ފަނާ

މީގެ ފަނަރަ އަހަރު ކުރިން އަހަރެންނާއި އަހަރެންގެ ކުޑަ ކުޑަ އާއިލާ އިންޑިއާއަށް ބަދަލުވީ މަންމަގެ ބަލި ޙާލަތު ހުރިގޮތުންނެވެ. ކުޑަ ގެއެއް ކުއްޔަށް ހިފައިގެން އަހަރެމެން އުޅެމުންދިޔައީ އިންޑިއާގެ އެންމެ މީހުންގިނަ އެއް ސަރަހައްދު ކަމައްވާ މޮމްބައި ސިޓީގައެވެ. މީހުންނާއި ދުއްވާ އުޅަނދު ފަހަރު ގިނަކަމުން ހިތަށް ހަމަޖެހުމެއް ނުލިބުނުކަމުގައި ވިޔަސް މަންމަގެ ސިއްޙަތު އަހަންނަށް މާ މުޙިއްމެވެ. މަހަކު ދެތިން ހަތަރު ފަހަރު ޑޮކްޓަރަށް ދައްކަން އިންޑިއާއަށް ދާން ޖެހޭތީ ބައްޕަ އެންމެ ފަހުން އިންޑިއާއަށް ދިރިއުޅުން ބަދަލު ކުރަން ނިންމީއެވެ.

އަހަރެންގެ އުމުރުން 18 އަހަރުކަމުން އިންޑިއާގެ ކޮލެޖަކުން އަހަރެން މަތީ ތަޢުލީމު ލިބިގަންނަމުން ދިޔައީމެވެ. ނުދަން ތަފާތު އެކި މީހުންނާއި ކިޔެވުމުގެ މާޙައުލުން ދިމާވިކަމުގައި ވިޔަސް ފުރަތަމަ ދުވަސްކޮޅު އަހަރެން ހަމަޖެހިލައިގެން އުޅުނީ އެ މާޙައުލަށް ހޭނުމުގެ ބޭނުމުގައެވެ. އެހެން ކުދިންނާއި ހިލާފަށް ބުރުގާ އަޅައިގެން އުޅޭ ހަމައެކަނި ދަރިވަރުކަމުގައި އަހަރެން އެކޮލެޖުން ވިއެވެ. މީހުންގެ އެކި ވާހަކަތައް އަހަންނާއި ބެހޭގޮތުން ފަތުރަމުންދިޔައެވެ. މީހުންގެ ނުބައި އެސްފީނާ އަހަންނަށް ޖެހެމުންދިޔައިރު މީހުންގެ ރުޅިވެރިކަންވެސް ދިޔައީ އިންތިޙާއަށް އިތުރުވަމުންނެވެ. އަހަންނަކީ މުސްލިމަކަށް ވީމައެވެ. އެމީހުންގެ ނަޒަރުގައި އަހަންނަކީ ޓެރަރިސްޓެކެވެ.

ނަމަވެސް މީހުންކިޔާ އެއްޗަކަށް ނުބަލައި ހިއްވަރުކޮއްލައިގެން އަހަރެން ކިޔަވަމުން ދިޔައީމެވެ. ދުވަސްތައް މިފަދަގޮތަކަށް ފާއިތުވަމުން ދަނިކޮށް އަހަންނަށް އުފާވެރިކަމުގެ އިޙްސާސްއެއް ކުރެވުނީ ރޯހަން އަހަރެންގެ ދިރި އުޅުމަށް އައި ފަހުންނެވެ. ފުރަތަމަ އަހަރުގެ ކިޔެވުންނިމި ޖެހިގެންއައި އަހަރު ކޮލެޖަށް ވަދުން ކުދިންގެ ތެރޭގައި ރޯހަން ހިމެނެވެ. އަހަރެން ކިޔަވާ ބައެއް މާއްދާތައް ރޯހަންވެސް ކިޔަވާތީ ކޮންމެ ދުވަހަކުވެސް ދެމީހުން ދިމާވެއެވެ. އެހެން މީހުނާއި ހިލާފަށް ރޯހަން އަހަންނާއި ދޭތެރޭ ދެކެމުންއައީ ގާތް އެކުވެރިއެއްގެ ގޮތަށެވެ. ކުލާހުގައި ބޭކާރުވެފައި އިންނާކަށް އޭގެފަހުން އަހަންނަކަށް ނުޖެހުނެވެ. ހުރިހާ ކަމެއްގައިވެސް ރޯހަންގެ އެއްބާރުލުން ލިބެމުންދިޔައެވެ. އަދި ކޮލެޖު ތެރޭގައި އަހަންނާއި ބެހޭގޮތުން ދެކެވެމުންއައި ވާހަކަތައް ރޯހަންގެ ސަބަބުން މަދުވިއެވެ.

އަހަރެންވެސް ރޯހަންގެ ރަނގަޅު ސިފަތަށް ފެނި ގާތް އެކުވެރިއެއްގެ ގޮތުގައި ރޯހަން އާއިމެދު ދެކެންފެށީމެވެ. ދިރިއުޅުމުގައި ދިމާވާ ތަފާތު އެކި ކަންތައްތައް ހިއްސާ ކުރަމުންދިޔައީ ރަށްޓެއްސެއްގެ ހައިސިއްޔަތުންނެވެ.

ނަމަވެސް އަހަރެން ބަހައްޓަމުންދިޔަ ގާތްކަމުގެ ސަބަބުން ރޯހަންއަށް އަހަރެންދެކެ ލޯބިވެވުނެވެ. ރޯހަން އަހަރެންދެކެ ލޯބިވާ ވާހަކަ ބުނުމުން އަހަރެން ވަގުތުން އިންކާރު ކުރީމެވެ. އެހެނަސް އަހަރެންގެ ކުރިމަތީގައި ލޯތްބަށްއެދި އާދޭސްކުރަމުން ރޯހަން ދިޔައެވެ.

އެއްވެސް ޙާލަތެއްގައި އަހަރެމެން ދެމީހުން ކައިވެނިކުރުމީ ނުވާނެ ކަމެއްކަން އަހަންނަށް މާކުރިންވެސް ވަނީ ޔަޤީންވެފައެވެ. އަހަރެންގެ ދީންވެސް އެކަމަށް ހުއްދަ ނުދެއެވެ. ޚުދު އަހަރެންވެސް އަހަންނާއި މުޅިން ތަފާތު މާޙައުލެއްގެ މީހެއް އަމިއްލަ ޙަޔާތުގެ ބައިވެރިއަކަށް ހަދާކަށް ބޭނުމެއް ނޫނެވެ.

ރޯހަން ލޯބި ހުށަހެޅި ދުވަހުންފެށިގެން ކުރިން ބާއްވަމުންދިޔަ ގާތްކަން އަހަރެން ދުރުކުރީމެވެ. އެކަމާ ރޯހަން ޝަކުވާވެސް ކުރިއެވެ. ނަމަވެސް އިތުރަށް ދެން އެއްވެސް ކަހަލަ ގުޅުމެއް އަހަރެމެންގެ މެދުގައި ނުބޭއްވުމީ ދެމީހުނަށްވެސް ފައިދާހުރި ގޮތްކަމުގައި އަހަންނަށް ވިސްނުނެވެ. ކުލާހުން ދިމާވުމުންވެސް ރޯހަން އާއި ދިމާއަށް އަހަރެން ބަލައިވެސް ނުލަމެވެ. ނަމަވެސް މިއީ އަހަންނަށް ހެދުނު އެންމެ ބޮޑު ގޯހެވެ.

އަހަރެން ރޯހަން އާއި ދޭތެރޭ ޢަމަލުކުރަމުންދިޔަ ހަރުކަށިކަމުގެ ސަބަބުން އެންމެފަހުން ރޯހަންގެ ލޯބި ނަފްރަތަށް ބަދަލުވެގެންދިޔައެވެ. އަހަރެންދެކެ ރޯހަން އިންތިހާއަށް ނަފްރަތު ކުރަންފެށިއެވެ. ރޯހަންވެސް އެހެން މީހުނެކޭ އެއްފަދައިން އަހަންނޭ ކިޔައިގެން ތަފާތު ވާހަކަތައް ފަތުރަން ފެށިއެވެ. އަހަރެން ރޯހަން ކިޔާ އެއްވެސް އެއްޗަކަށް އަޅައިނުލާ ހުރީ ރޯހަންގެ އަޑު މަޑުވާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް އަހަރެންގެ މަންމަ އޭ ކިޔައިގެން ދޮގުވާހަކަ ދައްކަން ފެށުމުން އަހަންނަކަށްވެސް މަޑަކުން ނުހުރެވުނެވެ. އައިސްހުރި ރުޅިއެއްގެ ސަބަބުން އެންމެންގެ ކުރިމަތީ ރޯހަންގެ މޫނުމަތީގައި އަހަރެން ޖެހީމެވެ.

ދުވަސްކޮޅަކަށް ރޯހަންގެ އުނދަގޫ ކުޑަވުމުން އޭނައަށް ވިސްނުނީ ކަމަށް އަހަންނަށް ހީކުރެވުނެވެ. ނަމަވެސް އަހަރެންގެ މި ހީކުރުމުގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން ފަނާވާން ނެގީ ކުޑަ ވަގުތުކޮޅެކެވެ.

އެއީ އެއްރެއެއްގެ ދަންވަރު ވަގުތެވެ. ގޭގެ ދޮރުގައި މީހަކު ޓަކިދޭއަޑަށް އަހަންނަށް ނިދިން ހޭލެވުނެވެ. ތެދުވެގެންގޮސް އަހަރެން ބޭރުދޮރު ހުޅުވާލީ ބައްޕަ ވަޒީފާއިން އައީ ކަމަށް ހިތާއެވެ. ނަމަވެސް ދޮރު ހުޅުވާލުމާއެކު އަހަރެންގެ މޫނަށް މީހަކު އެސިޑްޖެހިއެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަހަރެންގެ މޫނު ފިހި އެތަށްވޭނެއް އަޅަމުންދިޔައެވެ. އަހަންނަށް ކުރެވެމުންދިޔަ ވޭންގެ ސަބަބުން ހަޅޭއްލަވަމުންދިޔައީމެވެ.
މުޅި ސަރަހައްދު މީހުން އެރޭ އެތަނަށް އެއްވިއެވެ. ނަމަވެސް އެއްވެސް މީހަކަށް އެހީއެއް ނުވެވުނެވެ. ހޮސްޕިޓަލަށް ވަގުތުން ގެންދެވުނު ކަމުގައިވިޔަސް އަހަރެންގެ ހަށިގަނޑަށް ލިބިފައިވާ ޒަޙަމް ރަނގަޅު ކުރެވޭނެ ހެއްޔެވެ؟

މި ހާދިސާގެ ސަބަބުން އަހަރެންގެ ހުރިހާ އުންމީދަކާއި ހުވަފެންތައް ވެއްޔާއި މޮޑެވިގެން ދިޔައެވެ. އަހަރެންގެ ހަށިގަނޑުގައި ފުރާނައެއް ވިޔަކަސް އޭގައި އެއްވެސް ދިރުމެއް ނުވާހަކަލައެވެ. އަހަންނަށް ލިބުނު ޒަޙަމް ފެނި މަންމައަށް ކެތެއްނުކުރެވުނެވެ. އެހިތާމައިގާ މަންމަގެ ފުރާނަދިޔައެވެ. ހަމަ އަހަރެންގެ ސަބަބުންނެވެ.

އެދުވަހު ރޯހަންއަށް ރަނގަޅަށް ވިސްނައިދޭން މަސައްކަތްކުރިނަމަ މިއަދު މިޙާލުގައި އަހަރެން އޮންނާކަށް ނުޖެހުނީހެވެ. ރޯހަންގެ ރުޅިވެރިކަމުގެ ނަތީޖާ މިހާ ހިއްޗެއްނުވީހެވެ. އަބަދުމެ އަބަދަށް އަހަރެންގެ ދިރިއުޅުން ފަނާ ވެގެން ނުދިޔައީހެވެ. އަހަރެންގެ ލޯބި މަންމަ އަހަރެންކައިރީގައި ވީހެވެ.

އަހަރެންދެކެ ލޯބިވާ މީހަކު އަހަންނަށް މިފަދަ އަނިޔާއެއް ދިނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ދިރިއުޅުން ކޮށާ ކުދި ކޮއްލީ ކީއްވެ ހެއްޔެވެ؟ ލޯތްބަކީ މީހާ ބަރުބާދު ކޮއްލާފަދަ ހިތި ޒަޚަރެކެވެ. އަހަންނަށް މިއަދު މިވަނީ އެ ޒަޚަރު ތަޙައްމަލް ކުރަންޖެހިފައެވެ. އެކަމުގައި ފަނާވާން ޖެހިފައެވެ. އެއްވެސް އުންމީދެއްނެތި ބާކީވެފައި ހުންނަން ޖެހިފައެވެ. ލޯބިވާ މީހަކަށް އެލޯބި އަނބުރާ ދިނުން މަޖުބޫރު ހެއްޔެވެ؟ އަހަންނަށް މިއަދު ކުރިމަތިވެފައިވާ ޙާލަތުން ބަޔާންވަނީ އެހެނެވެ.

އުމުރު ދުވަހަށްވެސް އަހަރެން މިކަމާ ހިތާމަ ކުރާނަމެވެ. ދުވަހަކުވެސް ރޯހަންގެ ހަނދާން އަހަރެންގެ ހިތުން ނުފިލާނެއެވެ. އަހަންނަށް ރޯހަންދެކެ ލޯބި ނުވެވުނަސް އެނަން އަހަރެންގެ ހިތުގައި އާލާވެ މިހިތައް ވޭން އަޅަމުން ދާނެއެވެ. މަންމައަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުމުގެ ބޭނުމުގައި އަމިއްލަ ވަޒަން ދޫކޮށް ހިލޭ ބައެއްގެ ކައިރިއަށް އައުމުން އެކަމުގެ ނަތީޖާ ނުކުތީ ވަރަށްވެސް ހިތިކޮށެވެ. ހަމައެކަނި އަހަރެންގެ ސަބަބުންނެވެ.
-ނިމުނީ-

    Please log in or register to bookmark.
    3k

    ޚިޔާލު

    Your email address will not be published.