ދުވަހުގެ ކުލާސްތައް ނިންމާލުމަށްފަހު އަހަންނާއި އަހަރެންގެ އެކުވެރިން މިސްރާބު ޖެހީ ރަސްފަންނާދިމާއަށް މަޖާކޮށްލައި ހިތްހަމަޖައްސައިލުމުގެ ބޭނުމުގައެވެ. ތަފާތު އެކި ވާހަކަ ދައްކަމުން އަހަރެމެން ހިނގާފައި ދިޔައީ އެކި ވާހަކަތަކަށް ހެމުން މަޖާނަގަމުންނެވެ. ރަސްފަންނަށް ދެވުމާއެކު އަހަރެމެން ފާރުބުރި މަތީގައި އިށީނީ ހަވީރުގެ ވަގުތުކަމުން އިށީންނާނެ ތަންކޮޅެއްނެތިގެންނެވެ. އެހެންތިއްބައި އަހަރެންގެ އެކުވެރި އަފާ ދުރުގައި ހުރި ފިރިހެން ކުއްޖެއް ދެއްކުމަށްފަހު އޭނައަށް ތަޢުރީފު ކުރަމުންދިޔައެވެ. ކޮނޑާއި ހަމައަށް ދިގުކޮށްފަހުރި ބުޅި އިސްތަށިގަނޑުފެނި ހަމަރަނގަޅަށް ވެސް އަފާ އިނީ އޭނަ ފެނި ގަޔާވެފައެވެ.
" އަޅެ. ފިރާއަށް ރީއްޗެއް ނޫންތަ އެސޮރު.. ހަމަ ހީވަނީ އައްފާންހެން ދޯ"
އަފާ ދޯ ދެމުން އަހަރެންގެ ހިޔާލު ހޯދަން މަސައްކަތްކުރިއެވެ.
" ހޫމް.. އޭނަ އާއި ވައްތަރުގޮތެއް އެބަހުރި... ދެން އެކަމަކު ފިރާއަށް އެހާއެއްނޫން އެސޮރު. އަފާއަށް ރީތިވާނެ ދެން ބޯ ދިގުކޮށް ބުޅިކޮށް ހުންނަންޔާ"
އަހަރެން ހިނިގަނޑެއް ޖަހައިލުމަށްފަހު އަފާ އާއި ދިމާކުރަމުން ދިޔައީމެވެ.
މިފަދަ އެކި ވާހަކަތައް ދެއްކުމަށްފަހު އިރުއޮއްސުމުން އަހަރެމެން ގެއަށްދާން ހިނގައިގަތީމެވެ.
އެރެއަކީ އަހަރެން ބައިވެރިވެފައިވާ ފޮޓޯގްރަފީ ކޯސް ފެށެން ހަމަޖެހިފައިވާ ރޭ ކަމުން ގެއަށްގޮސް ތައްޔާރުވެލައިގެން އަހަރެން ކުލާހަށްދާން ނިކުތީމެވެ.
ކިޔެވުމުގެ އިތުރުން ތަފާތު އެކި ހުނަރުތައް ދަސްކޮށް ލިބޭ ހުސްވަގުތު ތަކުގެ ބޭނުން ކޮންމެވެސް ކަމެއް ދަސްކުރުމުގައި ހޭދަކުރުމީ އަހަރެންގެ އަބަދުވެސް އާދައެކެވެ. އެހެންކަމުން މި ކޯހުގައިވެސް ބައިވެރިވީ ރޭގަނޑުގެ ވަގުތު ހުސްކޮށް އޮންނާތީ އާއި އަދި ފޮޓޯ ނެގުމަށް ހުންނަ ހާއްސަ ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ.
ކުލާހަށް ވަނުމަށްފަހު އަހަރެން ހަމަޖެހިލީ ކިޔަވައިދޭން ހަމަޖެހިފައިވާ މުދައްރިސް އަންނަންދެނެވެ. މުޅިން އާ މާހައުލަކާއި އާ މޫނުތަކެއް އަހަރެންގެ ކުރިމަތިން ފެންނަމުންދިޔައެވެ. ކުޑަކޮށް ހާސްވި ނަމަވެސް އާ ތަޖުރިބާއެއް ކުރެވެން އުޅޭތީ އެކަމާ އަހަރެން އިނީ ހިތްހަމަޖެހި އުފާވެފައެވެ. އެކި ހިޔާލުތަކުގައި އަހަރެން އިންދައި އަހަންނަށް ކުއްލި ސިހުމެއް ލިބިގެންދިޔައީ ކުރިމަތިން ވަތް މުދައްރިސް ފެނިފައެވެ. އެ ފިރިހެންމީހާ މިއަދު ހަވީރު ފެނުނު ޒުވާނާ އާއި އެއްވެސް ތަފާތެއް ނެތެވެ. ހަމަ އެގޮތަށް ބޯ ކޮނޑާއި ހަމައަށް ދިގުކޮށްފައިވާއިރު ކުޑަ ބުޅިކަމެއް އެއިސްތަށިގަނޑުގައި ވިއެވެ. އަތް ދިގު މަޑު މުށިކުލައެއްގެ ގަމީހެއް ލައިގެން ހުރި އިރު އެޒުވާނާ ފެންނަނީ ވަރަށްވެސް ހިތްގައިމުކޮށެވެ. އޭނައަށް ބަލަން އަހަންނަށް އިނދެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭންގެއެވެ. އަފާ ހަވީރު ދެއްކި ފިރިހެންކުއްޖާ ފެނި ގޮތެއް ނުވިޔަސް މިފަހަރު އަހަރެންގެ ހިތުގެ އެންމެ ހިމަ ނާރާ ކުޅެލައިފިކަން ޔަޤީނެވެ.
މަޑުމައިތިރި ކަމާއި އެކު އޭނަ ކިޔަވައިދެމުން ދިޔައިރު މޫނުމަތިން ލަދުވެތިކަންވެސް ސިފަވެގެންދިޔައެވެ. އޭނަ ކުރަމުންދިޔަ އެންމެހާ ހަރަކާތްތަކަށް ގެއްލިފައި އަހަރެން އިނީމެވެ. ފުރަތަމަ ދުވަހު އެންމެންގެ ކުޑަ ތަޢާރަފަކާއި ކޯސް ދާނެގޮތުގެ މަޢުލޫމާތު ދިނުމަށްފަހު ކްލާސް ނިންމާލިއެވެ. އޭނަފެނި ހިތަށް ކުރުވި އަސަރު އިޙްސާސްވެ ފަހުން އަހަރެންގެ ގައިތަށް ހިނިވެސް އައެވެ. އަދި އަހަރެންގެ މޮޔަކަމާއި މެދު ވިސްނީ ފުރަތަމަ ފަހަރަށް ކުއްޖަކުފެނި އޭނަ ކަމުދާން އެންމެ ސިކުންތެއްވެސް ނުނެގީމައެވެ.
ޖެހިގެންއައި ދުވަހު ކޮލެޖްގެ ބެންޗެއްގައި އަހަންނާއި އަފާ އިނީ ބްރޭކް ގަޑިކަމުން ސޭންޑްވިޗެއް ކާށެވެ. ކުއްލިއަކަށް އަހަރެންގެ ލޯ ހުއްޓުނީ ރޭގައި ކުލާހުން ފެނުނު ޒުވާނާ އަހަރެންގެ ލޯކުރިމަތިން ދާތަން ފެނުމުންނެވެ.
" އަފާ.. ބަލާބަލަ.. އެހެރަދާ ފިރިހެން ސޮރެއް.. ރީތި ދޯ.. "
އަހަރެން އަފާއަށް އެޒުވާނާ ދެއްކީމެވެ.
" އާން ވަރަށް. ސަޅި. އެކަމަކު ފިރާއަށް އެކަހަލަ ކުދިން ރީއްޗެއް ނޫނެއްނު.. ދެން މިއަދު ކިހިނެއްވީ އެސޮރު ފެނުނީމަ"
އަފާ އަހަންނާއި މަލާމާތުގެ ރާގަށް ދިމާ ކުރަމުންދިޔައެވެ.
ދުވަސްތައް މިގޮތުގައި ހޭދަވަމުންދިޔައެވެ. ކޮންމެ ރެއަކު އެޒުވާނާ އަހަންނަށް ފެނެއެވެ. އަދި ފެންނަ ކޮންމެ ފަހަރަކު ނޭންގޭ އިޙްސާސްތަކެއް ހިތަށް ކުރެވެމުންދިޔައެވެ. ހަފްތާއެއް ތެރޭ މި ކްލާހަށްވެސް ވައިބަރ ގްރޫޕެއް ހެދިގެންދިޔައެވެ. އަހަރެންވީ އުފަލުން އެންމެ ފުރަތަމަވެސް އެ ޒުވާނާ ގްރޫޕްގައި އިންތޯ ބެލީމެވެ. ނަމަވެސް ފުރަތަމަ ދުވަހު އެޒުވާނާ ނެތުމުން ހިތްނުތަނަވަސް ވިއެވެ. ނަމަވެސް މާގިނަ ދުވަހެއްނުވެ އެޒުވާނާ ގްރޫޕުން ފެނުނެވެ. ވީ އުފަލެއްގެ ބޮޑުކަމުން ޕްރޮފައިލް ފޮޓޯ ބަލައިލީމެވެ.
" ނައުއްޓެ ނައުޝާދު" ވައިބަރގައި އިން ނަން ކިޔާލުމުން އޭނަ އެފްބީގައިވެސް ބޭނުންކޮށްފަ އިންނާނީ އެނަންކަން އަހަންނަށް ޔަޤީންކުރެވުނެވެ. އަވަސް އަވަހަށް އެފްބީގައި ނަން ސާޗް ކޮއްލީމެވެ. މާއުނދަގުލަކާއި ނުލައި އޭނަގެ އައިޑީ އަހަންނަށް ފެނުނެވެ. ފްރެންޑް ރިކުއެސްޓް ފޮނުވަން އުޅެފަވެސް އޭނަ ހިތަށް އަރާނެ އެއްޗެއް ނޭންގިފައި އަހަރެން ފަސްޖެހުނީމެވެ. މިގޮތަށް ސިއްރު ސިއްރުން އަހަރެން އޭނައަށް ފާރަލަމުން ދިޔައީމެވެ.
އަހަންނަށް ފަހުން އެނގުނު ގޮތުގައި ނައުޝާދު ވަޒީފާ އަދާކުރަމުންދަނީ އަހަރެން ކިޔަވަންދާ ކޮލެޖްގައެވެ. އެހެންކަމުން ދޭތެރެ ދޭތެރެއިން ކޮލެޖް ކެންޓީނުން އަހަންނަށް ނައުޝާދު ފެނެއެވެ. ކޮންމެވެސް އެއްޗެއް ގަތުމުގެ ބޭނުމުގައި އަހަރެންވެސް ކެންޓީނަށް ދަމެވެ. ނައުޝާދު ދެކިލުމަށެވެ. ނަމަވެސް ހިތާމައަކީ އަހަރެންގެ ހިތް ނައުޝާދަށް ލެނބިފައިވާ ކަމުގެ އެއްވެސް އިޙްސާސްއެއް އޭނައަށް ނުކުރެވުމެވެ. އެހެނީ އަހަރެން އޭނަދެކެ ވާ ލޯބި ވަނީ ހިތުގައި ފޮރުވާފައެވެ. އެލޯބި ބަޔާންކުރާނެހާ ހިތްވަރެއް އަހަރެންގެ ކިބަޔަކުނެތެވެ.
ނަމަވެސް އަހަރެންގެ ހިތް އަބަދުވެސް ގޮވަމުންދިޔައީ ނައުޝާދު ދެކިލުމަށެވެ. ލޯބިން ވާހަކަދައްކާ މަޖާކޮއްލުމަށެވެ. އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށެވެ. އެންމެފަހުން ކެތްމަދުވެފައިވާ ހިތަށް ލުޔެއް ލިބިގެންދިޔައީ އަހަރެންގެ އެކުވެރިޔާ ހަނާ އޭނައަށް ގުޅަންފެށުމުންނެވެ. އަހަރެންގެ ކިބައިގައި އެހިތްވަރު ނެތުމުން ހަނާ އަހަންނަށް އެހީވަމުންދިޔައެވެ. ނައުޝާދު އާ ގުޅައިގެން ހަނާ ވާހަކަ ދައްކާއިރު އެ ރީތި އަޑު އަހަން ކައިރީގައި އަހަރެން އިންނަމެވެ.
އަހަރެން ކިހާ ފިނޑިހެއްޔެވެ؟ ފެނިގެން ހިތްކިޔި ޒުވާނާގެ ކުރިމަތީގައި ލޯބި ހާމަކުރަން އަހަންނަށް ނުކެރުނެވެ. ފަހަރެއްގައި އޭނަ ނުލިބޭނެކަމުގެ އިޙްސާސް އަހަރެންގެ ހިތަށް ކުރެވެނީކަމަށްވެސް ވެދާނެއެވެ. ނޫނީ އެޔައީ އެހެންމީހެއްގެ މިލްކަކަށް ވެދާނެތީ އަހަރެންގެ ހިތް ބިރު ގަންނަނީ ހެއްޔެވެ؟ މިފަދަ އެކި ޙިޔާލުތައް އަހަރެންގެ ސިކުނޑީގައި އެނބުރެމުންދިޔައެވެ.
އަހަރެންގެ ފިޑި ކަމުގެ ސަބަބުން މިއަދާ ހަމައަށްވެސް ނައުޝާދުވަނީ އަހަރެންގެ ހިތުތެރޭގައި ފޮރުވިފައެވެ. އަދި އޭނަ ވެފައިވަނީ ހަމައެކަނި އަހަރެންގެ ހުވަފެނުގެ ރާޖާ އަށެވެ. ހުވަފެނީ ދުނިޔެއިން ނެރެ ހަޤީޤީ ދިރިއުޅުމުގެ ބައިވެރިޔަކަށް ހެދުމުގެ ހިތްވަރު މި ހަށިގަނޑުގައި ނެތެވެ. ނަމަވެސް ކޮންމެވެސް ދުވަހަކުން މިހިތުގައިވާ އިޙްސާސްތައް އަހަރެން ހާމަ ކުރާނެކަން ޔަޤީނެވެ.
-ނިމުނީ-
💜💜