Views: 3549 78

ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައި އޮތް ލީނާ ގުނަމުން އެދަނީ ހަޔާތުގެ އެންމެ ފަހު ދުވަސްތަކެވެ. ދުނިޔެވީ އަރާމާއި އުފަލައްޓަކައި ވިސްނާނުލައި ކުރި ކަމެއްގެ ހިތި ނަތީޖާ ވެގެންދިޔައީ ހަޔާތުގެ ނިމުމަށެވެ. ކައިރީގައި ހުރި ގޮނޑީގައި އިށީނދެގެން އިން ރީހާން ހިތާމަވެރިކަމާއެކު ލީނާގެ އަތުގައި ހިފަހައްޓައިގެން އިނީ ލޯބިވެރިޔާ އޮތް ޙާލަތުފެނިއެވެ. ނަމަވެސް ލީނާއަށް ވެގެން އުޅޭގޮތް ރީހާންއަށް ނޭންގޭފަދައެވެ. ޓެސްޓުތަކުގެ ނަތީޖާތައް ލިބެންދެން ކެތްކޮއްލައިގެން ހުރުން ނޫންގޮތެއް މިއަދު ރީހާނަކަށް ނެތެވެ.

" އަހަރެން ރީހާންއަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އަހަރެން ރީހާންއަށް އޮޅުވާލީމެވެ. ނަމަވެސް މިއަދު އަހަރެންގެ ހަޤީގަތް އެނގޭނެކަން ޔަޤީނެވެ. ރީހާން އަހަންނަށް މަޢާފު ކުރާނެ ހެއްޔެވެ؟ އަހަރެންނަކީ މަޢާފު ލިބުން ހައްޤު މީހެއް ނޫނެވެ. އެހެނަސް ރީހާން އަހަރެންދެކެވާ ލޯބި ނަފްރަތަށް ބަދަލުވުމީ އަހަރެން ދުވަހަކުވެސް ބޭނުންވާނެ ކަމެއްނޫނެވެ. ރީހާންގެ ސަބަބުން އަހަރެންގެ ދިރިއުޅުން ބަދަލު ކުރީމެވެ. އެލޯބި ހާސިލްކުރުމަށެވެ. ނަމަވެސް ތަޤްދީރުގެ ނިންމުން ދެކިބަލާށެވެ. އަހަރެމެން ކައިވެނި ކުރަން ހަފްތާއަކަށް ވެފައި ވަނިކޮށް އަހަރެންގެ މާޒީ އަހަންނާއި ކުރިމަތިލައިފިއެވެ. އެ ހިތި މާޒީގެ ނަތީޖާ ފާޅުވެގެން މިއަދު ދާނެއެވެ. "

ތަފާތު އެކިހިޔާލުތަކުން ލީނާގެ ހިތް ނުތަނަވަސްވެފައިވިއެވެ. ރީހާންއަށް ހުރިހާ ވާހަކަތަކެއް ކިޔައިދެން ލީނާ ބޭނުންވެފައިވިއެވެ. ނަމަވެސް އެ ހިއްވަރެއް ލީނާގެ ކިބަޔަކުނެތެވެ. ހަޤީގަތް ހާމަވުމުން ރީހާން އަށް ވާނެގޮތެއް ނޭންގޭތީ ލީނާ ބިރުގަންނަނީއެވެ.

ޓެސްޓުތަކުގެ ނަތީޖާ ލިބުމުން ރީހާން ޑޮކްޓަރުގެ ކޮޓަރިއަށް ދިޔައެވެ. ނަމަވެސް އެނަތީޖާތައް ރީހާންގެ ދިރިއުޅުން ނެތިކޮއްލާނެކަން ރީހާންއަށް ނުވިސްނޭފަދައެވެ. ފޮރުވާފައިވާ ލީނާގެ ހަޤީގަތް ރީހާންއަށް މިއަދު ހާމަވާނެއެވެ. ލީނާ އެގޮތް ކިތަންމެ ބޭނުން ނުވިޔަސް އެނޫންގޮތެއް ވާކަށްނެތެވެ.

" ޑޮކްޓަރ ލީނާއަށް ކިހިނެތް ވީތޯ "
ކަންބޮޑުވެފައިވާ ރީހާން ޑޮކްޓަރުގެ މޫނަށް ބަލައިލަމުން ސުވާލުކުރިއެވެ.

" ލީނާގެ ޓެސްޓްތަކުން ދައްކާގޮތުގައި ލީނާ އެޗް.އައި.ވީ އަށް ޕޮޒިޓިވް... ލީނާއަށް ވަނީ އެއިޑްސް ޖެހިފައި... އަދި ލީނާ އެވަނީ އެންމެ ފަހު ސްޓޭޖްގައި.. ފަރުވާދިނަސް ލީނާގެ ފުރާނަ ސަލާމަތެއް ނުކުރެވޭނެ ދެން.. "

ޑޮކްޓަރގެ ވާހަކައިން ރީހާންގެ ދެލޯބޮޑުވެގެން ދިޔައީ ލިބުނު ހައިރާން ކަމުގެ ބޮޑުކަމުންނެވެ.
" އެއިޑްސް... ނުވާނެ އެހެނެއް ޑޮކްޓަރ. އަހަރެން ލީނާ އާއެކު އުޅޭތާ މިހާރު ދެއަހަރު ވަނީ.. އަހަންނަށް އެކަހަލަ އެއްވެސް ކަމެއް އެނގިފައެއް ނުވޭ... ލީނާ އަބަދުވެސް ބަލިކޮށް އުޅޭނީ އެކަމަކު އެއިޑްސް އެއް ނުޖެހޭނެ... އަހަރެން ބޭނުން އަލުން ޓެސްޓްތައް ހަދަން "

ޑޮކްޓަރގެ ވާހަކަ ޤަބޫލުކުރަން ބޭނުންނުވާތީ ރީހާން އަލުން ޓެސްޓުތައް ހަދަން ބޭނުންވިއެވެ.
ރީހާން ބޭނުންވިފަދައިން ދެވަނަފަހަރަށް ލީނާގެ ޓެސްޓްތައް ކުރެވިގެންދިޔައެވެ. ނަމަވެސް ނަތީޖާ ބަދަލުވާނެ ހެއްޔެވެ؟ ދެވަނަ ފަހަރަށްވެސް އެއް ނަތީޖާއެއް ނުކުތުމުން ރީހާންގެ ހިތުގައި ސުވާލުތައް ފުނިޖެހިގެންދިޔައެވެ.

ގޮތްހުސްވެފައިވާ ރީހާން ލީނާގެ ކުރިމަތީގައި ގޮސް ހުއްޓުނީ އުފެދިފައިވާ ހުރިހާ ސުވާލެއްގެ ޖަވާބު ހޯދުމުގެ ބޭނުމުގައެވެ. ކަރުނުން ފުރިފައިވާ ދެލޮލުން ރީހާން ލީނާއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ރީހާނަށް ލީނާގެ ބަލި އެނގިއްޖެކަން ލީނާއަށް ޔަޤީންވުމުން އިތުރަށް ހަޤީގަތް ފޮރުވަން ލީނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ހުރިހާ ވާހަކަތަކެއް އަކުރުން އަކުރަށް ކިޔައިދެންފެށިއެވެ.

" އަހަންނަކީ ނިކަމެއްޗެއް.. އަޅާލާނެ އެއްވެސް މީހެއް ނެތް... އަހަރެންގެ މައިންބަފައިން އަހަރެންގެ އުމުރުން ބާރަ އަހަރުގައިވަނީ ނިޔާވެފަ... އަހަރެން ބަލާ ބޮޑުކުރީ އަހަރެންގެ ބޮޑުދައިތަ... އަހަރެންނަށް ޚަރަދުކޮށް ހެދުމީ ބޮޑުދައިތަ ބޭނުންވާ ކަމެއްނޫން... އެހެންވެ އަހަރެންގެ ކިޔެވުން މެދު ކަނޑާލަން ޖެހުން ގްރޭޑް އަށެއްގައި... ބޮޑުދައިތައަށް ހިދުމަތްކޮށްދިނުމުގައި އަހަރެން ހުރިން.. ނަމަވެސް އަހަރެންވެސް އުފަލުގައި ތަނަވަސް ދިރިއުޅުމެއް އުޅެން ބޭނުންވި... އެހެންކަމުން އަހަރެންގެ އުމުރުން އަށާރަ އަހަރުގައި ބޮޑުދައިތަ އާއި ފިލައިގެން މާލެ އައިން... އަހަރެންގެ ދިރިއުޅުން ބާއްޖަވެރި ކުރުމުގެ އުންމީދުގައި...

ކުދި ކުދި މަސައްކަތް ކޮށްގެން އެކަނި އުޅެމުން އަހަރެން ދިޔައިން.. އެކަމަކު އަހަރެންގެ ހިތެއް މިވަރަކުން ނުފުރުން.. ދުނިޔޭގެ ތަނަވަސްކަމާއި އުފާ އަހަރެން ބޭނުންވި... މިގޮތުގައި ދުވަސްތައް ހޭދަކުރަނިކޮށް އަހަންނަށް ދިމާވި ރަށްޓެއްސެއްގެ ސަބަބުން އަހަރެންގެ ދިރިއުޅުން ބަދަލު ކުރުމުގެ މަގު ފަހިވެގެން ދިޔަ.. އެކަމަކު އެކަމަށް އަހަރެންގެ ހަށިގަނޑު ވިއްކާލަން ޖެހުނު... ނަމަވެސް އަހަރެން އެކަމާ ދެކޮޅެއް ނުހަދަން... ހަމައެކަނި އެ ތަނަވަސްކަން ހޯދަން ބޭނުންވާތީ..

އަހަރެންގެ ޖިސްމު ވިއްކައިގެން އެހެންމީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދެމުން ދިޔައިން.. ވިސްނާލުމެއްނެތި މިފަދަ ފާހިޝް ޢަމަލެއް ކުރަމުން އަހަރެންދިޔައީ ފައިސާގެ ދަހިވެތިކަމުގައި... ނަމަވެސް އަހަރެންގެ ލޮލުގައި ރީހާން އަޅައިގެން ދުވަހީ އަހަރެންގެ މިދިރިއުޅުން ދޫކޮއްލި ދުވަސް.. ރީހާންގެ ލޯބި ހޯދަން އަހަރެން ބޭނުންވި.. އަހަރެންދެކެ ލޯބިވާ މީހެއް އަހަރެން ބޭނުންވި... އަހަރެންގެ ޖިސްމު ދެކެ ލޯބިވާ މީހުންނާއި ދުރަށް އަހަރެން ދިޔައިން.. އަދި ހަމައެކަނި ރީހާންގެ މީހަކަށް ވާން އަހަރެން ނިންމިން..

އަހަރެންގެ އުންމީދުތަކާއި އެއްގޮތަށް ރީހާން އަހަރެންގެ ދިރިއުޅުމަށް އައި... އަހަރެން ބޭނުންވި ލޯބި އަހަންނަށް ރީހާންގެ ފަރާތުން ލިބެންފެށި... އަހަރެންގެ މާޒީ ރީހާންއަށް އަހަރެން ސިއްރު ކުރީ އަހަރެން ދޫކޮއްފަ ރީހާން ދާން ބޭނުން ނުވާތީ... އެކަމަކު އަހަރެން ހިޔެއް ނުކުރަން މިފަދަ ގޮތަކަށް ރީހާންއަށް ހުރިހާ ކަމެއް ހާމަވެގެން ދާނެ ކަމަކަށް... އަހަންނަށް މަޢާފު ކުރޭ... "
ހުރިހާ ވާހަކަތަކެއް ކިޔައިދީ ނިމުންއިރު ލީނާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަތައް އޮހެމުންދިޔައެވެ.

ހަޤީގަތް އެނގުމުން ރީހާންގެ ހިތަށް ހީވީ ތޫނު ތީރެއް ހެރިހެންނެވެ. ހަޔާތުގެ ބައިވެރިޔަކަށް ގެންނަން އުޅުނު ލޯބިވެރިޔާގެ ޖިސްމުވަނީ ވިކި ހުސްވެފައިކަން އެނގުމުން ހިތަށް ވޭން އަޅަމުންދިޔައެވެ. ނަމަވެސް އެޔައީ މާޒީއެވެ. ރީހާން އާއި ދިމާވުމުގެ ކުރިން ލީނާގެ ދިރިއުޅުން ހޭދަކުރިގޮތެވެ. މިއަދު ލީނާވަނީ އެކަމުން ނިކުމެ ރިހާން އާ އެކީ އުފާވެރި ދިރިއުޅުމެއް ހޭދަކުރަން ނިންމާފައެވެ. ނަމަވެސް ލީނާގެ ހަޔާތުގައި އެދުވަސް ލިބުން ނެތްކަހަލައެވެ. ރީހާންގެ މީހަކަށް ވުމުގެ ކުރިން މިދުނިޔެއާއި އަލްވަދާޢު ކިޔަން ޖެހޭތީއެވެ.

" ލީނާ... އަހަރެން ވަރަށް ލޯބިވިން ލީނާދެކެ އަދިވެސް ލޯބިވޭ... އަހަރެންގެ ދިރިއުޅުމަށް ލީނާ ނޫން އިތުރު ބައިވެރިއަކު ގެންނާކަށް ބޭނުމެއް ނޫން... އަހަރެން ލީނާއަށް މަޢާފު ކޮއްފިން.. އެޔައީ ލީނާގެ މާޒީ... ލީނާ އިސްލާހުވި އަހަންނާއި ދިމާވުމުން... އެހެންވެ ލީނާދެކެ ރުޅިއައުމުގެ އެއްވެސް ހައްޤެއް އަހަންނަކަށް ނޯންނާނެ.. އަހަރެން ބޭނުންވަނީ ލީނާ އަހަރެންގެ އަންބަކަށް ވުން.. މިދުނިޔެއިން ލީނާ ވަކިވެގެންދާނީ އަހަރެންގެ މީހަކަށްވެ ހުރެ..."

ލީނާގެ ކަރުނަތައް ފޮހެލަދެމުން ރީހާން ވާހަކަދެއްކިއެވެ. ރީހާންގެ މަޢާފު ލިބުމުން ލީނާ އެކަމާ އިންތިހާ އުފާވިއެވެ. އަދި މިދުނިޔެމަތީގައި ރީހާންގެ މީހަކަށްވުމުގެ ފުރުޝަތު ލިބުނީތީ އެކަމާ ޝުކުރުވެރިވިއެވެ.

-ނިމުނީ-

 1. Avatar

  ދެން ރީތި
  ފުރުޝަތެއް ނޫން ފުރުސަތު
  ކީއްވެ އެކަކުވެސް ކޮމެންޓް ނުކޮއް މިއޮތީ؟؟؟🤔🤔🤔

  5
  1

ޚިޔާލު ފޮނުއްވާ