ނުފޮރުވާ ހުރިހާ ކަމެއް ކިޔާދޭން އައްފާން ފެށިއެވެ. މިހާރުދެން ފޮރުވުމުގެ ބޭނުމެއް އޮތްކަމަކަށް އައްފާނަކަށް ނުފެނެއެވެ. ނިޒާރަށްވެސް ދެމީހުން ގުޅުމެއް އޮންނަކަން އެނގެއެވެ. ނޭނގެނީ ހަމައެކަނި އައްފާންގެ މަންމަޔާ ބައްޕައަށެވެ.

" އޯޙް ރިއަލީ.............."

"ތީ ވަރަށް ސީރިޔަސްކޮން ކުރާކަމެއްތަ.....؟ " މިފަހަރު ނަވީންގެ އަޑާއި މޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ. ޒީނިޔާ ކަހަލަ ރަށްފުށުގެ ނިކަމެތި އާޢިލާއެއްގެ ކުއްޖަކަށް އައްފާން ދެރައެއް ދިނުމަކީ އޭނާ ރުހޭނެކަމެއް ނޫނެވެ. ނަވީންގެ ގޭގައި އެތަށް އަހަރަކު އުޅުނު އިރު ޒީނިޔާ އަކީ މިހާރު އެއާއިލާގެ މެންބަރެއްގެ ގޮތުގައި ނިޒާރެކޭ އެއްގޮތަށް ނަވީންވެސް ދެކެއެވެ.
" ހޫމް.......ވަރަށް....." ހިނިތުންވެލިއިރު އައްފާންގެ މޫނުމަތިން ނަވީނަށް ފެނުނީ ސާބިތުކަމެވެ. އުއްމީދާއި އިތުބާރެވެ. ޒީނިޔާއަށް ލަނޑެއްދީ ދެރައެއްދީދާނެހެން އައްފާން ހިޔެއްނުވެއެވެ.

" ވަރަށް ހިތްހަމަޖެހިއްޖެ............އަހަރެން ފަރާތުން ވެވެން އޮތް އެހީއެއް ވާނަން......ބައްޕަމެނަށް އެނގޭތަ؟ " އައްފާންގެ ކޮނޑުގައި ޖަހާލަމުން ނަވީން ވާޙަކަދެއްކިއެވެ.
" އަހަރެންގެ ބައްޕައަކަށްވެސް މަންމައަކަށްވެސް އަދިއެއް ނޭނގޭނެ..........އެކަމަކު ބޮޑުބެއަށް އެނގޭނެ........" އައްފާން އިނީ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހިނިއައިސްފައެވެ.

" ކީކޭ ބުނީ.............." ނިޒާރުގެ ޙިޔާލުހުރިގޮތް ބަލަން ނަވީން ބޭނުންވީއެވެ.

" ބޮޑުބެ ވަރަށް އޯކޭ.........." އުފާވެރިކަން އައްފާންގެ ދެލޮލުންވެސް ހެކިދެއެވެ. ނަވީނަށްވެސް ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. އައްފާނަށް ލިބޭ އުފަލަކީ ނަވީނަށްވެސް ލިބޭ އުފަލެކެވެ.

****

ނިދަން އުޅިއުޅިވެސް ޒީނިޔާއަށް ނިދޭގޮތެއް ނުވިއެވެ. އިރުއިރުކޮޅާ އެއްފަރާތަށް ކުޑަދޮރުގައި ދަމާފައިވާ ފަރުދާ ކަހާލާފައި ސިޓިންގރޫމަށް ބަލާލައެވެ. އައްފާނާއި ނަވީން ވާހަކަދައްކަން ތިބިތަން ފެނިފައި ޒީނިޔާއަށް އުނދަގޫ އިހްސާސެއް ކުރެވުނެވެ. އެދައްކަނީ ކޮންވާހަކައެއްބާއޭ ޒީނިޔާގެ ހިތަށް އެރިއެވެ. އައްފާނާއި ޒީނިޔާގެ ގުޅުމަށް ނަވީން ބުނާނެ އެއްޗެއް ނޭގޭތީ އޭނާ ހަތަރެސްފައި ފިނިވަނީއެވެ. އަދި އެންމެ ކަންބޮޑުވަނީ ނަވީނަށް އައްފާނާއި ޒީނިޔާ އެހާ ގައިގޯޅިކޮން ތިއްބާފެނުމުންނެވެ. ދެން ނަވީނާ ކުރިމަތިލާކަށް އޭނާއަކަށް ނުކެރޭނެއެވެ. އެކަން ހިތަށް އެރުމުން ދެލޮލުން ކަރުނަ ނީރާލިއެވެ.

*****

" ކޮފީ ބޯނަންތަ.......؟ " ތިރިއަށް ފޭބި ބޭނުން ހަނދާންވެގެން ނަވީން އައްފާން ކައިރީވެސް ކޮފީ ބޯނަންތޯ އެހިއެވެ. ނަވީން އެކީ އައްފާންވެސް ބައިވެރިކުރަން ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ. ޖަވާބުދިނުމުގެ ބަދަލުގައި އައްފާންވެސް ތެދުވެގެން ނަވީންގެ ފަހަތުން ގޮސް ބަދިގެއަށް ވަނެވެ. އައްފާން އިށިއިނީ މޭޒުކައިރީގައެވެ. މޭޒުމަތީގައި އޮތް މެގަޒިންއެއް ނަގައިގެން އޭގެ ގަނޑުތައް އުކަންފެށިއެވެ. ނަވީން ހުއްޓުނީ ކޮފީ މެޝިންކައިރީގައެވެ.

" އޭ.....ވަރަށް އުފާވެރި ޙަބަރެއް އެބައޮތޭ............" އާވިއަރައަރާ ހުރި ދެކޮފީ މަގް މޭޒުމަތީ ބަހައްޓަމުން ނަވީން ބުނެލީ ކުއްލިއަކަށް ހަނދާންވެގެންނެވެ. އެހަބަރު އައްފާނާއި ހިއްސާކުރުން މުހިއްމު ކަމުގައި ނަވީން ދެކުނެވެ. ނަވީން އެހެންބުނުމުން އައްފާންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. ގޮނޑިއެއް ދަމާލާފައި ނަވީންވެސް މޭޒުދޮށުގައި އިށިއިނެވެ.

" ލައިބާ ބަނޑުބޮޑު............" އައްފާން ނޫން މީހަކު އެތަނުގައި ނެތްނަމަވެސް ނަވީން އެހެން ބުނެލީ ވަރަށް މަޑުންނެވެ. އެހާމެ ފުޅާ ހިނިތުންވުމަކާއެކުއެވެ. އައްފާންގެ މޫނުމަތިންވެސް އުފާވެރިކަން ފެނިގެން ދިޔައެވެ. ހީވީ އިތުރު މީހަކަށް އިވިދާނެތީ ނީއްވަން ބުނިހެންނެވެ.

" އަސްލުވެސްތަ.....؟ މަރުހަބާ މަރުހަބާ ......ވަރަށް އުފާވެއްޖެ....." ނަވީންގެ އަތުގައި ފިރުމާލަމުން އައްފާންގެ އުފާވެރިކަމުގެ ޝުޢޫރުތައް ބަންޑުން ކޮއްލިއެވެ.

" އަލްޙަމްދުﷲ ހާދަ ދިގު އިންތިޒާރެއްގެ ނިމުމެކޭތީ........." ކޮފީމަގު އައްފާނާއި ކައިރިކޮށްލަމުން އިތުރަށް ބުނެލިއެވެ. އެވަގުތު ނަވީންގެ މޫނުމަތީގައިވި ހިނިތުންވުން ފިލާ ދިޔަތަން އައްފާނަށް ފެނުނެވެ. އޭނާ ކަރުއެލުވާލި ގޮތުން ކޮންމެވެސްކަމެއް ގޯސްވެއްޖެހެން ހީވިއެވެ. އެހާ އުފާވެރި ޙަބަރަކަށްފަހު އެފަދަ ގޮތަކަށް ކަރުއެލުވާލުމުން އައްފާންގެ ހިތުގައި ސުވާލުއުފެދުނެވެ.
" ލައިބާ ބުނާގޮތެއް ނުހަދާ................." މާޔޫސީ ރާގަކަށް ނަވީން ބުނެލިއެވެ. ވީގޮތެއް އޮޅުން ފިލުވުމުގެ ބަދަލުގައި އައްފާނަށް ނަވީންގެ ކޮނޑުގައި މަޑުމަޑުން ޖަހާލެވުނީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. ނަވީން އައްފާނަށް ބަލާލިއެވެ. ކޮންކަމެއް ވީތޯ އަހާ ފަދައިން އައްފާން އެއްބުމަހިއްލާލިއެވެ.

" ލައިބާ އެއްޗެއް ކާލާ އިރަށް ހޮޑުލެވެނި.....އެވަރުންވެސް ލައިބާ ނުހަދާ އެބޮޑުކަމަކަށް......" ތުނިކޮށްފައިވާ ތުނބުޅީގައި އަތުގެ އިނގިލިތައް ޖައްސަމުން ނަވީން ކަންބޮޑުވެފައި ބުނެލިއެވެ.

" ބޭބީއަށް ގެއްލުމެއްވެސް ވެދާންނު............" އައްފާންގެ މޫނަށް ބަލާލާފައި ނަވީން ދޫކޮށްލީ ފުންނޭވާއެކެވެ. އެކަމާ ކަންބޮޑުވެފައިއިން ނަވީން އައްފާނާ ވާހަކަދައްކާލުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ދެމީހުންނަށްވެސް ފެނުނު އެންމެ ރަނގަޅު ގޮތަކަށްވީ މާދަމާ ޑރ. އާޝާ އާ ވާހަކަދެއްކުމެވެ. ވާހަކަދައްކަން އެތަށް އިރަކު ތިބުމަށްފަހު ނަވީންވެސް ކޮޓަރިއަށްވަނީ އައްފާން އެގެއިން ދިއުމުންނެވެ.

*****

އާދުވަހަކަށް އިރުއަރާއިގެން އައީ އެއްބައެއްގެ ހިތަށް އުފާވެރިކަން ގެންނަމުންނެވެ. އޭގެތެރެއިން އެކަކީ ލައިބާއެވެ. ކިތަންމެ ހޮޑެއްލެވުނަސް ކިތަންމެ ބޯއެނބުރިޔަސް ލައިބާ ހުރީ އުފަލުންނެވެ. ނަވީންގެ ހުވަފެން ހަގީގަތަކަށްވާނެ ނިޝާނެއް އޭނާގެ ބަނޑުގައިވީތީއެވެ. މިހާރު ލައިބާގެ ހިތްބުނަނީ ނަވީން އޭނާދެކެ މާބޮޑަށްވެސް ލޯބިވާނެއެވެ. ޖޫލީއަށްވުރެން އޭނާދެކެ ވާ ލޯބި ބޮޑުވާނެކަމަށް ލައިބާގެ ހިތްބުނަމުންދިޔައެވެ.

އޯކަށްދެމި ހޮޑުލެވުމުން ވެފައިވާ ވަރުބަލިކަމުގައި އައިސް އެނދުގައި އޮށުވެތެވެ. ހަމަ އޮށުވަތްތަނާހެން އައިސްވަނީ ފާތުންނެވެ.

" ހާދަ ވަރުބަލިކޮންނޭ ފެންނަނީ.............." ލައިބާގެ މޫނަށް ބަލާލާފައި ފާތުން އިށިއިނީ އެނދުގެ މިޔަދޮށުގައެވެ.

" އާނ......ހޮޑުލައިލާ ދެމިފައި.........." މޫނާއި ދެލޮލުން ވަރުދެރަކޮށް ފެނުނު ނަމަވެސް ލައިބާ އެކުވެރިޔާއަށް ބަދަލުކޮށްލީ ހިނިތުންވުމެކެވެ. އެހިނިތުންވުމުގައި ފޮރުވިފައިވީ ހިތްވަރުގަދަކަމާއި ކެތްތެރިކަމެވެ.

އެވަގުތު ބަޝީރާ އެތަނަށް އައިސްވަނީ އޮރެންޖްޖޫސްތައްޓެއް ހިފައިގެންނެވެ. ބަޝީރާ ފަތް ތެއްލަން ބަދިގޭގައި އުޅެނިކޮން ލައިބާ ހޮޑުލާއަޑުއިވިގެން އޭނާއެއައީ ކުރަން ހުރި މަސައްކަތް ބަހައްޓާފައެވެ. އަވަސްއަވަސްކޮށްގެން އޮރެންޖު ޖޫސްތައްޓެއް ތައްޔާރުކޮށްގެންނެވެ.

" އެއްކަލަ މަންމަ............." ބަޝީރާ އާ ދިމާއަށް ވަރަށް ފުންނަޒަރަކުން ބަލާލާފައި ލައިބާ ބުނެލިއެވެ. ބަޝީރާ ކޮންމެވެސް އެއްޗެއް ކާން ނޫނީ ބޯންގެންނާތީ ލައިބާއަށް އެކަންވެސްވަނީ ބޮޑުކަމަކަށެވެ. ކެޔަސް އެކާއެތިކޮޅު ގޮހޮރަކު ނުހުރެއެވެ. ބުޔަސް އެބޯއެއްޗެއް ލެވެނީ ހޮޑަށެވެ. ފެންތިކެއް ބުޔަސް ހޮޑުލާން އޯކަށްދެމިދެމި ލައިބާ ހުންނަނީ ވަރުބަލިވެފައެވެ.
" އަނެއްކާ އެގެނައީ ޖޫސްތައްޓެއް..............." މޫނުހަދާލަމުން ލައިބާ ބުނެލިއެވެ. ބަޝީރާ އެނދު ފައިލާންކޮޅުގައި ހުއްޓިލައިން ހުއްޓެވެ. އެހެނަސް ލައިބާ ތެދުވާކަށް ނޫޅެއެވެ.

ފާތުން ވަރަށް ފުންނަޒަރަކުން ބަޝީރާއަށް ބަލާލިއެވެ. ބަޝީރާ ލައިގެންހުރި ދިގުހެދުމުގެ އަތް އުޅަނބޮށްޓާއި ހަމައަށް ނަގާފައިވާއިރު އަޅާފައިވަނީ ކުޑަވަށްބުރުގައެކެވެ. ނިތްކުރިމަތިނާއި ނޭފަތުން ދާބޮކިތައް ވިދަވިދާ ހުރުމުން ހެކިދެނީ ކޮންމެވެސް ބުރަމަސައްކަތެއްގައި އުޅެފައި އައިކަމެވެ.

" ބަސިއްތަ ފަތްތެއްލާ ދުވަހަކީތަ؟ " ހިނިތުންވެ އިނދެ ފާތުން ބުނެލިއެވެ.

" އާނ ފަތްކޮޅު ތެއްލާލެވޭތޯ މިއުޅެނީ......................އެކަމަކު ދެން ހުއްޓާލަން މިވިސްނަނީ ލައިބާ ބަލިވީމަ ފަތްފިލުވަދޭނެ މީހަކު ނުހުންނާތީ .........އެކަނި ވާވަރު ކަމެއް ނޫން މީކީ......." ބަޝީރާ ހިނިގަނޑެއް ޖަހާލިއެވެ. ބަޝީރާއަށް ލައިބާއަށް ވުރެން އިތުރު އެހެންކަމެއް މުހިއްމެއް ނޫނެވެ.

" ދެންތެދުވޭ މިބޯލަން ......މިހާރު ހުންނާނީ ހާންތިވެފަ......" ބަޝީރާ އެހާ އާދޭހާ އެކު އެހެންބުނުމުން ލައިބާއަށްވެސް ނުތެދުވެ އޮންނާކަށް ނުކެރުނެވެ.

" ޕިސްޕިސް.....މިބުޔަސް ޖެހޭނީ ހޮޑުލާން......." ޖޫސްތަށީގައި ހިފަމުން ލައިބާ ކުސްތަޅާލިއެވެ.

" މަންމާ.....ރޭ ނަވީން ގުޅިއޭ..........." ލައިބާ ނިކަން އުފަލުން އިނދެ ބުނެލިއެވެ. ޖޫސްތަށިދީފައި ހިނގައިގަތް ބަޝީރާވެސް ލައިބާ އެހެން ބުނުމުން ހުއްޓުނެވެ. ނަވީންގެ ހާލު އަހަން އޭނާވެސް ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.

" އެނގޭތަ އަހަންނަށް ހޮޑުލެވޭތި ހުރީ ވަރަށް ކަންތައް ބޮޑުވެފަ......." އެއްފަހަރު ބަޝީރާއަށް އަނެއްފަހަރު ފާތުންނަށް ބަލާލަމުން ލައިބާ ބުނެލިއެވެ.

" ނަވީން ބުނީ މާލެ އަންނަން ތައްޔާރުވާށޭ......" ކިތަންމެ އުފާވެފައި ލައިބާ އެހެން ބުންޏަސް ބަޝީރާ ތުންފަތްމަތީގައިވި ހިނިތުންވުން ފަނޑުވިއެވެ. ބަޝީރާއަށް ހީވީ އޭނާ ހުރިހާ ހިއްސެއް ހިމޭންވެ ހިނގުން ހުއްޓުން ހެނެވެ. ހަމައެކަނި އިސްޖަހާލުން ނޫންކަމެއް އޭނާ ނުކުރިއެވެ. އެކަމާ ދެކޮޅު ހަދާކަށްވެސް އެއްކޮޅަކަށްވެސް ބަޝީރާ އެއްޗެއް ނުބުނުމުން ލައިބާއަށް އުނދަގޫވިއެވެ.

" މަންމާ....!" ލައިބާ ގޮވާލުމުން ބަޝީރާ އިސްއުފުލާލި އިރު އެދެލޮލުގައި ވިދަމުންދަނީ ކަރުނައެވެ.

" މަންމާ...އަހަންނާއެކު މާލެ ދާނަންދޯ.........." ފާތުންގެ މޫނަށް ބަލާލާފައި ބަޝީރާގެ މޫނަށް ލައިބާ ބަލާލަމުން އަހާލިއެވެ. ބަޝީރާ ދެފަރާތަށް ބޯހޫރާލީ ނޫނެކޭ ބުނާށެވެ.
" މަންމަ ނުދާނަން.....ނަވީން ކައިރީ ބުނޭ ދަރިފުޅު ބަލައި އަންނާށޭ......" ލައިބާ ބުނާނެ އެއްޗަކަށް ބެލުމެއްނެތި ބަޝީރާ އެތަނުން ނިކުމެގެން ދިޔައީއެވެ. ބަދިގެއަށް ވަންއިރު ބަޝީރާއަށް ވަނީ ރަނގަޅަށް ރޮވިފައެވެ. ލައިބާގެ އުފަލަށް ކޮންމެކަމެއްވެސް ކުރަން ބަޝީރާ ބޭނުމެވެ. އެހެނަސް މާލޭގެ އެފަސްގަނޑަށް އަރަން ބަޝީރާ ބޭނުމެއް ނޫނެވެ. ބަޝީރާއަށް ހީވަނީ މާލެގޮއްސިއްޔާ ނަސީރު ފެނިދާނެހެންނެވެ. ދެން ދުވަހެއްގައިވެސް ނަސީރު ފެންނާކަށް އޭނާ ނޭދެއެވެ. ނިވެމުންދިޔަ ދަރުއުނދުނުގައި ހިކި ފުޅަފިގަނޑެއްޖައްސާލިއެވެ. އިސާހިތަކު ހުޅުރޯވެ ބާރަށް އަނދަންފަށާފިއެވެ. ބަޝީރާގެ ހިތުގައި ނަސީރަށް އަނދަމުންދާ ނަފްރަތުގެ އަލިފާނެކޭ އެއްގޮތަށެވެ.

******

ޑޮކްޓަރަށްދަކަން މާލެ އައިސްފައި މަމްދޫހާ ބޭނުންވީ ސަޖާގެއަށް ވަދެލާށެވެ. ސަޖާ މާލެއައިސް ދެދުވަހަކު މަމްދޫހާއަށް ގުޅާލާލިއެވެ. އެއަށްފަހުން ހަބަރެއް ނުވެއެވެ. އެގެއިން މަމްދޫހާއަށް މަރުޙަބާކީ ސަރުމީލާއެވެ. އިތުރު މީހަކު ފެންނާކަށްނެތެވެ.

" ހާދަ ދުވަހަކަށް ފަހުއޭ މިދިމާވީ .....މިއަދުވާނީ މިގޭން ސައިބޮއެގެންދާން....." ސަރުމީލާ މަމްދޫހާ ފެނުމުން އުފާވެފައި ބުންޏެވެ. މަމްދޫހާ ވަންނަން ދޮރު ހުޅުވަދީފާ ސަރުމީލާ އެނބުރުނީ ކުރިންވެސް އޭނާ ކުރަން ހުރި މަސައްކަތަށެވެ. ސަޖާއަށް ސައިތައްޔާރުކުރާށެވެ.

" ކޮބާ އެހެން މީހުން....." ގޮނޑީގައި އިށިއިންނަމުން މަމްދޫހާ އަހާލީ ގޭތެރެ ފަޅުވެފައި އޮތުމުންނެވެ. ރީތި އަގުބޮޑެތި ފަރުނީޗަރުތަކަށް މަމްދޫހާގެ ކަޅިހުއްޓޭ ގޮތްވިއެވެ. އެނބުރި އެނބުރިފައިވެސް އޭނާއަށް އެ އެއްޗެއްސަށް ބެލެނީ ދަހިވެތި ނަޒަރަކުންނެވެ.

" ޖަލީލް ސައިބޮއެގެން ހަމަ އެދިޔައީ މަސައްކަތު.......ކުޑަކުޑަ ތަންކޮޅެއް ތި ލަސްވީ......" ކިރުތައްޓެއް ގިރަން ހުރެގެން ސަރުމީލާ އޮޅުން ފިލުވައިދިނެވެ.

" ސަޖާ ވެއްޖެ ކޮޓަރީގަ.....އަދި ސައެއް ނުބޮއެ.....ސަޖާއަށް އެއްޗެއް ބޮވޭވަރެއް ކެވޭވަރެއް ނޫނޭ.......... މާވަރަކަށް ވިއްޔާ ހޮޑުއެލަނީ........" ސަރުމީލާގެ މޫނުން އެންމެ ހިނދުކޮޅަކަށްވެސް ހިނިތުންވުން ފިލާ ނުދެއެވެ.

" ސަޖާ ބަލީތަ؟" ސުވާލުން ފުރިގެންވާ ގޮތަކަށް މަމްދޫހާ އަހާލިއެވެ. އެސުވާލުކުރުމުން ސަރުމީލާ ހިސާބަކަށް އަންތަރީސްވެސް ވިއެވެ.

" ސަޖާ ނުބުނޭތަ...........؟ މާހިލްވެސް ނުބުނޭ........" ސަޖާ ނޫނީ މާހިލްގެ ފަރާތުން ނޭގޭކަމެއް ސަރުމީލާވެސް ނުދެނަހުއްޓެވެ. އަދި ސަޖާ ބަނޑުބޮޑުކަން ސިއްރުކޮށްދާނެޔޭ ސަރުމީލާ ހިތެއް ނުވެސްބުނެއެވެ. މަމްދޫހާ ދެލޯ ހަނިކޮށްލާ ކޮނޑުއުފުލާލި ގޮތުން އެކަން ނޭގޭކަން ސަރުމީލާއަށް ޔަގީން ކުރެވުނެވެ.

" ސަޖާ ބަނޑުބޮޑޭ......." ހެވިދިލިފައި ސަރުމީލާ އެހެން ބުނުމުން މަމްދޫޙާއަށް ލިބުނީ ޝޮކެކެވެ. މަމްދޫހާއަށް އަނަގަމަތީ އަތް އަޅާލެވުނެވެ.

~ ނުނިމޭ ~

 1. Avatar

  މަރީ…ހާަދަރީއްޗޭ މިވާހަކަ. ދެންއަންނަބަޔެއްގަ ނަވީންގެ ވާހަކަތަންކޮޅެއް ދިގުކޮއްލަދީބަ…

  14
  2
 2. Avatar

  ތަންކޮޅެއް އަވަހަށް މީތި ގެންނަން ވެއްޖެ ނުން.. މަހަކު އެޕިސޯޑެއް މިހާރު ތި ލިޔެވެނީ..

  10
  1
 3. Avatar

  އަސްލުބުނަންތަ ވާހަކައެއް މިގޮތައް ރަައިޓާސް ވާހަކަ ލިޔުމުން ގެއްލުން ވާނީ ހަމައެކަނި ކިޔާހިތުން ތިބޭ ކިޔުން ތެރިން ނަކައްނޫން މިސައިޓް ހިންގަވާ ފަރާތައް ވެސް ވާގެއްލުމެއްމީ ހަމަ…. ރީޑާސް ގެ އިތުބާރު ގެއްލޭނެ..

  10

ޚިޔާލު ފޮނުއްވާ