އެނދުމަތީގައި ހުރި ފޮތްތައް ތަރުތީބުކޮށްލަމުން ކައިރީގައި ނިދާފައި އޮތް އާޝިޔާގެ މޫނަށް ހާމިދާ ބަލައިލީ ހިތާމަވެރިކަމުގެ ފުން ނޭވާއެއް ދޫކޮއްލަމުންނެވެ. ދަރިފުޅު ކިޔެވުމަށް ކުރާ ބުރަ މަސައްކަތްފެނި ހާމިދާ އަބަދުވެސް ހުންނަނީ އެކަމާ ފަޚުރުވެ އުފާވެފައެވެ. ނަމަވެސް މަތީ ތަޢުލީމު ދަރިފުޅަށް ހޯދައިދިނުމުގެ ޤާބިލްކަން އާއިލާގައި ނެތުމުން އެކަމާއި ހިތާމަކުރެއެވެ.
އެންމެ ކުޑައިރުން ފެށިގެންވެސް އާޝިޔާ ސްކޫލުން އަންނަނީ ރަންވަނަ ތަކެއް ހާސިލް ކުރަމުންނެވެ. އާޝިޔާ މިހާރު ތައްޔާރުވަމުން އެދަނީ އޯލެވެލް އިމްތިޙާނަށެވެ. އާއިލާ އަދި ސްކޫލް ފަޚްރުވެރިވާފަދަ ނަތީޖާއެއް ހޯދުމީ އާޝިޔާގެ އުންމީދެވެ. ރެއާއި ދުވާލު ފޮތްތަކުގެ ތެރޭގައި ހޭދަކުރުމީ އާޝިޔާގެ އާދައެވެ. މިރޭވެސް އާޝިޔާއަށް ނިދިފައި އެއޮތީ ފޮތް ދަސްކުރަން އޮއްވައެވެ.
ދަރިފުޅުގެ ބޮލުގައި ފިރުމާލުމަށްފަހު ހާމިދާ ކޮޓަރިން ނުކުތީ ފުންހިޔާލަކަށް ގެއްލި ހުރެއެވެ. މިއަދު ދަރިފުޅު އެހާ ހިތްވަރާއެކު މަސައްކަތް ކުރިޔަސް ކުރިމަގުގައި އެދަރިފުޅަށް ކިޔަވައިދޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެމެން އުޅެމުންދާ ނިކަމެތި ޙާލުން ބަނޑުފުރާނަ މުއްތިކޮއްލާވަރު ވަނީ ހަމަކިރިޔާއެވެ. ފިރިމީހާ މަހައްގޮސް ލިބޭ ކުޑަ އާމްދަނީ އަކުން ގޭގެ ޚަރަދު ބަލަހައްޓާފަ އިތުރު ކަމެއްކުރާނެ އެންމެ ފައިސާ ފޮތްޗެއްވެސް ނޯވެއެވެ. އުޅެމުންދާ ނިކަމެތި ޙާލާއިމެދު ވިސްނާ ފިކުރު ކުރަމުން ހާމިދާ ދިޔައެވެ.
ދުވަސްތައް ފާއިތުވަމުންގޮސް އާޝިޔާގެ އިމްތިހާނު ނިމި ނަތީޖާ ނިކުންނަ ދުވަސް ކައިރިވެއްޖެއެވެ. އުންމީދުން ފުރިގެންވާ އާޝިޔާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. އެންމެން އުންމީދު ކުރިވަރަށްވުރެ ބޮޑަށްވެސް އާޝިޔާގެ އިމްތިޙާނުގެ ނަތީޖާ ރަނގަޅެވެ. މުޅި ދުނިޔެއިން އެއްވަނަ ލިބި ސްކޫލާއި ޤައުމުވެސް އާޝިޔާ އާއި މެދު ފަޚްރުވެރިވިއެވެ. ނަމަވެސް ހާމިދާގެ ލޮލުން ފާއްދާލީ ހިތާމަވެރި ކަމުގެ ކަރުނައެވެ. މިފަދަ ރަނގަޅު ނަތީޖާއަކުންވެސް ދަރިފުޅުގެ ކުރިމަގު އުޖާލާ ކުރެވޭނެ ތަނަވަސްކަން އާއިލާގައި ނެތުމުންނެވެ.
އެކުގައި އުޅުނު އެކުވެރިން މާލެ ގޮސް މަތީތަޢުލީމުގެ ޚަރުފަތް ކަޑައްތުކުރަން ފެށި އިރުވެސް އާޝިޔާ ހުންނަންޖެހުނީ ގޭގައެވެ. މާލެ ފޮނުވާ އިތުރަށް ކިޔަވައިދިނުމުގެ ތަނަވަސްކަން އާއިލާގައި ނެތުމުން ކިޔެވުން ނިންމާލުމަށްފަހު ރަށުގައި ހުންނަން އާޝިޔާއަށް މަޖުބޫރުވިއެވެ.
އެހެން ކުދިންނެކޭ އެއްފަދައިން އާޝިޔާވެސް ހުވަފެންދެކެމުން އައީ މުސްތަޤުބަލުގައި ހަރުދަނާ މީހަކަށްވުމެވެ. އަދި ކިޔަވައިގެން ތަނަވަސް ދިރިއުޅުމެއް ހޭދަކުރުމެވެ. ނަމަވެސް އާޝިޔާގެ އުންމީދުތަކާއި ހުވަފެންތައް ކަފުންކޮށް ވަޅުލަން މަޖުބޫރުވީ އަމިއްލަ ޙާލަތު ވިސްނިފައެވެ.
ދުވަސްތައް މިގޮތުގައި ފާއިތުވަމުންގޮސް އާޝިޔާ ކިޔަވައި ނިންމާލިތާ ދެއަހަރުވީއެވެ. ހާމިދާގެ ވިސްނުމަކީ އަށާރަ އަހަރުވުމުން ވީހާވެސް އަހަވަހަށް ދަރިފުޅު މީހަކާއި ކައިވެނި ކުރުވުމެވެ. ނަމަވެސް އާޝިޔާގެ ހިތުގައި އަދިވެސް ކުޑަ އުންމީދެއް ފޮރުވިފައި ވާފަދައެވެ. މަންމަގެ މި ނިންމުމަށް އާޝިޔާ ތާޢީދެއް ނުކުރިއެވެ. އޭގެ ބަދަލުގައި އާޝިޔާ މާލެ ފޮނުވައި ދިނުމަށް އެދުނެވެ. އާއިލާގެ އެއްވެސް އެހީތެރި ކަމަކާއި ނުލައި އަމިއްލަ ބުރަ މަސައްކަތުން ކިޔަވަން ބޭނުންވާކަމަށް ބުނެއެވެ.
އާޝިޔާ ބޭނުންވި ގޮތަށް ޖެހިގެން އައި އަހަރު މާލެ އާދެވުނެވެ. އެއްވެސް ވިސްނުމެއްނެތި ފުރަތަމަ އާދައިގެ ކޯހަކަށް ކުރިމަތި ލިއެވެ. އާއިލާގެ އެހީއެއް ލިބެން ނެތުމުން އަމިއްލަ ޚަރަދާއި ކިޔެވުމަށް ވަޒީފާއަކަށް ދާންފެށިއެވެ. ކިޔަވާ ނިންމާލުމަށްފަހު ލިބޭ ހުސްވަގުތުގައި ވަޒީފާ އަދާކުރަމުން ދިޔައެވެ. ނަމަވެސް އެހެންކުދިން އުޅޭ ތަނަވަސް ދިރިއުޅުންފެނި އަބަދުވެސް އާޝިޔާ ދެރަވަމުންދެއެވެ. އެހެނަސް ކޮންމެވެސް ދުވަހަކުން އަމިއްލަ ފައިމައްޗަށް ތެދުވެ އާއިލާއަށް ހެޔޮގޮތެއް ހޯދައިދިނުމުގެ އަޒުމުގައި އާޝިޔާ މަސައްކަތް ކުރަމުން ދިޔައެވެ.
އެގޮތުން ފުރަތަމަ އަހަރު ދާނެ ވަކި ދާއިރާއެއް ނޭންގި އެއްއަހަރުގެ ފައުންޑޭޝަން ކޯހެއް އާޝިޔާ ނިންމާލިއެވެ. ޖެހިގެން އައި އަހަރުގެ ކޯސްތަކަށް ވަނުމަށް ހުޅުމުމާއެކު އާޝިޔާ ވިސްނަމުންދިޔައެވެ. ކިޔަވާނެ ވަކި ދާއިރާއެއް ނިންމަން ނޭންގުމުންނެވެ. ނަމަވެސް ސަރުކާރުން ހުޅުވާލި ފުރުޝަތެއްގެ ސަބަބުން އާޝިޔާގެ އުންމީދުގެ ހުޅުކޮޅު ދިއްލުނެވެ. ސަރުކާރުން ދޭ އިމްތިޙާނަކުން އެންމެ މަތިން ފާސްވާ ދިހަ ދަރިވަރަކަށް މެލޭޝިޔާއިން މެޑިސިން ހިލޭ ކިޔެވުމުގެ ފުރުޝަތެވެ. ނަމަވެސް މި އިމްތިޙާނަށް ތައްޔާރުވާން ލިބެނީ އެންމެ މަސްދުވަހެކެވެ. އެހެންކަމުން ތަފާތު އެކި ދިރާސާކޮށް އިމްތިޙާނަށް ތައްޔާރުވަމުން އާޝިޔާ ދިޔައީ ރޭގަނޑުގެ ނިދި ގެއްލުވާލައިގެންނެވެ. ހެނދުނުގެ ވަގުތު ވަޒީފާއަށް ގޮސް ރޭގަނޑުގެ ވަގުތު ކިޔެވުމަށް ހުސްކުރިއެވެ.
އެއްމަސް ފާއިތުވެ މިއަދަކީ އިމްތިޙާނުގައި އާޝިޔާ އިށީންނާނެ ދުވަހެވެ. މި އިމްތިޙާނުގެ ސަބަބުން އާޝިޔާގެ ހުރިހާ ހުވަފެނެއް ހަޤީގަތަކަށް ހެދުމުގެ ފުރުޝަތު އާޝިޔާގެ އަތުގައި އެބައޮތެވެ. ބުރަ މަސައްކަތަކާއި ނުލައި ކުރިމަގު އުޖާލާ ކުރުމަށް މިޔައީ އާޝިޔާއަށް ރަނުގެ ފުރުޝަތެކެވެ. މާގިނަ ދުވަސްތަކެއްނުވެ އިމްތިޙާނު ނިމި ނަތީޖާވެސް ނިކުމެއްޖެއެވެ. އާޝިޔާ އުންމީދު ކުރިފަދައިން އެންމެ މޮޅު ދިހަ ކުދިންގެ ތެރޭގައި އާޝިޔާ ހިމެނުނެވެ. އަދި މެޑިސިން ކިޔެވުމަށް ޝްކޮލަރޝިޕް ލިބިގެންދިޔައެވެ.
މި ޚަބަރު ހާމިދާއަށް ލިބުމުން އުފާވެރިކަމުގެ ކަރުނަ ދެލޮލަށް ޖަމާވެގެން ދިޔައެވެ. އަދި މާތް ﷲ އަށް ޙަމްދުކުރިއެވެ. މާގިނަ ދުވަސްތަކެއްނުވެ މެލޭޝިޔާއަށް އާޝިޔާ ފުރިއެވެ.
މުޅިން އާ ޤައުމެކެވެ. އާ މާޙައުލެކެވެ. ނުދަންނަ އެތަށް މީހުންނެއް އާޝިޔާ ވަށައިގެން ވިއެވެ.
ފުރަތަމަ ދުވަހު ކޮލެޖު ތެރެއަށް އާޝިޔާގެ ފައި އެޅުމާއެކު އުފަލުން ގޮސް ރޮވުނެވެ. ލިބުނު އުފާވެރިކަމާއި ދެކުނު ހުވަފެން ކާމިޔާބު ކުރުމުގެ މަގު ތަނަވަސް ވެގެން ދިޔާމައެވެ. އެހެންކަމުން ހިއްވަރާއި އަޒުމާއެކު އާޝިޔާ މަސައްކަތްކުރަން ފެށިއެވެ. ދެކުނު ހުވަފެން ކާމިޔާބުކޮށް ހަޤީގަތަކަށް ހެދުމަށެވެ. މައިންބަފައިން ފަޚްރުވެރިވާފަދަ ދަރިއަކަށްވުމަށެވެ. އަދި ޤައުމަށް ފައިދާހުރި ޒުވާނަކަށް ވުމަށެވެ. ނަމަވެސް މިދަތުރަކީ ފަސޭހަ ދަތުރެއް ނޫންކަން އާޝިޔައަށް އަބަދުވެސް އެނގެއެވެ. އެހެންކަމުން އެންމެ ވަގުތެއްވެސް ބޭކާރު ނުކޮށް ހިއްވަރާއެކު ކިޔަވަމުން ދިޔައެވެ.
އެންމެފަހުން އާޝިޔާގެ ހުވަފެން ކާމިޔާބު ވެގެންދިޔައެވެ. މިހާރު އާޝިޔާއަކި އަމިއްލަ ކްލިނިކެއް ހިންގާ ކުޑަކުދިންގެ ޙާއްސަ ޑޮކްޓަރެކެވެ. އެންމެންގެ ލޯތްބާއި މަޤްބޫލުކަން ލިބިފައިވާ ޑޮކްޓަރ އާޝިޔާއެވެ. މިއަދު މުޅި ރާއްޖެއިންވެސް އާޝިޔާގެ ކްލިނިކަކީ ފާހަގަކޮއްލެވޭ ތަނެކެވެ.
ދަރިފުޅުގެ ކާމިޔާބު ދިރިއުޅުންފެނި ހާމިދާގެ ހިތްވަނީ އުފަލުން ފުރިފައެވެ. މިއަދު އާޝިޔާގެ ހުވަފެން ހަޤީގަތަކަށް އެވީ ހަމަ އާޝިޔާގެ އެކަނި މިންނަތް މަސައްކަތުންނެވެ. ތަނަވަސް ދިރިއުޅުމެއް ލިބިފައި ނެތަސް އަމިއްލަ ބުރަ މަސައްކަތުން ދިރިއުޅުން އުޖާލާކުރިއެވެ. އަދި އެތަށް ފުރާނައެއް ސަލާމަތްކޮށް އެތަށް ހިތަކަށް ޝިފާ ހޯދަދިނެވެ. އަމިއްލަ ޤައުމާއި މައިންބަފައިން ފަޚްރުވާފަދަ މީހަކަށް ވިއެވެ.
-ނިމުނި-
ސަޅި
ރީތި
❤️❤️❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏👏👏👏👏
ވަރަށް ސަޅި އިގޭ ހަމަ ހަބޭސް. ❤️❤️❤️👏👏👏👏
❤️😍
މާޝާ ﷲ