Views: 17358 218

" ނޭނގެ........ކޮންމެވެސް ލޭބަރ އެއް........." ނަވީންގެ ފޯނު އޭނާގެ އަތަށް ލައިދެމުން ޖޫލީ ބުނެލިއެވެ. ޖޫލީގެ ޖުމްލަ އިވިފައި ނަވީނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ދެލޯބޮޑުވެ ބަސްހުއްޓިފައި ހުރީ ލައިބާގެ ކޯލެއް ޖޫލީ ނެގީމައެވެ. ލައިބާގެ ނަން ނަވީން ފޯނުގައި ސޭވްކޮށްފައި އިންނާނީ "ލޭބަރ " ގެ ނަމުންނެވެ. ޖޫލީއަށް ކުޑަކޮންވެސް ޝައްކެއްވާން ނޭދޭތީއެވެ.

ނަވީން އަވަސް އަވަހަށް ފޯނުގެ ސްކުރީނަށް ބަލާލިއެވެ. ކޯލް ކެނޑިފައިވާތަން ފެނުމުން ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ. އެހެނަސް ގަނެފައިވާ ބިރެއްގެ ބޮޑުކަމުން ފެންވަރާ ތާޒާވެގެން ނިކުތަސް މީހާ ދާހިތްލާލީ މަދު ސިކުންތުކޮޅެއް ތެރޭގައެވެ.

" މިކޯލަށް އާންސާރ ކުރިންތަ.....؟ " ޖެހިލުންވެ ހުރެ ނަވީން ސުވާލުކުރިއެވެ. ލައިބާ އާއި ޖޫލީ ވާހަކަދެއްކުނުތޯ ޔަގީން ކުރާށެވެ.

" ހޫމް............" ކޮޓަރިން ނިކުންނަން ދިޔަ ޖޫލީ ފަސްއެނބުރި ނަވީނަށް ބަލާލައި ހިނިތުންވެލިއެވެ. ނަވީނަށް ދެލޯ ބޮޑުކޮށްލެވުނެވެ. ބޭރަށްލާން އުޅުން ނޭވާވެސް ހީވީ އެތެރެހަށީ ތާށިވިހެންނެވެ.

" ނަސީބަކުން ތި ލޭބަރ އެއް މަށަކާ އަނގައިންނެއް ނުބުނި............ނަވީނަށް ކަންނޭނގެ ލޭބަރގެ މައްސަލަ ހައްލުކޮށްދެވޭނީ................" ޖޫލީ އެހެންބުނެފައި މަޑުކުރުމެއްނެތި ދިޔައީ ތިރިއަށެވެ. ނަވީނަށް މޭގައި އަތްހިނގާލެވުނެވެ. ލައިބާއަށް ގުޅަން އުޅެފައިވެސް ފަހުން ގުޅަން ނަވީން ފޯނު ބޭއްވިއެވެ. ނަވީން ބޭނުންވީ ވަރަށް ހަމަޖެހިގެން ގުޅާށެވެ.

*****

ފޯނު ކަންފަތާއި ދުރުކޮށްލިގޮތަށް ލައިބާ އިހްތިޔާރުކުރީ ހިމޭންކަމެވެ. ފާތުންނަށް ދުރުގައި ބަލާކަށް ނުހުރެވުނެވެ.

"ކިހިނެތްވީ...؟...........ނަވީން ފޯނެއް ނުނަގާތަ ހަމަ.........." ފާތުންގެ މޫނުމަތިންވެސް ފެނުނީ މާޔޫސީކަމެވެ.

" ޖޫލީ ފޯނު އެނެގީ.........." އަނގަޔަށް ގޮތެއް ހަދާލަމުން ލައިބާ ބުނެލިއެވެ.

" ނަވީންގެ ވައިފް........." ފާތުން ބަލަންހުރީ ޖޫލީއޭ ބުނުމުން ނޭނގިގެންނެވެ. އެހެންވެ ލައިބާ އިތުރަށް ޖޫލީ އެއީ ކާކުކަން ފާތުންނަށް އޮޅުން ފިލުވައިދިނެވެ.

" ޖޫލީ ހަލޯއޭ ބުނީމަ އަހަރެންނަށް ޖަވާބުދޭކަށް ނުކެރުނު.........އަނެއްކާ އަންހެނަކު ގުޅައިގެން ދެމީހުން ދޭތެރޭ މައްސަލައެއް ޖެހިޖެއްޔާ...." ފާތުންނަށް ބަލާލަމުން ލައިބާ ހިނިތުންވެލީ އޭނާ ހަމަޖެހޭކަން ދައްކާލުމުގެ ގޮތުންނެވެ.

" އަންހެނަކު ގުޅައިންނޭ...........ތީ ނަވީންގެ އަންހެނުންނޭނު ދެން ކޮބާ މައްސަލައަކީ......" އެނދުކައިރީގައި ހުރި ޕުލާސްޓިކްގޮނޑިދަމާލައި ލައިބާ އާ ކުރިމަތިވާނޭހެން ފާތުން އިށިއިނެވެ.

" އެކަމަކު ޖޫލީ އަކަށް ނޭނގޭނުން ނަވީންގެ އިތުރު އަންބަކު ހުރިކަމެއް...........ނަވީން ބުނަން ބޭނުން ނޫން ވާހަކައެއް އަހަރެން ވަކިން ނުވާނެދޯ އަންގާކަށް.........." ލައިބާގެ ހިތުގައިވީ ސާފުސީދާ ލޯތްބެވެ. ނަވީންގެ އުފަލަށް އޭނާ ހުރީ ކޮންމެކަމެއް ކުރަންވެސް ތައްޔާރަށެވެ.

" ހާދަ ލޯތްބެކޭ ދޯ ތިވަނީ............" ފާތުންނަށް ލައިބާ އާ ދިމާކޮށްނުލާ ނީނދެވުނެވެ.

" އަސްލުވެސް ނަވީންދެކެ ވާލޯބި އެތަށް ތަނެއް ހީވަނީ އިތުރުވެއްޖެހެން........" ބަނޑުގައި ދެއަތުން ފިރުމާލިއިރު ތުންފަތްމަތީގައިވީ ހިނިތުންވުމެވެ.

" ނަވީން ވަރަށް އުފާވާނެދޯ............." ފާތުންވެސް އިނީ ހެވިފައެވެ.

" އާން.......މީ ނަވީންގެ ހުރިހާވެސް އުއްމީދަކީ.........މިދުވަހަށް ނަވީން ހާދަ ދިގު އިންތިޒާރެއް ކޮށްފިއޭ.........." ދަރިއަކު ބޭނުންވާވަރު ނަވީންވަނީ ލައިބާ ކައިރީ ވަރަށް އަސަރާއިއެކު އެތަށްފަހަރަކު ބަޔާންކޮއްފައެވެ.

" ހަތް އަހަރުވީއިރު އެމީހުންނަށް ކުއްޖަކު ނުލިބުނު..............ނަވީން ވަރަށް ވަރަށް އުފާވާނެ......ދަރިއަކު ލިބޭކަން އެނގުނީމަ ........." ލައިބާ ހެވިފައި އިނދެ ވާހަކަދައްކަމުން ދިޔައިރު ހީވަނީ އޭނާގެ ލޯ ކުރިމަތީ އުފާވެރިދުވަސްތައް ކުރަހާލާފައިވާ ހެންނެވެ. މިހާރުވެސް އޭނާއަށް އެއުފާވެރި މަންޒަރު ފެންނަ ކަހަލައެވެ.

*****

ހެނދުނު އޮފީހަދާން މާހިލް ފެރީ ޓާރމިނަލަށް ބަލައި އައީ ޢާޝާއެވެ. ޢާޝާގެ ބިޒީ ސެޑިއުލްއިން މާހިލަށް ވަގުތުކޮޅެއް ހުސްކޮށްލީ ދެމީހުން ދިމާވެގެން ދައްކަންވެފައި ހުރި ވާހަކަތަކެއް ހުރުމުންނެވެ. މިހާރަކަށް އައިސް ޢާޝާވެސް ހުންނަނީ ނިކަން އުފަލުންނެވެ. މާހިލްގެ ފަރާތުން ސަޖާ ގެއަށް ދިޔަކަން އެނގިގެންނެވެ. އާޝާއަށް ހަމައެކަނި ނޭނގެނީ ސަޖާ އިނީ އަދިވެސް މާހިލްގެ އަންބެއްގެ މަގާމްގައި ކަމެވެ. އާޝާ ހީކުރީ ސަޖާ އޭނާގެ މައިންބަފައިންގެ ގެއަށް ދިޔައީ މާޙިލް އޭނާ މިނިވަންކުރީމައި ކަމަށެވެ. މާހިލްގެ ފަރާތުން އާޝާއަށް އިތުރަކަށް އެއްވެސް ކަމެއް އޮޅުމެއް ނުފިލިއެވެ. އާޝާވެސް މާވަރަކަށް އެކަމާ ސުވާލުކުރާކަށް ނުހަދައެވެ. އާޝާގެ މީހަކަށް މާހިލް ހެދުމަކީ އޭނާގެ އަބަދުގެވެސް ހުވަފެނެވެ. މިފަހަރު އެކަން ކާމިޔާބު ކުރަން އޭނާ ހުރީ ނިންމައިގެންނެވެ.

" އޭނައަށް ގުޅަންތަ ؟ " އާޝާ އެހީ ސަޖާގެ ވާހަކައެވެ. ކާރުގެ މިސްރާބުވަނީ މާހިލްގެ އޮފީހާ ދިމާލަށެވެ. މާހިލް މާ ހިމޭނުން އިނުމުން އާޝާއަށް އެގޮތް ކަމަކު ނުދިޔައެވެ.

" މި ބުނީ ސަޖާއަށް ނުގުޅަންހޭ........" ޖަވާބެއް ނުލިބުމުން އަނެއްކާވެސް އާޝާ އަހާލިއެވެ.

" ހޫމް...." މާހިލްގެ ކިބައިން ފެނުނީ ގަޔާނުވާ ކަމެވެ. ހަމަ އެކަނި ހޫމް އަޅުވާލައިފައި ހުއްޓާލީ އެހެންވެއެވެ.

" ދެން އޭނަވެސް ނުގުޅާ............" މަގުމައްޗަށް ނަޒަރު ހިންގާލައިގެން އިން މާހިލަށް އާޝާ އާ ދިމާއަށް ބަލާލެވުނެވެ. ސަޖާ ދުވާލަކު އެތަށް ފަހަރަކު އޭނާއަށް ގުޅައެވެ. ފޯނު ނުނަގަނީ ގަސްދުގައެވެ. ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. ހަމައެކަނި މާހިލް ޖަވާބު ދެނީ ސަޖާ ފޮނުވާ ބައެއް މެސެޖްތަކަށެވެ.

" އޭނަވެސް ހަމަ ނުގުޅާތަ؟ " މާހިލަށް ބަލާލަމުން އަނެއްކާވެސް އެސުވާލު ތަކުރާރު ކޮށްލިއެވެ .

" ހޫމް......." ބޯޖަހާލަމުން މާހިލް ބުނެލިއެވެ. މާހިލާއި ސަޖާ އާއި ދެމެދު ގުޅުމެއްނެތްކަން އެނގި އާޝާގެ ތުންފަތްމަތީ ދުވެލީ މާނަފުން ހިނިތުންވުމެކެވެ.

" ރަނގަޅުތާދެން އޭނަގެ އުނދަގުލެއް ނުވާކަން............އެހެންވީމަ އޭނަވެސް މާހިލް ދެކެ ލޯބި ނުވަނީ ލޯބިވާނަމަ ދެރަވެގެން ގުޅައިން އުނދަގު ކުރީސް........" އާޝާ ފާޅުކުރީ އޭނާއަށް ފެންނަ ގޮތެވެ. އެހެން ނަމަވެސް ސަޖާ އޭނާ ދެކެ ލޯބިވާވަރު އެންމެ ރަނގަޅަށް އެނގޭނީ މާހިލް ފިޔަވައިދެން ވަކި ކާކަށް ހެއްޔެވެ؟ ލޯބިނުވާނަމަ އުމުރަށް އޭނާ އަންބެއްގެ ގޮތުގައި ބައިންދަން ނުބުނީސްކަން ޔަގީނެވެ.

" މާދަން ބައްޕަ މާލެ އަންނާނެ.........އަހަރެމެން މެރީ ކުރާ ވާހަކަ ދައްކާނަން ބައްޕަ ކައިރީ........." އާޝާ ކިތަންމެ ހިނިއައިސް ވާޙަކަދެއްކި ނަމަވެސް މާހިލްގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ.

" ބައްޕަ ގަބޫލުވާނެތަ ؟ " ކުރިން ނުގަބޫލުވެފައިވާ ގުޅުމަކަށް މިހާރުވެސް ރުހޭނެކަމާއި މެދު މާޙިލަށް ޝައްކެވެ.

" ކޮންމެ ގޮތަކުންވެސް މިފަހަރު ބައްޕަ ރުއްސާނަން ......." އާޝާ އަޑުގައިވީ ޔަގީންކަމެވެ.

" ނަވީން ކައިރީ ބުނެގެން ޗުއްޓީ ހަމަޖައްސާތި ......." އޮފީސްކުރިމައްޗަށް ކާރު މަޑުކޮށްލަމުން އާޝާ އެދުނެވެ. ހަމައެކަނި މިފަހުވެސް މާހިލް އިހްތިޔާރުކުރީ ހިމޭންކަމެވެ. ހަމައެކަނި ބޯޖަހާލާފައި ކާރުން ފައިބައިގެން ދިޔައީ ފަސްއެނބުރި ބަލައިވެސް ނުލައެވެ. ނުވިތާކަށް ވަދާއުގެ ސަލާންވެސް ކޮށްނުލައެވެ.

މާޙިލާއި ނަވީނަށް ލިފަޓަށް އެރުނީ އެކުއެކީގައެވެ. ފޯނާކުޅެން ހުރެފައި ނަވީން އަވަސް އަވަހަށް ފޯނު ޖީބުގެ ތެރެއަށް ކޮއްޕާލިއެވެ.

" ގޮންގުރޭޖުލޭޝަންސް............." ސަލާމަށް އަތްދިމާކޮށްލަމުން ނަވީން ބުނެލިއެވެ. މާހިލް ހައިރާންކަން މަތީ ހުރެފައި އެއްފަހަރު ނަވީންގެ އަތަށް އަނެއް ފަހަރު އޭނާގެ މޫނަށް ބަލާލިއެވެ. ނަވީންގެ ހިނިތުންވެފައިވާ މޫނު ފެނިފައި ސަލާމަށް އޭނާގެ އަތްގެންދެވުނީ ބޭއިހްތިޔާރުގައެވެ. އޭރު މާހިލްގެ ހިތުގައިވީ އެތަށް ސަތޭކަ ސުވާލެވެ.

" ވަރަށް މަރުހަބާ އިނގޭ......" މާހިލްގެ އަތަށް ބާރުކޮށްލަމުން ނަވީން ބުނެލިއެވެ.

" ޗުއްޓީ ހޯދަން އުޅުނީ ތިހާ ބޮޑުކަމަކާ ކަމެއް ނޭގޭ ވިއްޔާ..........." ފުޅާ ހިނިތުންވުމަކާއި އެކު ނަވީން ވާހަކަދެއްކިއެވެ. ބަދަލުގައި މާހިލްގެ މޫނުމަތިންވެސް މިފަހަރު ފެނުނީ ހިނިތުންވުމެވެ.

މާހިލް ޗުއްޓީ ހޯދަން އުޅުނީ އާޝާ އާ ކައިވެނިކޮށްގެން ހަނީމޫނަށް ދިއުމަށެވެ. މާހިލަށް އެވާހަކަދައްކަން ނުކެރުނީ ނަވީން ހީކުރާނެ އެއްޗެއް ނޭގޭތީއެވެ. އާޝާއަކީ ނަވީންގެވެސް ގާތް ރަހުމަތްތެރިއަކަށްވާތީ މާހިލްއަށް ހީވީ މާހިލާއި އާޝާގެ ގުޅުމުގެ ކަންތައް އާޝާގެ ފުށުން އެނގުނީ ކަމަށެވެ. ހަޤީގަތަކީ ނަވީނަށް އެމީހުންގެ ގުޅުމުގެ ކުޑަވެސް ހިލަމެއް ނުވެއެވެ. އޭނާ ފާޅުކުރި އުފާވެރި ޝުއޫރަކީ ސަޖާ ބަނޑުބޮޑުކަން އެނގިގެން ކީ ތަހުނިޔާއެވެ. މާހިލް ބައްޕަޔަކަށް ވާތީ އެކަމަށް ކީ މަރުހަބާ އެކެވެ. އެހެނަސް އަންހެނުން ބަނޑުބޮޑުކަމެއް މާޙިލް ނުދެނަ ހުއްޓެވެ.
"މާހިލް ބޭނުން ދުވަހަކު ޗުއްޓީ ލިބޭނެ.........." ނަވީން ހިތުން މާޙިލްގެ މޫނުމަތިން އެފެންނަނީ އަންހެނުން ބަނޑުބޮޑުވެ ފެންނަ އުފާވެރިކަމެވެ. ހުޅެވިގެންދިޔަ ލިފްޓްގެ ދޮރާއި އެކު ދެމީހުންވެސް އަވަސްވީ އެމީހަކަށް ހާއްސަކުރެވިފައިވާ ކޮޓަރިއާ ދިމާލަށް ދިއުމަށެވެ. ނަވީންވެސް އިތުރަށް އެވާހަކަ ދައްކާކަށް ނުހަދައެވެ. އޭނާ އޮފީހަށް އައީވެސް ބައްދަލުކުރަން މީހަކު އައިސް އިން ވާހަކަ އޮފީހުން ގުޅާފައި ބުނުމުންނެވެ.

******

ޖަލީލް ނިކުންނާނެ އިރެއްގެ އިންތިޒާރުގައި ސަރުމީލާ އިނީ ސައިތައްޔާރުކޮށްގެންނެވެ. މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ. ސަޖާގެ ކަންތަކާ އޭނާއަށް ވިސްނެނީ މާވަރަކަށެވެ. ސަޖާ ކިތަންމެ ސިއްރު ކުރިޔަސް ސަޖާ ދެރަވެގެން ރޮނީ ހަމައެކަނި ހޮޑުލެވޭތީ ނޫންކަން ސަރުމީލާއަށް ޔަގީން ކުރެވެއެވެ. ސަޖާ އެގެއަށް އައިންސުރެން އޭނާ މާހިލެއް ނުދެކެއެވެ. މާޙިލްގެ ކޯލެއްގައި ސަޖާ އިންދާވެސް އޭނާ ނުދެކެއެވެ. އަލަތުދަރިފުޅަށް ބަލިވެ އިނދެގެން އެހެން އަންހެނުންގެ މޫނުމަތިން ފެންނަ އުފާވެރިކަމާއި ހިތްހަމަޖެހުމެއް ސަޖާގެ މޫނުމަތިން ސަރުމީލާއަކަށް ނުފެނެއެވެ.

" ސަރުމީލާ......" ޖަލީލްގެ އަޑަށް އޭނާ ދިޔައީ ސިއްސައިގެންނެވެ. ގެއްލިފައި އިންލެއް ބޮޑުކަމުން ޖަލީލް އެތަނަށް އައިކަމެއްވެސް އޭނާ ނުދެނަ ހުއްޓެވެ.

" އަހަންނަށް މިހާރު ސަރުމީލާ ފެންނަނީ އަބަދުވެސް ކޮންމެވެސް ކަމަކާ ހަނދު އޮއްސިފައި އިންނަތަން......." ސަރުމީލާއަށް ވީގޮތް ފެނިފައި ޖަލީލަށް ދިމާކޮށްނުލާ ނުހުރެވުނެވެ.

" ކޮބާތަ މައްސަލައަކީ..........." ސަރުމީލާ އެއްޗެއް ނުބުނުމުން ޖަލީލް އިތުރަށް އެނގެން ބޭނުންވިއެވެ.

" ކުރިން ބުނާނެ ކުދިން ކައިރީގަ ނުހުންނާތި އެކަނިވާވަރުންނޭ............ދެން މިހާރު ކިއެއްވެ؟ ގައިމު ސަޖާ މިހާރު އެހުންނަނީ މިގޭގަ........ސަރުމީލާ ކައިރީގަ......." ގޮނޑީގައި އިށިއިންނަމަވެސް ޖަލީލް ކާންފަށަކަށް ނޫޅެއެވެ.

" ސަޖާގެ ކަންތަކާ އަހަރެން ހާދަ ފިކުރު ބޮޑުވެޔޭ........" ސައިތަށިތެރޭގައި ސަމުސާ ހިންގާލަމުން ސަރުމީލާ ވާހަކަދެއްކީ ނިކަން މަޑުންނެވެ.

" އެމަންޖެ ކިހިނެތްވީ .....؟ ހޮޑުލާތީ......؟ ބަލަ ސަރުމީލާވެސް މާބަނޑުއިރު ހޮޑުލީމެއްނު......ގައިމު ބޯ ހިތްލާލެވެނީވެސް ފަސްމަހަށް އަޅާފަހުން............އެމަންޖެއަށްވެސް އެހެން ވާނީ ދެތިން މަހެއް ވެލީމަ ރަނގަޅުވެދާނެ..........އެދެން ވިސްނަންވީ ވަރުގެ ކަންކަމެއް ނޫނޭ........." ޖަލީލް ބެލީ އޭނާގެ އަންހެނުންނަށް ވިސްނައިދެވޭތޯއެވެ.

" ހޮޑުލާތީކީ ނޫން .............އަހަންނަކަށް ހިޔެއްނުވޭ މާހިލާއި ސަޖާގެ ގުޅުން މާރަނގަޅު ހެނެއް.........." ތައްޔާރުކުރި ސައިތަށި ޖަލީލް ކައިރީ ބަހައްޓަމުން ސަރުމީލާ ބުންޏެވެ. ޖަލީލަށް ސަރުމީލާގެ މޫނަށް ބަލާލެވުނީ އެއަޑުގައިވި ސީރިޔަސްކަމުންނެވެ.

" ކީއްވެ ސަރުމީލާއަށް އެހެން ހީވަނީ ؟" ޓޯސްޓުކޮށްފައިވާ ފާންފޮތި އަނގަޔަށްލާން އުޅެފައި ޖަލީލް ތިރިކޮށްލިއެވެ. ސަރުމީލާގެ މޫނުމަތިން ފެންނަ ސީރިޔަސްކަން ޖަލީލްގެ ހިތަށް އުނދަގޫކޮށްލިއެވެ.

ކޮޓަރީގައި އޮވެ އޮވެ ފޫހިވެގެން ސަޖާ ނިކުތީ ބޭރަށެވެ. މަންމަޔާއި ބައްޕަ ސައިމޭޒު ދޮށުގައި ތިބިތަން ފެނިފައި ސަޖާވެސް ބޭނުންވީ އެދެމީހުން ފެންނަ ހިސާބަށްދާށެވެ.
" ޖަލީލް ދުވަހަކުވެސް ސަޖާ މިގެއަށް އައި ފަހުން މިގޭތެރެއިން މާޙިލް ދެކުނިންތަ؟ " ސަރުމީލާގެ ސުވާލު އަމާޒުކުރީ ޖަލީލުއާއެވެ. ސަޖާ ކުރިއަށް އެޅި ފިޔަވަޅާއިއެކު ހީވީ ދެފައި ބިމުގައި ތަތްލެވިހެންނެވެ.

" ކިހިނެތް އަހަންނަށް ފެންނާނީ.........އަހަރެންގިނަ ވަގުތު މިއުޅެނީ ބޭރުގައި "

" މާޙިލް ނާދޭތަ ؟ " ޔަގީން ނުކުރެވިގެން ޖަލީލަށް އަހާލެވުނެވެ. ސަޖާއަށް ދެލޯމަރާ ބާރުކޮށްލެވުނެވެ. އެހާ ސިއްރުކޮށްގެން އުޅެނިކޮން މަންމަމެނަށް ފަޅާއަރައިދާނެތީ ޖެހިލުންވިއެވެ. މިހާރުވެސް ދެމީހުންގެ ގުޅުމުގައި މައްސަލަތަކެއް އުޅޭކަމަށް އެމީހުންނަށް ޝައްކުވެއްޖެއެވެ. އެހެންވާކަށް ސަޖާ ނޭދެއެވެ.

" ހޫމް ނާދޭ........" ސަރުމީލާ ބޭރުކޮށްލީ ފުންނޭވާއެކެވެ.

" ސަޖާ ރޮނިކޮން ކިތަންމެ ދުވަހަކު އަހަންނަށް ފެނިއްޖެ.......އަހާއިރަށް ބުނަނީ ހޮޑުލެވޭތި ދެރަވަނީއޭ ކާކޮންމެ އެއްޗެއް ހޮޑަށް ލެވޭތީ ބޭބީއަށް ގެއްލުން ވެދާނޭ ހީވަނީއޭ........" ސަޖާ ރޯވާހަކަ ބުނުމުން ޖަލީލަށްވެސް އުނދަގޫ ކިތަގޮތެއް އިހްސާސްވިއެވެ. އެންމެ ބޮޑުވެފައި ހުއްޓަސް ދަރިއެއްގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުމަކީވެސް މައިންބަފައިން އެދޭނެ ކަމެއް ނޫނެވެ.

ސަރުމީލާގެ ވާހަކަ އަޑުއިވިފައި ސަޖާ ބޭނުންވީ އެނބުރި ކޮޓަރިއަށް ދާށެވެ. އެމީހުންގެ ކުރިމައްޗަށް ނިކުމެ ހަގީގަތާއި ކުރިމަތިލާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. ކޮޓަރިއަށް ވަދެ އެނދުގައި އޮށުވެލިއިރު ދެލޮލުގައި ގިނަވެފައިވާ ކަރުނަތައް ކޯތާފަތްމައްޗަށް އޮހިގަނެއްޖެއެވެ. ބައެއް ފަހަރު ސަޖާ ހިތަށް އަރައެވެ. ބަލިވެއިންކަން މާޙިލަށް އަންގަންވީއެވެ. އޭރުން މާޙިލްގެ ނިންމުން ބަދަލުވެގެން އެނބުރި އޭނާގެ ކައިރިއަށް އައިސްދާނެއެވެ. އެހެނަސް އެހިޔާލު ސަޖާ ދޫކޮށްލީ މާހިލް އެނބުރިއަޔަސް އޭނާގެ ހިތުގައި ސަޖާއަށް ލޯބިނުވާކަން އެނގިގެންނެވެ. ސަޖާ ގަބޫލުކުރާ ގޮތުގައި ޒައްރެއްގެ މިންވަރަށްވެސް އެހިތުގައި ލޯބިވާނަމަ ހަމަ އެންމެފަހަރަކުވެސް އޭނާ ފެންނަ ހިސާބަށް އައިހެވެ.

*****

ލައިބާ ހޮސްޕިޓަލުން ދޫކޮށްލީ މެންދުރުވާން އުޅެނިކޮންނެވެ. ޑޮކްޓަރ އިރުޝާދު ދެއްވީ ގިނައިން އަރާމްކޮށް ރަނގަޅު ކާނާ ބޭނުން ކުރުމަށެވެ. އެނބުރި މަސްދުވަސް ފަހުން ޑޮކްޓަރަށް ދެއްކުމަށެވެ. ލައިބާ ގެއަށް ފޮނުވާލި ހަބަރު ލިބިގެން ފާތުން އައީ އޭނާ ކުރަންހުރި މަސައްކަތް ދޫކޮށްލާފައެވެ.

އެނދުގައި އޮށުވެލައިގެން އޮތްއިރު އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެން އޮތް ގޮތުން ލައިބާ ހީވަނީ ކޮންމެވެސް ކަމަކާ ވިސްނަން އޮތްހެނެވެ.

" ހާދަ ބޮޑު ފިކުރެއްގަ؟ " ފާތުން އައިސް އެނދުކައިރިއަށް ހުއްޓިލިއެވެ. ލައިބާ ބަލައިލުމުން ފާތުން އިށިއިނީ އެނދުގެ މިޔަދޮށުގައެވެ.

" އަހަންނަކަށް ދެން ނޭގެ ނަވީނަށް އަންގަން ކިހިނެތް ކަމެއް ހަދަންވީއެއް .........ހާދަ ވަރަކަށް ގުޅިއްޖޭ......." ލައިބާގެ މޫނާއި ދެލޮލުގައިވީ ކަންބޮޑުވުމެވެ. އަޑުގައި އިންތިހާ މާޔޫސީކަން އެކުލެވިފައިވިއެވެ.

" އެއުޅޭ ރަނިންމޭޓަށް ގުޅާބަލަ............." ފާތުން އެހެން ބުނުމުން ލައިބާ އޮތީ ނޭނގިފައެވެ. ރަނިންމޭޓަކީ ކާކުކަން ނޭގިގެން އޭނާ ވިސްނާލިއެވެ.

" އެހެން ބުނީމަ ނޭނގުންދޯ........އައްފާނު.......އައްފާނަށް އެނގޭންނު އޭނަވީތަން........" ފާތުން ދޭ ހިޔާލަކީ އަބަދުވެސް ލައިބާގެ ތުންފަތްމައްޗަށް އުފާވެރިކަން ގެނުވާފަދަ ހިޔާލަކަށް ނޫނީ ނުވެއެވެ. ފޯނުނަގާ އައްފާންގެ ނަންބަރަށް ޑައެލްކޮށްލީ ކުރަމުންދިޔަ ދިގު އިންތިޒާރަށް ނިމުމެއް އަތުވެދާނެ ކަމަށް ބަލާފައެވެ.

އައްފާން އުޅުނީ ފިހާރާގައެވެ. ކައުންޓަރުމަތީގައި ފޯނުބާއްވާފައި ގުދަނުގައި ހުރި ފޮށިތަކެއް ނިޒާރަށް ނެރެދޭށެވެ. އެކުގައި ފިހާރައިގައި މަސައްކަތްކުރާ ބިދޭސީމީހާވެސް އުޅެއެވެ.

ކައުންޓަރމަތީގައި އޮތް ފޯނު ރިންގުވާން ފެށުމުން ކައުންޓަރ ކޮށިގަނޑުގައި އިން ނިޒާރު އައްފާން ފެނޭތޯ ހޯދާލިއެވެ. އޭރު އައްފާންވީ ގުދަނަށް ގޮހެވެ. ފުރަތަމަ ރިންގުކެނޑި އަނެއްކާވެސް ފޯނު ރިންގުވާން ފެށުމުން ނިޒާރު ފޯނުނެގިއެވެ.

" ހަލޯ...." އެކޮޅުން ނިޒާރަށް އިވުނީ އަންހެންކުއްޖެއްގެ އަޑެވެ. ލައިބާގެ އަޑެވެ. އައްފާން ހުސްކޮން ހުންނަނީ އޭނާއަށް ކުދިންނުޥާތީ ނޫންކަން ނިޒާރަށް އެވަގުތުވެސް އެނގުނެވެ.
" ހަލޯ....." ލައިބާއަށް އެއީ އެހެންމީހަކަށް ވެދާނެ ކަމަކަށް ވިސްނައިނުލެވުނެވެ. އައްފާންގެ ފޯނު އެހެންމީހަކު ނަގައިދާނެކަމަށް އޭނާއަށް ހިތަށްވެސް ނުގެނެވުނެވެ. އެއަށްވުރެން ބޮޑަށް ލައިބާ ހުރީ ނަވީންގެ ހަބަރެއް ވެލަން ބޭނުންވެފައެވެ.

" ބޮޑުކަމަކު އޭ މިގުޅީ...........ކޮބާތަ ނަވީން....." އެއަންހެންކުއްޖާ ނަވީންގެ ވާޙަކަ އެހުމުން ނިޒާރަށް ލިބުނީ ހައިރާންކަމެވެ. ކުރިން އޭނާ ހީކުރީ އައްފާންގެ ކަމެއްކަމަށެވެ.
" ނަވީން އޮފީހުގަވާނީ.......... ކިހިނެތްވީ ....." ފިހާރަތެރޭގައި މީހުން ވާހަކަދައްކާ އަޑާއިހެދި ލައިބާއަށްވެސް އެކޮޅުން ދައްކާ ވާހަކަ އިވެނީ ކިރިޔަ ކިރިޔާއެވެ.

" ނަވީން ކައިރީ ވާހަކައެއް ބުނަން ވެގެން އަޅެބުނެބަލަ ގުޅާލަބަލާށޭ..........ރޭވެސް ވަރަށް ގުޅިން........" ނިޒާރު އެއަންހެން ކުއްޖާޔާ ބެހޭގޮތުން އޮޅުން ފިލުވަން ބޭނުންވިއެވެ. ނަވީނާއި މާގާތްކަމެއް އޮންނަ ކުއްޖެއްކަމަށް އޭނާޔަށް ޝައްކުވާތީއެވެ.

" ކާކު؟......." ނިޒާރަށް ބުނެލެވުނީ ތަންކޮޅެއް ބާރަށެވެ.

" ސާބަސް.........ހެހެހެ..........ލައިބާއޭނުންމީ............." ލައިބާ ހޭންފެށީ އައްފާނަށް އޭނާ ނޭގުނީތިއެވެ. ލައިބާއަށްވެސް އައްފާން ނޫންކަން ނޭނގުނީ ފޯނުން މީގެކުރިން ވާހަކަދައްކާފައި ނެތީމައެވެ.

" ނަވީންގެ އަންހެނުންނޭނު މީ............." ފަޙުރުވެރިވެލާފައި ލައިބާ ބުނެލިއެވެ.

~ ނުނިމޭ ~

    1. Avatar

      ދެން އެހެންވިޔާ މިވާހަކަ ނުކިއީމަ ވީނު!! ނޫނީ ލިބޭ މިންވަރަށް ޝުކުރު ކުރަން ދަސްކޮށްބަލަ!

      14
      8
  1. Avatar

    މިހާރު ދެން ވާހަކައިގަ ވާގޮތް އޮޅިއްޖެ. ނަވީން އަށް ކުދިން ނުލިބެންޔާ ދެން ލައިބާ ބަނޑުބޮޑުވީ ކިހިނެތްބާ؟؟؟
    ވ.އިންޓްރެސްޓިން. ޢަވަހަށް ދެންއޮތްބައި އަޕްކޮއްދޭތި..

    4
    6
    1. Avatar

      ނިހާ ކުދިން ނުލިބެނީ ޖޫލީއަށް އެކަމަކު ޖޫލީ ކައިރީ ނަވީން ބުނީ ނަވީނަށޭ ނުލިބެނީ…..ނަވީނަކަށް ނޫނޭ ނުލިބެނީއެއް އެހެންވީމަ ލައިބާ ބޮނޑުބޮޑު ވެދާންނު ދޯ….

    2. Avatar

      ކިޔާބަލަ ރަނގަޅަށް. ޖޫލީ ދެރަނުކުތުވަން ވެގެން ނަވީން ޖޫލީއަށް އޮޅުވާލަނި. އަސްލު ކުދިން ނުލިބެނީ ޖޫލީއަށޤ ވީމާ. އައްފާން ގެ ހިޔާލާއެކު ނަވީން އަތޮޅު ތެރޭ ރަށަކަށް ގޮސް ލައިބާ އާ ކަވެނީގެ ގޮތުން ގުޅެނީ. ދެން ނައު ނަވީން ގެ ބައްޕަ އަށް ވެސް އެ އެގުނީ ދޯ ނަވީން ގެ އިތުރު ވައިފް އެއް ހުނަކަން. 🙂 🙂

      10
  2. Avatar

    ބުނާބަހުގެ އިތުބާރު ހިފެހެއްޓތޯވް ބަލާބަލަ ލިޔުންތެރިޔާ…. މޮޅު ލިޔުންތެރިޔަކަށް ވާ ފަދައިން ކިޔުންތެރިންގެ އިހްސާސްތައްވެސް ދެނެގަނެބަލަ….

    12
  3. Avatar

    ކަލަންޑަރުން އަންގަނީ މިއަދަކީ އާދީއްތަ ދުވަސް ކަމަށް… އަދި މީގެ 7 ދުވަސް ކުރިއެއީ ވެސް އާދީއްތަ ދުވަހެއް ކަމަށް… މިވާ ގޮތެއް ނޭނގުނު….. އެކޮޔަށް މިކަން ނުވާނެންޏާ އަންގާލަދީބަލަ…. އޭރަށް އިންތިޒާރު ކުރުން ހުއްޓާލަފާނަން…

ޚިޔާލު ފޮނުއްވާ