9240 136

” ނަވީން ކައިރީ ވާހަކައެއް ބުނަން ވެގެން އަޅެބުނެބަލަ ގުޅާލަބަލާށޭ……….ރޭވެސް ވަރަށް ގުޅިން……..” ނިޒާރު އެއަންހެން ކުއްޖާޔާ ބެހޭގޮތުން އޮޅުން ފިލުވަން ބޭނުންވިއެވެ. ނަވީނާއި މާގާތްކަމެއް އޮންނަ ކުއްޖެއްކަމަށް އޭނާޔަށް ޝައްކުވާތީއެވެ.

” ކާކު؟…….” ނިޒާރަށް ބުނެލެވުނީ ތަންކޮޅެއް ބާރަށެވެ.

” ސާބަސް………ހެހެހެ……….ލައިބާއޭނުންމީ………….” ލައިބާ ހޭންފެށީ އައްފާނަށް އޭނާ ނޭގުނީތިއެވެ. ލައިބާއަށްވެސް އައްފާން ނޫންކަން ނޭނގުނީ ފޯނުން މީގެކުރިން ވާހަކަދައްކާފައި ނެތީމައެވެ.

” ނަވީންގެ އަންހެނުންނޭނު މީ………….” ފަޙުރުވެރިވެލާފައި ލައިބާ ބުނެލިއެވެ. އެހެނަސް ލައިބާގެ އެޖުމްލަ ނިޒާރުގެ ކަންފަތާ ހަމައަށް ފޯރީ ހޮނުގުގުރިއެއްގެ ބާރުމިނުގައެވެ. ކޮޅަށް ހުރި މީހާއަށް އިށިއިނދެވުނީ އިވުނުއަޑާއިމެދު ޔަގީންނުވާހާލުއެވެ. ނިޒާރު އެއްޗެއް ބުނަން އުޅެނިކޮން ފޯނު ކެނޑުނު އަޑުއިވުނެވެ. ލައިބާ ގުޅައިގެން ހުރި ފޯނުގެ ބެލެންސް ހުސްވީއެވެ. ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ.
ހެވިފައި އިން ލައިބާއަށް ފޯނުގެ ސްކުރީނަށް ބަލާލެވުނީ ފޯނު ކެނޑުންކަން ޔަގީންވެގެނެވެ. ފާތުންވެސް އިނީ އައްފާންގެ ފަރާތުން ލިބޭ ޖަވާބެއް ބަލާލަން ކެތްމަދުވެފައެވެ.
” އަޅޭ…….ބެލެންސް އެ ހުސްވީ…….” ޗޮކެއް ކަނޑާލަމުން ލައިބާ ކަރުއެލުވާލިއެވެ.

” ދެން އައްފާން ބުނާނޭނުން ނަވީން ކައިރީ ލައިބާ ގުޅިވާހަކަ………” ފާތުންގެ މޫނުމަތިން އެއްވެސް ކަހަލަ ހާސްވުމެއް ކަންބޮޑުވުމެއްނެތެވެ.

” އައްފާން ބުންޏަސް ނަވީން ގުޅިއްޔަކާނުން…….ގައިމު އަހަރެން އެހާ ވަރަށް ގުޅާފަ ހުއްޓާ ނަވީނަށް ފެންނާނުން…….” ލައިބާ ތުންކޮޅުދަމާލިއެވެ.

” ދެން ހުރެބަލަ މާބޮޑަށް ކަންކަމާ ވިސްނާ އެއްޗެއްނޫނޭ…………..އަދި ހާއްސަކޮން މާބަނޑުއަންހެނުން…….” ފާތުން ބޭނުންވީ ލައިބާ ހަމައަކަށް އަޅުވާށެވެ.

” ހިހިހި……..ދެން ކޮންމެ އެއްޗެއް ބުނެފަ މި ފާތުންގަނޑު މަށަށް ހަނދާންކޮށްދޭނެ މަ ޕުރެގްކަން…..” ލައިބާ ގާތަށް ހިނިއައެވެ. އެކުވެރިޔާގެ އޯގާތެރިކަމާއި މަޖާ މިޒާޖުން ލައިބާއަށް އެތަށް އެތަށް ގޮތަކުން ހިތްހަމަޖެހުމާއި އުފާވެރިކަން ގެނުވައެވެ.

*****

ގުދަނުން ފޮށިތައް ނެރެ ނިންމާލެވުނު އިރު އައްފާން ލައިގެން ހުރި ގަމީސްވަނީ ތެމިގެން ގައިގަ ތަތްލަވާފައެވެ. ބޮޑުބެ ހަވާލުކުރި މަސައްކަތަކަށް ވުމުން މަސައްކަތް ނިމުމުން އައްފާން ގޮސް ހުއްޓުނީ ކައުންޓަރ ކައިރީގައެވެ. އައްފާން ފެނުމުން ނިޒާރު ގޮނޑިން ތެދުވެތެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ނިޒާރުގެ މޫނުމަތިން ފެނުނު އުފާވެރިކަމެއް މިހާރަކު ނެތެވެ. ދެބުމަ ކައިރިކޮށްލާފައިވާއިރު މީހާގެ މޫނުމަތިން ފެންނަނީ ހިތްހަމަނުޖެހުމާއި ނުތަނަވަސްކަމެވެ.

” އައްފާން އާދެބަލަ……….” ކައުންޓަރުގައި އިން އަންހެންކުއްޖާ ކައިރީ އެބައަންނަން ކަމަށް ބުނެ ނިޒާރު ހިނގައިގަތީ ލިފްޓާ ދިމާލަށެވެ. އައްފާން ހުރި ފިޔަވަޅުމަތީ ހުރީ ވެފައިވާ ވަރުބަލިކަމުގައި ހިނގައިގަންނާނެ ހަކަތަވެސް ހަށިގަނޑުގައި ނެތީމައެވެ. ބަރުމަސައްކަތް ނުކުރާތީ އައްފާނަށް އެފޮށިތައް ނެރެވުނުއިރު މީހާވަނީ ލޮޑުވެފައެވެ.

” އައްފާން………. އައްފާން…….އާސްބަލަ…..” މިފަހަރު ނިޒާރުގެ އަޑުތަންކޮޅެއް ބާރެވެ. އައްފާނަށް ނީވުނީމައި ކަމަށްވެސް ވެދާނެއެވެ. ނިޒާރުގެ ފަހަތުން ގޮސް ލިފްޓަށް އެރިއިރު އެމޫނުމަތިން ފެންނަނީ ސީރިޔަސްކަމެވެ. އައްފާނަށް ހީކުރެވުނީ އޭނާއަށް ބޮޑުބެ ހިތްހަމަ ނުޖެހޭކަމެއް ކުރެވުނީ ކަމަށެވެ. އައްފާން ވީ ގޮތް އޮޅުން ފިލުވާލަން ބޭނުންވެފައި ހުރި ނަމަވެސް އިހްތިޔާރުކުރީ ހިމޭންކަމެވެ.

ނިޒާރުގެ މަންޒިލަކަށްވީ ފިހާރައިގެ އެންމެ މަތީގައިވާ ޓެރަސްއަށެވެ. ލިފްޓުން ފޭބިގޮތަށް ނިޒާރު ގޮސް އަތްއަޅުވާލީ ރެއިލުންގގައެވެ. އުސްއިމާރާތްތަކަށް ނަޒަރު ހިންގާލައިގެން އޭނާހުރީ ވާހަކަ ފަށަންވީ ހިސާބެއް ނޭނގިގެންނެވެ.

” ކީއްކުރަން މިތަނަށް އަންނަން ބުނީ…………ކިހިނެތްވީ ބޮޑުބޭ…….” ނިޒާރުގެ ހިމޭންކަން އައްފާނަށް ވޭނަކަށްވިއެވެ.

” އެއްޗެއް އޮޅުން ފިލުވަންވެގެން…………..؟ ” އެހުރި ގޮތަށްހުރެ ނިޒާރު ބުނެލިއެވެ.

” ކޮންކަމެއް ؟ ” ދެލޯހަނިކޮށްލަމުން އައްފާން އަހާލީ ސިކުނޑިއަށް ބާރުލަމުންނެވެ. އޭނާގެ ކިބައިގައި ކަންބޮޑުވުމެއް ހާސްވުމެއްނެތެވެ. އޮޅުން ފިލުވަން އުޅެނީ ކީކޭކަން އެނގޭނަމަ އޭނާ ދެފައިކޮޅުން ވަރުދޫވީސްކަން ގައިމެވެ.

” ބޮޑުބެއަށް ދޮގުނުހަދާތި……….” ނިޒާރު ލައިގެން ހުރި ނަންބަރފޯ ފަޓްލޫނުގެ ޖީބަށް އަތްޖަހާލީ މީހާގެ ނުތަނަވަސްކަން ފޮރުވުމަށެވެ.

” ލައިބާ އެއީ ކާކު ؟ ” އައްފާނަށް ބޭރަށް ދޫކޮށްލަން އުޅުނު ނޭވާވެސް ހީވީ އެތެރެހަށީ ތާށިވިހެންނެވެ. ބޮޑުބެއަށް ލައިބާ އެނގުނު ގޮތަކާއި މެދު އައްފާން އަންތަރީސްވިއެވެ.

ދޭނެ ޖަވާބެއް ނޭގިފައި ހުއްޓާ ނިޒާރު އެނބުރިލިއެވެ. ނިޒާރު އައްފާނާއި ދިމާލަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއި އެކު އޭނާގެ ހިތްހީވީ މޭފަޅާފައި ނިކުމެދާނެހެންނެވެ. ނިޒާރު އައިސް ހުއްޓުނީ އައްފާންގެ ކުރިމަތީގައެވެ. އޭރުވެސް ނިޒާރުގެ ދެލޯ އަމާޒުވެފައިވަނީ އައްފާނަށެވެ. ގަންފައިވާ ބިރެއްގެ ބޮޑުކަމުން އޭނާއަށް އާދަޔާ ހިލާފަށް ހޫނުކަމެއްވެސް އިހްސާސްކުރެވެން ފަށާއިފިއެވެ. ނިޒާރު އައްފާންގެ އަތުގައި ހިފުމުން އޭނާއަށް ސިހިފައި އަތަށް ބަލާލެވުނެވެ. އަތުތެރެއަށް ނިޒާރު ލައިދިނީ އައްފާންގެ މޯބައިލްފޯނެވެ. އެއާއެކު އައްފާންގެ ބޮލަށްބަރުވެގެން ދިޔައެވެ. އެފޯނަށް ލައިބާ ގުޅީބާއެވެ. ޔާގީނެވެ. ބޮޑުބެ އެއުޅެނީ ލައިބާގެ ފޯނުކޯލެއް ނަގައިގެން ކަމަށް އައްފާންގެ ސިކުނޑިން ފެހި ސިގްނަލެއް ފޮނުވާލިފަދައެވެ.

” ލައިބާ އެއީ ކާކުހޭ………؟ ” ނިޒާރު އެސުވާލު ތަކުރާރުކޮށްލި އިރު އޭނާގެ ދެލޯ އަމާޒުވެފައިވަނީ ސީދާ އައްފާންގެ މޫނަށެވެ.

” ނުބުނަންތަ ތިހިރީ…………..” ނިޒާރުގެ އަޑުގައި ހަރުކަށިކަމެއް ނެތަސް އެއަޑުގައިވީ އިންތިހާ ހިތްހަމަނުޖެހުމެވެ. އައްފާން ކަރުއެލުވާލީ ހުރިހާކަމެއް ބޭޒާރުވެއްޖެކަން ކަށަވަރުވުމުންނެވެ. އެހާ ސިއްރުން ނަވީނާއި އައްފާން ރޭވިރޭވުމެއް ފަޅާއެރިކަން ޔަގީންވުމުން އައްފާން ހުރީ ބޮޑުބެ ކުރިމަތީ އިސްއުފުލާލަންވެސް ނުކެރިފައެވެ.

” ރަނގަޅަށް ބުނެބަލަ ލައިބާ އެބުނީ ތެދެއްތަ؟ ” އައްފާންގެ ކޮނޑުގައި ޖަހާލަމުން ނިޒާރު އަހާލީ ވަރަށް މައިތިރިކޮންނެވެ.

” ކީ…….ކީކޭތަ ބުނީ……….” ޖެހިލުންވެފައި ހުރިވަރުން އައްފާނަށް ވާހަކަދައްކަންވެސް އުނދަގުވިއެވެ.

” ބުނީ މީ ނަވީންގެ އަންހެނުންނޭ…………” އައްފާނަށް ދެލޯމަރާލެވުނެވެ. ހުރިހާ ކަމެއް ފަނުފުލުން ދިޔައީއެވެ. ލައިބާ އެންމެދެރަވެގެން ނަވީންގެ އަންހެނުން ކަމަށްވެސް ބުނީތާއެވެ.

” އެބުނީ ތެދު ވާޙަކައެއްތަ؟ ” ގަބޫލުނުކުރެވިގެން ނިޒާރު އަހާފަދަޔަކުން ބުނެލިއެވެ.

” ހޫ…………މް…..” ކޮންމެ ގޮތެއް ވިޔަސް ބޮޑުބެއަށް ދޮގު ހަދާ އޮޅުވާލާކަށް އައްފާން ބޭނުމެއް ނުވިއެވެ. ނިޒާރު އިސްޖަހާލިތަން ފެނިފައި އައްފާން ހިތުގައި ޖެހުނެވެ. ހުރިހަމައެކަނި ދަރި އެވަރުގެ ކަމެއް ސިއްރުކުރީތީ ނިޒާރު ދެރަވިއެވެ.

” އެންމެ ދެރަވެގެން ކައިވެންޏެއް ކުރިއިރު އަހަރެން ކައިރީ ބުނެލަންކީއް…..” ހިތުގައި ޖެހިފައިވާލެއް ބޮޑުކަމުން ނިޒާރުގެ ދެލޯ ފެންކަޅިވިއެވެ.

” މަމީ ނަވީންގެ ބައްޕަ ވިއްޔާ…….މަނޫން އިތުރު މީހަކު ނަވީންގެ ހުރީކީ ނޫން ވިއްޔާ………ނުބުނީމަ ވަރަށް ދެރަވެއްޖެ ހިތުގަ ޖެހިއްޖެ” ނިޒާރު ޝަކުވާކުރިއެވެ. ނަވީނަކީ ފިރިހެންކުއްޖަކަށްވެފައި އޭނާޔާ އެކަންކަން ހިއްސާނުކުރެވެންވީ ސަބަބެއް އޭނާއަކަށް ނޭނގެއެވެ.

“ޖޫލީއަށް ކުދިންނުލިބޭތީ ކައިވެންޏެއް ކުރުމަކީ ގޯސް ނިންމުމެއްނޫން………….އެކަމަކު ދެއަނބިންނަށް ތަފާތުކުރެވިގެން ނުވާނެ……..ދެމީހުންނަށް ހަމަހަމަކުރެވެންވާނެ……..” ނިޒާރުގެ ވާހަކަ އަޑުއަހަން ހުރެފައި އައްފާން އެކަމާ އެއްބަސްވުމުގެ ހަމައެކަނި ބޯޖަހާލީއެވެ. ހީވަނީ ނިޒާރު ކުރިމައްޗަށް ހާޒިރުކޮށްފައިވާ ކުށްވެރިއެއްހެންނެވެ. އަނގައިން ބުނެލަން އަނގަހުޅުވާލަންވެސް ނުކެރިފައި އައްފާން ހުރި ފިޔަވަޅުމަތީ ހުރީއެވެ.

” އަހަރެން ބޭނުން ނަވީންގެ އަންހެނުންނާ ބައްދަލުކުރަން……………” ނިޒާރު އައްފާންގެ ދެކޮނޑުގައި ހިފާ އާދޭހާއެކު ބުނެލިއެވެ. ނަވީންގެ ބައްޕަގެ ފަރާތުން ޖޫލީއަށް ލިބޭ ކޮންމެ އެއްޗެއް ލައިބާއަށްވެސް ދޭން ނިޒާރު ހުރީ ތައްޔާރަށެވެ.

” ކޮންއިރަކުން ދާނީ ބައްދަލުކުރަން…………….” ބަސްހުއްޓިފައިވާ އައްފާންގެ މޫނަށް ބަލަންހުރެ ނިޒާރު އެހިއެވެ.

” ލައިބާ އުޅެނީކީ މާލެއަކު ނޫން……..އެއީ މާލެ ކުއްޖެއް ނޫން………..ހާދާލަށް ކުރީމެއްނު ދަތުރެއް އެދަތުރުގަ…….” ކިތަންމެ އުނދަގުލުން ވިޔަސް އައްފާން ބޭނުންވީ ހަޤީގަތް ހާމަކުރާށެވެ. އެއްވެސް ކަމެއް ފޮރުވުމުގެ ބޭނުމެއްދެން އޭނާއަކަށް އޮތްހެނެއް ހިޔެއްނުވެއެވެ.

” އެހެންވެދޯ ބޮޑުބެ އެޑްމިޓްކޮށްފަ އޮއްވާ ނަވީން އެދިޔައީ……….” ނިޒާރުގެ ވިސްނުން ދަތުރުކޮށްލީ މީގެ މަހެއްހާ ދުވަހުގެ ހަނދާނަކަށެވެ.

” ތިކޯލެއް ނުނެގުނު ނަމަ މަށަށް ހަޤީގަތް ނޭގުނީސް ދުވަހަކުވެސް ……………………” އުނދޯލީގައި އިށިއިންނަމުން ނިޒާރު ކުދިކިޔާލިއެވެ.

” އެކަކުވެސް އަހަރެން ކައިރީ ނުބުނީސް…..” ނިޒާރު ހިތްހަމަނުޖެހުން ހައްޤުކަމުގައި އައްފާން ދެކުނެވެ. އައްފާން ވިސްނަމުންދިޔައީ ދެން ކަންތައް ބަދަލުވެގެން ދާނެ ގޮތަކާއިމެދުއެވެ. ޖޫލީއަށް މިކަން އެނގިއްޖެނަމަ ވާނެ ގޮތަކާއިމެދުއެވެ.

” ބޮޑުބޭ…….” ޖެހިލުންވެފައި އައްފާން ގޮވާލިއެވެ.

” ޖޫލީއަށް މިކަން ނާންގާތި………” ނުބުނަން ހުރެފައިވެސް އެންމެފަހުން އައްފާން އެދުނެވެ. ނިޒާރު ޖަހާލީ ވަރުގަދަ ހިނިގަނޑެކެވެ. އައްފާން ފާޑަކަށް ހައިރާންވެފައި ނިޒާރަށް ބަލަން ހުއްޓެވެ.

” އާން……….ޖޫލީއަކަށް ނޭގޭނެ……..” ނިޒާރުވެސް އެފަދަ ބޮޑުކަމެއް ޖޫލީއަށް އަންގައިގެން މައްސަލަގަނޑު ބޮޑުކުރާކަށް ނުވިސްނައެވެ. ހަމައެކަނި އޭނާ ހުރީ ލައިބާ އާ ކައިވެނިކުރިކަން އެނގޭކަން ނަވީނަށް އަންގާލަން ނިންމައިގެންނެވެ. އެގޮތުގައި ނިޒާރާއި އައްފާން ވަރަށް ގިނަ ވާހަކަތަކެއް ދެއްކިއެވެ. ފަހުން އައްފާންވެސް އަދި ނިޒާރުވެސް ތިބީ ހަމަޖެހިފައެވެ. ގިނަވާޙަކަތަކެއް ދެއްކި ގިނަ ހިޔާލުތަކެއް ލިބުނީމައި ކަމަށް ވެދާނެއެވެ.

****

އޮފީހުން ގެއަށް އައިސްވެސް ނަވީން ބޭނުންވީ އިތުރަށް އޮފީހުގެ މަސައްކަތްތައް ކޮށްލާށެވެ. ޖޫލީވެސް ގޭގައި ނެތުމުން ނަވީން ބޭނުންވީ އަރާމްކުރުމުގެ ބަދަލުގައި ގިނަވެފައިވާ އެމަސައްކަތުން ބައެއްނަމަވެސް ނިމޭތޯއެވެ. ލެޕްޓޮޕް ހިފައިގެން ނަވީން އިނީ ރީތިވާ މޭޒުކައިރީގައެވެ. ފޯނުވަނީ މީޓިންގއަށް ވަންނަން އަޑުމަޑުކުރިގޮތަށެވެ. ފޯނުބަލާލަންވެސް އޭނާގެ ޝައުގުވެރިކަމެއް ނެތް ކަހަލައެވެ.
މަސައްކަތުގެ ތެރެއަށް ގެއްލިފައި އިންދާ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދިނެވެ. ކުޑަކޮން ހިތްހަމަނުޖެހިފައި ހުރެވެސް ނަވީން އެދުނީ އެތެރެއަށް ވަނުމަށެވެ. މީހަކު އައިސްގެން ކުރަންއިން މަސައްކަތް މަޑުޖައްސާލާކަށް އޭނާ ބޭނުމެއްނޫނެވެ.

ފުރަތަމަ ކޮޓަރިއަށްވަނީ ނިޒާރެވެ. ނިޒާރުގެ ފަހަތުން އައްފާންވެސް ވަނެވެ. ދޮރަށް ފުރަގަސްދީގެން އިނުމުން ނަވީނަށް އައީ ކޮންބައެއް ކަމެއް ނޭނގެއެވެ. މަސައްކަތަށް ހުރި ޝައުގެއްގެ ބޮޑުކަމުން ނަވީންވެސް އިނީ ފަސްއެނބުރި ބަލާލާ ކަހަލަ މޫޑެއްގަ ނޫނެވެ.

” ހޫމް…….ކީކޭ…؟ ” އަތުގައި ހުރި ކަރުދާސްތަކަށް ބަލަމުން ލެޕްޓޮޕްގެ ސްކުރީނަށް ނަޒަރު ހިންގާލިއެވެ.

” ލައިބާ މިއަދު ގުޅި…………” ވާހަކަދައްކަން ފެށީ އައްފާނެވެ. ނިޒާރާއި ދެމީހުން ރާވާފައިވާ ގޮތަށެވެ.

” ކީކޭ ބުނީ……….” ނަވީންގެ މާބޮޑު ޝައުގުވެރިކަމެއް ހުރިހެނެއް ހިޔެއް ނުވެއެވެ. ނަވީން އަޑުގައިވީ ފަރުވާކުޑަ ގޮތެވެ.

” ނަވީން ގުޅާލަބަލާށޯ………ކޮންމެވެސް ވާހަކައެއް ދައްކަން……….” ނިޒާރުގެ މޫނަށް ބަލާލާފައި އައްފާން ޖަވާބުދިނެވެ. ނިޒާރުވެސް އަތުން އިތުރަށް ވާހަކަދެއްކުމަށް އިޝާރާތްކުރިއެވެ.

” މީ…..މީ….ކީއްވެތަ ލައިބާ ގުޅީމަ ފޯނު…..ނުނަގަނީ…….” އައްފާން ވާހަކަދައްކަމުން ދިޔައީ ނިޒާރާއި ދެމީހުން މީގެ އިރުކޮޅެއްކުރިން މަސްވަރާކޮށްފައިވާ ގޮތަށެވެ.

” ވަރަށް ބިޒީކޮންނޭ މިއުޅެނީ……” ނަވީން ދިނީ އައްފާން އުއްމީދުކުރި ޖަވާބެވެ.

” ނަވީން……..” ނިޒާރުގެ ދޫ ހިމޭނަކުން ނުބޭއްވުނެވެ. އަޑަށްބާރު ލައިފައި ނަވީނަށް ގޮވާލިއެވެ. ނަވީނަށް ފަސްއެނބުރި ބަލާލިއިރު އައްފާނު ކައިރީ ނިޒާރުވެސް ހުއްޓެވެ. ނިޒާރުގެ މޫނުމަތިން ފެނުނީ ނުރުހުމެވެ. ދެބުމަގޮށްޖަހާލައިގެން ހުރިގޮތުން އިށިއިނދެއިން ގޮނޑީގައިވެސް ނަވީނަށް ނީނދެވުނެވެ.

” ބަ..ބަ…ބައްޕާ…….” ލިބުނު ހައިރާންކަމުގައި ނަވީންގެ އަނގައިން އަޑުބޭރުވީ ނިކަން އުނދަގުލުންނެވެ. އެއްފަހަރު އައްފާނަށް އަނެއްފަހަރު ނިޒާރަށް ނަވީން ބަލާލިއެވެ. އައްފާން އިސްޖަހާލިތަން ފެނިފައި ނަވީނަށް މުށްކަވާލެވުނެވެ.

” ބައްޕާ……ކިހިނެތްވީ….؟ ” ޖެހިލުންވެފައި ނަވީން ސުވާލުކުރިއެވެ. ބައްޕަގެ ރުޅިވެރި މޫނު ނަވީންގެ ހިތް ބިރުގަންނަވާލައިފިއެވެ.

” ކިހިނެތްވީހޭ………މިއަދު ބައްޕަ ވަރަށް ވަރަށް ދެރަވެއްޖެ………ނަވީން ބައްޕަ އެހާ ދުރުކޮށްލީތީ……..ބައްޕައަށް ކަންތައްތަކެއް ސިއްރު ކުރީތީ………” ނޭފަތްދަމާލަމުން ނިޒާރު ވާހަކަކުރިއަށް ގެންދިޔައެވެ. އިސްޖަހާލައިގެން ކުށްވެރިއަކު ފަދައިން ހުރި އައްފާނާއި ދިމާއަށް ނަވީން ބަލާލިއިރު ނަވީންގެ ހިތުގައިވަނީ އެތަށްހާސް ސުވާލެވެ. ލައިބާގެ ކަންތައް ބައްޕައަށް އެނގުނީ ހެއްޔެވެ؟ އައްފާން އަނގަގަދަކަމުން ހުރިހާ ވާހަކައެއް ދެއްކީ ހެއްޔެވެ؟ އިތުރު ކައިވެންޏެއް ނަވީން ކުރީ އައްފާންގެ އެދުމަކަށެވެ.

” ފުރަތަމަ ޖޫލީއަށް ކުދިން ނުލިބޭކަން ބައްޕައަށް ސިއްރުކުރީ…………….ދެން އެހެން ކައިވެންޏެއް ކޮށްފަ އެކަންވެސް ބައްޕައަށް ސިއްރުކުރީ…………” ނަވީނަށް ހީވީ މީހަކު މޫނުމަތީ ބޮނޑިއެއް އެޅިހެންނެވެ. އެހާ ސިއްރުން ކުރިކަމެއް ފަޅާއެރުމުން ގަންނާނެ ހުރިހާ ލަދެއް އޭނާގަތެވެ. ބައްޕަގެ ކުރިމަތީ އޭނާ އަގުވެއްޓުނީތީ އިސްޖަހާލިއެވެ. ބައްޕަޔާ ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް އޭނާގެ ނެތެވެ. ނުވިސްނާ ހުއްޓާ ކޮޅިގަނޑަކާއި ދިމާވީއެވެ. ހިތާހިތުން އޭނާ އައްފާނަށް އެއްޗެހިކިއެވެ. ލައިބާގެ ކަންތައް ފަޅާއަރުވާލީތީއެވެ.

” ބައްޕަ އެކަމާ ނުގަބޫލުވީކީ ނޫން……….ބައްޕަގެ މައްސަލައެއް ނެތް ދަރިފުޅު ކައިވެނިކުރުމަކުން………………” ނަވީނަށް ބޭރުކޮށްލެވުނީ ހިތްހަމަޖެހުމުގެ ނޭވާއެކެވެ.

” ބައްޕަ ދެރަވީ ބައްޕަޔާ ދަރިފުޅު އެކަހަލަ ކަންކަން ހިއްސާ ނުކުރާތި…..ތިނޫން ފުރާނައެއް ނެތެއްނު ބައްޕަގެ…..” ނަވީންގެ ކޮނޑުގައި ޖަހާލަމުން ނިޒާރު ހިނިތުންވެލިއެވެ. ނިޒާރުގެ އަންހެނުން ނިޔާވީ ނަވީނަށް ތިން އަހަރުގައެވެ. ކުއްޖަކު ވިހަން އުޅުމުގެ ތެރޭގައި އެދެމައިން ދުނިޔެދޫކުރީ ނިޒާރުގެ ހިތުގައި ދާއިމީ ފާރުގަނޑެއް ލައްވާފައެވެ. ނިޒާރުގެ ގޮތްދޫނުކުރުމުގެ ސަބަބުންނެވެ. އެކަން ހިތަށްއަރާ ކޮންމެފަހަރަކު ނިޒާރު އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެއެވެ.

” އެކަމަކު ދެއަނބިންނަށް ހަމަހަމަ ކުރަންވާނެ………ލައިބާއަށްވެސް ގުޅައިގެން ހާލު ބަލަންވާނެ………….ބައްޕައަށް އެކަން އެނގުނީ………………..” ނިޒާރު ކަންވީގޮތް އޮޅުންފިލުވައިދޭން ފެށިއެވެ. އައްފާނާއި ނިޒާރު ކޮޓަރިން ނިކުތުމުން ނަވީން އެނދުމައްޗަށް ވެއްޓިގަތެވެ. ކުރިން ކުރަންއިން މަސައްކަތް ކުރަންވެސް ނަވީން ފޫހިވިއެވެ. ފޯނު ހޯދާލާފައި ނަވީން ލައިބާގެ ނަންބަރަށް ޑައެލްކޮށްލިއެވެ.

ލައިބާ އޮތީ އެނދުގައި އޮށުވެލައިގެންނެވެ. ބޮލަށް އެނބުރުން އަރާވަރުން ތެދުވަން ނުކެރިފައެވެ. ބާލީސްދަށުގައި އޮތް ފޯނު ރިންގުވާން ފެށުމުން އޭނާ ކުޑަކޮން ސިހޭގޮތްވިއެވެ. ފޯނުގެ ސްކުރީނަށް ނަވީންގެ ނަން އަރާފައި އޮތުމުން ވެފައިވާ ވަރުބަލި ކަމުގައިވެސް ތުންފަތްމަތީ ހިނިތުންވުމެއް ދުވެލިއެވެ.

“ހަލޯ………” ލައިބާގެ އަޑުމަޑެވެ.

” ހަލޯ……” ނަވީންގެ އަޑުގައި މާބޮޑު ޝައުގުވެރިކަމެއްނެތެވެ.

” ވަރަށް ގުޅާފިންދޯ ކިހިނެތްވީ………؟ އިތުރަށް ނަވީން ބުނެލީ ލައިބާ އެއްޗެއް ނުބުނީމައެވެ.

” ނަވީނަށް ވަރަށް އުފާވެރި ހަބަރެއްދޭން ވެގެން…………….” ލައިބާ ފަސްޖެހުނެވެ. ލަދުގަތީއެވެ. ނަވީން އުފާވާނެވަރު ހިތަށް އަރާފައިވެސް އެވާހަކަ ކުރިއަށް ގެންދާނެ ގޮތެއް ލައިބާއަކަށް ނޭނގުނެވެ.
” ކޮން ހަބަރެއް؟ ”

****

ޖޫލީ ގެއަށް އައިސްވަނީ ރޮމުން ރޮމުންނެވެ. ސަރުމީލާ ސަޖާޔާ ހެދި އުޅޭގޮތް ފެނިފައި މާބޮޑަށް ހިތުގައި ޖެހުނީއެވެ. ޖޫލީ ބަނޑުބޮޑުވިޔަސް މަންމަ ހަމަ އެހެން އުޅޭނޭކަމާއި މެދު އޭނާ ޝައްކެއް ނުކުރެއެވެ. އެހެނަސް އެނަސީބު އޭނާއަށް މިންވަރުކުރާކަށް ނެތެވެ. އެކަން ހިތަށް އަރާ ކޮންމެ ފަހަރަކު ޖޫލީގެ ދެލޯކަރުނުން ފުރެއެވެ. ނަވީނާއި ޖޫލީގެ ދަރިއަކަށް ނުވިޔަސް އޭނާ ބޭނުންވަނީ ދެމީހުން ގެންގުޅޭނެ ކުއްޖެކެވެ.

****

” އަހަރެން………..އަހަރެން ޕު…..ޕުރެގް……..” ލައިބާގެ އެޖުމްލަ ނަވީނަށް ސާފުކޮންއިވުނެވެ. ލިބުނު އުފާ ހިތުގެ އެންމެފުނާހަމައަށް ފޯރައްޖެއެވެ. ދެލޮލަށް އުފާވެރިކަމުގެ ކަރުނަ ޖާމާވީ ފަޅި ސިކުންތެއްގެ ތެރޭގައެވެ.އެހެނަސް އެއްޗެއް ބުނަން އަނގަ ހުޅުވާލިވަގުތު ޖޫލީ ދެލޯ ފޮހެމުން ފޮހެމުން އައިސްވަނީ އެކޮޓަރިއަށެވެ. ހުއްޓުން އަރާފައި ހުރި ނަވީންގެ ސަމާޅުކަން ހުއްޓުނީ ޖޫލީއަށެވެ. ޖޫލީ ފެނުމުން ކުއްލިއަކަށް ފޯނު ތިރިކޮށްލާކަށްވެސް ނުކެރުނެވެ. ޖޫލީއަށް ޝައްކުވެދާނެތީއެވެ.

” އެހެންތަ……” ނަވީނަށް ހަމައެކަނި ބުނެވުނީ އެހެންނެވެ. ޖޫލީ އައިސް ނަވީންގެ މޭގެތެރޭގައި ބޮނޑިވެގަނެއްޖެއެވެ. އެއާއެކު ޖޫލީ އަޑުންއަޑުނަގާ ރޯންފަށާފިއެވެ.

ނަވީންގެ ދުލުން އިވުނީ ލައިބާ އުއްމީދުކުރި ޖަވާބެއްނޫނެވެ. ލައިބާ ހީކުރީ ނަވީން އުފަލުން ހިތުގައިވާ ހުރިހާ އިހްސާސެއް ބަންޑުން ކޮއްލާނެކަމަށެވެ. ނަވީން ފޯނު ކަނޑާލައި ނަވީން ދެއަތުގެ ހިމާޔަތް ދިނީ އެވަގުތު ޖޫލީއަށެވެ. ލައިބާ ކަންފަތުގައި ޖައްސާފައިވާ ފޯނު ކަންފަތާއި ދުރުކޮށްލިއިރު ދެލޮލުގެ ތިރިން ރޮނގަކަށް ކަރުނަ ފައިބަމުން ދިޔައެވެ. ދެލޯމަރާ ބާރުކޮށްލަމުން ތުންފަތުގައި ދަތްއަޅާލެވުނުއިރު ހިތުގައިވަނީ އިންތިހާ ޝަކުވާއެވެ.

~ ނުނިމޭ ~

 1. Avatar

  ޢަޅެ ތިހެން ނުހަދަބަލަ… ތިހާކުރުކޮަށްނުގެނެސްދީބަލ…. ހާދަހިތައްތަދުވެއޭ މަގޭވެސްދިރިއުޅުމާގުޅިފައިވާ ވާހަކައަކަށްވީތީ….

  25
  1
 2. Avatar

  މި ވާހަކަ އަހަރަކު އެއް ފަހަރު ގެންނަގޮތަށް ބަދަލު ކުރަން ފެނޭ.. ދިގު ކަމުންވެސް ކިޔާ ނިންމާނުލެވޭ ދެ ގަޑި އިރުންވެސް.. ?

  35
  3
 3. Avatar

  ސާބަހޭ ކުދިންނޭ……ތިހާ ވަރަށް އެއްޗެހި ނުކިޔަބަލަ….ރައިޓާރ ހުއްޓާލާނެ ނަމަ ޓައިމް ވީވަރަކުން ނުލިޔުނީސްދޯ……

  3
  2
 4. Avatar

  ވަރަށް ފޫހިވޭ.އެއްވެސް ވަރަކަށް ކިޔުންތެރިންގެ އިހުސާސްތަށް ދަންނަ ކިޔުންތެރިންނާއި ގާތް ގުޅުމެއް އޮންނަ ލިޔުންތެރި އެއްނޫން.

ޚިޔާލު ފޮނުއްވާ