އީދު ކައިރިވުމާއެކު އީދު ބަންދަށް ރަށަށް ދިޔުމަށްޓަކައި ގެންދާނެ ހެދުންތައް ނެގުމަށް މިޒްނާ އަލަމާރި ހާވަމުންދިޔައެވެ. ފަސް އަހަރަށްފަހު ރަށަށް ދެވޭތީ މިޒްނާގެ މޫނުމަތިން އުފާވެރި ކަމުގެ ކުލަވަރު ރީތިކޮށް ފެންނަން ހުއްޓެވެ. ހަފްތާއެއްކުރިން ވިޔަފާރިކޮށް ރަށަށް ގެންދާނެ ހަދިޔާވެސް މިޒްނާވަނީ ތައްޔާރުކޮށްފައެވެ. އެހާގިނަ ދުވަސް ފަހުން މަންމަ އާއި އާއިލާގެ އެންމެނާ ބައްދަލުވާނެތީ މިޒްނާއަށް ކުރެވެމުންދާ އުފާވެރިކަމުގެ ކޮޅެއްނެތެވެ. އެކެއްޗަށްފަހު އަނެކަތި ނަގަމުން ދަނިކޮށް ބޮޑު ސިޓީ އުރައެއް މިޒްނާގެ ލޮލުގައި އަޅައިގަތެވެ. އޭގައި ހުރި އެއްޗެއް ބެލުމުގެ ބޭނުމުގައި ސިޓީއުރަ ނަގައި ހުޅުވާލިއެވެ. ނަމަވެސް މިޒްނާގެ ދެލޮލަށް ކަރުނަތައް ޖަމާވީ އޭގައި ހުރި ސިޓީތައް ފެނި މާޒީ ހަނދާންވުމުންނެވެ.
*** *** ***
އުޑުގައި ފިޔަޖަހަމުންދިޔަ ހިތްގައިމު ތަރިތަކަށް ބަލަހައްޓައިގެން މިޒްނާ އިނީ އަތިރިމަތީ ތުނޑީގައެވެ. ހިތާމަވެރި ނަޒަރަކުން ކައިރީގައި އިން ހިޝާމުގެ މޫނަށް އިރުކޮޅު ކޮޅާ ބަލަމުން މިޒްނާ ދިޔައެވެ. އެ ތޫނު ނަޒަރުން ކޮންމެވެސް އެއްޗެއް ހާމަކޮއްދޭން އުޅޭފަދައެވެ. އެމޫނުން މާޔޫސްކަން ފާޅުވާއިރު ދެލޮލުން ދައްކުވައިދެނީ ހިތާމަވެރިކަމެވެ. މުޅި ސަރަހައްދަށް ހަނދުވަރުގެ އަލިން އަލިކުރަމުންދާއިރު އޭގެން އެއްވެސް ހިތްހަމަ ޖެހުމެއް މިޒްނާއަށް ނުލިބޭފަދައެވެ.
" ހިޝާމް.. ދެންހަމަ މާދަން ފުރަނީތަ؟ "
ހިޝާމްގެ އަތުގައި ހިފާލަމުން މިޒްނާ ސުވާލުކުރިއެވެ.
" އާން.. ދެން މިކޮޅުގަ ހުރެވޭކަށް ނެތް.. ބައްޕަ ބޭނުންވަނީ އަހަރެން މާލެއަށް ކިޔަވަން ފޮނުވަން.. "
ހިޝާމުގެ އަޑުން ހިތާމަވެރިކަން ފާޅުވިއެވެ.
" ދެން.. މިރޭ އެކަނިދޯ ދިމާވާނީ.. ހިޝާމް މާލެ ދިޔައީމަ ވާހަކަވެސް ނުދެއްކޭނެ.. އަހަންނަކަށް ނުހުރެވޭނެ ހިޝާމްގެ އަޑު ނާހައެއް "
މިޒްނާގެ ހިތުގައިވާ އުދާސްތައް ކިޔައިދެމުންދިޔައެވެ.
ދުވަސްވަރަކީ ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރާފައިވާ ދުވަސްވަރެއް ނޫންކަމުން ރަށުން ބޭރުގައި އުޅޭ މީހުންނާއި ވާހަކަދެއްކުމީ ނުވާނެކަމެކެވެ. އެހެންކަމުން އެކަމާއި މިޒްނާ ކަންބޮޑުވިއެވެ.
" މިޒޫ.. ދެން ދެރަނުވޭ.. އަހަރެން މަތިން މާބޮޑަށް ހަނދާންވަންޏާ ކޮންމެ ދުވަހަކު ސިޓީއެއް ލިޔޭ.. އަހަރެން ކިޔަވައިގެން މިކޮޅަށް އާދެވުނު ދުވަހަކުން ކިޔާނަން... އަހަރެންވެސް ލިޔާނަން.. ދެން ތިހެން ދެރަވެފަ ނުހުރެބަލަ "
މިޒްނާގެ މޫނުމަށްޗަށް އެޅިފައިވާ އިސްތަށިކޮޅު އެއްފަރާތްކޮއްލަމުން ހިޝާމް މިޒްނާ ހިތްހަމަ ޖައްސައިދޭން މަސައްކަތްކުރިއެވެ.
" އެންމެ ރަނގަޅު.. އަހަރެން ހިޝާމްއަށް އިންތިޒާރު ކުރާނަން.. އެކަމަކު ތިން އަހަރު ހާދަ ގިނަ ދުވަހެކޭ.. އަނެއްކާ ހިޝާމް އަހަރެން މަތިން ހަނދާން ނުނެތޭނެތަ؟ "
މިޒްނާގެ ލޯބިވެރިޔާ ތިން އަހަރަށް މިޒްނާ އާއި ދުރަށް ދާތީ އެކަމާއި ކަންބޮޑުވެ ހިޝާމް އާއި ސުވާލު ކުރަމުންދިޔައެވެ. އެދިގު މުއްދަތުގެ ތެރޭގައި ވާހަކަ ނުދެކެވި މިޒްނާ ދެކެ ހިޝާމް ފޫހިވެދާނެތީއެވެ.
" ދެން މިޒޫވެސް ދައްކާ ވާހަކަ.. މިޒޫއަށްވުރެ ރީތި ކުއްޖެއް އަހަންނަށް ފެންނާނެތަ؟ ކިތަންމެ ގިނަ ދުވަހެއްވިޔަސް އަހަރެންގެ މިޒޫ މަތިން ދުވަހަކުވެސް ހަނދާން ނުނެތޭނެ.. އަހަރެން މިޒޫ ދެކެ ވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާންނާނެ.. "
އަތިރިމައްޗަށް ބީއްސާލަމުންދިޔަ ކުދި ކުދި ރާޅުތަކަށް ބަލަންތިބެ ދެލޯބިވެރިން އެތަކެއް ވަޢުދުތަކެއް ވަމުންދިޔައެވެ. ދުވަހަކުވެސް ވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމާއި މިޒްނާ މަތިން ހަނދާން ނުނެތޭނެކަމުގެ ޔަޤީންކަން ހިޝާމް ދެމުންދިޔައެވެ. ދެލޯބިވެރިންގެ ފަހު ބައްދަލުވުން ނިންމާލީ ހިޝާމް ކިޔަވައިގެން އައިސް ވީހާވެސް އަވަހަށް ކައިވެނި ކުރާނެ ކަމަށް ބުނަމުންނެވެ. ހިޝާމްގެ މިވާހަކަ އަޑު އިވި މިޒްނާގެ ހިތަށް ހަމަޖެހުމެއް ލިބިގެންދިޔައެވެ. އަދި އެ ދުވަހަކަށް އިންތިޒާރުކުރަން ފެށިއެވެ.
ޖެހިގެން އައިދުވަހު ހިޝާމް މާލެ ދާން ފުރިއެވެ. ހިޝާމް އާއި މިޒްނާ ވަދާޢީ ސަލާމް ކޮއްލީ ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. ހިޝާމް ބުނި ފަދައިން ކޮންމެ ދުވަހަކު މިޒްނާ ސިޓީއެއް ލިޔެއެވެ. ހިޝާމް ކައިރީ ދައްކަން ބޭނުންވާ ހުރިހާ ވާހަކައަކާއި ކުރެވޭ އިޙްސާސްތައް އެ ސިޓީގައި ލިޔަމުންދިޔައެވެ.
*** *** ***
ސިޓީއެއް ނަގައި މިޒްނާ ކިޔަންފެށިއެވެ. އެންމެ ފަހު ފަހަރަށް އެހަނދާންތައް ކޮއްލުމަށެވެ.
" ލޯބިވާ ހިޝާމްއަށް،
ހިޝާމް ދިޔުމުން އަހަރެންގެ ދުވަސްތައް ހޭދަވެގެންދަނީ ހިތާމަވެރިކަމާއި އެކަނިވެރިކަމުގައެވެ. ހިޝާމް ކައިރީގައި ނެތުމުން އަހަރެންގެ ހިތަށް ހާދަ ވޭނެއް އަޅައެވެ. ތި މޫނު ދެކިލަން އަހަރެންގެ ހިތް ކެތްމަދުވަފައި ވެއެވެ. ހިޝާމް.. އަހަރެން މަތިން ހަނދާން ކުރަމު ހެއްޔެވެ؟ އަހަންނަށް ހުވަފެނުގައިވެސް ފެންނަނީ ހިޝާމްއެވެ. އަވަހަށް އަންނާށެވެ. އަހަރެން މިހިރީ ހިޝާމް އައުމުން ހިޝާމްގެ އަނބިމީހާ އަށް ވާން ތައްޔާރަށެވެ..... "
ނަމަވެސް އިތުރަށް އެންމެ ލަފްޒެއްވެސް މިޒްނާއަކަށް ނުކިޔުނެވެ. މީގެ ފަސްއަހަރު ކުރިން މިޒްނާގެ އަތުން ލިޔެފައިވާ މި ސިޓީތައް ކިޔުމުގެ ހިތްވަރެއް މިއަދު މިޒްނާގެ ކިބަޔަކު ނެތެވެ. އެހާ ލޯބިން ލިޔުނު މިސިޓީގެ އެއްވެސް ބޭނުމެއް ފަހު ވަޤުތުގައި ނުޖެހުނެވެ. މިއަދާ ހަމައަށްވެސް ލިޔުނުގޮތަށް މިހިރީ މިޒްނާގެ އަތުގައެވެ. ހިޝާމަށް ލިޔުނު މި ސިޓީތަށް ކިޔާނެ ފުރުޝަތެއް ހިޝާމްއަކަށް ނުލިބުނެވެ. މިޒްނާ ސިޓީއެއް ލިޔުނު ކަންވެސް ހިޝާމުގެ ހަނދާނުގައި ނެތެވެ. ސިޓީމަތިން ހަނދާން ހުންނާނީ ކިހިނެތް ހެއްޔެވެ؟ ސިޓީ ލިޔުނު ހިޝާމުގެ ލޯބިވެރިޔާ މަތިންވެސް ހިޝާމް ހަނދާނެއް ނެތެވެ.
*** *** ***
ދިގު އިންތިޒާރަކަށް ނިމުން އައިސް މިއަދަކީ ހިޝާމް ކިޔަވާ ނިމިގެން ރަށަށް އަންނަ ދުވަހެވެ. މިޒްނާގެ ހިތް އުފަލުން ފުރިފައިވާއިރު ތައްޔާރުވަމުން އެދަނީ ހިޝާމް ލަފާތަނަށް ދިޔުމަށެވެ. ލިޔުނު ހުރިހާ ސިޓީތަކެއް ބޮޑު ސިޓީ އުރައަކަށް އެޅިއެވެ. އަދި ރީތިވެގެން އެކުވެރި ޒަފާ އާއެކު އަތިރި މައްޗަށް ދިޔައެވެ. ހިޝާމްގެ އިންތިޒާރުގައި ގަސްދަށުގައި ހުރި މިޒްނާގެ ދެލޯ ބޮޑުވެގެން ދިޔައީ ހިޝާމްގެ އަތުގައި ހިފައިގެން ފޭބި އަންހެން ކުއްޖާ ފެނިފައެވެ.
ހަމަގައިމުވެސް އެޔައީ ހިޝާމްގެ އާއިލާ މީހެއް ނޫނެވެ. ދެން ހިޝާމް އާއި އެކީ އެއަންހެން ކުއްޖާ އައުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އޭނަ ހިޝާމްގެ އަތުގައި ހިފައިގެން އެހެރީ ކީއްވެ ހެއްޔެވެ؟
ތަފާތު އެކި ސުވާލުތައް މިޒްނާގެ ސިކުނޑިއަށް ފުނި ޖެހެމުންދިޔައެވެ. ނަމަވެސް ހިނިތުންވެލައިގެން މިޒްނާ ހުރީ މިޒްނާފެނުމުން ހިޝާމްއަށް ލިބޭނެ އުފާވެރިކަން އިޙްސާސްކުރެވިފައެވެ. އެހެނަސް މިޒްނާ ފަސްދީފައި ހިޝާމް އެ އަންހެން ކުއްޖާ ގޮވައިގެން ދިޔައީ މިޒްނާއަށް ބަލައިވެސް ނުލައެވެ. މިޒްނާއަށް ކެތެއް ނުކުރެވުނެވެ. ދުވެފައި ގޮސް ހިޝާމްގެ އަތުގައި ހިފިއެވެ.
" ހިޝާމް ކީއްވެ ތިދަނީ.. މިޒޫ މިހިރީ ހިޝާމް އަންނަންދެނޭ.. ތީ ކޮން އަންހެން ކުއްޖެއްތަ؟ "
" މީ ނިޝާ.. އަހަރެންގެ އަންހެނުން.. އަހަރެން އަތުން ދޫކޮއްލާދެން.. "
ހިޝާމްގެ މިޖުމްލަ އަޑު އިވި މިޒްނާ ސިހިގެންދިޔައެވެ. އަދި ޤަބޫލު ނުކުރެވިގެން ދެވަނަ ފަހަރަށް ތަކުރާރު ކޮއްލިއެވެ. ނަމަވެސް ދެންވެސް ލިބުނީ ހަމަ އެޖަވާބެވެ.
*** *** ***
ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލުމަށްފަހު އަތުގައި ހުރި ސިޓީތައް މިޒްނާ ވީދާލިއެވެ. މިޒްނާ ވީލޯތްބާއި ކުރި އިންތިޒާރަށް އެއްވެސް ޤަދަރެއް ހިޝާމް ނުކުރިއެވެ. އެ ސިޓީތައް ބެހެއްޓުމުގެ ބޭނުމެއް މިހާރަކުނެތެވެ. އެހާ ފަސޭހައިން ހިޝާމް މިޒްނާ މަތިން ހަނދާން ނައްތާލުމަށްފަހު އެހެން މީހަކާ ކައިވެނި ކުރިއިރު މިޒްނާވެސް އޭނަ މަތިން ހަނދާންކުރުމަށް އެސިޓީތައް ބަހައްޓަންވީ ކީއްކުރަން ހެއްޔެވެ؟ އެދުވަހަށްފަހު މިޒްނާ މާލެ ބަދަލުވީވެސް ހިޝާމްގެ ހަނދާންތަކުން ދުރަށްދިޔުމަށެވެ. އެނަން ހިތުން ފޮހެލުމަށްޓަކައެވެ.
ނަމަވެސް މިފަހަރު ރަށަށް ދިޔުމުން ހިޝާމް ފެންނާނެކަން ޔަޤީނެވެ. އެހެނަސް މިޒްނާ ކެއްކުރާން އަޒުމް ކަނޑައެޅިއެވެ. އެހާ ލޯބިން މިޒްނާގެ ހިތް ދިނީމާވެސް އެލޯބީގައި އެއްވެސް އަގެއްނެތީމައެވެ. އެލޯތްބަށް އެއްވެސް ޤަދަރެއް ނުކުރީމައެވެ.
-ނިމުނީ-
???❤
ރީތި ❤️❤️❤️
ރީތި