Views: 2271 38

ރެއަކީ މަހެއްގެ 16 ވިލޭ ރޭކަމަށްވުމުން ކޮޓަރީގެ ކުޑަދޮރުން ރަންކުލައިގެ ބޮޑު ބޯޅައެއްހެން ފެންނަން އެހެރީ މިރޭގެ ހަނދެވެ. ކުޑަކޮށް ބާލީސް ބޯދޮށަށް ދަމައިލުމަށްފަހު ތެދުވެވޭތޯ މަސައްކަތް ކުރީމެވެ. ނުތެދުވެވުނެވެ. ސަކީނާއަށް ގޮވަނަމޭހީކޮށްފައި އޭނައަށް އުދަގޫނުކުރަންވެގެން ނުގޮވީއެވެ. ދެތިންފަހަރެއްގެ މަސައްކަތުން ތެދުވެވިޖެއެވެ. ބާލީހެއް ބޯދޮށަށްލައްވައިގެން އެނދުމަތީގައި އެނދުކޮޅުގައި އިށީދެވިއްޖެއެވެ.

އަނެއްކާ މިރެއަކީ މަސްވެރިކަން ރަނގަޅު ރެއަކަށް ވާނެއޭ ހިތަށް އެރިއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެ؟ މަސްވެރިކަން ކިތަންމެ ރަނގަޅަސް މިހާރަކު އަހަންނަށް މަހަކަށް ނުދެވޭނެއެވެ. އަމިއްލައަށް ހިނގައި ބިނގައި ނުއުޅެވޭތީއެވެ. އަނެއްކާވެސް އެއްކަލަ ޚިޔާލު ހިތަށް އުނދަގޫކުރަން ފަށައިފިއެވެ. މިކަން އަހަންނަށް ނުކުރެވި މިދުނިޔެ ދޫކުރަންޖެހިދާނެކަމުގެ ބިރުވެރި އިންޒާރުން އަހަރެންގެ ވަރުދެރަ ހަށިގަނޑުގައި ހުރިލޯލިތައް ކޮޅަށްޖެހުނެވެ. އަހަންނަށް ފުންނޭވާއެއްލެވުނެވެ. އަނެއްކާވެސް ކުޑަ ދޮރާއި ދިމާއަށް ބަލައިލެވުނެވެ. މިހާރު މަޑުމަޑުން ހަނދު އަހަންނަށް ނިވައިވަނީއެވެ.

ކުއްލިއަކަށް ވައިރޯޅިގަދަވާން ފަށައިފިއެވެ. އުޑުމަތީވިލާތައް ގިނަވާން ފަށައިފިއެވެ. ހިމަފޮދުވާރެވެހެން ފަށައިފިއެވެ. ކޮޓަރީގެކުޑަދޮރުން އަންނަ ވައިރޯޅީގައި އާދަޔާޚިލާފު ތެތްފިނިކަމެއް އެކުލެވޭހެން އަހަންނަށް އިހުސާސްވާން ފަށައިފިއެވެ. މިރެއަކީ "ބަދުރުވަ" ނަކަތުން 3 ވަނަ ރޭކަންހަނދާނަށް އައީ ދެނެވެ. ފުލުފުލުގައި އައި ދެތިން ގުގުރިއާއެކު ހީވީ ކައިރީގައި ހުރިމިސްކިތުގެ ފުރާޅުވެއްޓުނުހެނެވެ. އައި ބާރުވައިރޯޅި އާއެކު ހުޅުވައިފައި ހުރިކުޑަދޮރު ލެއްޕުނުލެއް ބާރުކަމުން އަލަމާރީގެ މަތީގައިހުރި ފޮޓޯ ލޯގަނޑުތައް ބިންމައްޗަށް ވެއްޓިއްޖެއެވެ. ނަސީބަކުން ފޮޓޯ ލޯގަނޑުތައް ނުތެޅެއެވެ. ކޮޓަރީގައިކާޕެޓު އަޅާފަހުރީމައެވެ.

ސަކީނާ ޝަހާދަތް ކިޔަމުން ބާރަށް އައިސް ކޮޓަރިއަށްވަދެ އަވަސްއަވަހަށް އަހަރެން ކޮބައިތޯ ބެލުމަށްފަހު ގެސާފުކުރަން އަންނަ ބަނގާޅުމީހާ ދޮރުނުލައްޕާ ހުރީކަމަށްބުނެ ޝަކުވާކުރިއެވެ. ދޮރުނުލައްޕާހުރީ އަހަރެން ބުނެގެންނެވެ. ނަމަވެސް އަހަރެން އެއްޗެކޭ ނުބުނަމެވެ. ސަކީނާ ބިންމަތިން ފޮޓޯ ލޯގަނޑުތައް ނަގާ ފުހެލުމަށްފަހު އެނދުކައިރީގައިހުރި ކަބަޑުމަތީ ފޮޓޯ ލޯގަނޑުތައް ބެހެއްޓިއެވެ. އަދި އަހަރެން ލެނގިލައިގެން އިން ބާލީސް ރަގަޅުކޮށްލުމަށްފަހު ސައިތައްޓެއް ހިފައިގެން އެބަ އަންނަމޭ ބުނެފައި ކޮޓަރިންނިކުމެއްޖެވެ.

އަހަރެން އެއްއަރިއަކަށް އެނބުރިލިތަނާ ލޮލުގައި އަޅައިގަތީ ދެންމެ ސަކީނާ ފޮހެފައި ކަބަޑު މަތީބެހެއްޓި ދެ ފޮޓޯ ލޯގަނޑެވެ. އެއްފޮޓޯއިން ފެންނަނީ އަހަރެން ގްރޭޑް 10 ގެ އެންމެފަހު ޓެސްޓް ނިންމާފައި ހުރިހާކުދިން ކުލަޖަހާ ސަކަރާތް ޖަހާތަނެވެ. އަނެއްފޮޓޯއިން ފެންނަނީ އޭގެމާފަހުގެ ދުވަސް ވަރެކެވެ. އަހަރެންގެ އެންމެޒުވާން ދުވަސްވަރެވެ. ވަރުގަދަ 4 ޒުވާނުން ބޮއްކުރައެއްގައި ބޮޑުރަތް މަހެއްހިފައިގެން ތިބިތަނެވެ. އަހަރެން ހުރީ އެމަހުގެ ބޮލުގައިދަތް އަޅަން އަގަ ހުޅުވައިގެންނެވެ. އެތަންފެނިފައި ބޭއިޙުތިޔާރުގައި އަހަންނަށް ހެވުނެވެ.

އަނެއްކާވެސް އަނެއްފޮޓޯ އަށް ބަލައިލެވުނެވެ. ކުއްލިއަކަށް އަހަރެންލޮލުގައި އަޅައިގަތީ ނަޖުމާ އެވެ. ނަޖުމާގެ ގަޔަށް ކުލަ ޖަހަން އޭނަގެ ފަހަތުން އަހަރެން ދުވަމުން ދާތަނެވެ. އެމަންޒަރު އަހަރެންގެ ޚިޔާލު އަހަރެން ގޮވައިގެން ސޮއްސައިލީ މީގެ އެތަކެއް އަހަރު ކުރީގެ މާޒީއަށެވެ.

އެއީ އަހަރެންގެ ސުކޫލުގެ ޅަދުވަސްތަކެވެ. މަޖަލާ އުފަލުގައި އުޅެމުން ދިޔަ ދުވަސްވަރެވެ. އަހަންނަކީ މީހުނާ ގުޅޭ މީހަކީމެވެ. ކުލާހުގައި ކީއްކުރަން މުޅި ސުކޫލުގައިވެސް އަހަންނާ ރައްޓެހި ނޫން ކުއްޖަކު ނޫޅޭނެއެވެ. ރަށުގެ ނިސްބަތުން ބަލާއިރުވެސް އޭރުވެސް ރަށުގެ އެންމެ ފުދިގެން އުޅޭނީ އަހަރެންގެ އާއިލާގެ މީހުންނެވެ. ބައްޕަ ނަމުގައި ދެ ތިން ފަޅުރަށް ލިޔުއްވާފައި އޮތުމުންނެވެ. ތިން ދޯންޏާއި ދެ ބޮއްކުރާ އަދި ކުޑަވަރެއްގެ ވިޔަފާރިއެއް ހުރުމުންނެވެ.

ރަށުގެ ހުރިހާ އަންހެންކުދީންގެ ތެރެއިންވެސް އަހަރެންގެ ހިތް އޭރު އެދެމުންދިޔައީ ނަޖުމާއަށެވެ. ނަޖުމާއަކީ ރީތި ފުރިހަމަ އަންހެންވަންތަ ހަށިގަނޑެއް ލިބިފައިވާ ދޮން ރީތި ކުއްޖެކެވެ. ނަޖުމާއަކީ އަހަންނަށްވުރެ އެއް އަހަރު ކުޑަކުއްޖެކެވެ. އަހަރުމެން ކުލާހާއި އެކުލާސް ހުންނަނީ ޖެހިޖެހިގެންނެވެ. ދެ ކުލާސް ބައިކޮށްފައި ހުންނަނީ ކިޔަވައިދޭ ބޯޑުންނެވެ. އެއީ ދެ ފަރާތުވެސް ޗޯކުން ލިޔެވޭ ބޯޑެއްކަމުން އަހަރުމެން ކުލާހު ކުދިންނާ އެކުލާސް ކުދިން ތިބޭނީ ކުރިމަތި ވާގޮތަށެވެ. ކުލާހުގެ އެންމެ ފާރާކައިރީ ތިބޭ ކުދިންނަށް އެކުލާސް ފެންނާނެއެވެ. ދެ ކުލާސް ދޭތެރޭ ބައިކުރުމަށް ހުންނަ ބޯޑުން ނިވާވަނީ ކުލާހުގެ ތިންބައި ދެބައި ހާތަނެވެ. އެހެންކަމުން ބޯޑުން ނެއްޓިގެން އަރިމަތީ ތިބޭ ދެ ސަފުގެ ކުދީންނަށް ދެ ކުލާސް ފެންނާނެއެވެ.

އަހަރެން އަބަދުވެސް އިންނަނީ އަނެއް ކުލާސް ފެންނަ ގޮތަށް ކަނާއަތް ފަރާތުއެވެ. އަހަރެންގެ ނަޖުމާ ފެންނަނީ އެތާނގައި އިނުމުންކަމަށް ވާތީއެވެ. އެހެން އިނދެގެން ކުލާހުގެ ދެ ޓީޗަރުން ބަދަލުވާ ގަޑީގައި ނަޖުމާއަށް ނޯޓް ކޮޅު ކޮޅު ލިޔެފައި ކަރުދާސް ބޯޅަ ހެދުމަށްފަހު އެއްލަމެވެ. އޭނާ އެ އެއްޗެހި ނަގައެވެ. ކިޔާ ބަލާކަން އެނގެއެވެ. އަދި ހިނިތުންވެލާނެއެވެ. އެހެންކަމުން އަހަރެންނާއި ނަޖުމާވެސް ގަޔާވާކަން އެނގެއެވެ.

ސުކޫލު ނިމުނު ގަޑިއާ ދިމާކޮށް ވަރަށް ބޯކޮށް ވާރޭވެހުނު ދުވަހެކެވެ. އަހަރެން ދުވެފައި ބޮޑުމަގުން ގޮސް އެތާ ހުރި ގެއެއްގެ އަސްކަނިދަށަށް ވަނީމެވެ. އޭރު އެތާނގައި ވާރެޔާ ހިޔާވާން ނަޖުމާވެސް ހުއްޓެވެ. އަހަންނާއި ނަޖުމާ އެކަނި ތިބުމުން އަހަރެން ފުރުޞަތުގެ ބޭނުން ވަގުތުން ހިފީމެވެ. ނަޖުމާދެކެ ލޯބިވާ ވާހަކަ ބުނެފީމެވެ. ނަޖުމާވެސް ވަރަށް ލަދުން ރަކިވެ ހުރެފައި އިސްޖަހައިލަމުން ބޯ ހަލުވައިލިއެވެ. އަހަރެން ނަޖުމާގެ ދަތް ދޮޅީގައި ހިފައި އުފުލައިލަމުން ނަޖުމާވެސް އަހަރެންދެކެ ލޯބިވޭހޭ އަހައިފީމެވެ. ނަޖުމާގެ ދޮން ކޯތާފަތް ރަތްވެގެން ދިޔައެވެ. މަޑުމަޑުން އާއެކޭ ބުނެލިއެވެ.

އެދުވަހަށް ފަހު އަހަންނާ ނަޖުމާއަކީ ދެ ލޯބިވެރީންނެވެ. ނަމަވެސް އަހަރެންގެ ނަޖުމާއަކީ ވަރަށް ލަދުރަކި ކުއްޖެއްކަމުން އަދި އޭނާއާއި އަހަރެންގެ ގުޅުމުގެ ވާހަކަ މީހެއްކައިރީ ނުބުނާށޭ ބުނެފައި އޮތީމާ އަހަރެންވެސް އެވާހަކައެއް ނުބުނަމެވެ. ވަރަށް ސިއްރުން ހަފްތާއަކު 3 ރޭ ކަހަލަ ގޮތަކަށް އަހަރުމެން ދެމީހުން ބައްދަލުކޮށް އަހަރުމެންގެ ލޯބީގެ މާތަށް ފޮޅުވަމުން ދިޔައީމެވެ. ނަޖުމާ މެންގެއާ ދިމާ އަތިރީގައެވެ. ނުވަތަ އެގޭގެ ބިއްދޮށުގައެވެ. މިގޮތުގައި އަހަރުމެން ގާތްގަޑަކަށް 3 އަހަރު ހޭދަކުރީމެވެ.

އަހަރެން ސުކޫލު ނިމި ބައްޕަގެ ވިޔަފާރިއާއި ދޯނިތަކާ ޙާވާލުވީމެވެ. ބައްޕަ އެންމެ އެދޭ ކަމަކީ އެއީ ކަމަށް ވާތީއެވެ. ބައްޕަގެ ދަރިއަކު ބައްޕަގެ މުދާތައް ބަލަހައްޓައި ބައްޕަ ކުރި މަސައްކަތް ކުރިއަރުވާތީ ބައްޕަ ހުންނަނީ އުފަލުން ފުރިފައެވެ. ނަމަވެސް ބައްޕަގެ ވިސްނުމުގައި އަބަދުވެސް ހުންނާނީ ވިޔަފާރިއެއް ކުރާނޭ ކޮންމެވެސް މޮޅު ބުއްދިއެކެވެ.

ބައްޕަގެ ރަޙްމަތްތެރި ހާރޫނަކީ ބައްޕަ ފިޔަވައި ދެން މުޅިރަށުންވެސް އެންމެ މުއްސަނދި މީހާއެވެ. އަހަރެން ހުރީ ސުކޫލު ނިމިފައި ކަމުން ބައްޕަ އަބަދުވެސް ވިސްނަމުން ދިޔައީ ހާރޫނުގެ ދަރިފުޅު ސަކީނާއާ އަހަންނާ ދެވުމަށެވެ. ސަކީނާ ޓެސްޓު ނިމުމާއެކު އަހަރެންގެ ސަކީނާގެ ކައިވެންޏަށް ހާރޫން ގާތު އެދިއްޖެއެވެ. އަހަރެން ގާތު އެދުނީވެސް ހާރޫނާ ސަކީނާ އަދި ސަކީނާގެ މަންމައާއި މުޅި އެއާއިލާ މީހުންގާތުވެސް ބުނުމަށްފަހުގައެވެ.

ބައްޕަގެ އެދުމަށް އަހަރެން ވަގުތުން އިންކާރު ކުރީމެވެ. ބައްޕަ ގާތު އަހަރެން ނަޖުމާ ދެކެ ލޯބިވާ ވާހަކަ ބުނީމެވެ. އޭނާ ނޫން ކުއްޖަކާ އަހަރެން ނީންނާނޭ ކަމުގައި ބުނީމެވެ. ނަމަވެސް ބައްޕަ އަހަރެންގެ އެއްވެސް ވާހަކައެއް ޤަބޫލެއް ނުކުރިއެވެ. ބައްޕަދެކެ ލޯބިވާ ކަމުގައިވަނީނަމަ ސަކީނާއާ އިނުމަށް މަޖުބޫރު ކުރިއެވެ. އަދި ސަކީނާއަށްވެސް އެއާއިލާއަށްވެސް ނަޖުމާގެ ކަންތައް ސިއްރެއްގެ ގޮތުގައި ބޭއްވުމަށް އަހަންނަށް އިންޒާރުދިނެވެ. އަހަރެންގެ ކައިވެންޏަކީވެސް ބައްޕަކުރި ފާޑެއްގެ ވިޔަފާރިއެކެވެ. އަހަންނަށް ޖެހުނީ ހިތުގައި ކެކި އުތުރި އަރަމުންދާ ނަޖުމާގެ ލޯބި ފޮރުވުމަށްފަހު ސަކީނާއާ އިންނާށެވެ.

ސަކީނާއާ ކައިވެނި ކޮށްގެން ވަފާތެރިކަމާއެކު އުޅެވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ބައްޕަ އެދުނު ފަދައިން ނަޖުމާ އާ ހުރިހާ ގުޅުމެއް ކަނޑައިލީމެވެ. އަހަރެންގެ މީހަކީ ސަކީނާކަމުގައި ދުށީމެވެ. ސަކީނާދެކެ ލޯބި ނުވިޔަސް، ސަކީނާއަށް އަހަރެންގެ ހިތް ނޭދުނަސް އެކަން ސަކީނާއަށް ނާންގައި އުޅެވޭތޯ އަހަރެން ބެލީމެވެ. އެގޮތުގައި އެތައް އަހަރެން ވޭތުވެދިޔައެވެ. ބައްޕަ މަރުވެ ދިޔައީވެސް އަހަރެން އެހެން، ހިތުގެ ގުޅުން ނެތް އިރުވެސް ބައްޕަގެ އެދުމަށް ސަކީނާއާއެކު އުޅެއުޅެ ހުއްޓައެވެ. ބައްޕަ ދުނިޔޭގައި ހުރިހާ ދުވަހަކު ނަޖުމާގެ ހަނދާންތައް އަހަންނަށް އުނދަގޫ ކުރިޔަސް ނަޖުމާގެ ޚަބަރު އަހަރެން ބަލާފައެއް ނޯންނާނެއެވެ.

ނަޖުމާގެ ހާލަކީ ތޯއެވެ. އަހަރެން އޭނާއާ ވަކިވެ ސަކީނާއާ އިނުމުންވެސް 10 ވަރަކަށް އަހަރުވާންދެން އެއްވެސް މީހަކާ ލޯބީގެ ގޮތުން ނުގުޅި އަހަންނަށް މަޑުކުރިއެވެ. ނަމަވެސް ނަޖުމާގެ މައިންބަފައިން ކުރު ނުކުރުމުން އެންމެ ފަހުން އައިސަގޯތީ މުޙައްމަދާ އިނީއެވެ. މުޙައްމަދު ނަޖުމާއަށް ވަރަށް ހެޔޮކޮށް އުޅުނެވެ. ނަޖުމާއާ ދެމީހުން ވަރަށް ރަނގަޅަށް އުޅެމުންދަނިކޮށް ރުކެއް ކަނޑަން އުޅުމުގެ ތެރޭ ނުހިފެހެއްޓިގެން އައި ރުއްގަނޑުން ބޮލުގައި ޖެހި ލިބުނު އަނިޔާގައި ދުނިޔެ ދޫކުރީއެވެ. އެއަށްފަހު ނަޖުމާ އިންނަނީ ވަރަށް މަޑުޖެހިފައެވެ. ކުރިން އުޅުނު ހަލަބޮލި އުޅުން މުޅިން ކެނޑުނެވެ. މީހުންނާ ވާހަކަ ދެއްކުން މުޅީންހެން ހުއްޓައިލާފައި ހުންނަފަދައެވެ.

އެ ޚިޔާލުގައި އަހަރެން އިންދާ ސިއްސައިގެން އަހަރެން ދިޔައީ ސަކީނާ އަހަރެންގެ ކޮނޑުގައި އަތް ޖައްސައިލުމުންނެވެ. އެނދުކައިރީ ކަބަޑުމައްޗަށް އިޝާރާތް ކުރަމުން " މިހިރީ ސައިތަށި..ބޯލާ... އަންނާނަން ބަދިގެ ފަރާތަށް ގޮސް ކުޑަކަމެއް ކޮށްލާފަ.." ސަކީނާ ހިނގައްޖެއެވެ. އަހަރެން ސައިތަށި ނެގުމަށް ގެންދިޔަ އަތަށް އަނެއްކާ ހުއްޓުމެއް އައީ މަހުގެ ބޮލުގައި ދަތް އަޅަން އުޅޭ ފޮޓޯ ފެނުމުންނެވެ. މި ފޮޓޯއިންވެސް އަހަރެންގެ ހަނދާނަށް އަންނަން ފެށީ ނަޖުމާއެވެ.

މަސްވެރިކަމަކީ އަހަރެން ވަރަށް ކުރާ ހިތްވާކަމެކެވެ. ބައްޕަގެ ވިޔަފާރީގެ ހުރިހާ ކަމެއް އަހަރެން ބެލެހެއްޓިޔަސް ކޮންމެ ދުވަހަކުވެސް ހަވީރު 4 ޖަހާ އެހާ ކަންހާއިރު ރަތްމަހަށޭ ކިޔާފައި ރައްޓެހި ދެތިން ކުއްޖަކާ އެކު މަހަށް ދަމެވެ. މަހަށް ގޮސް އުޅެފައި އިޝާނަމާދު ވަގުތަށް ނުވަތަ އެއަށްވުރެ ތަންކޮޅެއް ލަހުން ބޮޑު މިސްކިތާ ދިމާއަށް އަހަރުމެން ލަފަމެވެ. އަދި މިސްކިތަށް ދަނީއެވެ. މިސްކިތުން ނިމިގެން ރައްޓެހި ދެކުދީން ހިނގާފައި ވެސް ގެއަށް ދެއެވެ. އެމީހުން އުޅޭ ހިސާބާ ދުރު ނޫން ވީމައެވެ. ނަމަވެސް މިސްކިތް ހުންނަނީ އަހަރުމެންގެ ހުންނަ ކޮޅު ނޫން އަނެއް ކޮޅުގައެވެ. އެހެންކަމުން ގިނަ ރޭރޭ އަހަރެން ބޮއްކުރާގައި ގެ ހުންނަ ކޮޅަށް ލަފަނީއެވެ.

އެއްރެއަކު މިސްކިތުން ފައިބައިގެން ބޮއްކުރާ އޮތް ދިމާއަށް ދަނިކޮށް މަސްކަނޑާފައި ލޭފެނާއި ކަރުވާތައް އުކާލާފައި ނަޖުމާ އަތިރިން އަރައިގެން އަންނަނީނެއެވެ. އެފަދަ ތަނަކުން އަހަންނަށް ކުއްލިއަކަށް ނަޖުމާ ފެނުމުން ބޭ އިޙްތިޔާރުގައި ނަޖުމާ އަށް ގޮވައިލެވުނެވެ. ނަޖުމާ ހުއްޓި އާއެކޭ ބުނެލިއެވެ. ކީއް ކުރަނީހޭ އެހުމުން " ލޭފެން އުކާލާފައި ދަނީ.." އޭ ބުނެލިއެވެ. މުޅި އެހިސާބުވެސް ތިބީ އަހަންނާ ނަޖުމާ އެކަނި ކަމުން އަތިރިމަތީ މަޑުކޮށްލައި ނަޖުމާއާ އިރުކޮޅަކު ވާހަކަދެއްކީމެވެ. ހާލު އަހާލައި ހެދީމެވެ. އަދި މާ ލަސްވާން ފެށުމުން މާދަން ރޭވެސް އަންނާނޭކަމުގައި ބުނެ ބޮއްކުރާގައި ގެއަށް އަތުވެއްޖައީމެވެ.

ނަޖުމާއާ ވާހަކަދައްކައިލެވުމުން އަހަރެންގެ ހަށިގަނޑަށާއި ހިތަށް ފިނިކަން އިހްސާސް ކުރެވެން ފެށިއެވެ. ހިތްހަމަ ޖެހުނެވެ. އޭގެ ފަހުން އަހަރެން މަހަށް ދަނީ ނަމެއްގައެވެ. ގެއިން މަހަށޭ ކިޔާފައި ނުކުންނަނީ އެވެ. ގާތްގަޑަކަށް ދެ ގަޑިއެއްހާއިރު މަސްވެރިކަމުގައި އުޅެފައި މިސްކިތަށް ދިއުމަށް ބޮއްކުރާ އެޅުމަށްފަހު ނަމާދުކޮށްލައިގެން އަހަރެންދަނީ ނަޖުމާމެން ގެއަށެވެ. ނަޖުމާއާ ވާހަކަ ދައްކައިލުމަށެވެ.

ނަޖުމާއާ ބައްދަލުވާން ފެށުމުން އަހަރެންގެ ހިތް އަނެއްކާވެސް އިންތިހާއަށް ނަޖުމާއަށް އެދެން ފަށައިފިއެވެ. ސަކީނާއާ ކައިވެނިކޮށްގެން ދެ ދަރީން ލިބިފައި ހުއްޓަސް ސަކީނާދެކެ އަދިވެސް އަހަންނަށް ލޯތްބެއް ނުވެވެއެވެ. ނަޖުމާ ފެނުމުން ކުރެވޭ ލޯބީގެ އިޙްސާސާއި، ހިތުގެ ވިންދަށް އެއަށްނަ ބަދަލާއި، ކެކި އަރައިގެން އެ އަންނަ މަސްތީ ޖަޒުބާތު ސަކީނާފެނުމުން އަހަންނަށް އެއްގޮތަކަށްވެސް ނުކުރެއެވެ. ނަމަވެސް އަހަންނާ ނަޖުމާގެ ދިރިއުޅުން ކަފިވެ އަހަރެން މީހަކާއިނދެ އެތައް ޒަމާނެއް ވުމުން އަނެއްކާ ނަޖުމާ ރުހޭނެބާއޭ ހިތާ ޝައްކެއްގެ މަތީހުރެ އަހަރެން ނަޖުމާގާތުން އިންނަން އެހީމެވެ.

ދެމީހުންގެ އުމުރުން ދުވަސްވެފައި ވުމުން ދެން ކައިވެނި ކުރަން ލަދުގަންނަކަމަށް ނަޖުމާ ބުންޏެވެ. ކައިވެނި ކުރަން އަހަރެން ނޫންމީހަކު ދުވަހަކުވެސް ނަޖުމާ ބޭނުން ނުވާކަންވެސް ހާމަކުރިއެވެ. އަހަންނަށްވެސް ހިތްހަމަޖެހުމެއް ނުލިބި ގަނަތެޅެނީކަމުގައި ބުނަމުން ދެމީހުން މުސްކުޅިވިޔަސް އެކުގައި ވަގުތު ހޭދަކުރެވުމުން ހިތަށް ހަމަޖެހުން ގެނެސްދޭތީ ކައިވެނިކުރަން ނިންމީމެވެ. އަދި ނަޖުމާ މާލެއަށް ބޭސް ފަރުވާއަކަށް ދާކަމަށް ހަދައި މާލެ ދިޔަ ދޯނިން އަހަރެން ވިޔަފާރީގެ އެއްޗެހިތަކެއް ގަންނަން މާލެދިޔައީއެވެ. އަދި އަހަންނާ ނަޖުމާ ކައިވެނި ކުރީއެވެ. ރަށުމީހުންނާއި އަހަރެންގެ އާއިލާއާއި އަނބިމީހާއަށްވެސް ސިއްރުންނެވެ. މިހާރު އޭގެ ފަހު މީ 11 ވަނަ އަހަރެވެ.

އަހަރެން މަހަށް ދިއުމަށޭ ކިޔާފައި ކޮންމެ ހަފްތާއަކު މަދުވެގެން ތިން ރޭ ނަޖުމާގާތަށް ދަމެވެ. އެގޭގައި އޮވެފައި ދަންވަރު އަނެއްކާ ގެއަށް އަންނަނީއެވެ. މި އުޅުން މި ގޮތުގައި އަހަރެން އުޅެމުން ދިޔަޔަސް އަބަދުވެސް ސަކީނާއަށް މި ވާހަކަތައް ކިޔައިދޭން އަހަރެން ބޭނުމެވެ. ނަޖުމާއަކީ އަހަރެންގެ އަތްނބެއްކަން ބުނެދޭން ބޭނުންވެއެވެ. ސަކީނާއާ އެކު ނަޖުމާ އުޅޭންވެސް ބޭނުމެވެ.

" އަދިވެސް ސައިތަށި ނުބޮނީތަ... މިހާރު ހުންނާނީ ހިހޫވެފައި... އަނެއްކާ މިހާ ފިނިގަދަ ދުވަސްވަރަކު..." އެ އައީ ސަކީނާއެވެ. އަހަރެންގެ ޚިޔާލުން ނުކުމެ ބަލައިލީމެވެ. " ދެން ފިނިކޮށް ނުބޯނެ ވިއްޔަ.. އަންނާނަން ހޫނު ކޮށްލައިގެން.." ސަކީނާ ސައިތަށީގައި ހިފަން ކަބަޑާ ދިމާއަށް އަތް ގެންދިޔައެވެ. އަހަރެން ފޮޓޯ ބަހައްޓަން އެނބުރުނީ އެވަގުތުއެވެ. ސަކީނާ އެފޮޓޯގައި ހިފިއެވެ. " މަސްވެރިކަން ނުކުރެވޭތީ ދެރަވަނީ ދޯ... " އެހެން ބުނެލީ ލާނެތް ގޮތަކަށް ހީލަމުންނެވެ. އަހަރެން މަޑުމަޑުން ސަކީނާގެ އަތުގައި ހިފީމެވެ. ސަކީނާ އަހަންނަށް ބަލައިލަމުން އެނދުގައި އިށީނެވެ.

" އެއްޗެއް ބުނަން ބޭނުން ވީތަ" ސަކީނާ އަހައިލިއެވެ. އަހަރެން ބޯޖަހައިލަމުން ދެލޯ މަރައިލީމެވެ. އެވާހަކަ ނުބުނެ ހުއްޓާ ދުނިޔެ ދޫކޮށް ހިނގައިދާނެތީ އަހަރެން ވަރަށް ކަންބޮޑުވެއެވެ. އެހެންކަމުން ހިތްވަރު ކުރަމުން ވާހަކައެއް ދައްކަން ބޭނުމޭ ބުނީމެވެ. ސަކީނާ އަހަންނާ ގާތަށް ޖެހިލިއެވެ. އަހަރެންގެ އަޑުމަޑުވިޔަސް އިވޭނީ ގާތުގައި އިނީމާ ކަމުގައިވާތީއެވެ. ވަރަށް ހިތްވަރު ކޮށްފައި ފޮޓޯ ލޯގަނޑު ނަގައި ނަޖުމާގެ ފޮޓޯގައި އިނގިލި ޖައްސައިލީމެވެ. " ނަޖުމާ.." ސަކީނާ ކިޔައިލިއެވެ. އަހަރެން ހިތްވަރު ކޮށްފައި " އޭ .. އޭ އަހަރެންގެ ހަލާލު އަތްނބެއް.." އެހެން ބުނެލީމެވެ. ސަކީނާ ދެލޯ ބޮޑުކޮށްފައި އަހަންނަށް ބަލައިލިއެވެ. އަހަރެން ވަރަށް މަސައްކަތުން ހުރިހާ ވާހަކައެއް ސަކީނާއަށް ކިޔައިދިނީމެވެ.

މަސްވެރިކަމުގައި ގޮސްފައި ނަޖުމާއާ ބައްދަލުކުރާ ވާހަކައެވެ. ބައްޕަ ދުނިޔޭގައި ހުރި އިރު ނަޖުމާއާ އެއްވެސް ގުޅުމެއް ނުބާއްވާ ވާހަކައެވެ. ސަކީނާ އަހަންނަށް ވަރަށް ހެޔޮވާހަކައެވެ. ނަމަވެސް ނަޖުމާދެކެ ވެވުނު ލޯބި ސަކީނާ ދެކެ ނުވެވޭ ވާހަކައެވެ. ކައިވެނިކޮށްގެން 11 އަހަރުވީކަމާއި މި ސިއްރު ސިއްރެއްގެ ގޮތުގައި އަބަދު ބާއްވައިގެން ހުރެވެން ނެތް ވާހަކައެވެ. މަރުވުމުގެ ކުރީން ސަކީނާއަށް ހަޤީޤަތް ކިޔައިދޭން ބޭނުންވެގެން އުޅޭތާ ވަރަށް ދުވަސްވީ ވާހަކައެވެ.

ސަކީނާ މަޑުމަޑުން އިސްޖަހައިގެން އަހަރެންގެ ވާހަކަ އަޑުއަހަން އިނެވެ. އެއްޗެއް ނުބުނެ ވަރަށް ގިނަ އިރު އިނދެފައި " ނަޖުމާ ގެންނަންވީތަ..." މިހެން އަހައިފިއެވެ. އަހަރެން ހައިރާންވެ ބަލައިލީމެވެ. ދެރަވެ ކުރަކިވެފައިވާ އަޑަކުން " އަތްނބެއް ވީޔާ މައްސަލައެއް ނެތެއްނޫން" އެހެން ސަކީނާ ބުނެލިއެވެ. މިގެއާ މުދަލަށް ސަކީނާއަށް އޮންނަ ޙައްޤު އޮންނާނެ ނޫންހޭ ބުނެލިއެވެ. އަހަރެން ބުނާނެ އެއްޗެއް ނޭނގިފައި ބަލަން އިނީމެވެ. ސަކީނާގެ ލޮލުން ކަރުނަ ނީރާލައިފިއެވެ. ހޫސް ދަމާލަމުން ދެރަވިޔަސް ހަޤީޤަތާ ކުރިމަތިލާނަމޭ ބުނެލިއެވެ. އަދި އަހަރެންގެ އަތުގައި ހިފަމުން ނަޖުމާ ގޮވައިގެން އަންނާނަމޭ ބުނެލިއެވެ.

ސަކީނާ ދިޔަތާ 20 މިނެޓްފަހުން ނަޖުމާ ގޮވައިގެން އަތުވެއްޖެއެވެ. އަހަރެންގެ ކޮޓަރިއަށް ވަދެއްޖެއެވެ. ނަޖުމާ ހައިރާންވެފައި ބަލަން ހުއްޓެވެ. ސަކީނާ ނަޖުމާއަށް ބަލައިލަމުން ރޮވިފައިވާ އަޑަކުން " ހުރިހާ އެއްޗެއް އެނގިއްޖެ.." މިހެން ބުނެލިއެވެ. ނަޖުމާ ހައިރާންވެ ހުރެ " އެ ސިއްރު... އެ ސިއްރު..." މިހެން ކިޔައިލިއެވެ. އަހަރެން ބޯ ޖަހައިލީމެވެ. " ސިއްރު ކުރީމެވެ. ނަމަވެސް...... ނުބުނެ ހުއްޓާ އަހަރެން މަރުވެދާނެ" މިހެން ބުނެލީމެވެ.

- ނިމުނީ -

  1. Avatar

    ކީއްވެ އޭނާއަށް ނުހިނގެނީ ކުރިން އޯކޭ އެއްނު އޭނަ

ޚިޔާލު ފޮނުއްވާ