ނޯޓު: މިވާހަކައަކީ ޒަމާނުއްސުރެ އިވެމުން އަންނަ ފުލޯކު ވާހަކައެއް ކަމަށްވާ ފޫޅުދިގުހަންޑީގެ ވާހަކަ އަޅުގަނޑުގެ ހިޔާލަށް ބަދަލުކޮށްގެން ލިޔެވިފައިވާ ވާހަކައެކެވެ. މިވާހަކަކިޔުން އެންމެ އެކަށީގެންވަނީ 18 އަހަރުން މަތީގެ ބޭފުޅުންނެވެ.
"އިރުއޮއްސި މުޅިރަށުތެރެއަށް އަނދިރިކަމުގެ ސާލެއް ފަތުރާލިއެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ރޭގަނޑުގެ ރާނީ ފާޅުވެ އެއަނދިރިކަން ފޫދުއްވާލިއެވެ. ޒަމާނަކީ އެވޭލާ ޒަމާނެއް ކަމުން ހަނދުގެ އަލިކަން ފިޔަވާ މަގުތަކަށްވާ އިތުރު އަލިކަމެއް ނުވެއެވެ. ފަނުން ހަދާފައިވާ ގެތަކުގައި ދިއްލާފައިވާ ބިގަރުތަކުންވެސް މާ ބޮޑު އަލިކަމެއް ނުވެއެވެ.
ދެނަމާދުދޭތެރޭ ވަގުތެވެ. އާމިނާބީ ބަދިގެއަށްވަދެ ބަނޑިޔަލުގެ މަތި ހުޅުވާލީ ހަގު ސޮރު ފެންބޯންވެގެން ރޯވަރުން ފެންފޮދެއް ނަގާށެވެ. ކަންދިމާކުރިގޮތުން ބަނޑިޔާ ހުރީ ހުސްވެފައެވެ. ބަނޑިޔާ ހުސްވެފައި ހުރިކަން އާމިނާބީއަށް ކުރިން އެނގިފައިވީ ނަމަވެސް ހަވީރުގެ ވަގުތު ފެންބަލާދާން ހަނދާންނެތުނީއެވެ. އެގަޑީގައި ފެންފޮދެއް ނުދެނީސް ހަގު ސޮރު މައިތިރިނުވާނެކަން އެނގުމުން އާމިނާބީއަށް ޖެހުނީ އެރޭ ފެންބަލާދާން ނުކުންނާށެވެ. ފެން ބަލާދާންޖެހެނީ މިސްކިތުވަޅު ދޮދަށެވެ.
އިރު ފުހެވި އަނދިރިވުމަށްފަހު ބޭރަށް ނުކުތުމަކީ އޭރުގެ އަންހެނުންގެ އާދައެއް ނޫނެވެ. އާމިނާބީވެސް ރޭނގަޑަކަށް ބޭރަކަށް ނުނިކުމެއެވެ. ރޭގަނޑަށް ބަނޑިޔާ ހުސްވެއްޖެ ނަމަ ފެންބަލާ ފޮނުވަނީ އޭނާގެ ފިރި ހަސަންތަކުރެވެ. ހަސަންތަކުރު މަސްވެރިކަން ނިމިގެން ރަށަށް އައުމުންނެވެ. ނަމަވެސް މިރޭ ކަންދިމާކުރި ގޮތުން އާމިނާބީއަށް ދާން މަޖުބޫރުވީއެވެ. ހަސަންތަކުރު އަންނަންދެން އެދެމަފިރިންގެ ހަގު ސޮރެއް ހަމަހިލާ ކެތްތެރި ނުވާނެކަން އާމިނާބީއަށް އެނގޭތީއެވެ.
ހަމަހިމޭންކަން ވެރިވެފައިވާ މަގުމަތިން ހިނގާފައި ދިޔަ އާމިނާބީ ދިޔައީ ސީދާ ކުރިމައްޗަށް ބަލަހައްޓައިގެންނެވެ. ތުންތުންމަތިން އިވެމުން އަންނަ އެކި ކަހަލަ ރޫހާނީ ވާހަކަތަކުގެ ސަބަބުން، އެރަށުގެ އެހެން އަންހެންވެރިން ފަދައިން އާމިނާބީވެސް ނުހަނު ހިތްބިރުގަނެއެވެ. އީމާންތެރިކަން ކުޑަވުމުގެ ސަބަބުން ހިތްދިޔައީ ތެޅެމުންނެވެ. ދޭތެރެއަކުން ދިމާލަކަށް ވައްކަޅިންވެސް ބަލާލެވެއެވެ. އިޚްތިޔާރުން ބޭރުގައެވެ.
މިސްކިތް ހުންނަ މަގަށް އެޅުނު ހިނދު އާމިނާބީގެ ނިއްކުރިން ދާ ހިއްލާލިއެވެ. މިސްކިތް ހުންނަނީ އާންމުކޮށް މީހުން އުޅޭ ހިސާބާއި ދުރު ހިސާބެއްގައި ކަމުން އެމަގުން މީހުން ހިނގާބިނގާވެ އުޅޭލެއް މަދެވެ. އިވެމުންދިޔަ ރަފީގުގެ އަޑު އާމިނާބީއަށްވީ އިތުރު ބިރުވެރި ކަމަކަށެވެ. ފަޅުކޮށް އޮތްއެ ސަރާސަރު މަގުން ކުރިއަށް ހިނގުމަށް އާމިނާބީއަށް ހިތްވަރު ލިބުނީ ހަނދުގެ އަލި ހަނދުވަރުންނެވެ.
މިސްކިތު ވަޅުދޮށުގައި ހުއްޓި ދާނި ނަގަމުން އާމިނާބީ ކޮޅުކޮޅަށް ނަޒަރު ހިންގާލިއެވެ. ބިރުވެރިކަމެއްގެ ހިލަން ނުވުމުން ހަމަޖެހިލާފައި ފެން ދާންޏެއްނަގާ ބަނޑިޔަލަށް އޮއްސާލިއެވެ. ދެވަނަ ދާނި ނެގުމަށް ވަޅުތެރެއަށް ދާނި ލީ ހިނދު، އާމިނާބީގެ ފަހަތުން މުރަނަ އެއްޗެއް ފިސްފިސްވެ މުރުމުރުވެގެން ދިޔަ އަޑު އިވުނެވެ. އާމިނާބީގެ ދެލޯ ބޮޑުވެ ހަރަކާތް ހުއްޓުނެވެ. ނިތްމައްޗަށް ރޫގިނަވެ ހިތްތެޅެންފެށިއެވެ. އާމިނާބީ މަޑުމަޑުން ފަހަތް ބަލާލިއެވެ. އެވަގުތު ފެނުން މަންޒަރުން އާމިނާބީގެ ހިތްނުހުއްޓުނީ ހަމަކިރިޔާއެވެ. އާމިނާބީގެ ފުރަހަގުން ތަންކޮޅެއް ދުރުގައި އޮތް ގަބުރުސްތާނުގެ ތެރޭގައި ބިރުވެރި ސިފައަކަށް އިން ހުތުރު އެއްޗެއް އިނެވެ. މުޅިގައިގައިވަނީ ކަޅު ކުލައިގެ ކެހެރިއެވެ. މުޅި ހިސާބުގައި އޮތީ އޭތީގެ އާދަޔާހިލާފު ދިގު ފޫޅެވެ. އަނގައިގައިހުރި ތޫނު ދަތްތައް ދިގުކަމުން ބޭރަށް ނުކުމެފައި ހުއްޓެވެ. އަތުގެ ނިޔަފަތިތައްވެސް އިންތިހާއަށް ދިގުވެފައި ތޫނެވެ. އިށީންދެގެން އިނީ ކޮނެފައިވާ ގަބުރެއް ކައިރީގައެވެ. އަތުތެރޭގައި ކަށްބޮލެއް އޮތެވެ. އޭތީގެ އަނގުރުފަދަ ދެލޯ ސިދާވެފައިހުރީ އާމިނާބީއަށެވެ. ގަންނާ ކުރެއްވި ބިރުން، ދާންޏަކާ ދާންޏެއް، ބަނޑިޔަލަކާ ބަނޑިޔަލެއް ދޫކޮށްލާފައި އަޑުގެ ކޮޅަށް ހަޅޭއްލަވަމުން އާމިނާބީ ދުއްވައިގަތެވެ."
ދެދަރިންނަށް ކިޔާ ދެމުންދިޔަ ވާހަކަ އާމިނާބީ ހުއްޓާލަން ޖެހުނީ ދޮރުގައި މީހަކު ތަޅައިގެން އަޑަށެވެ. ކުޑަކުޑަ ހަސަނާ ހުސޭނު އެއްފަހަރާ ކަހަލަ ގޮތަކަށް އާމިނާބީގެ އުނގުތެރޭގައި ބޮޑިވެގަތެވެ. އާމިނާބީ ކިޔާދިން ވާހަކައަކުން ބިރުންނެވެ.
"މަންމާ. އެއައީ ފޫޅުދިގުހަންޑިތަ؟" އާމިނާބީގެ ދޮށީދަރި ހުސޭނު އަހާލިއެވެ. އޭރު ހަގުދަރި ހަސަނުވެސް އޮތީ ބިރުންނެވެ.
"އާނ. ހަންޑި އެއައީ." ދޮރާ ދިމާލަށް ބަލަހައްޓައިގެން އިނދެ އާމިނާބީ ބުނެލިއެވެ. "މަންމަ އަންނާނަން ހަންޑި ފައްސާލާފަ. ދަރިފުޅުމެން މިތާ ބަސްއަހައިގެން ތިބޭ އިނގޭ." ރޯނު ފުރި އެނދުމަތީގައި ދެދަރިން ބައިތިއްބާފައި އާމިނާބީ ނުކުތީ ގެއިން ބޭރަށެވެ. ހަސަނު އަވަސް އަވަހަށް ހުސޭނުގެ ގައިގައި ބައްދައިގަތެވެ. ހުސޭނުގެ އުމުރުން 7 އަހަރު ނަމަވެސް 5 އަހަރުގެ އޭނާގެ ކޮއްކޮއަށް އޭނާ ބަލައެވެ. ޒިންމާދާރު ބޭބެއެއް ފަދައިން ހުސޭނުވެސް ހަސަނު ގައިގައި ބައްދާލާ ބޮލުގައި ފިރުމާލިއެވެ.
އޭގެ އިރުގަނޑެއް ފަހުން އާމިނާބީ އެނބުރި ގެއަށް ވަތްއިރު މުޅި މީހާވަނީ ގުނބުހިލި ދާހިއްލާ ފޯވެފައެވެ. ލައިގެން ހުރި ލިބާހުގެ ދެބައިކުޅަ އެއްބައިވަނީ ފޯވެފައެވެ. އާމިނާބީ ވަތްއިރު ހުސޭނުގެ އުނގުތެރޭގައި ހަސަނަށް އޮތީ ނިދިފައެވެ. ނަމަވެސް މަންމަ އަންނަންދެން ހުސޭނު އޮތީ ނުނިދައެވެ. މަންމަ ފެނުމުން ހުސޭނު އުފަލުން ފޮޅުނެވެ.
"ތިއައީ ހަންޑި ފައްސާލާފަތަ؟" ހެވިދިލިފައި އިން ހުސޭނު އަހާލިއެވެ. އާމިނާބީ ހިނިތުންވަމުން އާއެކޭ ބުނުމުގެ ގޮތުންބޯ ޖަހާލިއެވެ.
"ދެން މިރެއަކު ހަންޑިއެއް ނާންނާނެ." ހަސަނު ނަގާ އެނދުގައި ބާއްވަމުން އާމިނާބީ ވާހަކަދެއްކީ ހުސޭނާއެވެ. "ދެން ދަރިފުޅުވެސް ނިދާލާ. މަންމަ މިއަންނަނީ ފެންވަރާލައިގެން."
ކޮންމެއަކަސް ފޫޅުދިގުހަންޑީގެ އުނދަގޫ އާމިނާބީއަށް ކުރިމަތިވާންފެށިއެވެ. ކޮންމެ ރެއަކުވެސް އޭތި އާމިނާބީ ހޯދަން އެގޭ ދޮށަށް އާދެއެވެ. އޭތި އަންނަނީ އިޝާ ނަމާދުން ފައިބައިގެން މީހުންތައް ގެތަކަށްވަދެ ފައިތިލަ އޮބޭހާއިރުވީމައެވެ. ހަސަންތަކުރު މަހުން ލެފުމުގެ ކުރިންނެވެ. އެހެންކަމުން އެއްރޭވެސް ހަސަންތަކުރަކާ އެ ހަންޑިއަކާ ދިމާވެފައެއްނުވެއެވެ.
ކޮންމެ ރެއަކުވެސް ފޫޅުދިގުހަންޑިއާއި ކުރިމަތިލަނީ އާމިނާބީ އެކަނިމާ އެކަންޏެވެ. އޭނާގެ އާއިލާއާއި ތުއްތު ދެދަރީންގެ ހައްގުގައެވެ. އެކުދީންކޮޅު އެހަންޑީގެ ޝިކާރައަކަށްވެދާނެތީއެވެ. ހަންޑި އައުމުގެ ކުރިން އާމިނާބީ ކުދިންކޮޅު ނިންދެވޭތޯ ބަލައެވެ. ނަމަވެސް ހުސޭނު ބައެއް ރޭރޭ އޮންނަނީ ނުނިދައެވެ. އާމިނާބީ ހަންޑި ފައްސާލުމަށްފަހު އެނބުރި ގެއަށް ވަންނައިރު ހުންނަ ހާލު ފެންނާނެ ހަމައެކަނި މީހަކީ ހުސޭނެވެ. އާމިނާބީ ހަންޑީގެ ވާހަކަ ހަސަންތަކުރަށްވެސް ސިއްރު ކުރިއެވެ. ހަސަންތަކުރު ދުވާލުދާ ހަތަރު ދަމު ރަތްދަކަ އަވީގައި ތެޅިތެޅިފައި އަންނަ އިރު އޭނާގެ ސިކުނޑިއަށް އިތުރަށް ބުރަ ބޮޑު ވެދާނެތީއެވެ. ނަމަވެސް އަނގަ ހިމޭނުން ލައިގެން ނުހުރެވުނީ ހުސޭނަށެވެ.
ހަންޑީގެ ވާހަކަ ހުސޭނު ހަސަންތަކުރަށް ކިޔާދިނެވެ. ކޮންމެ ރެއަކު އޭތި އައިސް އެތިންމައިންނަށް ގޯނާ ކުރާ ވާހަކަވެސް ކިޔާދިނެވެ. އަދި އާމިނާބީ އެކަނިމާ އެކަނި ކޮންމެ ރެއަކު ހަންޑި ފައްސާލާ ކަމަށްވެސް ހުސޭނު ބުންޏެވެ. ހުސޭނުގެ ވާހަކައިން ކަންބޮޑުވީ ހަސަންތަކުރު އާމިނާބީއާއި ކުރެން އެއްސެވެ. ހަސަންތަކުރު ކުރިމަތީގައި އާމިނާބީއަށް ދޮގު ހަދަން ނުކެރިގެން ހުރިހާ ވާހަކައެއް ކިޔާދިނެވެ. ކަށްބޮލަކަށް ވެލިފުރަން އިންދާ އޭނާއަށް ހަންޑި ފެނުން ހިސާބުން ފެށިގެން މިއަދާ ހަމައަށް އޭތީގެ ގޯނާތައް ކުރިމަތިވަމުން އަންނަ ވާހަކައެވެ. އާމިނާބީގެ ވާހަކައިން ކަންބޮޑުވި ހަސަންތަކުރު ބޭނުންވީ އޭނާގެ އާއިލާގެ ހައްގުގައި އެރޭ ރަށުގައި މަޑު ކުރާށެވެ. އަދި ހަންޑީގެ ވާހަކަ ރަށު މީހުންނަށް އެނގިފައިނުވާތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހަސަންތަކުރު ރައްޔިތުންނަށް އެކަން އެންގިއެވެ.
އެރޭ ހަސަންތަކުރު ހުރީ ގޭގައެވެ. ދެމަފިރިންގެ ދެކުދިން ނިންދަވާފައި އާމިނާބީ އިނީ ހަސަންތަކުރު ކައިރި ހޭލައެވެ. ހަސަންތަކުރު އިނީ ހަންޑީގެ ހިލަމެއްވެދާނެ ކަމަށް ހުށިޔާރު ވެގެންނެވެ. ހަމަލާއެއް ދޭން ޖެހިއްޖެ ހިނދެއްގައި ބޭނުން ކުރުމަށް އެނދުދަށުގައި ކަތިވަޅިއެއްވެސް އޮތެވެ. ނަމަވެސް އާމިނާބީ މިރޭ އިނީ ވަރަށް ހިތްހަމަޖެހިގެންނެވެ. ދެމީހުން އެފަދަ ގޮތަކަށް އެކަހެރިވެލުމުގެ ފުރުސަތު މިލިބުނީ ވަރަށް ޒަމާންކޮށްފައެވެ. ހަސަންތަކުރުގެ ފަރާތުން ޖިސްމަށް ރާހަތެއް އެދިއެދި އާމިނާބީ ހުންނަތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. ނަމަވެސް ހަސަންތަކުރު ގެއަށް އައިސް ވެފައި ހުންނަ ވަރުބައްޔެއްގެ ސަބަބުން އެއްރޭވެސް ބުނާކަށް ނުކެރެއެވެ. އެހެނަސް މިރޭ ލިބިފައިވާ ފުރުސަތު ނަގާލާކަށް އާމިނާބީ ބޭނުމެއް ނުވިއެވެ. ހަސަންތަކުރުގެ ހާމަޔަށް އޮތް ފިރިހެންވަންތަ ހަށިގަނޑުގައި އާމިނާބީ ބޮސްދެމުން ދިޔައެވެ. ހަންޑިއަށް ހުށިޔާރުވެ އިން ހަސަންތަކުރު ދެފަހަރަކު އާމިނާބީ ދުރުވެސް ކުރިއެވެ. ދެން އާމިނާބީ ބޭނުން ކުރީ އެންމެ ފަހު އުކުޅެވެ. އާމިނާބީ ލާފައިވާ ހެދުމުގެ ފަރުދާ ކަޝްފުކުރި ހިނދު ހަސަންތަކުރަކަށްވެސް އިތުރަކަށް ކެތެއްނުވިއެވެ. ހިއްސުތައް ހޭލި ހިނދު ރާހަތުގެ އަރާމު އެދިގެން ހަސަންތަކުރު އަވަސްވެގަތެވެ.
ހަސަންތަކުރަށް ހޭލެވުނީ ޖެހިގެން އައި ދުވަހު ހެނދުނެވެ. މަހަށް ދާންވެސް އޭނާއަށް ހިއްލައެއް ނުލެވުނެވެ. ހަސަންތަކުރު މާ އަރާމުކޮށް ނިދާފައި އޮތުމުން އާމިނާބީ އެކުން އަޅާނުލީއެވެ. ރޭގައި ތަކުރު އިނުމުން ހަންޑީގެ ހިލަމެއް ނުވާކަމަށް އާމިނާބީ ބުންޏެވެ. އެކަމާ ފަހުރުވެރިވި ހަސަންތަކުރު އެދުވަސްވެސް ހޭދަ ކުރީ އާއިލާއާއި އެކުގައެވެ. އަދި އާމިނާބީއަށް އެހީތެރިވުމުގައެވެ. އިރުއޮއްސި އަނދިރިވުމުން ހަސަންތަކުރު ހުށިޔާރުވީ އަނެއްކާވެސް ފޫޅުދިގުހަންޑިއަށެވެ. މިރޭވެސް އާމިނާބީ ދެކުދިން ނިންދަވާފައި ހަސަންތަކުރު ކައިރީގައި ހޭލާއިނެވެ. ހަންޑިއަށް ހުށިޔާރުވެ އިން ނަމަވެސް ހަސަންތަކުރަށް ބެލެނީ ކައިރީގައި އިން އާމިނާބީގެ ހަށިގަނޑަށެވެ. ލަދުގަތްފައި އާމިނާބީ އިނީ ތަކުރު މާވަރަކަށް ބަލާތީއެވެ. މިރޭ ކެތްނުކުރެވުނީ ތަކުރަށެވެ. އިސްވެ ހަރަކާތްތެރިވެގަތީ އޭނާއެވެ. އާމިނާބީވެސް ތަކުރަށް އިންކާރެއް ނުކުރެއެވެ. ތަކުރަށް ދެން ހޭލެވުނީ ފަތިހު މަހަށް ދާން އާމިނާބީ ގޮވުމުންނެވެ. ރޭގައިވެސް ހަންޑީގެ ހިލަމެއް ނުވާ ކަމަށް އާމިނާބީ ބުނުމުން އޭތީގެ އުނދަގުލުން ސަލާމަތްވީ ކަމަށް ބަލާ ހަސަންތަކުރު އެދުވަހު މަހަށް ފުރިއެވެ.
ރަށުގައި މިހާރު އެންމެ ގަދަޔަށް ދެކެވޭ ވާހަކައަކީ އާމިނާބީއާއި ފޫޅުދިގުހަންޑީގެ ވާހަކައެވެ. އާމިނާބީ ފެންނަހާ ތާކުން މީހުން އެކަމާ ސުވާލު ކުރެއެވެ. އާމިނާބީ އެއްބަސްވަމުން އަހާ ކޮންމެ މީހެއް ކައިރި ހުރިހާ ވާހަކައެއް ކިޔާދެއެވެ. ހަންޑީގެ ސިފައާއި އޭތި ދިމާކުރާ ގަޑި ރަނގަޅަށް ކިޔާދެއެވެ. އެހެންކަމުން އެރަށު މީހުން މިހާރު ނިދަން އޮށޯންނަލެއް ވެސް އަވަހެވެ. އިޝާ ނަމާދުން އައިސް ފިރިހެނުންވެސް ބަލަނީ އަވަސްވީ ގޮތަކުން ނިދަން އޮށޯއްވެވޭތޯއެވެ.
އިޝާ ނަމާދުކޮށްލައިގެން ކާލައިގެން ޖައްސާލިތަނާ އަލިކޮއެ ވަރަށް ބޮޑަށް އަތިރިއަށް ދާން ޖެހުނެވެ. ނަމަވެސް ވަގުތުގެ ގޮތުން ނުކުންނަން ނުކެރިގެން އޭނާބެލީ ހިފަހައްޓާލެވޭތޯއެވެ. ކާމިޔާބު ވާގޮތެއް ނުވިއެވެ. ފޫޅުދިގުހަންޑިއަރާ ކާލިޔަސް އަލިކޮޔަށް ޖެހުނީ އަތިރިއަށް ދާށެވެ. އަވަސްހިނގުމެއްގައި އަތިރިއަށް ފައިބާފައި އެނބުރި ގެއަށް އައި މަގުމަތީގައި ހަސަންތަކުރުގެ ގޯތިން ފެނުނު މަންޒަރުން އަލިކޮއެގެ ލޯ ތަރަތަރަ ޖަހައިގެން ދިޔައެވެ. ފޫޅުދިގުހަންޑިއޭ އަލިކޮޔަށް ބުނެލެވުނެވެ.
އެރޭ ހަސަންތަކުރު މަހުން ލެފުމުން އަލިކޮއެ ހަސަންތަކުރާ ބައްދަލުކޮށް ސިއްރު ވާހަކައެއް ދެއްކިއެވެ. ނަމަވެސް ހަސަންތަކުރު އަލިކޮއެގެ ވާހަކަ ގަބޫލު ކުރި ހެނެއް ހިޔެއް ނުވެއެވެ. އަލިކޮޔަށް އެކަން އެނގުމުން އޭނާ ގޮންޖެހީ އެކަން ތެދަކަށް ނުވާނަމަ އޭނާ އަމިއްލައަށް ގޮސް ފޫޅުދިގުހަންޑިއާއި ހަވާލުވާނެ ކަމަށެވެ. ކޮންމެއަކަސް އަލިކޮއެ ދެއްކި ވާހަކަ ދޮގުކުރަން ހަސަންތަކުރަށް މަޖުބޫރުވީ އަމިއްލަ އާއިލާގެ ހައްގުގައެވެ.
އަނެއް ދުވަހު ހަސަންތަކުރު މަސައްކަތްކުރީ އަލިކޮއެގެ އިރުޝާދުގެ ދަށުންނެވެ. ފަތިހު މަހަށްދާން ހޭލި ނަމަވެސް ތަކުރު މަހަށް ނުގޮސް އަލިކޮއެގެ ގޭގައި މަޑު ކުރިއެވެ. އާމިނާބީއަށް އޮޅުވާލައިގެންނެވެ. އާމިނާބީ ހުރީ ތަކުރު މަހަށް ފުރީ ކަމަށް ނިންމައިގެންނެވެ. އިރުއޮއްސި އަނދިރިވުމާއެކު އާމިނާބީގެ ދެކުދިން ނިންދެވީ ހަންޑިއަރާ ވަގުތައް ތައްޔާރުވުމަށެވެ. ހަންޑި އައިސް ދޮރުގައި ތަޅައިގަތުމާއެކު އާމިނާބީ ދޮރު ހުޅުވާލާ ބޭރަށް ނުކުތެވެ. އޭރު އަލިކޮޔާއި ހަސަންތަކުރު ފުޅަށްބިއްދޮށުގައި ބޮނދާ ފާރަޔަށް ތިއްބެވެ. ހަސަންތަކުރަށް ފެނުނު މަންޒަރު ގަބޫލު ކުރަންވެސް ދަތިވިއެވެ. އެބުނާ ފޫޅުދިގުހަންޑިއެއް ގޮވައިގެން އާމިނާބީވަނީ ގިފިއްޔަށެވެ. ގިނަ އިރުތަކެއްނުވެ އާމިނާބީ ހޭރޭ އަޑު އިވެންފެށިއެވެ. ތަކުރަކަށް އިތުރަކަށް ކެތެއް ނުވިއެވެ. އަތުގައި އޮތް ކަތިވަޅި އަތަށް ހެޔޮވަރުކޮށްލުމަށްފަހު އެދިޔަ ގޮތަށް ގޮސް ގިފިލީ ފުޅަށް ހަލާކުކޮށްލާފައި ގިފިލީ ތެރެއަށް ވަދެގަތެވެ. ހެއްދެވި ގޮތަށް ތިބި އާމިނާބީއާއި ރަންއާދަނަށް ލިބުނު ސިހުމާއެކު ދެލޯބޮޑުކޮށް ތަކުރާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ.
"މީދޯ ތިކިޔާ ފޫޅުދިގުހަންޑިއަކީ؟" ރަންއާދަނާ ނިސްބަތްކޮށް ތަކުރު މުހާތަބުކުރީ އާމިނާބީއާއެވެ. ރުޅިއައިސް ރަތްވެފައިހުރި ތަކުރުގެ އަޑުގައި ތުރުތުރެއް ހުއްޓެވެ. ރަނގަޅަށް ފޫޅު ވައްދާދޭނަމޭ ކިޔާ ހަސަންތަކުރު އަތުގައި އޮތް ކަތިވަޅިން ރަންއާދަނުގެ ލަދުވެތި ގުނަވަން ބުރިކޮށްލިއެވެ.
އާމިނާބީއާއި ރަންއާދަނުގެ ވިޔާނުދާ ގުޅުން ރަށަށް ބޭޒާރުވެގެން ދިޔައެވެ. ރަންއާދަނީ އިހަށް ދުވަހަކު އެރަށަށް އަރައިގެން އުޅޭ ތިލޭރެކެވެ. އާމިނާބީއާއި ރަންއާދަނާ ދިމާވީ އާމިނާބީގެ ގިގުނި ބައްދަންވެގެން ދިޔަދުވަހެއްގައެވެ. އެހިސާބުން ފެށިގެން ދެމީހުންގެ ދެމެދުގައި ގުޅުން އުފެދި ބަދަހިވެ އެހާ ހިސާބަށް ދިޔައީއެވެ. ރަންއާދަނާއެކު ގުޅުން ހިންގަން ބޭނުންވި ހިނދު އާމިނާބީ ބޭނުންކުރީ މޮޅު އުކުޅެކެވެ. އޭނާގެ ދަރިން ނިންދަވަން އޭނާ ކިޔާދީ އުޅޭ ފުލޯކު ވާހަކައެއް ތެދަކަށް ހެދީއެވެ. ފޫޅުދިގުހަންޑި ވުޖޫދަށް ގެނައީއެވެ. އެމީހުންނަށް ބޭނުންވާ މިނިވަންކަން ހޯދުމަށް މުޅި ރަށް ނާމާންކޮށްލާ ރައްޔިތުންގެ ލޮލުގައި އަނދުނެއް އެޅުވީއެވެ. ނަމަވެސް މިއަދުމިވަނީ ފޫޅުދިގުހަންޑީގެ ހަގީގަތް މުޅި ރަށަށް ބޭޒާރުވެފައެވެ.
-ނިމުނީ-
ދަރިޔަށް ހަސަނު.ބައްޕައަށް ހަސަން ތަކުރު..
ޗީ... ޗީ ...... މުޑުދާރުކަން
އާއައާ
ހާދަ އަރާމު ވާނޭ
💏 💏 💏 💏 💏 💏 💏
ބިގަރު ވަރަށް އަލިގަދަވާނެ. ފާނޫޒު އަލިގަދަނުވާނީ. ވަރަށްމަދު ގެއެއްގަ ކުރީގަ ބިގަރު ދިއްލާނީ. ގިނަ ގޭގޭގަ ހުންނާނީ ފުޅިބައްތި ނުަތަ ފާނޫޒޫ