Views: 9517 162

" އެހެންތަ......" ނަވީނަށް ހަމައެކަނި ބުނެވުނީ އެހެންނެވެ. ޖޫލީ އައިސް ނަވީންގެ މޭގެތެރޭގައި ބޮނޑިވެގަނެއްޖެއެވެ. އެއާއެކު ޖޫލީ އަޑުންއަޑުނަގާ ރޯންފަށާފިއެވެ.

ނަވީންގެ ދުލުން އިވުނީ ލައިބާ އުއްމީދުކުރި ޖަވާބެއްނޫނެވެ. ލައިބާ ހީކުރީ ނަވީން އުފަލުން ހިތުގައިވާ ހުރިހާ އިހްސާސެއް ބަންޑުން ކޮއްލާނެކަމަށެވެ. ނަވީން ފޯނު ކަނޑާލައި ނަވީން ދެއަތުގެ ހިމާޔަތް ދިނީ އެވަގުތު ޖޫލީއަށެވެ. ލައިބާ ކަންފަތުގައި ޖައްސާފައިވާ ފޯނު ކަންފަތާއި ދުރުކޮށްލިއިރު ދެލޮލުގެ ތިރިން ރޮނގަކަށް ކަރުނަ ފައިބަމުން ދިޔައެވެ. ދެލޯމަރާ ބާރުކޮށްލަމުން ތުންފަތުގައި ދަތްއަޅާލެވުނުއިރު ހިތުގައިވަނީ އިންތިހާ ޝަކުވާއެވެ. ހިތުގައިވި ޖަޒްބާތުތަކުގައި ހީވީ ހުޅުރޯވެދާނެހެންނެވެ. އަތުކޮޅަށް ފޯނު ހޫރާލެވުނީ ވީ ދެރައެއްގެ ބޮޑުކަމުންނެވެ.

ފޯނުގޮސްޖެހުނީ ކުރުނބާފެންތައްޓެއް ހިފައިގެން ކޮޓަރިއަށް ވަންނަން އައީ ބަޝީރާގެ ފައިބުޑަށެވެ. އެއްފަހަރު ލައިބާއަށް އަނެއްފަހަރު ބިންމަތީ އޮތް ފޯނަށް ބަލާލާފައި ބަޝީރާ ދެފަރާތަށް ބޯހޫރާލީ ހިތްހަމަނުޖެހި ހުރެއެވެ. އެއީ އެންމެ އާދައިގެ ފޯނަކަށް ވިޔަސް ބަޝީރާމެން ކަހަލަ ނިކަމެތި ބަޔަކަށް އެފޯނުގެ އަގަކީވެސް ބޮޑުއެއްޗެކެވެ.

" ލައިބާ........" ބަޝީރާއަށް ލައިބާއަށް ގޮވާލެވުނީ ތަންކޮޅެއް ބާރަށެވެ. ޒާތަކަށް ފިލިތަކަށް ދަމާލާފައެވެ. މޭޒުމަތީގައި ގެނައި ކުރުނބާފެންތަށި ބެހެއްޓުމަށްފަހު ބަޝީރާ އަވަސްވީ ދެބަޔަށް ވަކިވެފައި އޮތް ފޯނުގެ ބައިތައް ނެގުމަށެވެ.

" މީދެން ހިތްހަމަ ނުޖެހިގެން ކުރާ ކަހަލަ ކަންތައްތަ؟ އުމުރު ހުސްވަންދެން އުޅުނަސް އަހަރެމެންނަށް މިއެއްޗެހި ހޯދޭނެތަ........" ބަޝީރާ ކުދިކިޔާލިއެވެ. ލައިބާގެ ޅަކަމާއި މެދު އެއްޗެއް ނުބުނެ ބަޝީރާއަށްވެސް ނުހުރެވުނީއެވެ.

" ފޯނު ނުނެގޭ ފަހަރުވެސް އަންނާނެ........ލައިބާތީ ކުޑަކުއްޖެއް ނޫނެއްނު އެވަރު ނޭގޭކަށް......" ބަޝީރާ ހީކުރީ ލައިބާ ފޯނު އެއްލާލީ ނަވީން ފޯނުނުނަގާތީ ކަމަށެވެ. އިތުރަށް ލައިބާއާ ދިމާއަށް އެއްޗެހި ކިޔަން ބަޝީރާއަކަށް ނުކެރުނެވެ. ލައިބާގެ ގިސްލުމުގެ އަޑު ބަޝީރާގެ ހިތް ޒަހަމްކޮށްލަން ދަމާލި ތޫނު ތަކިތަކެއް ފަދައެވެ.

" މަންމައަށް ލައިބާ ރޯވަރު އެއްޗެއް ބުނެވިއްޖެތަ.؟ " ދެއަތުން އެނދުގައި އަޅާފައިވާ މިލަފޭލި ބޮނޑިކޮށްލައިގެން ލައިބާ އިނެވެ. އިސްޖަހާލައިގެން ގިސްލަ ގިސްލައެވެ. ލޮލުގެ ހިމަކޮޅުން ބަޝީރާއަށް ބަލާލައިފާ ލައިބާ ދެފަރާތަށް ބޯހޫރާލީ ބަޝީރާ ލޯއަޅާއިގެން އިންގޮތުންނެވެ.

" ފޯނު ހަލާކު ވީނުން......." ދެރަވެފައި ބަޝީރާ ލައިބާގެ އަތަށް ލައިދިނީ ފޯނުގެ ބައިތަކެވެ. ލައިބާ ރަނގަޅަށް ފޯނަށް ބަލާލިއެވެ. އާދައިގެ ނޮކިޔާ ފޯނެއްކަމުން ލައިބާ އެއްލައިލުމުން ފޯނުގެ ބެޓެރި އޮތީ ވަކިވެފައެވެ. ދެލޯ ފޮހެލާފައި އަވަސްއަވަހަށް ލައިބާ ބެލީ ފޯނު ހެދާލެވޭތޯއެވެ.

*****

ޖޫލީ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ނަވީންގެ ގަމީސް ތެއްމަމުން ދިޔައެވެ. ވީގޮތެއް އަހާއަހާ ޖޫލީއަށް ވާހަކަ ދެއްކޭވަރުވީ ވަރަށް އިރުންނެވެ ނަވީންގެ ލޯބިވެތި ފިރުމުންތަކުން ޖޫލީ ހަމައަކަށް އެޅެން ވަގުތު ނެގިއެވެ.

"....އަބަދު މިޝަކުވާ ކުރެވޭތީ ނަވީން ދެރަވެސް ވާނެ ކަންނޭގެ............" ޖޫލީއަށް ވާހަކަ ދައްކަން އުނދަގޫވެގެން ހުއްޓާލެވުނެވެ. އެހިސާބަށް ބުނުމުން ނަވީނަށްވެސް ޖޫލީ ދެރަވެގެން އެރޮނީ ކޮންކަމަކުކަން އެނގިއްޖެއެވެ.

" ފަހަރެއްގަ އަހަރެން ދެކެ ފޫހި........." ލައިބާގެ އަނގަމަތީ ނަވީންގެ ޝަހާދަތް އިނގިލި ޖައްސާލިއެވެ. އިތުރަށް ދައްކަން އުޅުނު ވާހަކަ މެދު ކަނޑާލުމުގެ ގޮތުންނެވެ.

" ސް..............ސް ދުވަހަކުވެސް ތިހެން ނުބުނައްޗޭ......ޖޫލީ ވާހަކައެއް ދައްކައިގެން އަހަރެން ފޫއްސެއް ނުވާނެ.......ރުޅިއެއްވެސް ނާންނާނެ.......އަހަރެން އެއަށްވުރެން މާބޮޑަށް ޖޫލީ ދެކެ ލޯބިވޭ........" ނަވީންގެ މޭމަތީގައި ބޯއަޅާލައިގެން އޮތް ޖޫލީ ބޯކުޑަކޮން އުފުލާލައި ނަވީންގެ މޫނަށް ބަލާލިއެވެ. ނަވީންގެ ދެލޮލުން ޖޫލީއަށް ފެނުނީ ލޯތްބެވެ. އުއްމިދާއި ޔަގީންކަމެވެ.

" އަހަރެން ދިރިއުޅުން ޖޫލީ އާ ނުލައި ފުރިހަމައެއް ނުވާނެ...........ތީ އަހަރެންގެ ހުރިހާވެސް މީހަކީ ........ތީ އަހަރެންގެ އުފަލަކީ ......." ނަވީން ޖޫލީގެ ބޮލުގައި ފިރުމާލަމުން ވާހަކަދެއްކިއެވެ. ޖޫލީ އޮތީ ނަވީން ދައްކާވާހަކަ އަޑުއަހާށެވެ. ހިމޭންކަން އިހްތިޔާރުކޮށްގެން އޮތް ނަމަވެސް ދެލޮލުން ފައިބަމުންދާ ކަރުނައަކަށް ބަދަލެއްނާދެއެވެ. އެހިތަށް ކޮށްފައިވާ ފުންއަސަރެއްގެ ބޮޑުކަމުން ހުއްޓާލެވޭތޯ ކުރިމަސައްކަތްވީ ބޭކާރެވެ.

" އިރާދަކުރެއްވިއްޔާ ޖޫލީގެ ތިއެދުން މާލަސްތަކެއް ނުވެ ފުރިހަމަކޮއްދޭނަން............." ނަވީން ޖޫލީގެ ދަތްދޮޅިކޮޅުގައި ހިފާލަމުން ބުނެލިއެވެ. ޖޫލީގެ މޫނުމަތިން އުފާވެރިކަން ނުފެނު ނަމަވެސް ހިތްހަމަޖެހުނެވެ. އޭނާގެ ދުލުން ހާމަނުކޮށްވެސް ނަވީނަށް ޖޫލީ ރުއީ ކޮންކަމަކާކަން އެނގުނީތީ ހިތަށް ފިނިކަމެއްލިބުނެވެ. އަދިވަކިން ބޮޑަށް ނަވީންގެ މޭގެތެރޭގައި ބޮނޑިވެގަތެވެ.

އެހެން ބުނެފައި ނަވީން ކުއްލިއަކަށް ހަނދާންވީ މީގެ ދާދި ކުޑަކުޑައިރުކޮޅެއް ކުރިން ލައިބާ އެދިން އުފާވެރި ޙަބަރެވެ. ނަވީންގެ ތުންފަތްމައްޗަށް ވެރިވި އުފާވެރި ހިނިތުންވުމާއެކު ދެލޮލުން އުފާވެރިކަމުގެ ކަރުނަ މީރާލި ވަގުތު ދެލޯމަރާލީ މާތްﷲއަށް ހިތާހިތުން ޝުކުރުކުރަމުންނެވެ.

*****

ސަޖާއަށް އެޕޮއިންޓްމެންޓު ލިބުނީ އިރުއޮއްސި ހަތެއް ޖަހާއިރަށެވެ. ކުލިނިކަށްދާން ފެންވަރައިގެން ނިކުމެ ލޯގަނޑު ކުރިމަތީގައި ފުނާއަޅަން ހުރިއިރުވެސް ސަޖާގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ. ލައިގެންހުރި ހެދުމުގެ މަތިން ބަނޑުގައި އަތްޖައްސާލިއިރު ތުންފަތުގައިވީ ލުއި ހިނިތުންވުމެވެ. އެހެނަސް އެހިނިތުންވުން ދެމިގެންދިޔައީ މަދު ސިކުންތުކޮޅަކަށެވެ. މާހިލްގެ ނަން ހިތަށް އެރުމާއެކު ސަޖާގެ ދެލޮލަށް ކަރުނަގިނަވީ އަމިއްލަ އިހްތިޔާރެއްގައި ނޫނެވެ. އަމިއްލަ ނަސީބާއިމެދު މާޔޫސްވުން ނޫން ގޮތެއް ސަޖާއަކަށް ނެތެވެ. ފިރިމީހާގެ ލޯތްބާއި އަޅާލުން އެންމެ ބޭނުންވީ ވަގުތު އެއެހީތެރިކަމުންވެސް އޭނާ އެވަނީ މަހްރޫމްވެފައެވެ. ދުވަހުގެ ބޮޑުބައި ސަޖާ ހޭދައެކުރަނީ މާހިލްގެ މަތިން ހަނދާންކޮށް ކަރުނަ އެޅުމުގައެވެ. މުޅިދުނިޔެއާއި މައިންބަފައިންނާއި ސިއްރުންނެވެ. މޫނުމަތިން ހިނިތުންވެފައިވާކަން ދައްކައިގެން އެތެރެއިން ރޯލަރޯލައެވެ.

ކޮޓަރީގެ ދޮރުހުޅުވާލައިފާ ސަރުމީލާ ކޮތަރިތެރެއަށް ބަލާލީ ސަޖާ ކޮބައިތޯއެވެ. ސަޖާ ރީތިވާން ހުއްޓާފެނުމުން ސަރުމީލާ ބުނެލިއެވެ.

" ދަރިފުޅު ތައްޔާރުވަނީދޯ.........މަންމަ މިދަނީ ފެންވަރަން.............." ގަޑިއަށް ބަލާލާފައި ސަރުމީލާ ހަދިޔާކުރީ ސަޖާއަށް ހިނިތުންވުމެކެވެ.

" މަންމާ.........." ލޯގަނޑުން ފެންނަން ހުރި ސަރުމީލާގެ ސޫރައަށް ބަލާލާފައި ސަޖާ އާދާއިގެ ވަރަކަށް ގޮވާލިއެވެ. އެއަޑުގައިވެސް މާބޮޑު ދިރުމެއްނެތެވެ. ސަރުމީލާ ދޮރުލައްޕާލަން އުޅެނިކޮން ސަޖާ ގޮވާލުމުން އޭނާ ހުއްޓުނެވެ.

" މަންމާ.........ކުލިނިކަށް ދަނީ މާ........މާހިލް އެކީ......." މަންމަ ދޭނެ ޖަވާބަކަށް ޖެހިލުންވެ ހުރެ ސަޖާ ބުނެލިއެވެ.

" މަންމައަށް އެންމެ ރަނގަޅު.........." ސަރުމީލާގެ މޫނުމަތިން ފެނުނީ ފުޅާ ހިނިތުންވުމެކެވެ.

" އަސްލު ދެކުދިން އެކީ ދިއުން ރަނގަޅުވާނީވެސް......" ސަރުމީލާ އިތުރަށް ބުނެލިއެވެ. ސަރުމީލާ އެނބުރި ދިއުމުން ސަޖާއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. ބޯއޮމާންކުރަން ގެންގުޅުނު ފުނާ ޑުރެސިންގ ޓޭބަލް މަތީ ބާއްވާފައި ލޯގަނޑު އަމިއްލަ މޫނަށް ބަލާލިއެވެ.

" ކީއްވެ އަހަންނަށް މަންމައަށް ދޮގުހެދުނީ............." ސަޖާއަށް ހިތާހިތުން ބުނެލެވުނެވެ. ސަޖާ ބޭނުންވީ އޭނާގެ މަންމައަށް މާހިލާއި ސަޖާގެ މެދުގައިވާ ގުޅުން ހަމަޖެހޭކަން ދައްކާށެވެ. މިހާރުވެސް މަންމައަށް އެވަނީ ޝައްކުވެފައެވެ. ގަޑިއަށް ބަލާލައިފާ ސަޖާ އަވަސްއަވަހަށް ކޮޓަރިން ނިކުތީ ޓެކްސީއަކަށް ގުޅުމަށްފަހުއެވެ. ކޮޓަރިން ނިކުތްއިރު މަންމަ ފެންނަން ނެތުމުން ސަޖާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. މާގިނައިރު ޓެކްސީއަށް އިންތިޒާރު ކުރާކަށްވެސް ނުޖެހުނެވެ. ދޮރުމައްޗަށް ނިކުތްއިރު ޓެކްސީވެސް އައިސް މަޑުކޮށްލަނީއެވެ. ސަޖާ އޭގެތެރެއަށް ދެމިގަތީ މަންމަޔަށް ނޫނީ ބައްޕައަށް ފެނިގެން އެކަނިދާތީ ސުވާލުކޮށްދާނެތީއެވެ.

ޑޮކްޓަރ އާޝާގެ ކޮޓަރިއާ ހަމައަށް ދެވުނުއިރު ސަޖާ ބިރުން ދާހިތްލައެވެ. އަލަށް މިކަހަލަ ކަމެއްގައި ޑޮކްޓަރަށް ދައްކަން އަންނަން ވުމުން ހިތްނުތަނަވަސްވަނީއެވެ. އަދި އަމުދުން މަންމައަށް ދޮގެއް ހަދާފައި އައުމުން އެކަމާވެސް އުނދަގޫވަނީ މާބޮޑަށެވެ.

މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލުމުން ފޯނެއްގައި އިން ޒުވާން ޑޮކްޓަރ ހިނިތުންވެފައި އެތެރެއަށް ވަންނަން ދައުވަތުދިނެވެ. އެހެނަސް ސަޖާ ހީވަނީ ހިނިތުންވާންވެސް ހަނދާންނެތިފައިވާހެންނެވެ. އެމޫނުމަތިން ފެންނަނީ ނުތަނަވަސްކަމާ ކަންބޮޑުވުމެވެ.

ޑޮކްޓަރ ކޮޓަރިއަށް ވަދެގެންދިޔައިރު ނަޒަރު އެއްލަމުންދިޔައީ އެކޮޓަރީގެ އެކިދިމަދިމާލަށެވެ. ހުދު ފާރުތަކުގެ އެތެރެއިން މުޅިންހެން ފެންނަނީ ހުދާއި ހުދާކުޅޭފަދަ މަޑުމަޑު އަޅިކުލައެކެވެ.ޑރ. އާޝާއަށް އެންމެރީތިކުލައިގެ އެއްޗެއްސެވެ. ހުދުލޭހުގެ ދޮރުފޮތިތަކާއި ހުދުގޮނޑިއެވެ. އަޅި މޭޒާއި އެކުލައިގެ ކަބަޑްތަކެވެ. މަޑުގޮދަނޑިޖެހި ގޮނޑިސެޓުވެސް ހުދުކުލައިންނެވެ. ސިލްވަރކުލައިގެ ވެލިފޮތީގެ ވިދުންހުރި ކުޝަންތަކެވެ. މޭޒުމަތީގައި ބަހައްޓާފައިވާ މާޓުކުރިއަށް ފުރިހަމަކަމެއް އަންނަނީ ތާޒާ ހުދުކުލައިގެ އޯކިޑްމާޖަހާފައިވުމުންނެވެ. ހުދާއި އަޅިކުލައިން ސަޖާއަށް ރަމްޒުކޮށްދިނީ ސާފުތާހިރުކަމެވެ.

އާޝާ އިޝާރާތްކުރި ގޮނޑީގައި އިނދެވެސް ސަޖާއިނީ ދެއަތް ދެއަތާ މޮޑެލަ މޮޑެލައެވެ. ޖެހިލުންވުމާއި ކަންބޮޑުވުން އޭނާގެ ކޮންމެ ހަރަކާތަކުންވެސް ހެކިދެއެވެ. އާޝާ ބެލީ ވީއެންމެ އަވަހަކަށް ފޯނު ބާއްވައި ކުރިމަތީގައި އިން ސަޖާއަށް ޙިދުމަތްދެވޭތޯއެވެ.

" ހަލޯ......ހާދަ ރީއްޗޭ...........ކޮންނަމެއް ކިޔަނީ..........." ކަންބޮޑުވެގެން ދެއަތްދެއަތާ މޮޑޭތަން ފެނި އާޝާ ވާހަކަދެއްކީ ވަރަށް ގާތްކޮންނެވެ.

" ސަ.....ސަޖާ ޖަލީލް......" އާޝާގެ މޫނަށް ބަލާލުމުން ސަޖާއަށް ދަންނަ ފާޑުޖެހިއެވެ.

" ސަޖާ ނަންވެސް ވަރަށް ރީތި......." ސަޖާ ހިނިތުންވެލީ ނުތަނަވަސްކަން ފޮރުވުމަށެވެ.

" އެކަނިތަ ތިއައީ............" އާޝާ ބޭނުމަކީ އާދައިގެ މަތިން އޭނާގެ ހުރިހާ ޕޭޝަންޓުންނާ ބަހައްޓާ ގާތްކަން ސަޖާއާވެސް ބެހެއްޓުމެވެ.

" ހޫމް.........." ހިތިބޭސްގުޅައެއްކާންވެސް އެހާ އުނދަގުނުވާނޭކަން ޔަގީނެވެ. ބޭރުގައި މީހުން އެމީހުންގެ ފިރިންނާއެކު އައިސްތިބިތަން ފެނުމުން ސަޖާ ދެރަވިއެވެ. އެމަންޒަރުބަލަން އޭނާއަށްވެސް ފަސޭހައެއްނޫނެވެ. އެކަމާ ހިތްކުދިކުދިވެފައިވާ ހުއްޓާ އެކަނިތޯ އައީ އެހުމުން ސަޖާއަށް ވަކިން އުނދަގޫވިއެވެ.

" ފުރަތަމަ ދަރިފުޅުދޯ..........." ސަޖާގެ ރިޕޯޓްތައް ބަލަން އިނދެފައި އާޝާގެ ނަޒަރު ހުއްޓުނީ ސަޖާގެ މޫނަށެވެ. އާޝާ ވާހަކަދައްކަމުން ދިޔައީ ހިނިތުންވެފައި އިނދެއެވެ. ސަޖާ މިފަހަރު ހަމައެކަނި ބޯޖަހާލީއެވެ.

"އެއްވެސް ކަހަލަ އުނދަގުލެއްވޭތަ......؟ " ސަޖާގެ މޫނުން ނަޒަރު ވަކިކޮށްނުލާ ޑޮކްޓަރ ސުވާލުކުރިއެވެ.

" ވަރަށް ބޯއަނބުރާ........" ނުކެރިފައި ބުނާފަދަ ގޮތަކަށް ސަޖާ ބުނެލިއެވެ.

" އެއްޗެއް ކާލާއިރަށް ހޮޑުލެވެނީ.........." ސަޖާ އެންމެކަންބޮޑުވާކަންތައް ބުނެލިއެވެ.

"ފަސްޓް ޓުރިމެސްޓަރގަ ތީ ހަމަ ނޯމަލް ކަމެއް........ބޯއަނބުރަންޏާ ގިނައިންވާނެ ދިޔާތަކެތި ބޭނުންކުރަން........ހޮޑުލެވޭއިރު ބޮޑަށް ހިކި އެއްޗެއް ކޭމަ ތަންކޮޅެއް ފަސޭހަވާނެ މިސާލަކަށް ލޮނުބިސްކޯދު ކަހަލަ .........." ޑޮކްޓަރ ވާހަކަދައްކަމުން ދިޔައިރު ސަޖާއިނީ ވަރަށް ކަނުލައި އަހާށެވެ. ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ލިބެމުންދިޔައިރު މޫނުމަތިން ހިތްހަމަޖެހުން ފެންނަންފެށިއެވެ. ސަޖާ ބަނޑުގައި އެވަނީ މާހިލްގެ ލޯބީގެ ނިޝާނެވެ. އޭނާ ހަށީގައި ފުރާނަހުރިޙާ ހިނދަކު އެދަރިފުޅު ގެންގުޅޭނީ އުފަލުގައެވެ. ބައްޕަގެ ލޯބިނުލިބުނަސް ސަޖާގެ ލޯބިލިބިގެންނެވެ. ސަޖާ އެންމެކަންބޮޑުވަމުން ދިޔައީ ހޮޑުލެވޭތީ ދަރިފުޅަށް ގެއްލުމެއް ލިބިދާނެތީއެވެ. އެހެނަސް އެސުވާލަށް ޖަވާބުލިބުމުން ސަޖާގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއްލިބުނެވެ.

*****

ޖޫލީ ނިދާނެ އިރަކަށް ބަލަބަލާއޮތް ނަވީން ހީވަނީ ވައްކަމެއް ކުރަން އުޅޭހެންނެވެ. ވަރަށް ސިއްރުން ކޮޓަރިން ނުކުމެގެން ޓެރެހަށް ނިކުތެވެ. އޭރު ވައިގަދަކަމުން ހީވަނީ ތޫފާނެއް އައިސްގެން އުޅޭހެންނެވެ. ވައިކަފާލާފައި ދާއިރު އިވޭ "ބޫން" އަޑުން ބިރުގަންނަހާވެއެވެ. ނަވީން ގޮސް އިށިއިނީ އުނދޯލީގައެވެ. ފޯނުނަގާ ލައިބާގެ ނަންބަރަށް ޑައެލްކޮށްލިއެވެ. އެއްފަހަރު ދެފަހަރު ގުޅިއިރުވެސް ޙަބަރެއް ނުވެއެވެ. މާޔޫސްވެފައި ނަވީނަށް އިނދެވުނީއެވެ. ނަވީނަށް ހީކުރެވުނީ ލައިބާ ހިތްހަމަނުޖެހިގެން ފޯނުނުނަގަނީ ކަމަށެވެ. ނަވީން ގަބޫލުކުރާ ގޮތުގައި ލައިބާ ރުޅިއައުން ހައްގެވެ. އެހާ އުފާވެރިކަން ގެނުވާފަދަ ހަބަރަކުންވެސް ނަވީންގެ ދުލުން ލައިބާ އުފާވާނެފަދަ ބަހެއްބުނަން ނޭނގުނީތީ އޭނާ ދެރަވިއެވެ.

ކޭނަމަ ކޭހުރިހާ އެއްޗެއް ލައިބާއަށް ލެވުނީ ހޮޑަށެވެ. ގިފިލިން އައިސް ލައިބާއަށް ފުރަތަމަވެސް ބަލާލެވުނީ ފޯނެއް އައިތޯއެވެ. ނަވީންގެ ދެކޯލް މިސްވެފައި އިނުމުން ނުގުޅާ ނުހުރެވުނެވެ. ނަވީންގެ މައްޗަށް ހިތްހަރުކުރާނެ ހިތްވަރެއް ލައިބާގެ ނެތެވެ. އެހިތުގައިވީ ނަވީނަށް މާސާފު ލޯތްބެކެވެ.

" ހަލޯ........" ނަވީންގެ އަޑިޖެހުމުންވެސް ލައިބާވެފައިވާ ވަރުބަލިކަން ހަނދާންނެތްފަދައެވެ.

" ހިތްހަމަނުޖެހިފަތަ؟ ސޮރީ ދޫނީ.........." ލައިބާގެ އަޑެއް ނީވުމުން ނަވީންގެ ދުލުން އެބަސްތައް ނިކުތީ އަމިއްލަ އިހްތިޔާރެއްގައި ނޫނެވެ. ލައިބާއަށް ދެލޯމަރާލެވުނެވެ. ހީވީ ނަވީންގެ ދެއަތުން އެހިތުގައި ފިރުމާލަދިންހެންނެވެ.

" އުހުން......" ލައިބާ އެހުރިގޮތަށްހުރެ ބުނެލިއެވެ. އިތުރަށް އެފަދަ ލޯބިބަސްތަކެއް އަޑުއަހަން ލައިބާވަނީ ކެތްމަދުވެފައެވެ.

" އެގަޑީގަ ވާހަކަ ނުދެއްކުނީ ..........ސޮރީ އިނގޭ........." އަނެއްކާވެސް ނަވީން ލައިބާގެ ކިބައިން މައާފަށްއެދުނެވެ. އެވަގުތު ޖޫލީ އެހާ ގާތުގައި ހުރިވާހަކަ ނަވީނަށް ބުނަން ނުކެރުނީއެވެ.

" އެހެންވެސް ވާނެދޯ..........." އޯކަށް ދެމި ހޮޑުލެވުނުވަރުން ލައިބާގެ އަޑުވެސްވަނީ ކުރެހިފައެވެ.

" ކިހިނެތްވެފަ ތިހިރީ........ބަލީތަ.....؟ " ލައިބާ ހުރީ އިންތިހާއަށް އޯގާތެރިކަމާއި އަޅާލުން ބޭނުންވެފައެވެ.

" އާން.....ހޮޑުލެވުނީ........." ދެރަވެފައި ލައިބާ ބުނެލިއެވެ.

" ކީއްވެ ؟ ނުއެއްކަންދޯ..........." މިފަހަރު ނަވީންގެ އަޑުގައިވީ ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެވެ. ނަވީނަށް ލައިބާ ކުށްވެރިކުރެވުނެވެ. ކުރިންވެސް ނަވީން މާލެއައުމުން ލައިބާ ނުކައި ބަލިވި ވާހަކަވަނީ ލައިބާގެ މަންމަ ބުނެފައެވެ. އެހެންވެ މިފަހަރުވެސް ނަވީން ހީކުރީ އެހެންނެވެ. ބަލިވެ އިނދެގެން މީހުން ހޮޑުލާކަމެއް އޭނާ ނުދެނަހުއްޓެވެ.

" އުހޫން ކަން...........ކޮންމެފަހަރަކު ކާއެތިކޮޅު ހޮޑަށްލެވެނީ ގޮހޮރުގަ ހަރުލާގޮތެއް ނުވޭ............." ލައިބާ ފޯނު ހިފައިގެން ނިކުތީ ބޭރަށެވެ. ލައިބާ ވާހަކަދައްކާ އަޑަށް ބަޝީރާއަށް ހޭލެވިދާނެތީއެވެ.

" ކީއްވެ އެހެންވަނީ.........ދެން ޑޮކްޓަރަކަށް ނުދައްކަންތަ؟............." ނަވީންގެ އަޑުގައިވީ ކަންބޮޑުވުމެވެ.

" ނޫން ދެއްކިން ޑޮކްޓަރ ބުނީ ބައެއް މީހުން ތިންމަސްވަންދެން ހޮޑުލެވޭނޯ އެކަމަކަށް އިތުރު ފަރުވާއެއް ނޯންނާނޯ......" ޑޮކްޓަރ ދެއްކިވާހަކަ ހަނދާން ކުރަމުން ލައިބާ ކިޔާދިނެވެ.
" ތިންމަސްވަންދެން ފަރުވާއެއް ނެތޭ ކިޔާފަ ހޮޑުލައިލާ ހުންނާނީތަ؟ ލައިބާވެސް ހާދަ ފަރުވާ ކުޑައޭ......ބޭބީއަށް ކިހާ ގެއްލުމެއްވާނެ..........." ލައިބާ ގާތަށް އައީ ލާނެތް ހިންޏެކެވެ.އެހިނިގަނޑު ހިފަހައްޓާލައިގެން ލައިބާ ހުރީ ނަވީން ދައްކާވާޙަކަ އަޑުއަހަން ވަރަށް ޝައުގުވެރިވެފައެވެ. ދަރިފުޅަށް ކަމެއްވެދާނެތީ ހާސްވާވަރު އެނގުމުން ލައިބާގެ ދެލޯފެންކަޅިވިއެވެ. ނަވީންގެ ހިތުގައި ދަރިފުޅަށް ލޯބިއޮތް މިންވަރު ލައިބާއަށް އިހްސާސްކުރެވުނެވެ.

" އެންމެ އަވަހަށް ފުރާއެއްޗަކުން މާލެ އަންނަންއުޅޭ...........ތިހެން ފަރުވާއެއްނެތޭ ކިޔާލަ ކިޔާލަ ހުންނާނެ ކަމެއްނެތް........" ކަންބޮޑުވެފައިވާވަރުން ނަވީން ވާހަކަ ދައްކަނީވެސް ވަރަށް ބާރަށެވެ.

" ސާބަސް........." ލައިބާއަށް ބުނަންވީ އެއްޗެއް ނޭނގުނެވެ. ނަވީނަށް ވިސްނައިދޭން ވާހަކަދައްކަންވީ ކޮންމޭރުމަކުންކަން ލައިބާގެ ވިސްނުމަކަށް އެއްގޮތަކަށްވެސް ނައެވެ. ހިންދާލައިގެން ހުރި ހިނިގަނޑު ކޮންޓުރޯލުން ނެއްޓީއެވެ. ނަވީން ލައިބާގެ ހުނުގެ އަޑުއަހަން ހުރީ ހިތްހަމަނުޖެހި ރުޅިއައިސްފައެވެ. ދަރިއަކު ލިބުމަށްއެދި އެކުރާ ދިގުއިންތިޒާރުގެ ނިމުން ހިތިވާކަށް އޭނާ ނޭދެއެވެ.

" ނޫޅެމޭ ހޭކަށް އަހަންނަކަށް މަޖަލެއްނޫންނޭ..........." ރުޅިއައިސްގެން ނަވީން ހީވަނީ ހުޅުހިފައިދާނެހެންނެވެ. މީހާ ތުރުތުރު އަޅައެވެ.

" އަހަރެންގެ ބޭބީއަށް ކަމެއްވެއްޖެއްޔާ ލައިބާއަށް މައާފެއް ނުކުރާނަން......އޭރަށް ލައިބާއަށް ޖެހޭނީ އަހަރެންގެ ދިރިއުޅުމުން އަލްވަދާއު ކިޔަން" ނަވީންގެ ދުލުން އެބަސްތައް ނިކުތީ އަމިއްލަ އިހްތިޔާރެއްގައި ނޫނެވެ. ރުޅިވެރި އެބަސްތަކުން ހީވީ ސުވިޗަކުން ކަރަންޓު ކަނޑާލިހެންނެވެ. ވަގުތުން ލައިބާ ހުނުމުގެ އަޑު މެދު ކެނޑުނެވެ. ނަވީންގެ އެޖުމްލައިގެ މާނަފުންކަން ހިތުގެ އެންމެ ފުނަށް ފޯރައްޖެއެވެ. ލައިބާ ދެތުންފަތް ހަރަކާތް ކޮއްލިނަމަވެސް އަޑުބޭރެއް ނުވިއެވެ. ހިތުގައި ޖެހުނީ މާބޮޑަށެވެ. ނަވީން އެއްޗެއް ނުބުނެހުރީ ބުނެވޭ އެއްޗެއްގެ ބަރުކަމުން ލައިބާ ދެރަކޮށްލަން ބޭނުން ނުވާތީއެވެ. މިހާރުވެސް އޭނާއަށް ލައިބާ ދެރަވެއްޖެކަން އިހްސާސް އެބަކުރެވެން ފެށީ ލައިބާގެ އަވަސްނޭވާތަކުގެ އަޑުންނެވެ.

" ސޮރީ ............" ލައިބާ ހިތުގައި ކޫރުމެއް އެޅިފައިވިޔަސް ނަވީން ބޭނުންވީ އެކޫރުންވެސް ފޮހެލާށެވެ.

" އެހާ ކެއާރ ލެސްނުވެބަލަ..........އަހަންނަށް ތިހުވަފެން ހަގީގަތަކަށް ހަދައިދެވޭނީ ހަމައެކަނި ލައިބާއަށް.......އަހަރެން ބޭނުމެއްނޫން ބޭބީއަށް ކުޑަނަމަވެސް ގެއްލުމެއް ވާކަށް..........." ދެލޯމަރާ ބާރުކޮށްލިއިރު ދެލޮލުގައި ގިނަވެފައިވާ ކަރުނަތައް ލައިބާގެ ކޯތާފަތް މައްޗަށް ފައިބައިގަނެއްޖެއެވެ.

" ތީ ހާދަ ދިގު އިންތިޒާރެކޭ.................ޖޫލީ އެކީ ފުރިހަމަނުވި ހަވަފެނެއްގަ ލައިބާ ތިކުލަޖައްސައިދިނީ ތޭންކިޔު ސޯމަޗް....." ނަވީންގެ ދުލާހަމައަށް އިތުރަށް ބުނާނެ ލަފްޒެއްވެސް ނައެވެ. އެދެލޯވެސް ކަރުނުން ތެންމާލިއެވެ. ނަވީންގެ އަޑަށް އަންނަމުން ދިޔަ ބަދަލުން ލައިބާއަށް ނަވީން ރޯކަން ޔަގީންކުރެވުނެވެ.

" މާދަމާ ދަތުރު ހަމަޖައްސާފަ ގުޅާނަން........ތައްޔާރު ވޭ މިކޮޅަށް އަންނަން..........." މިވަގުތު ނަވީން އެންމެ ބޭނުންވެފައިވަނީ ލައިބާއަށް ރަނގަޅު ސިއްހީ ޙިދުމަތެއް ފޯރުކޮށްދިނުމަށް މާލެ ގެނައުމަށެވެ. ލައިބާ ހޮޑުލެވޭ ވާހަކަ ބުނުމުން ނަވީން މާބޮޑަށް ކަންބޮޑުވެ ޖެހިލުންވީއެވެ. ނަވީން ފޯނުބޭއްވީ ލައިބާ މާލެގެންނަން އެއްބަސް ކުރުވާފައެވެ. ނަވީންގެ އެދުމަކަށް ލައިބާވެސް ދެކޮޅު ހަދާކަށް ނޫޅެއެވެ. އެއީ ކިތަންމެ އާދައިގެ ކަމަކަށް ވިޔަސް ލައިބާ ބޭނުންވީ ނަވީންގެ އެކަންބޮޑުވުން ފިލުވާލުމަށް މާލެގޮސް ޑޮކްޓަރަށް ދައްކާށެވެ.
ލައިބާއަށް އެންމެ އުނދަގޫ ކަމަކަށްވާނީ އޭނާގެ މަންމަ މާލެދާން އެއްބަސްކުރުމެވެ. ބަޝީރާ މާލެމަތިން ވަނީ އިންތިހާއަށް ފޫހިވެފައެވެ. މާލޭ މީހުންނަށް އޭނާ ނަފްރަތުކުރާއިރު ލައިބާ މާލޭ މީހަކާ ކައިވެނިކުރަން ގަބޫލުވީވެސް ހަމައެކަނި ލައިބާގެ އުފަލަށްވިސްނާފައެވެ.

ލައިބާގެ ފޯނުކޯލަށްފަހު ނަވީން އަވަސް އަވަހަށް ފޯނުނަގާ ޑައެލްކޮށްލީ ކުއްލިއަކަށް މީހެއްގެ މަތިން ހަނދާންވެގެނެވެ. އެމީހަކީ ލައިބާއަށް ދިމާވެގެން އުޅޭ މައްސަލައަށް ހައްލު ހޯދައިދޭން އެފަދަ ދެވަނަ ދެވަނައެއް ނުވާފަދަ މީހެކެވެ. އެއީ................

~ ނުނިމޭ ~

   1. Avatar

    Bt tegan bunefa up kuraney varah lahun ey keeve ta
    Varah reeti mi vaahaka bt maa lahey up kuraatee
    Igey inshaaney veygiyaa busy vaanekahn bt try kohba avaha up koh dhey
    Varah varh reeti mi vaahaka love it

 1. Avatar

  މިވާހަކަ ފޮތެއްގެ ގޮތަށް ކިޔާލަން ވަރަށް ބޭނުނުން
  ރޯމިޔޯ ފިލްމުވެސް ހަދަންވީ ހަމަ

  3
  4
 2. Avatar

  ވާހަކަ ރީއްޗޭބުނާމީހުންގެ ކޮމެންޓަށް ދޯ ރިޕްލައި ކުރެވެނީ؟ ވާހަކަ ކިޔޭނީ ކިހިނެތް އަޕް ކުރަނީ އަހަރުން ހިޔަރަކާތެއް އަންނަހެން ވިއްޔާ. ގަޓު ހުރިޔާ މި ކޮމެންޓްއަށް ނިކަން ރިޕްލައިކޮބަ. ވާހަކަ ލިޔަން އިނގޭ އެކަމް އަޕް އެއްނުކުރެވޭ ގަވާއިދަކުން. ބިޒީ މީހުންވެސް ފެނޭ އެކަމް މިއީ ލައްކަ ބިޒީ މީހެއް. ވިހި ކުދިންގެ މަންމަ ދޯ؟

 3. Avatar

  ގަރުނަކު އެއްފަހަރު ޕާޓް އެއް ގެނެސްދެނީ ކިޔާފައިން ބައި ހަނދާންނެތޭހާ ދުވަސްކޮށްފަ ހަފްތައަކު އެއްފަހަރުވެސް އަޕް ނުކުރެ

 4. Avatar

  ވާހަކަ ކިތަންމެހާވެސް ރީތި — ބުނާބަހުގެ އިތުބާރު ހިފެހެއްޓުމަށް ނުހަނު ލޯތްބާއެކު ލިޔުންތެރިޔާއަށް ނަސޭހަތްތެރިވަން!

ޚިޔާލު ފޮނުއްވާ