Views: 17375 176

ފާތުންގެ އާދޭހަށް ބަށިކުޅޭތަނަށް ދިޔަޔަސް ލައިބާ ހުރީ ކުޅޭ ގޮތަކަށް ނޫނެވެ. ފާތުން ކުޅޭކުދިންނާއި ގުޅުމުން ލައިބާ ހުރީ ކުޅިބަލާށެވެ. ބަށިކޯޓްކައިރީ ކޮޅަށް ހުރީ މެންދުރު ވެހެނު ވާރެއިން ވިނަގަނޑު ތެމިފައި އޮތުމުންނެވެ. ހަރަމް ބަނދެލައިގެން އެހެން ހުރެވުނީ ކިހާ އިރެއް ވަންދެން ކަމެއް ނޭނގެއެވެ. ފައިކައިރިއަށް ޖެހުނު ޓެނިސްބޯޅައެއް ނަގަން ލައިބާ ގުދުވެތީ މާބޮޑު ކަމެއް ވެދާނެކަމަކަށް ނޫނެވެ. އެހެނަސް މޫނުމައްޗަށް ކުދިއެތި ބުރާފައި މޫނުމައްޗަށް އަނދިރިވެގެން ލައިބާ ބިންމައްޗަށް ވެއްޓުނީ ކަނޑާވައްޓާލި ރުއްގުޅިއެއް ފަދައިންނެވެ.

ބަށިކޯޓުގައި ތިބި ހުރިހާ ކުދިން ލައިބާ ކައިރިއަށް ޖަމާވިއެވެ. އެއިން ކޮންމެ ކުއްޖެއްގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމެވެ. ވަކިން ހާއްސަކޮން ފާތުންގެ ކޮންމެ ހަރަކާތަކުން އޭނާ އެހެންކުދިންނަށްވުރެން ބޮޑަށް ކަންބޮޑުވެފައިވާކަން ހެކިދެއެވެ. ހަބަރުހުސްވެފައިވާ ލައިބާ ފާތުން ފައިމަތީ ބައިންދާއިގެން ތަކުރާރްކޮށް ގޮވިނަމަވެސް އެފަކީރު އިތުރު ހަރަކާތެއް ކޮށްނުލިއެވެ. ހުރިހާ ކުދިންނަށްވެސް ފެނުނު އެންމެ ރަނގަޅު ގޮތަކީ ލައިބާ ހޮސްޕިޓަލަށް ގެންދެވުމެވެ. ލައިބާ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދެވުނުއިރު އެކުގައި އެހީތެރިއެއްގެ ގޮތުގައި ދިޔައީވެސް ފާތުންނެވެ. އެމްބިއުލާންސަށް އަރަމުން ފާތުން އެންގީ ލައިބާގެ މަންމަ ބަޝީރާއަށް އެހަބަރު ދިނުމަށް ކޮންމެވެސް ކުއްޖަކު ގޮސްދިނުމަށެވެ.

އުނދޯލީގައި ބަޝީރާ އިނީ މުރަނގަފަތް ފިލުވާށެވެ. މާދަމާ ތެއްލަންވާއިރަށް ތައްޔާރުކުރުމުގެ ގޮތުންނެވެ. ހުޅުވާފައިވާ ރެޑިޔޯގެ އަޑު ފިޔަވައި އިތުރު އަޑެއް ނީވެއެވެ. ބަޝީރާ އެކަނި އުޅޭ ވަގުތެއްކަމުން ފެންނަނީ ހިމޭންކަމާއި ފަޅުކަމެވެ.

ދޮރޯށިން އެތެރެއަށް ވަދެގެން އައީ ޒުވާންފުރައިގެ ދެއަންހެންކުދިންނެވެ. އެދެކުދިން އައިސް ބުލްބުލާގެއަށްވަނީ ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށެވެ.

"ބަސިއްތާ......ބަސިއްތާ......."އިނާއަށް ދުވެފައި އައުމުން ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ.

" ކިހިނެތްވީ ކުދިންނޭ އަނެއްކާ ތަނެއްގަ ރޯވީތަ؟ " ބަޝީރާގެ އަޑުގައި މާބޮޑު ސީރިޔަސްކަމެއް ނެތެވެ. އެއްކުއްޖަކު އަނެއްކުއްޖަކަށް ބަލާލާފައި ވާހަކަދެއްކީ ކުރިންވެސް ވާހަކަދެއްކި ކުއްޖާއެވެ. އިނާއެވެ.

" ބަސިއްތާ....ލައިބާ ހޭނެތިގެން ހޮސްޕިޓަލަށް ގެންގޮއްސި........" އިނާޣެ ވާހަކަ އަޑުއިވުމުން ބަޝީރާ ކޮޅަށް ތެދުވެތީ ދިރޭއެއްޗެއް ކަށިޖެހުމުން ތެދުވާ ފަދައިންނެވެ.

" ނާ ހަމަ ރަނގަޅަށް........" ބަޝީރާއަށް އެހެން ބުނެވުނީ އަޑަށް ނިކަން ބާރުލައިފައެވެ. ބަސްބުނެލި ހިނދުން ބަޝީރާގެ ދެލޯފެންކަޅިވެއްޖެއެވެ. މެންދުރު ލައިބާ ކެއީ ބަޝީރާ އާ އެކުއެވެ. މީގެ ގަޑިއެއްހާއިރު ކުރިން ބޭރުޖޯލީގައި އިންދާ އޭނާއަށް ފެނުނެވެ. އޭރުވެސް އެކަހަލަ އެއްވެސް އިތުރުކަމެއް އޭނާއަކަށް ފާހަގައެއް ނުކުރެވެއެވެ.

" ހޫ........ހޫމް....ހޮސްފިޓަލްގަވީ ފާތުން ލައިބާއެކު ދިޔައީ..........އަހަރެމެން މިއައީ ލައިބާ މަންމައަށް އެކަން އަންގާލަން ........." ބަޝީރާ ބުނާ އެއްޗެއް ބެލުމެއްނެތި އެދެކުދިން އެހަބަރު ދިނުމަށްފަހު އެގެއިން ނިކުމެގެން ދިޔައީއެވެ. އެކުދިންގެ ފަހަތުން ބަޝީރާވެސް ހޮސްޕިޓަލަށް ދާން ނިކުތީ ދެފަޔަށް ލެވުނުހާ ބާރެއްލައިފައެވެ.

*****

އިރުއޮއްސެން ދާދިގާތްވެފައިވާއިރު އުޑުމައްޗަށް އަރާފައިބަމުންދާ ރީތިކުލަތަކުން އެމަންޒަރު ބަލާމީހުންގެ ހިތްތައް އާޝޯހްކުރުވާހާވެއެވެ. މެންދުރު މަންމަމެންގެއަށް ދިޔަގޮތަށް ޖޫލީ ގެއަށް އައީ އިރުއޮއްސެން ދާދި ގާތްވެފައި ވަނިކޮށެވެ. ޖޫލީ ބޭރުގައި މަޑުކޮށްނުލައި ކޮޓަރިއަށްވަނީ ހިތުގައި އުފެދިފައިވާ ހައިޖާނުގެ ބޮޑުކަމުންނެވެ. ސަޖާ މަންމައަކަށް ވާހަބަރުން ޖޫލީގެ ހިތަށް އެތަށް ހާސް އަސަރުތަކެއް ކުރުވިއެވެ. ހަސަދަވެރިކަން ސަޖާއާމެދު ނެތަސް ޖޫލީވެސް އޭނާއަށް މަންމާއޭ ކިޔާގޮވާލާނެ ދަރިއަކު ބޭނުމެވެ. ފުރިހަމަ އަންހެނަކަށްވަނީ އަންހެނަކަށް ދަރިއަކު ލިބޭ ހިސާބުންނެވެ. އަމިއްލަ ބަނޑުން އުފަންދަރިއަކު ނުލިބުނަސް ޖޫލީގެ ޝަކުވާއެއްނެތެވެ. ދަރިއެއްގޮތަށް މީހެއްގެ ކުއްޖެއްވެސް އޭނާ ހުރީ ގެންގުޅެން ތައްޔާރަށެވެ. މީގެން އެއްވެސް ކަމަކާ ނަވީން ވިސްނާހެން ޖޫލީއަކަށް ކުޑަކޮންވެސް ހިޔެއް ނުވެއެވެ.

ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ޖޫލީ ލޯފޮހެލީ އަތުގައި އޮތް ޓިސޫންނެވެ. އިސްޖަހާލައިގެން އެއިން ގޮތަށް އިނީ ނަވީނާއި ދިމާއަށް ބަލާލަން ބޭނުން ނުވެފައެވެ. ޖޫލީއިން ގޮތުން ނަވީން ބޯއަރިކޮށް ދެފަހަރަކު ބަލާލީ ޖޫލީ އިތުރު ހަރަކާތެއް ނުގެނައުމުންނެވެ.

" ސޮރީ......." ޖޫލީ ކައިރީ އިށިއިންނަމުން ނަވީން ބުނެލިއެވެ. ނުބަލަން ވަރަށް ހިތްވަރުކޮށްގެން ޖޫލީ އެއިންގޮތަށް އިނީއެވެ.

" މިއަދު ވަރަށް ބިޒީކޮން މިއުޅުނީ........ވަރަށް ގުޅާފިންދޯ ފޯނުރިންގް އޮފް ކޮއްލި ގޮތަށް މިއޮތީ........" ދެންވެސް ވާހަކަދެއްކީ ނަވީނެވެ. ޖީބުން ފޯނުނަގަމުން ނަވީން އިތުރަށް ޖޫލީއަށް އޮޅުން ފިލުވައިދިނެވެ.

" ނޭގޭތަ އަހަރެން އެކަނިވާނެ ވަރު........ފޫހިވާނެވަރު........." ޖޫލީގެ އަނގައިން އެބަސްތައް ނިކުތީ އަމިއްލަ އިޙްތިޔާރެއްގަ ނޫނެވެ.

" އެނގެޔޭ........އެކަމަކު އަހަރެންވެސް ކިހިނެތް ޖޫލީ އިނގިލިކުރީގަ ލައިގެން ދާކޮންމެތަނަކަށް ދާނީ..........." ނަވީންގެ އަޑުގައިވީ މަޑުމައިތިރިކަމެވެ. ޖޫލީގެ އެންމެ ލަފްޒަކަށްވެސް ހިތްބަރުކުރުމެއް އޭނާގެ ނެތެވެ.

" އަހަރެން ނުބުނަމޭ އަހަރެން އިނގިލި ކުރީލައިގެން ނަވީން ތަންތަނަށް ދާށެކޭ........" ޖޫލީއަށް ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ނަވީން ޖޫލީއަށް ބަލަން އިންގޮތުން ހީވީ އޭނާގެ ދުލުގައި ތަޅެއް ލެވުނުހެންނެވެ. އެހެނަސް އޭނާގެ ޖަޒްބާތުތައް ކޮންޓުރޯލެއް ނުކުރެވުނެވެ. އެނދުން ތެދުވެގެން ގޮސް ކުޑަދޮރުކައިރީ ހުއްޓުނުއިރު ޖޫލީއަށް ރަނގަޅަށް ގިސްލެވެއެވެ. ކޮޓަރިތެރޭގައި އިވެމުންދިޔައީ ހަމައެކަނި ޖޫލީގެ ގިސްލުމުގެ އަޑެވެ. ބުނަންވީ އެއްޗެއް ނޭނގިފައި ނަވީނަށް އިނދެވުނީއެވެ. ވެފައިވާ ވަރުބަލިކަމާވެސް އެކުގައެވެ. އެހެނަސް އެގޮތުގައި ނަވީނަށް ކެތްކޮށްލެވުނީ މަދު ސިކުންތުކޮޅެއްގައެވެ. އިންތިހާއަށް ލޯބިވާ ޖޫލީ ހިތްހަމަޖައްސައިދިނުމަކީ ނަވީންގެ އެންމެ ބޮޑު އުފަލެވެ. އެނދުން ތެދުވެގެން ޖޫލީގެ ފުރަގަހުގައި ނަވީން މަޑުކޮށްލިއެވެ. ޖޫލީގެ ދެކޮނޑުގައި ހިފާ ނަވީންގެ ގައިގާ ޖޫލީގެ ހަށިގަނޑު ލައްކޮށްލިއެވެ.

" ޖޫލީ ބުނި ކޮންމެކަމެއް ހަމަ ކޮންމެ ކަމެއް އަހަރެން ކޮށްދޭނަން........ތިހާ ލޯބިވާ ދެވަނަ އިންސާނަކު މިއުޑުދަށަކު ނުވޭ............ބުނޭ ފައިސާއިން ގަންނަން ލިބޭ އެއްޗެއްވިއްޔާ ޖޫލީއަށް ލިބޭނެ...." ޖޫލީ ދެލޯމަރާ ބާރުކޮށްލިއިރު ލޮލުގެ ތިރިއަށް ރޮނގަކަށް ކަރުނަތައް އޮހިގަނެއްޖެއެވެ.

" އަހަންނަށް މަންމަ ކިޔާނެ ދަރިއަކު ހޯދައިދީ............" ޖޫލީއަށް އެހެން ބުނެވުނީ ވަރަށް މަސައްކަތުންނެވެ. އޭނާގެ އަޑުވެސް ތުރުތުރު ލައެވެ. ދަރިއަކު ނުލިބޭ ފިރިހެނެއް ކައިރީ އެފަދަ ވާހަކައެއް ބުނަން ޖޫލީއަށް އުނދަގުލީއެވެ. ނަވީން ދެލޯމަރާ ބާރުކޮށްލިއެވެ.ނަވީންގެ ހިތުން ދިލަ ހޫނެއްގެ އިހްސާސްވީ ކަހަލައެވެ. ހީވީ ޅިޔައަޅާ ފޮތިފޮތިކޮށްފައިވާ ރޯފާރުގަނޑެއްގައި ލޮނުމިރުސްޖެހިހެންނެވެ.

" އަހަންނަށް ހެޔޮ ކުޑަކުދިންގެ ހިޔާއިން ގެނަޔަސް...........ނޫނީ އިންޑިޔާގެ ޔަތީމް ހާނާޔަކުން ގެނަޔަސް .......ދުނިޔޭގެ ކޮންމެ ތަނަކުން ގެނަޔަސް ..އަހަރެން ބޭނުމީ މަންމާއޭ ކިޔާ ގޮވާލާނެ ދަރިއެއް ........" ޖޫލީގެ އަޑުއިވިއްޖެ ކޮންމެ އިންސާނެއްގެ ހިތް ހިތާމައިން ރޮއްވާލާނެކަން ކަށަވަރެވެ. އަމުދުން ނަވީންގެ ދެލޮލަށް ކަރުނަ ޖަމާވީ ޖޫލީގެ ހާލަށް ކަރުނައަޅަމުންނެވެ. ޖޫލީއަށް ދަރިއަކު ނުލިބޭނެކަން އެނގޭތީއެވެ. ޖޫލީގެ ހިތުގައި މައިވަންތަކަމުގެ ލޯބި އުތުރި އަރަނީއެވެ. ކޮންމެ ގޮތަކަށްވެސް ނަވީން ހުރީ ޖޫލީއަށް އެއުފާ ހޯދައިދޭށެވެ. ހަޤީގަތް ސިއްރުކޮށްގެން ޖޫލީ އާ އެކު އޭނާ އުޅެން އެހުރީ ޖޫލީ ދެކެ އޭނާ ހިތުގައި ލައްވާފައިވާ ލޯބީގެ ބާރުގަދަކަމުންނެވެ. ޖޫލީއާ ވަކިވާން ނޭދޭތީއެވެ. އިންތިހާއަށް ލޯބިވާތީއެވެ.
" އެންމެ ރަނގަޅު............" ނަވީންގެ އަޑުއިވިފައި ޖޫލީއަށް ބަލާލެވުނީ ނަވީންގެ މޫނަށެވެ.

".ޖޫލީގެ އުފަލަށް އަހަރެން ކޮށްނުދޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ.........." ނަވީންގެ މޫނުމަތިން ފެނުނީ ހިތްދަތިކަމުގެ އަސަރުތަކެވެ. ޖޫލީއާ ހަތަރުކަޅި ހަމަކުރަމުން ގަދަކަމުން ހިނިތުންވެލިއިރު އެދެލޮލުގައިވި ކަރުނައިން ހެކިދެނީ ގޮތްހުސްވެފައިވާ ވަރެވެ.

"އެކަމަކު ވަގުތު ނަގާނެ.......ވަރަށް ބޮޑެތި ކަންތައް އެއީ............" ޖޫލީގައިގާ ނަވީން ބައްދާލިއެވެ. ޖޫލީވެސް އެއަށްވުރެން ބާރަށް އޭނާގެ ދެއަތް ނަވީންގެ ހަށިގަނޑުގައި ވަށާލިއެވެ.

" އަހަރެންގެ ނުކުޅެދުންތެރިކަމުން ޖޫލީ މަޔަކަށްވުމުގެ ނަސީބުން މަހްރޫމެއް ނުކުރާނަން..........." ނަވީންގެ ޖުމްލަ އިވިފައި ޖޫލީގެ ހިތަށް އުނދަގޫވިއެވެ. އިތުރަށް ނަވީން އެފަދަ އެއްޗެއް ބުނާއަޑު އެހުމަކީ އޭނާއަށް ކެތްވާވަރު ކަމެއް ނޫނެވެ.

" ޕްލީޒް ދެން ތިހެން ނުބުނާތި........." ނަވީންގެ މޫނަށް ބަލަން ހުރެ ޖޫލީ ބުނެލިއެވެ. ފައިބަމުންދިޔަ ކަރުނަތައް ނަވީންގެ އަތުން ފޮހެދިނެވެ.

" ސޮރީ.........."

" އަހަންނަށް ކެތްނުވެގެން އެހެން ބުނެވުނީ........އެނގޭ ނަވީނަށް ހާރޓްވާނެވަރު.............." ބަސްއަހާ ކުޑަކުއްޖަކު ފަދައިން ނަވީން ހުރީ ޖޫލީ ދައްކަމުންދާ ވާހަކަ އަޑުއަހާށެވެ. ޖޫލީ ކޮންމެ ވާޙަކައެއްދެއްކިޔަސް ނަވީން އަޑުއަހާނެއެވެ. އެއްވެސް ފޫހިކަމެއް ނެތެވެ.

"މިއަދު ގެއަށް ދިޔާމަ ސަޖާ ޕުރެގްކަން އެނގުނީ.........އެހެންވެ މާ ބޮޑަށް އިމޯޝަނަލްވީ......." ޖޫލީ ގަދަކަމުން ތުންފަތްމައްޗަށް ހިނިތުންވުމެއް ގެނައެވެ. ނަވީން ހިތްހަމަޖައްސައި ދިނުމުގެ ގޮތުންނެވެ.

" ސަޖާ ޕުރެގްތަ؟ " ޔަގީން ކުރާކަހަލަ ގޮތަކަށް ނަވީން އަހާލިއެވެ.

" ހޫމް.........." ޖޫލީގެ ޖަވާބުކުރެވެ.

" އެހެންވެދޯ މާޙިލް މާވަރަކަށް ޗުއްޓީ ބޭނުން ވެގެން އެއުޅެނީ..........އަޅެ ކީއްތަ ވާނީ ބުނެލަން......... މާހިލަކީ އެހާ ކުލޯޒް ފުރެންޑެއް އަހަރެންމީ މާޙިލްގެ ބޮސް..ނުވިތާކަށް ޖޫލީގެ ކޮއްކޮޔާ މެރީކޮށްގެން އުޅެންޏާ ހަމަ ފެމެލީ މީހަކަށްނު ވާނީ............" މާޙިލް ނަވީން ކައިރީ ޗުއްޓީއެއް ބޭނުންވާކަމަށް ދެދުވަހަކުވަނީ ބުނެފައެވެ. އެހެންނަމަވެސް އަހާއަހާވެސް ސަބަބެއް ނުބުނެއެވެ.

" ދެން މާޙިލަށް ޗުއްޓީއެއް ނުދެންތަ؟ " ނަވީންގެ މޫނުމަތިން މިހާރު ފެންނަނީ ސީރިޔަސްކަމެވެ.

" ވަރަށް ގިނަ މަސައްކަތް ހުރީމަ ޗުއްޓީ ނުދެވިގެން މިއުޅެނީ އަނެއްކާ ބައްޕަވެސް އެހާ ފިޓެއްނޫން........." ހަށިފުރާ ދޫކޮށްލި ނޭވާޔާ އެކު ނަވީން ވިސްނަމުންދިޔައީ މާޙިލަށް ޗުއްޓީ ދިނުމާމެދުއެވެ.

" މަށަށް ފެންނަނީ ޗުއްޓީ ދޭން....... ސަޖާވެސް ނިކަންބަލި މާޙިލްގެ ލޯތްބާއި އަޅާލުން ސަޖާއަށް މިދުވަސްކޮޅު ބޭނުންވާންނު......." މީ ޖޫލީ އެފަދަ ކަމަކަށް ނަވީނަށް ހިޔާލުދިން ފުރަތަމަ ފަހަރެވެ. ނަވީންގެ އޮފީހުގެ ކަންތައްތަކަކީ ޖޫލީ ބެހޭކަންތައްތަކެއް ނޫނެވެ.

" އާން ތިކަމާ ވިސްނާނަން........." ހަމައެކަނި އެވަރުން ނަވީން ފުއްދާލިއިރު މާހިލަށް ދޭނެ ޖަވާބެއް އޭނާވަނީ ކަނޑައަޅާ ނިންމާފައެވެ.

*****

ލައިބާ ބާއްވާފައި އޮތް އެނދުކައިރީގައި ހުރި ގޮނޑީގައި ބަޝީރާއަށް އިނީ ނިދިޖެހިފައެވެ. ލައިބާވެސް ނިދިފައި އޮތުމުން ބަޝީރާއަށް ނިދުނީއެވެ. ވާހަކަދައްކާ އަނގަތަޅާލާނެ މީހަކުވެސް ހޮސްޕިޓަލް އެވޯޑުގައި ނެތެވެ. މަރުގެ ހިމޭންކަން ނޫނީ އެތާ ނުވެއެވެ. ހަމަހިމޭންކަމާއި ފަޅުކަމެވެ.

" ދައްތާ......." ބަޝީރާއަށް ލޯހުޅުވާލެވުނީ އޭނާގެ ކޮނޑުގައި މީހަކު އަތްޖައްސާލައި ގޮވާލުމުންނެވެ. ކުރިމަތީގައި ހިނިތުންވެގެން ހުރީ ހުދު ޔުނީފޯމްގައި ހުރި ނަރުސްކުއްޖެކެވެ. އެކުއްޖާގެ ފަހަތުން ކަހަލަ ގޮތަކަށް އައިސް ހުއްޓުނީ ޑޮކްޓަރެވެ. އެތަން ފެނިފައި ބަޝީރާވެސް އަވަސް އަވަހަށް ގޮނޑިންތެދުވެތެވެ.

" ލައިބާ ޓެސްޓު ތަކުގެ ރިޕޯޓް ލިބިއްޖެ........." ޑޮކްޓަރ އަތުގައި ހުރި ލިޔުންތައް ނަރުސްކުއްޖާގެ އަތަށް ދެމުން ވާހަކަދެއްކީ ޑޮކްޓަރެވެ. ބަޝީރާއަށް ވަކިންބޮޑަށް ލައިބާ އޮތް އެނދާކައިރިއަށް ޖެހިލައި ކެނިއުލަރ ގުޅާފައިވާ ލައިބާގެ އަތުގައި ފިރުމާލެވުނެވެ.

" ލައިބާއަށް ކިހިނެތްވީތޯ؟ " އެއްފަހަރު ނަރުސްކުއްޖާގެ މޫނަށް އަނެއްފަހަރު ޑޮކްޓަރުގެ މޫނަށް ބަލާލަމުން ބަޝީރާ ސުވާލުކުރިއެވެ. ޑޮކްޓަރ ކުރިއަށް ޖެހިލައި ބަޝީރާގެ ކޮނޑުގައި ޖަހާލިއެވެ. އޭރު ބަޝީރާގެ ހިތްވެސް ދިޔައީ ނޭގޭ ބާރުމިނެއްގައި ތެޅެމުންނެވެ.

" މަރުހަބާ ދައްތާ ލައިބާ ބަނޑުބޮޑު......" ޑޮކްޓަރ ދިން އެއުފާވެރި ޙަބަރުން ބަޝީރާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އެވަރުގެ އުފަލެއް އަދި ބަޝީރާގެ ހަޔާތުގައިވެސް އިހްސާސްނުކުރެއެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ބަޝީރާއަށް ރޮވުނީ ނަރުސްކުއްޖާ އާއި ޑޮކްޓަރ އެތަނުން ދިޔަފަހުންނެވެ.

" ބަޝިއްތާ ރޮނީތަ؟ " ފާތުންގެ އަޑަށް ބަޝީރާ ސިހިފައި ބަލާލިއެވެ. ފާތުން އައީ އެދެމައިންނަށް ރޭގަނޑުގެ ކޮއްތު ހިފައިގެންނެވެ.

" ކިހިނެތްވީ އަނެއްކާ.........ލައިބާއަށް ކަމެއްވީތަ؟ ޑޮކްޓަރ ކީކޭ ބުނީ............." ބަހެއް ނުބުނެ ބަޝީރާ އިންތަން ފެނުމުން ފާތުން ކަންބޮޑުވިއެވެ. އަޅާލާނެ އިތުރު މީހަކުނެތް އެދެމައިންނަށް ޖެހޭ ކޮންމެ ބޮޑުކަމެއްގައިވެސް ފާތުންނާއި ފާތުންގެ މަންމަގެ އެހީ އެދެމައިންނަށް އަބަދުވެސް ލިބެއެވެ.

ލައިބާ ލޯހުޅުވާލީ މަންމަޔާއި ފާތުން ވާހަކަ ދައްކާ އަޑަށެވެ. ބަޝީރާ ކުޑަރުމާލުން ލޯފޮހޭތަން ފެނިފައި ލައިބާކަންތައް ބޮޑުވިއެވެ.

" މަންމާ......." ލައިބާއަށް ހޭލެވުނުކަންވެސް އެމީހުނަށް އެނގުނީ އޭނާ ގޮވާލުމުންނެވެ.

" ޑޮކްޓަރ ނާދޭތަ؟ " ފާޜުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލާލަމުން ލައިބާ އަހާލިއެވެ. ޓެސްޓުތަކުގެ ރިޕޯޓް ލިބުމުން ޑޮކްޓަރ އޮތީ އަށެއްޖަހާއިރު ލައިބާ ކައިރިއަށް އަންނާނެ ކަމަށް ބުނެފައެވެ. މިހާރު އަށެއްޖަހާ ފަނަރަމިނެޓް ހިނގައިފިއެވެ. ނިދިފައި އޮތުމުން ޑޮކްޓަރ އައިކަމެއްވެސް އޭނާ ނުދެނަ ހުއްޓެވެ.

" އުހޫން...... ޑޮކްޓަރ އާއްސަ އެދިޔައީ.................." ފާތުންނަށް ބަލާލަމުން ބަޝީރާ ބުނެލިއެވެ. ބަޝީރާގެ މޫނުމަތިން ލައިބާއަށް އެއްވެސް ކަމެއް ނޭނގުނެވެ.
" ކީކޭ ބުނީ..........މިއަދު ގެއަށް ފޮނުވާލާނެތަ؟ " ކަންބޮޑުވެފައި ލައިބާ ސުވާލުކުރިއެވެ.

" ދެން ބުނެބަލަ ކީއްވެތަ އެއްޗެކޭ ނުބުނެ ތިތިބީ.........." ބަޝީރާ އާއި ފާތުން ތިބިގޮތުން ލައިބާ ވާހަކަ ދެއްކީ ކުޑަކޮން ހިތްހަމަ ނުޖެހި ހުރެއެވެ. ޑޮކްޓަރ ބުނާ އެއްޗެއް އެމީހުން ލައިބާ ކައިރީ ބުނުން ލަސްކުރާތީ އޭނާ ހިތްހަމަ ނުޖެހުނީއެވެ.

" ޑޮކްޓަރ ބުނީ މަންމައަށް މާމަ ދަރިއަކު ލިބޭ ވާޙަކަ......." ބަޝީރާ ހިނިއައިސްފައި އެހެން ބުނުމުން ލައިބާ ރަކިވިއެވެ.

" ދެން މަންމާ............." ނިކަން ދަމާލާފައި ލައިބާ މަންމައަށް ގޮވާލީ ލަދުން އިސްއޮބައިލައިގެން އިނދެއެވެ.

" މަރުހަބާ! މަރުހަބާ...! " ލައިބާ ކައިރިއަށް ފާތުން ހުއްޓެމުން އެއުފަލުގައި ޙުދު ފާތުންވެސް ބައިވެރިވިއެވެ.

" އަވަހަށް ނަވީނަށް ތިހަބަރުދޭން އުޅޭ ......." ފާތުން އެހެން ބުނުމުން ލައިބާ ފޯނުނެގީ ނަވީނަށް ގުޅާށެވެ. ބަޝީރާ އެދެކުދިންނަށް ފުރުސަތު ދިނުމުގެ ގޮތުން އެތަނުން ދުރަށް ދިޔައީ ފާހާނާއަށް ކަމަށް ބުނެއެވެ. ލައިބާ އުފާވެފައިވާ މޫނުފެނި ބަޝީރާއަށް ހިތްހަމަޖެހުން ލިބުނެވެ.

ބައެއް މީހުންނަށް އަލަތު ދަރިފުޅަށް ބަލިވެ އިންނަ ހަބަރަކީ އުފާވެރި ހަބަރެކެވެ. އެހެނަސް ބަޝީރާއަށް އޭނާ އަލަށް ބަނޑުބޮޑުކަން އެނގުނު ދުވަހަކީ ބިރުވެރިދުވަހެކެވެ. ހިތާމަވެރި ދުވަހެކެވެ. އެވަގުތުވެސް ބަޝީރާ ހިތާހިތުން ނަސީރަށް އެއްޗެހި ކިއެވެ. މުޅިރަށަށް ބަދުނާމްވެ ފަލީހަތްވީ ބަޝީރާއެވެ. މީހުންގެ މަލާމާތާއި އަދަދުނުވާ ފުރައްސާރަޔާ ކުރިމަތިލާން ޖެހުނީ އޭނާއަށެވެ. ކިތަންމެ ހަނދާންކުރަން ބޭނުން ނުވިޔަސް ބަޝީރާއަށް އެހަނދާންތަކުން މިންޖެއް ނުވެވުނެވެ. ގޮނޑިބަރިން ގޮނޑިއެއްގައި ބަޝީރާ އިށިއިނީ ނަސީރުގެ މަތިން ހަނދާންކުރަމުންނެވެ.

*****

ނަވީން ފާހާނާއިން ނިކުންނަންވާއިރަށް ޖޫލީ ހުރީ ގަމީހެއް އިސްތިރިކުރާށެވެ. އެނދުމަތީގައި އޮތް ނަވީންގެ ފޯނު އިރުއިރުކޮޅާ ރިންގުވެއެވެ. އެންމެފަހުން ޖޫލީގެ ބޮލަށް އުނދަގޫވެގެން ގޮސް ފޯނުގެ ސްކުރީނަށް ބަލާލިއެވެ. " ލޭބަރ " ގެ ނަން އަރާފައި އިނުމުން ދެބުމަކައިރިކޮށްލެވުނީ ސިކުނޑިއަށް ބާރުލަމުންނެވެ.

" މީ ކޮން ލޭބަރ އެއްބާ؟ ހާދަވަރަކަށޭ އެމީހާ އެގުޅަނީ.........ކޮންމެވެސް ބޮޑު ކަމެއް ޖެހުނީކަން ނޭގެ......އަޅެ ނަގަންވީބާ؟ " ނަވީންގެ ފޯނަށް އަންނަ ކޯލްތަކަކީ ޖޫލީ އާންމުކޮން ނަގާ ކޯލްތަކެއް ނޫނެވެ. އެހެނަސް މިފަހަރު ޖޫލީ އެކޯލް ނަގަން ބޭނުންވީ ކީއްވެގެން ކަމެއް ނޭގެއެވެ.

" ހަލޯ........." ފޯނު ކަންފަތުގައި ޖެހުމާއި އެކު ޖޫލީ ބުނެލިއެވެ.

" ހަ.....ލޯ .........ހަލޯ......." ތަކުރާރްކޮން ޖޫލީ ގޮވިނަމަވެސް އެކޮޅުން ހަބަރެއް ނުވިއެވެ.

ފޯނުގެ އަނެއްކޮޅުގައި ހުރި ލައިބާއަށް ފޯނުކަންފަތާ ދުރުކޮށްލެވުނެވެ. އިސްވެ ވާހަކަ ނުދެއްކުނީ ނަސީބަކުންތާއޭ ހިތަށް އެރިއެވެ. ނަވީންގެ އަންހެނުން ފޯނުނަގައިދާނެ ކަމަކަށް ލައިބާއަށް ހިތަށްވެސް ނުގެނެވި މާވަރަކަށް ނަވީނަށް ގުޅުނީ ލިބުނު އެއުފާވެރި ޙަބަރު ހިއްސާކުރުމުގެ ބޭނުމުގައެވެ.

" ކާކުތަ ގުޅީ............." ނަވީންގެ އަޑަށް ޖޫލީ ސިހިފައި ފަހަތްބަލާލީ ކަންފަތުން ފޯނު ދުރުކޮށްލަމުންނެވެ. ހުދުތުވާލި އުނުގައި އޮޅާލައިގެން ނަވީން ފާހާނާއިން ނިކުންނަނީއެވެ. ބޮލުން ފައިބަމުންދިޔަ ފެންތިކިތައް ނަވީންގެ ފިރިހެންވަންތަ ހަށިގަނޑުގައި ބޮސްދީފައި އައިސް ހުދުތުވާލީގެ ތެރެއަށް ގެއްލިގެންދެއެވެ. ނަވީން ނިކުތުމުން މުޅި ކޮޓަރިތެރޭގައި ހިފީ ހިތްގައިމު ޝަވަރޖެލްއެއްގެ މީރުވަހެވެ.

" ނޭނގެ........ކޮންމެވެސް ލޭބަރ އެއް........." ނަވީންގެ ފޯނު އޭނާގެ އަތަށް ލައިދެމުން ޖޫލީ ބުނެލިއެވެ. ޖޫލީގެ ޖުމްލަ އިވިފައި ނަވީނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ދެލޯބޮޑުވެ ބަސްހުއްޓިފައި ހުރީ ލައިބާގެ ކޯލެއް ޖޫލީ ނެގީމައެވެ.

~ ނުނިމޭ ~

  1. Avatar

    އަޅެ ހާދަ ދުވަސް ކޮށްލާފަ އަޕް ކޮށްލީ ހެޔޮނުވާނެ އަޅެ އަވަހައް އަޕްކޮށް ލަދެވިދާނެތޯ؟

ޚިޔާލު ފޮނުއްވާ