ގޭތެރެއަށް ވެރިވެފައިވަނީ އުފާވެރިކަމެވެ. އެކި ކުލަ ކުލައިގެ ބޮކިތަކުން މުޅިގެ ޖަރީކޮށް ބާރަށް ލަވަ ޖަހާފައިވަނީ ޒާމާއާއި ސިނާންގެ ކައިވެނީގެ އުފަލުގައެވެ. ހަފްލާއަށް އައި މީހުންގެ ޝަރަފްގައެވެ.
ޒާމާއާއި ސިނާން ބައްދަލުވީ ދެއަހަރެއްކުރިންނެވެ. ސިނާން މަސައްކަތްކުރާ އޮފީހަށް ޒާމާ ބަދަލުވި ހިސާބުންނެވެ. ސިނާނަކީ އޮފީހުގެ އިސް މަޤާމެއްގައި ހުރި މީހެއްކަމުން ޒާމާގެ ހުރިހާ ކަމެއް ސިނާނާ ހަވާލުކުރި ހިސާބުން ދެމީހުން ގިނަ ވަގުތު އެކުގައި އުޅެން ޖެހުމުންނެވެ. އެކުގައި ކޮފީތަކަށް ގޮސް އުޅުން ގިނަވެ އެންމެފަހުން ދެމީހުން ލޯބީގެ ގޮތުން ގުޅުނީއެވެ. މީސްމީޑިޔާގައި ދެމީހުން ކިތަންމެ ވަގުތެއް ހޭދަކުރި ނަމަވެސް ގިނަ ކަންކަމުގައި ދެމީހުންގެ ޚިޔާލު އެއްގޮތްކަމުންނެވެ.އެކަކު އަނެކަކާ ވާދައަށް އިންސްޓަގުރާމަށް ފޮޓޯލައެވެ. ތަފާތު މޮޅެތި ބަސްތައް ލިޔެ މުޅި ދުނިޔެއަށް އެދެމީހުންގެ ލޯބީގެ ކުޅިވަރު ދައްކަމުން ދިޔައެވެ. މީހަކު ބުނާނެ އެއްޗަކަށް ޖެހިލުމެއް ނެތިއެވެ. އެހާވެސް މިނިވަންކަމާއެކުއެވެ.
ކައިވެންޏާ ހިސާބަށް އައިއިރުވެސް، ދެމީހުންގެ މެދުގައި ކޫސަނި އެއްވެސް މައްސަލައެއް ނުޖެހެއެވެ. އެއް އޮފީހެއްގައި މަސައްކަތްކުރާ ދެމީހުންކަމުން ވަގުތު ދިނުމުގައިވެސް މައްސަލައެއް ނުޖެހެއެވެ. ހިޔާލާ ފިކުރު ހުރިހާ ކަމެއްގައިވެސް އެއްގޮތެވެ.
ކައިވެނީގެ ހަފްލާ ނިންމުމަށްފަހު، ދެމަފިރިންގެ ލިސްޓަށް އަލަށް އިތުރުވި ދެމީހުން ކޮޓަރިއަށްވަނީ އަތު ގުޅުވާލައިގެނެވެ. ކައިވެނީގެ ހެދުމުގައެވެ. ހެމުން ހެމުންނެވެ. އެތަށް ދުވަހަކަށްފަހު ހުވަފެނެއް ހަގީގަތަކަށް ވީތީއެވެ. މާމުއި ހަނދުވަރުގެ އުފާ ހާސިލް ކުރުމަށް އެދިއެދިއެވެ. ޒާމާއަދި ސިނާން ކޮޓަރި ތެރެއަށް ވަދެ ތަޅުލިއެވެ. އަދި ބޮކި ނިވާލުމަށްފަހު އެނދުމަތީގައި އިށީނެވެ. އެވަގުތު ޒާމާގެ ފޯނު ރިންގުވާން ފެށިއެވެ. ނުދަންނަ ނަމްބަރަކުން ގުޅާތީވެ ރިންގް އޮފް ކޮށްލިއެވެ. އަނެއްކާވެސް ފޯނު ރިންގްވާން ފެށިއެވެ. އެވަގުތު ސިނާން ޒާމާގެ ފޯނު ނެގިއެވެ. އަދި ދެތިން ފަހަރަކު ހަލޯއޭ ބުނުމުންވެސް އެކޮޅުން މީހަކު ވާހަކަ ނުދައްކާތީ ކަނޑާލީއެވެ. މާގިނަ އިރުތަކެއްނުވެ ދެން ފޯނަށް އައީ މެސެޖެކެވެ. އޭގައި ވަނީ މިހެނެވެ. "ކައިވެނި ކުރިކަމުގަ ވިޔަަސް ހެވެ. ކަލޭގެ ދިރިއުޅުން ބަރުބާދު ކޮށްލާނަމެވެ" އެއީ ކާކުތޯ ސިނާން ޒާމާ ގާތުން ތަކުރާރުކޮށް އެހި ނަމަވެސް ޒާމާއަށް އޭގެ ޖަވާބެއް ނުދެވުނެވެ. ޒާމާއަށް ނޭނގޭ އެއްޗެއް ވަކިން ބުނާނީވެސް ކިހިނަކުން ހެއްޔެވެ؟ ސިނާންވެސް އެކަންވެސް އެންމެ ފަހުން ގަބޫލު ކުރިއެވެ. ދެ އަހަރުވީއިރު ޒާމާގެ ފޯނުގައި ސިނާނަށް ނުފެންނަ އެއްޗެއް ނުވާނެކަން ސިނާނަށް ގަބޫލު ކުރެވުނީއެވެ. ޒާމާ ސިއްރުން ކަމެއް ކުރަނީކަމަށް ޝައްކުކުރަން އަދި މާ އަވަސްކަމަށް ޚުދު ސިނާންވެސް ގަބޫލުކުރިއެވެ.
ކައިވެންޏަށްފަހު، ހަނީމޫނަށް މެލޭޝިޔާއަށް ފުރިއެވެ. ދިހަ ދުވަސް އަދިވެސް ޗުއްޓީގައި ބާކީ އޮތުމުންނެވެ. ޒާމާގެ މަންމަ ދިން ހަދިޔާއަކަށެވެ. ޒާމާ އަބަދުވެސް ރާއްޖެއިން ބޭރަށް ދާން ފޯރި ހުންނާތީ ޒާމާގެ ކައިވެނީގެ ހަދިޔާއަކަށް ޒާމާގެ މަންމަދިނީ މެލޭޝިޔާގައި ހަނީމޫން ހޭދަ ކުރުމުގެ ހުރިހާ ޚަރަދެވެ.
އެއްދުވަހެއްގެ ހެނދުނެވެ. ޒާމާ ހޭލިއިރު ސިނާން އަދި ހަަމަ އެނދުގައި އޮތީއެވެ. ހަނީމޫނުގެ ތިންވަނަ ދުވަސްކަމުން ދެމީހުންވެސް އަވަހަށް ހޭލައިގެން ތަންތަން ބަލައިލާ ފިހާރަތަކަށް ވަދެލުމަށް ރޭގައި ނިންމާފައި އޮތުމުން ޒާމާ ފާހާނާއަށްވަނީ ސިނާނަށް ގޮވާފައެވެ. "އާނނ.ހޫ" އަޅުވާލާފައި އަނެއް ފަރާތަށް ފުރޮޅިލުމަށްފަހު އޮތީއެވެ.
"ލޯބިވާ ޒާމާއަށް... ހަނީމޫން މަޖާތަ؟ ހާދަ ރޮމޭންޓިކް ފޮޓޯތަކޭ ތިލަނީ ދޯ.... ޖޭވޭ އިނގޭ..." ޒާމާ ފާހާނާއިން ނިކުތުމުން ޒާމާއަށް އިވޭ ވަރަށް ސިނާން ކިޔާލިއެވެ. ޒާމާއަށް އެއީ ޒާމާ ފޯނުން ބަލައިގެން ކީ މެސެޖެއްކަން އެނގުނެވެ. ސިނާން ކައިރިއަށް ލެފިލަން ހިނގައިގަތުމުން އަނެއްކާވެސް ބުނެލިއެވެ. "ތީ ކިހާ ދުވަހެއްގެ ކަމެއްބާ ދޯ.... މަ ބަލާނަން ކިހާ ދުވަހަކު ތިހެން އުޅެވޭތޯ... މި މެސެޖް ކިޔާނެކަންވެސް އެނގޭ... ސިނާނަށް ފެނިއްޖެއްޔާ ކަމު ނުދާނެކަންވެސް އެނގޭ... އެކަމަކު ޒާމާގެ ތިރީތިކަމުގެ މަ ޖައްސާފަ ތިހެން އެހެންމީހެއްގެ ހައްގަކަށް ވެގެނެއް ނުހުރެވޭނެ" ސިނާން ލަސްލަހުން މެސެޖުގައިވާ އިބާރާތް އަކުރުން އަކުރަށް ކިޔާ ނިންމާލިއިރު، ސިނާން އަތުގައި އޮތް ފޯނު ޒާމާ އަތުލިއެވެ. އަދި މެސެޖްތައް ކިޔާލިއެވެ.
"މިދެން ކިހާ ދެރަކަމެއް... މީ ކާކުތަ؟" ކަންބޮޑުވުން ދައްކާލަމުން ޒާމާ ބުނެލިއެވެ.
"ނޭނގެ. އަހަން ބަލައިފިން ދިރާގުންވެސް ތީ ކާކުތޯ... ކާކުކަން ނޭނގޭގޮތަށް ހަދާފަ އޮތީ... ޒާމާއާ ބެހެން ކާކުތަ ހުންނާނީ؟ އަނެއްކާ؟" އެހިސާބަށް ސިނާނަށް ބުނެވުނުއިރަށް ސިނާންގެ އަނގައިގާ ޒާމާ އަތް އެޅިއެވެ. އަދި ބުންޏެވެ، "ނޫން... ސިނާނަށް ނޭނގޭ ކަމެއް އަހަރެން ނުކުރަން ... ނުވެސް ކުރާނަން... ތީ ކާކުކަމެއް އަހަންނަކަށް ނުވެސް އިނގޭ" ޒާމާ ދެރަވިއެވެ. ހަނީމޫނުގެ ދުވަސްވަރު މިގޮތަށް ކަންތައް ދިމާވަމުންދާތީއެވެ.
"ހިނގާ މި ކާކުތޯ ބަލަން.. ގައިމު ކޮންމެވެސް ބޭނުމެއް އޮވެގެން ދޯ މީނަ މިކަމެއް ކުރާނީ... މީ ކާކުކަން އެނގޭ ދުވަހަކުން ހޭ އަރުވާލާނަން... އަހަރެންގެ ހުރި ނުލަފާކަން ނޭނގެނީ އަދި" ސިނާން ކުޑަކޮށް ރުޅި އަންނަން ފެށިއެވެ. ދެމަފިރިންގެ ދެމެދަށް ވަންނަން މަސައްކަތް ކުރާތީއެވެ.
"އަހަރެންވެސް ބޭނުންވަނީ އެއީ ކާކުތޯ ހޯދަން... ކޮންމެ ގޮތަކަށް ވިޔަސް... " ޒާމާވެސް ބޭނުންވަނީ އެއީ ކާކުތޯ ހޯދުމަށެވެ.
އެދުވަހު އެކި ތަންތަން ބަލައިލުމަށް ނިކުމެ އުޅުމުގެ ތެރޭގައި މާލޭގެ ރައްޓެއްސަކާ ދިމާވުމުން އެވާހަކަތައް ހިއްސާކުރިއެވެ. އަދި އޭނާ ދިން ހިޔާލު އެދެމީހުންނަށްވެސް ވަރަށް ކަމުދިޔައެވެ. އެހެންކަމުން ސިމްކާޑު ވިއްކާތާކަށް ގޮސް ސިމެއްގަނެ، ޖެއްސުންކުރާ ނަމްބަރަށް ގުޅައިލިއެވެ. އަދި އިނގިރޭސިބަހުން ފުރަތަމަ ވާހަކަ ދައްކަން ފެށުމުން އެކޮޅުން ދިވެހިން "އަހަންނަކަށް ނޭނގެޔޭ... ނުބައި ނަމްބަރެކޭ... " ބުނެފައި ދެފަހަރުވެސް ފޯނު ކަނޑައިލީއެވެ. އަނެއްކާވެސް ގުޅިއެވެ. އަދި ފޯނު ނެގުމާއެކު، އެ ހާސަރުތައް ދަމާލާފާއި ފޯން ކަނޑާލަން މަސައްކަތް ކުރުމުން ސިނާން ބުނެލިއެވެ. "ކަލޭ ވާހަކަ ދައްކާނީތަ ނޫނީ ބޭނުމީ މަރުވާންތަ؟" ދިވެހިން އެހެން ބުނުމުން އަނެއްކޮޅުން ވާހަކަ ދެއްކި މީހާ މައިތިރިވެ، ކާކުތޯ ހޯދަނީ ސުވާލު ކުރިއެވެ.
" އަހަރެން މި ހޯދަނީ ކަލޭ... ކަލެޔަށް ކިޔަނީ ކޮންނަމެއް ކަމެއްވެސް ކޮންތާކު ކާކުކަމެއްވެސް ނޭނގެ. އެކަމަކު ކަލޭ އަހަރެންގެ ދިރިއުޅުމަށް މަސައްކަތް ކުރާތީ މިގުޅަނީ... ކަލޭ ބޭނުންވަނީ ކޮންކަމެއްތޯ ބަލަން. އަހަރެންގެ އަންހެނުންނަށް ކަލޭ ތި ޖެއްސުން ކުރަނީ އަހަރެންމީ ކާކުކަން ކަލެޔަށް ނޭނގޭތީ... " ސިނާން ބުނަން ބޭނުންވި ހުރިހާ އެއްޗެއް ފައްޗަކަށް އަމުނާލިއެވެ. އަނެއް ކޮޅުން ވާހަކަ ދައްކަން ފުރުސަތުވެސް ނުދީއެވެ.
"އަހަރެން... އަހަރެން.." އަނެއްކޮޅުން ވާހަކަ ދެއްކި މީހާއަށް ބުނެވުނީ އެހާ ވަރަށެވެ.
"ކޮން އަހަރެން އަހަރެންނެއް؟ ތި ކުޅި ހުއްޓާނީތަ ނޫނީ.. މަގޭ ފުށުން ކަލޭ ބޮނޑިއެއް ބޯނީތަ؟ ދިރިއުޅުމާ ތިހެން ކުޅެންނުހަދާތި... މިއަދު ކޮންމެވެސް އެއް ގޮތަކަށް މިކަން ނިންމަން ޖެހޭނެ... މިހާރު ދެން އުޅެވޭ ވަރެއް ނޫނޭ. ޒާމާ ކަލެޔަށް ކޮން އުނދަގުލެއް ކުރީތަ؟" ސިނާންގެ އަޑު ބާރެވެ. ޒާމާ ކައިރީގައި އިނދެގެން އަޑު މަޑު ކުރުމަށް އަތުން އިޝާރާތް ކުރިނަމަވެސް ސިނާންގެ ރުޅި މައިތިރި ވާގޮތެއް ނުވިއެވެ.
"އަހަރެން ޒާމާއެއް ނުދަންނަން... މިބުނީ އަސްލަކަށް ނޭނގޭ.. އެކަމަކު ޒާމާ އަހަރެންނަށް ވަރަށް ކަމުދިޔަ. އަހަރެންނަށް ޒާމާ ފެނުނީ އިންސްޓަގުރާމުން... ޒާމާ ފޮލޯ ކުރަން ފެށި ހިސާބުން އަހަރެންނަށް ޒާމާ ވަރަށް ކަމުދިޔަ.. ޒާމާގެ ކޮންމެ ވަގުތެއްވެސް އަހަރެންވެސް ދިޔައީ ބަލަމުން. ސްޓޯރީތައްވެސް އެންމެ ފުރަތަމަ ބަލާނީ އަހަރެން. ހުރިހާ ފޮޓޯތަކަށް ލައިކްވެސް ދެން... އެހެން ހުއްޓާ ޒާމާ ކައިވެނީގެ ފޮޓޯތައް އަޕްލޯޑު ކުރި ހިސާބުން އަހަރެން ރުޅި އައީ... އަހަރެންނަށް ރުޅި އައުމުގެ އެއްވެސް ބާރެއް ނެތް. މާނައެއް ނެތް. އެކަމަކު ވީދެރައިންނާ އައި ރުޅިން އިންސްޓަރގުރާމު ޕުރޮފައިލުން ނަމްބަރު ހޯދައިގެން މެސެޖް ކުރަން ފެށީ.... އެކަމަކު ދެން އެހެން އެގޮތަކަށް އެކަމެއް ނުކުރާނަން." އެކޮޅުން ވާހަކަ ދެއްކި ފިރިހެންމީހާ ވަރަށް ތަފްސީލްކޮށް ވީގޮތް ކިޔައިދިނެވެ.
"އެންމެ ރަނގަޅު.. މީ އެންމެ ފަހު ފަހަރުކަމަށް މި ދޫކޮށްލަނީ... ކަލޭ އަތުގަ ޒާމާގެ ނަމްބަރު އިނަސް، މީގެ ފަހުން ޒާމާއަށް ޖެއްސުން ނުކުރާނެކަމަށް އުއްމީދުކުރަން. ކޮށްފިއްޔާ ދެން މިވަރަށްވެސް ވާހަކަ ނުދައްކާނަން. ދެން އެކަމުގެ ހިތި ފެންނާނީ އަމަލުން..." ސިނާން އޭނާއަށް އިންޒާރު ދިނެވެ.
ފޯނު ބޭއްވުމަށްފަހު، ޒާމާގެ މޫނަށް ބަލައިލިއެވެ. އަދި ބުނެލިއެވެ. "ކިރިޔާ އެއްނު ވަރިފަށަށް ނާރަނީސް މިކަން އެނގުނުކަން... އަވަހަށް ދެންވެސް ތި ޕުރޮފައިލް މައުލޫމާތުތައް ފުހެލާފަ، އަމިއްލަ ދިރިއުޅުމުގެ ހުރިހާކަމެއް މީސްމީޑިޔާއަށް ނުލައި އުޅެވޭތޯ ބަލަމާ... އެހެން ނޫންްނަމަ، މިއަށްވުރެ ބޮޑު ލަނޑެއްވެސް ލިބިދާނެ" ދެމީހުން ހެމުން ހެމުން ފޯނު ހާވަން ފެށިއެވެ. އަދި ދެމީހުންމެ ޕުރޮފައިލް ވެސް ދެމީހުން ބޭނުންވާ ގޮތަށް ބަދަލުކޮށްލިއެވެ. އަދި މީގެ ފަހުން އެގޮތަށް ކަންކަން މީސްމީޑިޔާގައި ހިއްސާ ނުކުރުމަށް އަޒުމް ކަނޑައެޅިއެވެ.
ބަރާބަރު