ދުވަސްވަރަކީ، 2012 ވަނަ އަހަރުގެ މެދުތެރެއެވެ. ރާއްޖޭގެ ވެރިކަން ބަދަލުވި ދުވަސްވަރެވެ. އެއްބަޔަކުގެ ނަޒަރުގައި ބަޢާވާތަކުން ވެރިކަން ވައްޓާލި ދުވަސްވަރެވެ. މުޅި ރާއްޖެ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި އޮތް ދުވަސްވަރެކެވެ. ސިޔާސީ ފޯރީގައި ޖަޒުބާތުގައި ޖެހިގެން ބައެއް މީހުންގެ ދިރިއުޅުންވެސް ހަލާކުވެގެން ދަނީއެވެ. ހެއްދެވި ނުހެއްދެވިއެއް ގޮވަނީއެވެ. އެމީހަކަށް ފެންނަ ގޮތް އެއީ އެންމެ ރަނގަޅު ގޮތްކަމުގައި ދެކިގެންނެވެ. އަނބިދަރީން ކުރިމަތީގައިވެސް ކިޔާނެ އެއްޗެއް ކިޔަނީއެވެ. ގައުމުގެ ހާލަތު އެހާވެސް ދަށު ދަރަޖައަކަށް ވަނީ ވެއްޓިފައެވެ. ސިޔާސީ އަވާގައި އެންމެވަނީ ޖެހިފައެވެ.
ހޮޅުއަށީގައި ޖެހޭ ފިނިވައިން އަރާމު ހޯދަން އަހަރެން ޖައްސައިލީ، މެންދުރު ކައިގެން ބަނޑު ހަމަޖައްސާލުމުގެ ބޭނުމުގައެވެ. ހެނދުނު މަހުން އައިސް ވެފައިހުރި ވަރުބަލިކަމުންނެވެ. ސިޔާސީ ކަންކަމުގައި އެހާ ފޯރި ނެތަސް ދުވަސްވަރުގެ ގޮތުން އެކަހަލަ އަޑުތައްވެސް އިވޭނެކަން އެނގި ހުރެއެވެ. ހޮޅުއަށްޓަކީ، އެކަހަލަ ތަނެއްކަންވެސް އެނގި ހުރެއެވެ.
ލޮލު ފިޔަ ޖެހުނު ކަމެއް ނޭނގެއެވެ. ބާރަށް މީހަކު ހަޅޭއްލަވައިގަންނަ އަޑު އިވިއްޖެއެވެ. އަޑުއިވެނީ މާދުރުން ނޫންކަން އަޑުއައި ގޮތުން އެނގުނެވެ. ތެދުވާން ބޭނުން ނުވުމުން އަނެއް ފަރާތަށް އެނބުރި އަނެއްކާވެސް ނިދަން މަސައްކަތް ކުރީމެވެ. އެހެންނަމަވެސް، މިފަހަރު އެއަޑު އިވުނީ ކުރިޔަށްވުރެ ބާރަށެވެ. އިހުނަށްވުރެ ކައިރިންނެވެ. އަވަސް އަވަހަށް ތެދުވީމެވެ. އަދި ދެލޯ ރަނގަޅަށް ހުޅުވާ ބަލައިލީމެވެ. ހޮޅުއައްޓާ ދިމާއަށް ބާރުބާރަށް ހިނގާފައި އެހެރަ އަންނަނީ އަހަރެންގެ އެކުވެރި މޫސައެވެ.
މޫސަ ހެއްޔެވެ؟ މޫސައަކީ، ސިޔާސީ މީހެކެވެ. ރަށުގެ ކަމުވޮށިގެންވާ މީހެކެވެ. ބަރާބަރަށް ޚަބަރު ބަލާނެއެވެ. އޭނާއަށް ނޭނގޭ ކަމެއް ސިޔާސީ މައިދާނުގައި ނުހިނގާނެކަމަށް ރަށުގެ ގިނަ ބަޔަކު ދެކެއެވެ. އޭނާގެ އަމަލުތައް އެގޮތަށް ހުންނާތީއެވެ. މީހުންނާ ކުރާ ސިޔާސީ ޒުވާބުތަކުންނެވެ. އެހާވެސް އޭނައަކީ، ސިޔާސީ މީހެކެވެ. ސިޔާސަ ސިޔާސީ މީހެކެވެ. ރުޅިވެސް ގަދަ އަޑުބާރު ކަމަށް މަސްހޫރު މީހެކެވެ.
"ބަލަ މޫސާ... ކަލެޔާ ހުރެ ނެތެންނު ދެން މިހާރު މީހަކަށް ލޮލު ފިޔައެއް ޖަހާލެވޭކަށްވެސް؟ ކޮން ހަޅޭކެއް ތިލަވަނީ މިއޮއްފަދަ ރޯއަވީގަ" އަހަރެންނަށް މޫސަ ކައިރީ ކޮންމެ އެއްޗެއްވެސް ބުނަން ކެރޭތީ ބުނެލީމެވެ. އަހަރެންދެކެ އޭނާ ރުޅި ނާންނާނެކަން އިނގޭތީއެވެ.
"ރުޅި އަންނާނެދޯ... ކަލޭމެން ތިހެން ނިދަން ތިބެވޭބާއޭ މަހިތަށް އަރަނީ... ގައުމު މިހާލަތަށް ވެއްޓިގެން އުޅޭއިރުވެސް ކަލޭމެން ހަމަ ކަހާތަން ހިރުވާވެސް ނުލާ ތިތިބެނީ ނިދަން.. މީހަކު އަޅެ ހައިރާނެއް ނުވާނެ... ކަލޭމެނަށް ހެޔޮދޯ ގައުމަށް ކޮންމެ ކަމެއް ވިޔަސް" މޫސަ ރުޅިއައިސް ހުރީ ކީތްވެގެންކަން އަހަރެންނަށް އެނގުނެވެ. ސިޔާސީ މަސްރަހުގެ ކޮންމެވެސް ކަމެއް ލައިގަތީކަން މޫސަގެ ވާހަކައިން އެނގުނެވެ. އެހާވެސް މޫސަގެ ރުޅިގަނޑު ހުރީ ގަދަވެފައެވެ.
"އެކަމަކު ތިދެން ކޮންކަމެއް... ފެންނަ ކޮންމެ އެއްޗަކަށް ހަޅޭއްލަވަމުން، މުޅި މަގުމަތީ އަޑުގަދަކުރަމުން ތި ދެން ކޮންކަމެއް؟ ތިކަމުން މޫސައަށް ކުރާ ފައިދާއެއް އޮވޭތަ؟" މޫސަ އިތުރަށް ރުޅި އަރުވާލުމުގެ ބޭނުމުގައި އަހަރެން ގަސްތުގައި ބުނެލީމެވެ.
"މަ އަދި ރުޅި އަންނަލެއް މަޑު.. ނަސީބެއްނު މަ ރީކޯ މޫސައަށް ނުވިކަން... އެހެންނަމަ، މިތާ މިހާރު ކަލެޔަކަށް އޮންނާކަށް ލާހިކެއް ނޫން... ރުޅި އަންނާނެ ދޯ. މީހަކު ހަމަ އެހެން ބުނެލާއިރަށް ކާކު ގަބޫލު ކުރާނީ.. ؟ އެންމެންނަށް ވެސް ފެންނަ ގޮތަށް ދޯ ހުރިހާ ކަމެއް ވެގެން އެ ދިޔައީ.. މި ދުނިޔޭގައިވެސް އެންމެ ފާޅުކަން ބޮޑުކޮށް ކުރި ބަޢާވާތަކަށް މިކަން ވާނެ... އެންމެނަށްވެސް އެނގޭނެ ހުރިހާ ކަމެއްވެސް.. އެކަމަކު ބަލާބަލަ.. ހަމަ ތާކުން ނިކުތް ފަރަންޖީއަކު މި ބުނަނީ، ފާޑެއްގެ ރިޕޯޓެއް ނެރެލާފަ އެއީ ބަޢާވާތެއް ނޫނޭ... ކާކު ގަބޫލުކުރާނީ... އެހެން ނޫނަސް އޭނަ އަކަށް ނޫން ދޯ އެނގޭނީ މިތާނގަ ވާކަންކަމެއް. އަހަރުމެން ލޮލު ކުރިމަތީ ހުރިހާ ކަމެއް ވެގެން އެ ދިޔައީ... ގައުމީ ޓީވީން ހުރިހާ މަންޒަރެއް ދެއްކި.. ދެން ހަމަ އޭނާ ރިޕޯޓެއް ނެރެފަ ބުނީމަ އަހަރުމެން ޖެހޭތަ ގަބޫލު ކުރަން... ނުޖެހޭނެ.. މީ އަލިފާން ޖަހައިގެން މެސެޖް ފޮނުވި ޒަމާނެއް ނޫން... ނޫނީ ސިޓީ ފޮނުވައިގެން ހަބަރު ފޮނުވި އިރެއްވެސް ނޫން. އެހެންނަމަތާ މީހަކު ހަމަ ބުނާ އެއްޗެއް ގަބޫލު ކުރާނީ... މަ މި ހަޅޭއްލަވަނީ އޭނާ ދެކެ ރުޅިން... މަށަށް ވިއްޔާ މަ އަތުން އޭނާ މަރުވާނެ... ހުވާ މިބުނީ... އޭނާގެ ދުވަސް އެބަ ޖެހޭ ދުއްވާލަން... ކިހާ ބޮޑު އުނދަގުލެއް!"
މޫސަ ފައްޗަކަށް އަމުނާލިއެވެ. އާއްމުކޮށް ދަމާ ހާސަރު ދަމާހެނެވެ. އެހެންނަމަވެސް އަހަރެންނަށް އަޅައިގަތީ އެބުނާ މީހަކާމެދުއެވެ. މޫސަ އެހާ ރުޅިއައީތީއެވެ.
"ބަލަ... ރުޅި މަޑުކޮށްބަލަ.. ކާކުތަ އެ؟ މަވެސް ޚަބަރު ބަލަން. އެކަމަކު ތިބުނާ މީހެއްގެ އަޑެއް ނާހަން.. ކާކުތަ އެ؟" އަހަރެންނަށް އެބުނާ މީހެއް ހަމަ ވިސްނާ ވިސްނާވެސް ނޭނގުމުން އަހާލީމެވެ. އޭނަ އެހާ ރުޅި އަންނަން ޖެހޭ މީހެއް ހުރެ ދާނެބާއޭ ހިތަށް އެރީމައެވެ.
"މަ މި ދައްކަނީ މިއުޅޭ ކޯނީ އެކޭ ކިޔާ މީހާ ވާހަކަ.. އޭނައަށް ކޮން ކަމެއްހޭ" މޫސަގެ އަޑު ބާރުވިއެވެ.
މޫސަ އެބުނާ އެތި އަހަރެންނަށް އެނގިއްޖެއެވެ. ކޯނީގެ ރިޕޯޓުގެ ވާހަކަކަން އަހަރެންނަށް އެނގިއްޖެއެވެ. އޭނާ އެބުނާ އެއްޗެއް ވިސްނިއްޖެއެވެ. ކުޑަކޮން ހިނިވެސް އައެވެ. ނަމަވެސް ބަނޑަށް ހިންދާލައިގެން އިހަށް އިނީމެވެ. އަދި އަހާލީމެވެ. " ބަލަ ކޯނީ މީ ކާކުތަ؟ ހާދަ ވަރުގަދަ މީހެކޭ ދޯ؟"
"އާއެކޭ.. ކޯނީއަކާ ބެހޭ ކަމެއް ނޫނޭއެއީ އެއް... އޭނައަށް ކޮންކަމެއްތަ! އޭނާ އާ ކޮން ބެހޭ ކަމެއްތަ؟ ނޭނގެ ކޮންތާކުން ފޭބި މީހެއްކަމެއްވެސް... ހަމަ ރިޕޯޓެއް ނެރެލައިފި" ރުޅި އައިސް ރަތްވެފައި އިނދެގެން މޫސަ ބުންޏެވެ.
"ބަލަ މޫސާ... ތި ކިޔާ ކޯނީ އަކީ މީހެއް ނޫނޭ... އެއީ ތިކަން ބޮޑުވެގެން އުޅޭ ވެރިކަން ވައްޓާލިކަމުގެ ކަންތަކުގެ މައްސަލަ ބެލުމަށް ހެދި ކޮމިސަނަށް ކިޔާ ނަން. ކޮމިސަން އޮފް ނެސަނަލް އިންކުއެރީސް ކުރި ކޮށްލާފަ އެ ކިޔަނީ ކޯނީ... ޓީވީންނާ ރޭޑިޔޯއިން ކޯނީ އޭ ކިޔާތީ ކަލެޔަށް ތި ހީވަނީ ހައްތަހާވެސް މީހެކޭ... ކަލޭ ކިތަންމެ ވަރަކަށް އުޅުނަސް ތިބުނާ ކޯނީއެއް މަރައެއް ނުލެވޭނެ... ގައިމު މީހެއް ނަމަތާ މަރާލެވޭނީވެސް..." ހިނި އައިކަން ދައްކަން ބޭނުން ނުވިނަމަވެސް އަހަރެންނަށް ހަމަ ރަނގަޅަށް ހެވިއްޖެއެވެ. އަހަރެންގެ މޫސަގެ ގަމާރުކަމުންނެވެ.
"އެބުނާހެން.. ހަމަ ތެދެއް؟ އެހެން ނޭނގޭނެ ދޯ. މަ މި ހީކުރަނީ މީހެއްކަމަށް.. ނަސީބެއްނު ކަލޭ ކައިރީ މިވާހަކަ ކިޔުނުކަން... އެހެންނަމަ މުޅި ރަށަށް މިކަން ފެތުރުނީސް" މޫސަ ހެމުން ހެމުން ބުނެލިއެވެ. ވީގޮތް އެނގުމުންނެވެ.
"މަބުނަން މޫސާ... ކަލެޔެއް ކަމަކު މިކަން މަށަކަށްވެސް ސިއްރުކޮށްގެން ހުރެވޭނެހެނެއް ހިޔެއް ނުވޭ... އެހެންޏާފަހެ، ކަލޭ ތިއުޅުނީ ބޮޑު ކޮމިސަނެއް މަރާލަން ވިއްޔަ... ދެންވެސް އެއްޗެއް ކިޔާއިރު ކަމުގެ ދެކޮޅު ބަލާލާފަ ކިޔުން ބުއްދިވެރި..." އަހަރެން މޫސައަށް ނަސޭހަތް ދިނީމެވެ.
ކުރާނީ ކީއްތޯއެވެ. ސިޔާސީ ވާން އުޅުނަސް ބޮޑުވަރެވެ. މޫސައަކީވެސް ސިޔާސީވާން އުޅޭ މީހެކެވެ. އެހެނަސް މަރުމޯލެކެވެ. ހަމަ ރަނގަޅަށްވެސް ސިޔާސީ މަރުމޯލެކެވެ.