އެނދުގައި ނިދާފައި އޮތް އަހަރެންގެ ތިން އަހަރުގެ ފިރިހެން ދަރިފުޅަށް ބަލަން އިނދެވުނީ ކިހާ އިރެއްވަންދެން ކަމެއް އަހަރެންނަށް ނޭނގެއެވެ. އެދަރިފުޅުގެ މޫނުމަތިން އަހަރެންނަށް ސިފަ ވަނީ ޝިފާންގެ މޫނެވެ. ޝިފާނަކީ އަހަރެންގެ ދަރިފުޅުގެ ބައްޕައެވެ. އަހަރެން ދަރިފުޅުގެ މޫނުގައި ލޯބިން ފިރުމާލީމެވެ. އެވަގުތު ވަރަށް ލުއިލުއި ހިނިތުންވުމެއް ދަރިފުޅުގެ ކުޑަކުޑަ ތުންފަތުގައި ކުރަހާލިއެވެ. އެއީ ހަމަ އެހިނިތުންވުމެވެ. ޝިފާންގެ ހިނިތުންވުމެވެ. އަހަރެން ހިތް މޮޔަކޮށްލި ހިނިތުންވުމެވެ. ދަރިފުޅަށް ޤުދުރަތުން ދެއްވާފައިވާ ހުރިހާ ސިފަތަކަކީ ވެސް ޝިފާންގެ ފަރާތުން ވާރުތަވެފައިވާ ސިފަތަކެކެވެ. އަހަރެންގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވީ ދަރިފުޅުގެ މައުސޫމް ހިނިތުންވުން ފެނިފައެވެ.
ހިނދުކޮޅެއްގެ ތެރޭގައި އަހަރެންގެ ދެލޯ ފުރިގެން އައެވެ. ކުއްލިއަކަށް ހިތަށް އައިސް ވަނީ ޝިފާންގެ ހިތްގައިމު ތަސްވީރެވެ. ޝިފާން އަހަރެންނަށް ބަލާލާ ލޯބިވެތި ގޮތްތަކެވެ. އަހަރެން ލަދުގަންނަވާލުމަށްޓަކައި ޝިފާން ބޭނުންކޮށްފައިވާ ލޯބިވެތި ބަސްތަކެވެ. އަދި ކައިވެނީގެ ފުރަތަމަ ރޭގައި ޝިފާން އަހަރެންނަށް ދިން ލޯބިވެތި ހަދިޔާތަކެވެ. އެއީ ދުވަހަކު ވެސް އަހަރެންގެ މި ހިތުން ފިލައިގެންދާނޭ ކަންތައްތަކެއް ނޫނެވެ. އަހަރެން މަޑުމަޑުން ހިނގާލާފައި ގޮސް ހުއްޓުނީ ފާރުގައި އަޅުވާފައި ހުރި ކަލަންޑަރ ކުރިމަތީގައެވެ. މާދަމާއަކީ ޖޫން މަހުން 15 ވަނަ ދުވަހެވެ. އަހަރެން ދޫކޮށްލާފައި އަބަދުގެ އަބަދަށް ޝިފާން އެ ދުނިޔެއަށް ދަތުރުކުރި ދުވަހެވެ. އެންމެންވެސް ބުނަނީ އެހެންނެވެ. ޝިފާން ދުނިޔޭގައި ނެތްކަމަށެވެ. ނަމަވެސް އަދިވެސް އަހަރެންގެ ހިތް އެކަން ޤަބޫލެއްނުކުރެއެވެ.
މިހެން ނުބުނަންވީ ކީއްވެ ހެއްޔެވެ؟ ޝިފާން މަރުވެފައި އޮށްވާ އަހަރެން ނުދެކެމެވެ. ކަފުންކޮށް ސަންދޯކަށްލި ތަނެއް އަހަރެން ނުދެކެމެވެ. ޝިފާންގެ މަރުގެ ސެޓްފިކެޓެއް އަހަރެން އަތުގައި ނެތެވެ. އަހަރެންނަށް އިނގޭ އެއްޗަކީ ޝިފާން ގެއްލިފައިވާ ކަމެވެ. ކަނޑުގެ ބާރުގަދަ އޮއެވަރުތަކުގެ ތެރޭގައި ޝިފާން ހައްޔަރުވެފައިވާކަމެވެ. ޝިފާން ސަލާމަތްކުރުމަށްޓަކައި އެތައް ބަޔަކު ކަނޑަށް ފޭބިއެއް ކަމަކު އެއިން އެއްވެސް މީހަކަށް ޝިފާން އަތުގައި ނުޖެހުނެވެ. ރުޅިއައިއްސާ ފުފެމުން ދިޔަ ކަނޑުގެ ބާރުގދަ ބާނިތައް އަހަރެންގެ ޝިފާން އަހަރެން އަތުން ޖަހައިގަތީއެވެ. އެމަންޒަރު ދެކެން އަހަރެން ބޯޓުގައި ހުރީމެވެ. އަހަރެންނަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އަހަރެންގެ ހަފަރާތުން ވަށާލި ޝޮކުން އަރައިގަންނަން އެތައް ދުވަހެއް ނެގިއެވެ. އަދިވެސް އަހަރެންގެ ނަފްސަށް ވަނީ ހަމަހިމޭންކަމެއް ވެރިވެފައެވެ. މީހުންނާއި ވާހަކަދައްކާ އުޅޭހިތް އަހަރެން ނުވެއެވެ. ސަމާސާކޮށް މަޖާކުރުމަކީ އަހަރެން ދަންނަ ކަންތައްތަކެއް ނޫނެވެ.
ރޭގަނޑުގެ އަނދިރި ވަގުތުތައް ފަހަނައަޅާ އާދުވަހަކަށް މަރުހަބާ ކިޔުމަށްޓަކައި އިރު ފެނުން ތޮޅިލިއިރު އަހަރެން އިނީ މުސައްލަ މަތީގައެވެ. އަހަރެންގެ ޝިފާން ދުނިޔޭގައި ނެތްނަމަ އެފުރާނަ އަށް ހެޔޮ ރަޙްމަތްލެއްވުމަށް އެދި ދެންނެވުމަށެވެ. އަދި މާތްﷲ ގެ ހަޟްރަތަށް އަހަރެންގެ ޝިފާންގެ ފުރާނަ ދަތުރުކޮށްފައި ނުވާނަމަ ވީތަނެއްގައި ސަލާމަތުން ލެއްވުމަށް އެދި ދުޢާ ކުރުމުގައި އަހަރެން އިނީމެވެ. އަހަރެން މުސައްލަ އޮޅާލާފައި އޭގެ ޖާގައިގާ ބޭއްވުމަށްފަހު އެނދުގައި އަރާމު ނިދީގައި އޮތް ދަރިފުޅާއި ލޯބިކޮށްލީމެވެ. އެއީ އަހަރެންގެ މުޅި ދިރިއުޅުމެވެ. އަހަރެން ދުނިޔޭގައި މިހުރީ ހަމައެކަނި އަހަރެންގެ ދަރިފުޅަށްޓަކައެވެ. ޝިފާންގެ ވަކިވެ ދިޔުމަށްފަހު ކެއިން ބުއިމާއި ވެސް އަހަރެން ވަރަށް ދުރުވެއްޖެކަން އަހަރެންނަށް އެނގޭއެވެ. ކާހިތްނުވަނީއެވެ. އަރުތެރެ ހުންނަނީ ބެދިފައެވެ. އަހަރެން ގަޑި ބަލާލީމެވެ. ހެނދުނު އަށެއް ޖަހަނީއެވެ. އަހަރެންގެ ޚިޔާލީ ދުނިޔެއިން އަހަރެން ނެރެދިނީ އަހަރެންގެ ކުޑަކުޑަ ދަރިފުޅެވެ. އެދަރިފުޅުގެ ލޯބި އަޑުން އަހަރެންނަށް މަންމާއޭ ކިޔާފައި ގޮވާލިއެވެ. އަހަރެން ބަލާލުމަށްފަހު ދަރިފުޅާއި ލޯބިކޮށްލަމުން ގޮސް ވަނީ ފާހާނާއަށެވެ.
ވަގުތަކަށް ފަހު ވަގުތެއް ފާއިތުވަމުން ދިޔައެވެ. ބަދިގޭގައި މަންމަ އަށް އަތްގާތްކޮށް ދިނުމަށްފަހު އަހަރެން ގޮސް ވަނީ އަހަރެންގެ ޖަލަށެވެ. އަހަރެންނާއި ޝިފާންގެ ކޮޓަރިއަށެވެ. އެކޮޓަރިން އެންމެ ފިޔަވިއްސެއްވެސް ބޭރަށް އަހަރެން އަޅަނީ އަޅާހިތަކުން ނޫނެވެ. އަހަރެން ބޭނުންވަނީ ޝިފާންގެ ހަނދާނުގައި މުޅި އުމުރު އެކޮޓަރީގައި ހޭދަކޮށްލާށެވެ. އިރުކޮޅެއްވީތަނާ ކޮޓަރި ދޮރު ހުޅުވާލާފައި ވަނީ ޝިފާންގެ މަންމައެވެ. އަހަރެންގެ މައިންބަފައިން ވަނީ އަހަރެން އުމުރުން ވަރަށް ކުޑައިރު ނިޔާވެފައެވެ. އަހަރެންނަށް މިދުނިޔެމަތީގައި އޯގާތެރިވާން ހުރީ ހަމައެކަނި ޝިފާންގެ މަންމައެވެ. އެހެންދުވަސްތަކެކޭ އެއްފަދައިން ޝިފާންގެ މަންމަ ކޮޓަރިން ނިކުމެގެން ދިޔައީ އަހަރެން ކައިރީގައި އިނދެ ވަރަށް ހެޔޮ ނަޞޭޙަތްތަކެއް ދީފައެވެ. މަންމަ އަށް ހީވެދާނެއެވެ. އަހަރެން މަންމަގެ އެއްވެސް ނަޞޭޙަތެއް ޤަބޫލެއް ނުކުރެއެވެ. ނަމަވެސް ހަޤީޤަތަކީ އެއީއެއް ނޫނެވެ. މަންމަގެ ކޮންމެ ޖުމްލައެއް ކޮންމެ ބަހެއް އަހަރެންގެ ސިކުނޑީގައި ވަނީ ހަރުލާފައެވެ. އެހެނަސް ޝިފާންގެ ހަނދާންތައް އަހަރެން ބަލިކަށި ކޮށްލަނީއެވެ.
ދުވަހުގެ ހަވީރުވަމުން އައި ވަގުތު އަހަރެން އޮތީ ކޮޓަރީ އެނދުގައި އޮށޯވެގެންނެވެ. ދަރިފުޅު ރީތިކޮށްގެން ބޭރަށް މަންމަ އެނިކުތީ ހަމަ ދެންމެގައެވެ. ބޭރުގައި ހިނގާލަންދާން މަންމަ އަހަރެންނަށް ދަޢުވަތު ދިނެވެ. ނަމަވެސް އަހަރެން ދާހިތްނުވީއެވެ. އަހަރެން ބޭނުންވަނީ އެކަނި އޮވެ ޝިފާންގެ ހަނދާންތައް އާކޮށްފައި ރޯލާށެވެ. އެއީ އަހަރެންނަށް ވަރަށް ހިތްހަމަޖެހުން ލިބޭ ކަމެކެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ސައިޑްކަބަޑް މަތީގައި އޮތް އަހަރެންގެ ފޯނެވެ. މީގެ ކުރިން އެފޯނަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ނަމަވެސް މިހާރު އެފޯނު ވެސް ހިތާމަކުރާ ކަހަލައެވެ. އަހަރެންގެ އަތުގެ ފިރުމުން ނުލިބޭތީއެވެ. އަހަރެން ފޯނު ނަގާ ލޮކް ހުޅުވާލީމެވެ. ފެނިގެން ދިޔައީ އަހަރެންގެ ޝިފާންގެ ހިތްގައިމު ތަސްވީރެކެވެ. އަހަރެންގެ ދެލޯ ފުރިގެން އައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަހަރެންނަށް ރޮވެން ފެށުނެވެ. ޝިފާންގެ ހަނދާންތައް އަހަރެންގެ ސިކުނޑީގަ އާއި ހިތުގައި ވަކި ހިއްޕާލިއެވެ.
********************
އެއީ އަހަރެންނާއި ޝިފާންގެ ކައިވެންޏަށް ދެމަސްވީ ދުވަހެވެ. ޝިފާންގެ މަންމަ ފަރާތު ބޮޑުދައިތަގެ ދަރިއެއްގެ ކައިވެންޏަށް ގދ.އަތޮޅަށް އަހަރެމެން ފުރީ އެއްދުވަހެއްގެ ހެނދުނުއެވެ. އިރުގެ ގަދަ ހޫނަށް ވިއްސާރަ ވިލާތައް ބިރުގަނެފައިވާ ދުވަހެކެވެ. އުޑުމަތީ ސާފު ވައިމަޑު ދުވަހެއްގައެވެ. ޝިފާންގެ އާއިލާ ހުރިހާ މެންބަރުން ދަތުރުކުރި ބޯޓުގެ ތިރީބައިގައި ތިބިއިރު ޝިފާން އަހަރެން ގޮވައިގެން މަތީ ގެގަނޑު ކައިރިއަށް ދިޔައީ އަހަރެން ހޮޑުލަވާ ވާހަކަ ބުނަމުންނެވެ. ބާރު ސްޕީޑުގައި ބޯޓުގެ ކުރިމަތިން ހުރަސް ކަނޑާލި ލާންޗަކުން ނެގި ރާޅުގަނޑުގެ ތެރޭގައި ބޯޓު ހެލިގަތީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. ބޯޓުގެ ކެޕްޓަނަށް ވެސް އެވަގުތު ބޯޓް ކޮންޓްރޯލް ނުވިއެވެ. އަރިއަޅާލި ވަގުތު ޝިފާންގެ ފައި ބެލެންސް ނުކުރެވުނެވެ. ތަނެއްގައި ހިފުމަށް އަތް ހަރަކާތްކޮށްލި ވަގުތު ޝިފާން ކަނޑުގެ ލޮނުގަނޑު ތެރެއަށް ގެނބިގެން ދިޔައީ ވަރަށް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަހަރެންނަށް މަންޒަރު ބަލަން ހުރެވުނު އިރު ފާއިތުވެގެން ދިޔަ ވަގުތަކުގެ ތެރޭގައި ހިނގި އެއްވެސް ކަމެއް ނޭނގޭ ކަހަލައެވެ.
އެވަގުތު ޝިފާން ވެއްޓުނު މަންޒަރު ދުށް ބައެއް މީހުން އެހަބަރު ތިރީގައި ތިބި މީހުންނަށް ދިނުމާއެކު އެތައް ބަޔަކު ކަނޑަށް ފުންމާލާ ޝިފާން ހޯދަން މަސައްކަތް ކުރަމުން ދިޔައެވެ. އުޑުމަތި ސާފުކޮށް އޮތް ދުވަހެއްގައި ވިއްސާރަ ވިލާތައް އިރުގެ މައްޗަށް ކުރި ހޯދާ ގަދަ ވަޔާއެކު ވާރޭ އޮށްސާލީ އަހަރެންގެ ޝިފާނަށް އެއްވެސް ރަހުމެއްނެތިއެވެ. ޝިފާން ވެއްޓުނު ވަގުތު އޭނާ ސަލާމަތަށް އެދި ކުރަމުން ދިޔަ ގަދަ ހަނގުރާމަ އަދިވެސް އަހަރެންނަށް ފެންނަ ކަހަލައެވެ.
*******************
ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ އަހަރެންގެ ފޯނުގެ ރިންގުގެ އަޑުންނެވެ. ގުޅަނީ އެކުވެރިއެކެވެ. ނަމަވެސް އަހަރެން ޖަވާބެއްނުދީ ފޯނު ބޭއްވީ ދުރުގައެވެ. އެނދުން ތެދުވެ އަހަރެން ދެކޮޅަށް ހިންގަންފެށީ ހިތާމައިން ފޯވެފައިވާ އަހަރެންގެ ހިތަށް ހަމަޖެހުމެއް ހޯދުމަށެވެ. ޝިފާންގެ މަރު ލޮލަށް ސިފަވި ވަގުތު ހިތުގައި ވަރަށް ބޮޑަށް ރިއްސައިގަތެވެ. އަހަރެން ގޮސް ހުއްޓުނީ ބެލްކަންޏަށް ނިކުމެވެން ހުންނަ ދޮރު ކައިރީގައެވެ. އެދޮރުން ބޭރަށް ނިކުމެ ޤުދުރަތީ ވައިކޮޅެއް އިޙުސާސް ކޮށްލަން އަހަރެން ބޭނުންވިއެވެ. އެދޮރު އަހަރެން އެއްގޮތަކަށް ވެސް ނުހުޅުވާތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް އަހަރެން މިއަދު އަހަރެންގެ ހިތް ބޭނުންވި ގޮތަށް ކަންތައްކުރީމެވެ. ދޮރުފަތް ކަހާލި ވަގުތު އަހަރެންގެ މޫނުގައި ބީހިލީ އަރާމު ތާޒާ ވައިރޯޅިއެކެވެ. އަހަރެންނަށް ދެލޯ މަރާލެވުނީ ބޭއިޚްތިޔާރުގައެވެ. އެގޮތަށް ދެލޯ މަރާލައިގެން އިރުކޮޅަކު ހުރެލަން ބޭނުންވީ ކީއްވެކަމެއް އަހަރެންނަށް ނޭނގެއެވެ. އަހަރެން ދެލޯ ހުޅުވާލީ ހިތަށް ހަމަޖެހުމެއް ލިބިދާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ވީ އެހެނެއްނޫނެވެ. އަހަރެންގެ ދެލޮލުގެ ކަޅި އަމާޒުވީ ކުރިމަތިން ފެންނަން އޮތް މާސިންގާ ކަނޑަށެވެ. އަހަރެންނަށް ތެޅިގަނެވުނެވެ. މިހުރިހާ ދުވަހު ކޮޓަރީގެ ބެލްކަނި ނުހުޅުވާ އަހަރެން އުޅުނީވެސް ހާމައަށް ކަނޑު ފެންނަން އޮންނާތީއެވެ. އަހަރެންގެ ހިތުގައި ކަނޑުގެ ލޮނުގަނޑާއި މެދު ވަނީ އާދަޔާޚިލާފު ރުޅީވެރިކަމެއް އުފެދިފައެވެ.
ކަނޑުގެ ލޮނުގަނޑަށް އަހަރެންނަށް ބަލަހައްޓައިގެން ހުރެވުނު އިރު އަހަރެންނަށް ރޮވެމުން ދިޔައެވެ. އަހަރެންނަށް ފެންނަން ފެށީ ޝިފާން ވެއްޓުނު މަންޒަރެވެ. ސަލާމަތްވާން ތެޅުނު ތެޅުމެވެ. އެވަގުތު ޝިފާން ގަންނާނެ ބިރާއި އެހިތުގައި އެޅާނެ ވޭން އަހަރެންނަށް އަންދާޒާ ކޮށްލެވުމާއެކު އަޑުގަދަކޮށްލެވުނެވެ. އިސާހިތަކު އަހަރެންނަށް ގިސްލެވެން ފެށުނެވެ. އަހަރެން ކޮޓަރިއަށް ދެމިގަތީ ދެން އެތަނުގައި ހުންނަން ކެތްނުވުމުންނެވެ. ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ އަހަރެންގެ ޝިފާން އަހރެންނާއި ވަކިކޮށްލީ އެދުވަހު ކުރިމަތިން ހުރަސްކުރި ލާންޗުގެ ރާޅުގަނޑުގެ ތެރޭގައި އުފެދުނު ވިޔާނުދާ އޮއެވަރެއްގެ ސަބަބުން ކަމެވެ. އެއީ އަހަރެން ދުވަހެއްގައި ވެސް ހަނދާނުން ފޮހެވިގެންދާނެ ކަމެއް ނޫނެވެ. ދުނިޔޭގައި ހުރިހާ ހިނދެއްގައި އަހަރެންގެ ޝިފާންގެ ހަނދާންތައް އަހަރެންނާއި ވަކިނުވާނެއެވެ. އަދި އެދުވަހު ކަނޑުގައި އުފެދުނު އޮއެވަރު ވެސް އަހަރެންގެ ހިތުގައި ބިންވަޅުނެގިފައިވާނެއެވެ.
ވަރަށް ކިއުޓް ވާހަކައެއް.ވވވވވސަޅި
Varah reethi vaahakaeh
ވާއު ވެރީ ނައިސް