ބޭވަފާ

އެހެން ރޭރެއެކޭ އެއްފަދައިން މިރޭވެސް އައިޝާ ތައްޔާރުވަމުންދަނީ ކަސްރަތު ކްލާހަށް ދާށެވެ. މުޅިދުވަހު އޮފީހުގައި އުޅެފައި ވަރުބަލިވެގެން ގެއައް އައިސް ހިތްހަމަ ޖައްސާލަން ދިޔުން އެއީ އެންމެ ރަނގަޅު ތަނެއް ކަމުގައި އައިޝާ ދެކެނީ ކަސްރަތު ކްލާހެވެ. ގިނަ ދުވަސްތަކެއްވީ އިރުވެސް މެދުނުކެނޑި ކަސްރަތު ކްލާހަށް ދިޔުމުގެ ސަބަބުން އެތަނުން ވަރަށް ގިނަ ގާތް ރަހްމަތްތެރިންވަނީ އައިޝާއަށް ލިބިފައިއެވެ. އޮފީހުގައި އެކުގައި އުޅޭ ރަހްމަތްތެރިންނެކޭ ކަސްރަތު ކްލާހުގެ ރަހްމަތްތެރިންނެކޭ ގާތްކަން އެއްވަރެވެ.

"ދަރިފުޅާ! މިއޮއްހާ ލަހުން އާދެވުނީމަވެސް ތިޔަ ދަނީތަ ކުލާހަށް؟" އައިޝާގެ މަންމަ ގޮވާލިއަޑަށް ފަހަތް އެނބުރި ބަލާލިއެވެ.

"އާން މަންމާ... ހާދަ މަޖަލޭ ކްލާސް. އެހެން ނޫނަސް އަހަރެން ކްލާހަށް ނުދިޔައީމަ ކްލާސް ކުދިން ދެރަވާނަ" އައިޝާ ހެމުން ހެމުން ގެއިން ނުކުމެގެން ހަލުވިކޮށް ހިނގާލާފައި ގޮސް ކަސްތަރު ކްލާސް ހުންނަ ބިލްޑިންގ ދޮރުމައްޗަށް އެރިއިރު އަދި ގަޑިޖެހެން ދިހަ މިނެޓް ހުއްޓެވެ. އެތެރެއަށްވަދެ އައިޝާ ހެދުން ބަދަލް ކޮށްލައިގެން އިނީ ގަޑިނުޖެހޭތީ ފޯންއަށް ލިބިފަހުރި މެސެޖްތައް ކިޔާށެވެ. އެންމެ ފަހަށް އައިއްސައިން މެސެޖް ކިޔާފައި އައިޝާގެ ތުންފަތަށް ހިނިތުންވުން ވެރިވިއެވެ. އެއީ ނުވެސް ދަންނަ ނަންބަރަކުން އައިޝާގެ ބުރުސޫރައަށް ތައުރީފް ކޮށްފައި ފޮނުވާލާފައި އިން މެސެޖެކެވެ. އެމެސެޖަށް ޖަވާބުދޭން ބޭނުންވި ނަމަވެސް ގަޑިޖެހުމުން އައިޝާ ކްލާސްތެރެއަށް ވަނީ އެމެސެޖް މަތިން ހިތަށް އަރާފައި ހުރެގެންނެވެ.

"އައިޝާ... ކޮން ހިޔާލެއްގައި! އަހަރެން ހަނާ އަޅާތާ ހާދަ އިރެއް ވެއްޖެއޭ!" ފަހަތުން އައިޝާ ބުރަކަށީގައި ޖަހާލީ ގާތް ރަހަމަތްރެތިޔާ ޖޫނާއެވެ.

"އޭތް! ހަމަ ތެދެއް... މަށަށް ނުފެނުނީއޭ!" އައިޝާ ރަކި ފާޑަކަށް ހިނިތުންވެލިއެވެ. އެހެނަސް ދެންމެ ދިމާވި ކަންތައް އަދި އެއްވެސް މީހަކާއި ހިއްސާކުރަން ބޭނުން ނުވާތީވެ އިތުރު އެއްޗެއް ޖޫނާއަށް ނުބުނެ ކްލާހާއިގެން އައިޝާ ކުރިއަށް ދިޔައެވެ.

އެރޭ ރަހްމަތްތެރިންނާއި އަނގަތަޅާލަން މަޑު ނުކޮށް އައިޝާ އަވަސްވެގަތީ ގެއަށް ގޮސް އިތުރު މެސެޖެއް އިންތޯ ބަލާށެވެ. އެހެން ކަމުން ގެއަށް އައިސް ފެންވަރާލައިގެން އައިޝާ ކާން އިށީންދެ އިންއިރު ފޯންއިން އަތް ދޫނުވެއެވެ. އިތުރު މެސެޖެއް ނައެއް ކަމަކު އައިޝާ ކުރިން ލިބުނު މެސެޖަށް ޖަވާބު ދިނީ އެއީ ކާކުތޯ އޮޅުން ފިލުވުމުގެ މަގްސަދުގައިއެވެ.

"ދަރިފުޅާ.. ކީތްތަ ތިކުރަނީ؟ ތާއަބަދު ފޯނަށް ފިއްތަނީ ތި" މަންމައަށް އައިޝާ މާގިނަ ވަގުތު ފޯން ހިފައިގެން އިނުމުން އުނދަގޫ ވިކަހަލައެވެ.

"މިިދެން މެސެޖުތައް ކިޔާލަނީ" އައިޝާ ޖަވާބުދިން އިރުވެސް އިނީ ފޯނަށް ބަލަހައްޓައިގެންނެވެ.

"ތިހެން ފޯނުން މެސެޖު ކުރާއިރުވެސް މީހަކާ އިނދެވޭވަރު ނުވަނީތަ" އާދައިގެ މަތިން މަންމަ އެންމެ ގަޔާވާ ވާހަކަ ފެއްޓުމުން އައިޝާ މަންމައާއި ދިމާލަށް ނުރުހުންވެ ހުރެ ބަލާލިއެވެ.

"އަނެއްކާ! އަހެރެން ބުނެފީމެއްނު އަބަދު ތިވާހަކަ ނާހާށޭ! ރަނގަޅުމީހަކާ ޖެހުނީމައެއްނު އިނދެވޭނީ... މަންމަ އަބަދު ތިހެން ކިޔަކަސް މީހަކު ނާންނާނެ އަހަންނަކާ އިންނާކަށް" ހިތްހަމަ ނުޖެހި ހުރެ އިތުރު އެއްޗެއް ނުބުނެ އައިޝާ ގޮނޑިން ތެދުވެގެން ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ.

އެރޭ ދެން އައީ އެނަންބަރުން ފޯން ކޯލްއެކެވެ. އެއީ ރީތި އަޑެއްގެ ވެރިއެކެވެ. ވާހަކަދެއްކުން ހުންނަނީ މީހަކު ހިތް ދަމައިގަންނަ ގޮތަކަށެވެ. އޭނާގެ ނަމަކީ ޒަހީންއެވެ. މާލެއަށް އުފަންވި ނަމަވެސް ރަށްރަށުގައި ދިރިއުޅެން ލޯބި ކުރާ ކަމަށް އޭނާ ބުންޏެވެ. އޭނާގެ ފޮނި ފޮނި ބަސްތަކުގަައި ޖެހިފައި އެރޭ މެންދަމު އެކެއް ޖަހަންދެން އައިޝާ ފޯންގައި އޮތީ ނިދީގެ ކަންފުޅެއްވެސް ނެތީމައެވެ. އެޒުވާނާ ބުނިގޮތުން އޭނާ ރާއްޖޭން ބޭރުގައި ކިޔަވަން ހުރެފައި މާލެއައިތާ އަދި މިވީ ހަފްތާއެކެވެ. ރަހްމަތްތެރިއެއްގެ ފުށުން އައިޝާގެ ފޭސްބުކް ޕްރޮފައިލްފެނި ހިތްކީކަމަށް ބުނެ ޖެހިގެން އަންނަރޭވެސް ގުޅާނޭ ކަމަށް ބުނެ ފޯން ކަނޑާލިއިރުވެސް އައިޝާއޮތީ މަސްތެއްގައި ޖެހިފައިއެވެ.

ދުވަސްތައް ވޭތުވަމުން ދިޔައިރު އައިޝާއަށް ހިތާ ޖާނުން ޒަހީންދެކެ ލޯބިވެވުނެވެ. ކޮންމެ ރެއަކު ފޯނުގައި ދެލޯބިވެރިން އެތަކެއް ގަޑިއިރެއް ވޭތުކުރިއިރު ދެމީހުން އެކަކު އަނެކަކަށްވަނީ ވަރަށް ބޮޑަށް ދަސްވެފައިއެވެ. ބައެއް ފަހަރު ކޮފީ ޝޮޕް ތަކުން ބައްދަލުކުރާއިރު އައިޝާ ބޮޑަށް ބޭނުންވަނީ މިގުޅުން ފޯނުން ބާއްވާށެވެ. އިނުމުގެ ކުރިން މާގިނައިން ދެމީހުން ބައްދަލުކުރުން އެއީ އައިޝާ އެހާ ހިތްހަމަޖެހޭ ކަމަކަށް ނުވާތީއެވެ. ގިނަ ފަހަރު ފަހަރު ތަކެކޭ އެއްފަދައިން މިފަހަރުވެސް ވާނޭގޮތެއް ބުނަން ނޭންގޭތީ އައިޝާ ޒަހީންއާއި އޮންނަ ގުޅުން ބޭއްވީ ސިއްރެއްގެ ގޮތުގައިއެެވެ.

ރައްޓެހިވެގެން އުޅޭތާ އަހަރު ދުވަސްވީފަހުން ޒަހީން އައިޝާއަށް ކައިވެނި ހުށައެޅިއެވެ. އައިޝާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނު ކަހަލައެވެ. ހަތަރެސް ފައިން އެކަން ގަބޫލް ކޮށް ކައިވެނި ކުރާނޭ ތާރީހް ކަނޑައަޅައި މިހަބަރު މަންމައަށާއި އާއިލާ މީހުންނަށް ދިނީ އުފަލާއިއެކުއެވެ. ހުރިހާ އެންމެން މިކަމާ ވަރަށް ގަބޫލްވިއެެވެ. ސަބަބަކީ އައިޝާ މީހަކާ ނުއިނދެ މާގިނަ ދުވަސްވާތީއެވެ.

ކައިވެންޏަށް ހަފްތާއެއް ވެފައި އޮއްވަ ކައިވެނީގެ ކަންތައްތައް މަޝްވަރާ ކޮށްލަން އައިޝާ އޭނާގެ ފަހަރިއަކާއި ބައްދަލުކުރީ އައިޝާއާއި ޒަހީން އާއްމުކޮށް ބައްދަލުކުރާ ކޮފީ ޝޮޕް އަކުންނެވެ. އެދުވަހު އެތަނަށް ފަހަރިއާއި ބައްދަލުކޮށްލަން ޒަހީންވެސް އައެވެ. ގިނަ ވާހަކަ ތަކެއް ދައްކާފައި އައިޝާ ގެއަށް ވައިން ވަގުތު ފަހަރިގެ ފޯން ކޯލްއެއް އައީ ބިރުވެރި ކަންތައްގަނޑެއް ހެންނެވެ.

"އައިޝާ" ފަހަރިގެ އަޑުގައި ވަނީ މާޔޫސް ކަމެވެ.

"އޯތް... ހާދަ އަވަހަކަށް އަނެއްކާ އަހަރެން މަތިން ހަނދާންވެގެން ތިގުޅީ!" އައިޝާ ސަމާސާކުރިއެވެ.

"ވަރަށް ދެރަ ވާހަކައެއް ބުނަން.. އެނގޭ ކޮއްކޮ ދެރަވާނެކަން. އެކަމުވެސް ނޭންގުމެއްގެ ތެރޭގައި ހުރުން އެއީ ރަނގަޅުގޮތް ނޫން ކަމުގައިވާތީ މިގުޅީ" ފަހަރި ދައްކަން އުޅެނީ ކޮން ވާހަކައެއް ކަމެއް ނޭންގި އައިޝާއަށް ހުރެވުނީ ވާނުވާގައިއެވެ.

"ކީކޭތަ ތި ކިޔަނީ" އައިޝާ ސުވާލުކުރިއެވެ.

"އަސްލު ޒަހީންއަކީ އެހެން މީހެއްގެ ފިރިއެއް... އަހަރެން އޭނަގެ އަންހެނުން ދަންނަން. ކޮއްކޮ ކައިރީ އޭނަ އެހަދަނީ ދޮގު!" ފަހަރިގެ މި ވާހަކައިން އައިޝާއަށް ހީވީ މެއަށް ފިނި ފެން އެއްޗެއް އޮއްސާލިހެންނެވެ.
"ސަމާސާ ކުރަނީތަ! ޒަހީން އަހަންނަށް އޮޅުވައެއް ނުލާނެ" އައިޝާގެ ހިތް މިވާހަކަތައް ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ.

"ގަބޫލު ނުކުރަންޏާ ޒަހީން ކައިރިން އަހާ... އޭނަ ތެދަށް ނުބުނަންޏާ އަހަރެން ޒަހީޏްގެ އަނބިމީހާގެ ނަންބަރު ކޮއްކޮއަށް ދީފާނަން.. ގުޅާފައި އަޅެ އަހާބަލަ" ފަހަރިގެ އަޑުގައި ވަނީ ޔަގީންކަމެވެ.

އައިޝާ ހާސްވެ ހިތް ބިރުގައިންފަ ހުރިވަރުން ޒަހީންއަށް ފޮނުވާލީ މެސެޖެކެވެ. ފޯނުން ގުޅައިގެން ވާހަކަ ދައްކާނޭ ހިތްވަރެއް އައިޝާގެ ގައިގައެއް ނެތެވެ. ވަރަށް ގިނަ އިރު ފަހުން ޒަހީންގެ ޖަވާބު އައީ ފަހަރި ކިޔައިދިން ގޮތަށެވެ. އައިޝާ އެއްފަހަރުވެސް ޒަހީން ކައިރީ މީހަކާ އިނދެގެންތޯ ސުވާލު ނުކުރުން އެއީ އައިޝާގެ މައްސަލައެއް ކަމަށް ބުނެ ދެއައިންބަށް ޒަހީން އާއި ކައިވެނި ކުރުމަށް އަނެއްކާވެސް އެދުމުން އައިޝާ ސާފު އިބާރާތުން އިންކާރު ކުރިއެވެ. މި ހަބަރުވީ އައިޝާގެ މުޅި އާއިލާއަށް ލިބުނު ބޮޑު ހިތާމައަކަށެވެ. އައިޝާވެސް ހިތްދަތިވެގެން ގިނަ ވަގުތު އޮންނަނީ ކޮޓަރީގައި އެނދުމައްޗަށް ވެއްޓި ވިސްނާށެވެ.

ދެހަފްތާ ފަހުން އައިޝާ ކުޑަކޮށް ހަމައަަކަށް އެޅި އޮފީހަށް ދާން ފެއްޓިއެވެ. ޒަހީންގެ ހިޔާލުތަކުން ދުރުވުމަށް ބޭނުންވާތީވެ އެރޭ ކަސްރަތު ކްލާހަށްވެސް ދިޔައީ ރަހްމަތްތެރިންނާއި އެކު މަޖާކޮށްލާށެވެ. ކްލާސް ނިންމާފައި ގެއަށްދާން ފޭބިއިރު ޖޫނާ ދޮރުކައިރީ ހުރިތަން ފެނުމުން އައިޝާ މަޑުކޮށްލިއެވެ.

"އޭތް އައިޝާ.. ކީއްވެ މިހާރު ކްލާހަށް ނާންނަނީ... ބައެއް ކުދިން ކިޔާ އައިޝާ މެރީ ކުރަން އުޅެނިއްޔޯ!" ޖޫނާ އައިޝާ ކައިރިއަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ.

"އެއީ ދޮގެއް.. ހަމަ ބިޒީ ކަމުން ނާދެވެނީ. ކީއްވެ މަޑުކޮށްގެން ތިހުރީ... ހިނގާ ދަމާ" އައިޝާ ދޮގުހެދީ އެވާހަކަތައް ދެއްކުމުގެ ބޭނުމެއް މިހާރު ނެތީމައެވެ.

"މިރޭ ބަލާއަންނާތީ މިހުރީ... ސޮރީ އިނގޭ" ޖޫނާ މިހެން ބުނުމާއިއެކު ކުރިމައްޗަށް އައިސް ސައިކަލްގައި މަޑުކޮށްލީ ޒަހީންއެވެ. ދަނިއްޔޭ ކިޔާފަ ޖޫނާ ޒަހީންގެ ސައިކަލް ފަހަތަށް އަރައިގެން ނައްޓާލިތަން ބަލަން އައިޝާހުރީ ހައިރާންވެ އަންތަރީސްވެފައިއެވެ.

ނިމުނީ

    Please log in or register to bookmark.
    2k

    4 ޚިޔާލު

    1. ދެން ވީ ކިހިނެއްތަ ؟ހާދަ ކުރޭ މި ވާހަކަ....... ???
      އެކަމަކު ރީތި މި ވާހަކަ ❤️❤️❤️❤️?

    2. ހާދަ ނޫން ގޮތަކަށް ނިންމުން...ފެށުން ވަރަށް ސަޅި... އެކަމް ދެން އެވީ ގޮތްވެސް ލިޔުން ނަމަ ވަރަށް ފުރިހަމަ ވީސް.....

    3. ހާދަ ނޫން ގޮތަކަށް ނިންމުން...ފެށުން ވަރަށް ސަޅި... އެކަމް ދެން އެވީ ގޮތްވެސް ލިޔުން ނަމަ ވަރަށް ފުރިހަމަ ވީސް.....

    4. ވވ. ރީތި މި ވާހަކަ❤️. އެކަމަކު އަދި ދިގު ކޮއްލިނަމަ ރީތި ވީސް ކަންނޭންގެ. ސްޓޭ ސޭފް އެންޑް ޓޭކް ކެއާރ ☺️

    ޚިޔާލު

    Your email address will not be published.