ކަލާގެ ލޯތްބަށް އެދި އެދި މިހިތް ތެޅެމުންދިޔަ ނަމަވެސް މިއަދު ތިހިތުގައި ކުރީގައި ވީ ލޯބި ވާހެނެއް ހިޔެއްނުވެއެވެ. އަހަރެން ފެނުމުން ތިހިތަށް އޭރު ލިބުން ހިތްހަމަޖެހުންވެސް ނުލިބޭ ކަހަލައެވެ. އަހަރެންގެ އަޑު އަހާލަން ދުވާލާއި ރޭގަނޑުގެ ވަގުތު ކުރިން ހުސްކުރި ނަމަވެސް މިއަދު އަހަރެންގެ އަޑުގައި އެއްވެސް ޖާދޫވި އަސަރެއް ނެތްފަދައެވެ. އަހަރެން ދެރަވުމުން އޭރު އަހަރެން އުފާކޮއްދީ ހިތްހަމަ ޖައްސައިދެން ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ ނަމަވެސް މިއަދު އަހަރެންގެ އިޙްސާސްތައް ދެނެގަންނާނެ ވަގުތެއް ތިބާގެ ތާވަލުގައި ނެތްފަދައެވެ. އަހަރެންގެ ހިތަށް ލިބެމުންދާ ވޭނާއި ޒަޙަމްތައް ދެނެގަތުމުގެ ޝައުގުވެރިކަމެއްވެސް ނެތްކަހަލައެވެ.
އަހަންނަށް މިއަދު ދުވަސްތައް ހޭދަކުރަން ޖެހިފައި މިވަނީ މާޔޫސް ކަމާއި ހިތްދަތިކަމުގައެވެ. އޭރުވީ ލޯތްބާއި އުފާ މިހާރުވެސް ކަލާގެ ފަރާތުން ލިބޭނެނަމަ ކިހާ ރަނގަޅުހެއްޔެވެ؟ ނަމަވެސް އެނަސީބުވެސް ބީވެގެންދިޔައީ ހުދު އަހަރެންގެ ސަބަބުންނެވެ. ދެން މިއަދު އަހަރެންގެ ހިތް އެލޯބި ނުލިބުމުން ރޮނީ ކީއްވެހެއްޔެވެ؟ އަހަރެން ބޭނުންވީ އޭނަގެ ދިރިއުޅުމާއި ދުރަށްގޮސް މިހިތުގައިވާ ލޯބި އަބަދުމެ އަބަދަށް ކަފުންކޮށް ވަޅުލާށެވެ.
އެއީ މީގެ ދެއަހަރު ކުރިއެވެ. އަހަރެމެން ވޭތުކުރަމުން ދިޔައީ ލޯބީގެ ރަންޒަމާނެވެ. އެއީ ކިހާ އުފާވެރި ދުވަސްކޮޅެއް ހެއްޔެވެ؟ ކޮންމެ ދުވަހަކު އެކަކު އަނެކަކު ފެނި އިޙްސާސްތައް ކިޔައިދެމުން އޭރު ދިޔައީމެވެ. ކުރިމަތިވަމުން ދިޔަ ދަތި އުނދަގޫތަކުން އަރައިގަތީ އެކަކު އަނެކަކުގެ އަތުގައި ހިފައިގެންނެވެ. ދެން މިއަދު މިގުޅުން އެހާ ހީނަރުވީ ކީއްވެހެއްޔެވެ؟ ހަމަ އަހަރެންގެ ސަބަބުންނެވެ. އާއެކެވެ. މިއަދު އަހަންނަށް ކުރެވުނު ކުށް އަހަރެންގެ ހިތުގެ އެންމެ ފުންމިނުން ޤަބޫލުކުރަމެވެ. ނަމަވެސް މިކުށުގެ ސަބަބުން ކަލާ އަހަންނަށް ކުރަމުންދިޔަ އިތުބާރު އަބަދުމެ އަބަދަށް ފޮހެވިގެން ދިޔަކަހަލައެވެ. އަހަރެންގެ ކުށަށް އިޢުތިރާފްވެ ކަލާގެ އިތުބާރު ހޯދަން ނުކުރަނީ އަހަރެން ކޮންކަމެއް ހެއްޔެވެ؟ ނަމަވެސް މިއަދު އަހަރެން ކުރާ އެއްވެސް ކަމެއް ބަލަން ކަލާ ބޭނުން ނުވާކަހަލައެވެ.
އެހާ ލޯބިން އެކުގައި ދުވަސްތައް ހޭދަކުރަމުން ދަނިކޮށް ކަލާމަތިން އަހަރެން ފޫހިވީ ކީއްވެކަން ވިސްނާލިން ހެއްޔެވެ؟ އެއްފަހަރުވެސް ކަލާގެ ކުށެއްވެސް ވާކަމަށް ޤަބޫލުކޮށް އަހަންނަށް މިއަދު މާފުކުރާނަމަ އޭރުވީ ލޯބި މިއަދުވެސް ކަލާ ވާނެކަން ޔަޤީނެވެ.
އާއެކެވެ. ކަލާ އެހެން އަންހެނެއްގެ ކައިރިން ފެނުމުން އަހަރެންގެ ހިތުގައި އުފެދިގެން އެދާ އިޙްސާސް ބުނެދެންވެސް ނޭންގޭފަދައެވެ. އެހާވެސް އަހަރެންގެ ހިތުގައި ޖެހި މިހިތަށް އަސަރުކުރެއެވެ. ނަމަވެސް މީގެ މާނައަކީ އަހަރެން ތިބާއަށް އިތުބާރު ނުކުރަނީ އެއް ނޫނެވެ. ބައެއްފަހަރު ފެންނަމުންދާ މަންޒަރު ތަކުންނާއި އިވެމުންދިޔަ ހަޤީގަތެއް ނެތް ވާހަކަތަކުގެ ސަބަބުން ރުޅިއައިސްގެން ޝަކުވާ ކުރީމެވެ. އަހަރެންނަށް ކިތަންމެ ވަރަށް ވިސްނައިދެން ކަލާ މަސައްކަތްކުރި ނަމަވެސް އޭރު މިހިތަށް ޤަބޫލުކުރެވުނީ އެހެން މީހުންގެ ދޮގު ވާހަކަ ތަކެވެ. އަހަރެންގެ ހިތް ތިބާ އާއި މެދު ޝައްކުން ފުރިގެން ދިޔައެވެ. ނަމަވެސް އެއްއިރެއްގައިވެސް ކަލާ މިހިތް އިތުރަށް އުދާސްކޮށް ދެރަކުރަން މަސައްކަތް ކުރާނެ ކަމަކަށް އުންމީދެއް ނުކުރަމެވެ. އެހެން ނޫންނަމަ އެދުވަހު އަހަރެންގެ ހިތުގައި ޖައްސައި އަހަރެން ކުރަމުންދިޔަ ޝައްކުތައް ހަޤީގަތަކަށް ހަދަން ތިބާ މަސައްކަތެއް ނުކުރީހެވެ.
ކަލާގެ ކުރީގެ ލޯބިވެރިޔާ އާއި ގުޅިގެން މި ހިތަށް ވަންނަމުންދިޔަ ވަސްވާސްތައް ޤަބޫލުކުރަން ހަމަ މަޖުބޫރުކުރުވީ ކަލާއެވެ. މިހާރު ކަލާއަށް ކުރެވުނު ފުރަމަކުށް އެނގިއްޖެ ނޫންހެއްޔެވެ؟ އެދުވަހަށްފަހު އަހަރެން ތިބާ އާއި ދުރަށްދާން މަސައްކަތް ކުރީމެވެ. އަދި މިދެމެދުގައި ވީ ގުޅުން ނިމުނީ ކަމަށްވެސް ބުނީމެވެ. އެއްވެސް ހާލަތެއްގައި އަހަރެންގެ ހިތް އެގޮތް ބޭނުން ވެގެންނެއް ނޫނެވެ. ކަލާ މިހިތް ރުއްސަން އެންމެ ފަހަރަކުވެސް މަސައްކަތް ކުރާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް ދުވަސްތައް ހަފްތާއަށް ބަދަލުވެގެން ދިޔައެވެ. ކަލާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުކުރިއެވެ. އަހަރެން ރުޅިވުމުން ތިބާ ދެރަނުވާފަދައެވެ. އެހެން ނޫންނަމަ އަހަރެން ރުއްސަން ތިބާ އަންނަން އެހާ ގިނަ ދުވަހެއް ނުވީހެވެ.
ކަލާ އަހަރެން މަތިން ހަނދާން ނައްތައިލާ ތި ހިތުގައިވީ ލޯބި ފޮހެލީ ކަމަށް އަހަރެންގެ ސިކުނޑި ބުނަމުންދިޔައެވެ. އަދި އެއައީ ހަޤީގަތް ކަމަށް ޤަބޫލުކުރަން މިހިތަށް މަޖުބޫރު ކުރުވަމުން ދިޔައެވެ. ދުވަސްތައް ހޭދަވަމުންދިޔަ ވަރަކަށް އަހަރެންގެ ހިތަށް ލިބެމުންދިޔަ އަނިޔާވެސް އިތުރުވަމުން ދިޔައެވެ. އަދި ތިބާ އާއި މެދު އުފެދިފައިވާ ލޯބިވެސް ފަނޑުވަމުންދިޔައެވެ. ކަލާ އަހަރެންގެ ފަހަތުން އާދޭސް ކުރަން އައީ އަހަންނަށް އެތަށް އަނިޔާއެއް ވޭނެއް ދިނުމަށްފަހުއެވެ. އެހެންވެ މިހިތްވެސް އެހާ ފަސޭހައިން ރުހެން ބޭނުންނުވީއެވެ. އަދި ތިބާއަށް އޮޅުވާލައި ތިބާއަށް ކުރެވުނު ކުށް ތިބާއަށް އިޙްސާސްކޮށްދިނުމަށް އަހަރެންވެސް ތިބާއަށް ދޮގެއް ހެދީމެވެ. އަހަރެންގެ ހިތުގައި މިހާރު ވިންދު ޖަހަމުންދަނީ އެހެން މީހަކަށް ކަން ބުނެ އޮޅުވާލީއެވެ.
ނަމަވެސް އަހަރެންގެ ހަޔާތުގައި ހެދުނު މި ދޮގުގެ ސަބަބުން މިއަދު އަހަރެން މިވަނީ އެކަނިވެ މާޔޫސްވެފައެވެ. އެދުވަހު އަހަރެންގެ ހިތަށާއި މި ހަށިގަނޑަށް ދިން ވޭނާއި އަނިޔާ އަހަރެން އަދިވެސް ހަނދާން އެބަހުއްޓެވެ. އަހަރެންގެ ދުލުން އެހެން މީހެއްދެކެ ލޯބިވާ ވާހަކަ ބުނި ދުވަހު ކަލާ އަހަންނަށް ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ އަހަރެން ދުވަހަކުވެސް ދެކެފައި ނުވާ ސިފައެއް ކަލާގެ ކިބައިން އެދުވަހު ފެނިގެންދިޔައެވެ. މިހާރުވެސް އެދުވަސް މަތިން ހަނދާންވެ ބިރުން ރޫރޫ އަޅައެވެ. އެދުވަހު ލިބުނު އަނިޔާއެއްގެ ބޮޑުކަމުން އަހަރެން ހަމަ ރަނގަޅަށްވެސް ކަލާ މަތިން ފޫހިވިއެވެ. އަދި މިހިތުގައިވާ ލޯބި ފުހެލުމަށް އަޒުމް ކަނޑައެޅީމެވެ. ނަމަވެސް އެކަން އަހަންނަށް ކުރެވޭނީ ހަމައެކަނި އެހެން މީހަކާއި ރަށްޓެހި ވެވުމުންނެވެ. އެހެންކަމުން އެކަން ކުރުމަށްވެސް މާގިނަ ދުވަހެއް ނުނެގިއެވެ. ނަމަވެސް ކަލާ އާއި ދުރަށް ދިޔުމީ އަހަންނަށް ކުރެވުނު އެންމެ ބޮޑު ކުށެވެ. އެހެންމީހެއްގެ މިލްކަކަށް ވާން މަސައްކަތްކުރި ނަމަވެސް މިހިތުގައި އޭރުވެސް ވީ ތިލޮތްބެވެ.
ދުވަސްތައް ފާއިތުވަމުންގޮތް ތިބާވެސް އެހެން ކުއްޖަކާ ރަށްޓެހިވި ކަމުގެ ޚަބަރު މި ކަންފަތަށް އިވުނު ދުވަހީ އަހަރެންގެ ހިތަށް ކެތްނުކުރެވޭ ވަރަށް އަސަރު ކުރި ދުވަހެވެ. އަދި މިހިތުގައި ފޮރުވާފައިވީ ލޯބި އަނެއްކާވެސް ތިބާއަށް ގޮވަންފެށި ދުވަހެވެ. އަހަންނަށް ކެތްނުކުރެވުނީ އެވެ. ތިބާ އެހެން މީހަކާއި އެކީ އުޅޭތަން މި ދެލޮލުން ބަލަން ކެތްވާނެ ހެއްޔެވެ؟ ނުވާނެއެވެ. އެހެންކަމުން އަހަރެން ތިބާގެ ފަހަތުން އާދޭސްކުރަން ފެށީމެވެ. އަދި ކުރެވުނު ކުށަށް މަޢާފަށް އެދުނީމެވެ. ކަލާގެ ހިތުގައިވެސް އުފެދިފައިވާ ލޯބީގެ ބޮޑުކަމުން އަހަންނަށް މަޢާފުކުރުންވީ ވަރަށް ފަސޭހަ ކަމަކަށެވެ. ނަމަވެސް އޭރު ކުރެވުނު އިތުބާރު ކުރާނީ ދެން ކިހިނެތް ހެއްޔެވެ؟
މިއަދު އަހަރެން އޭނަ އާއި ރަށްޓެހިވެގެން އުޅުނަސް އޭރު ލިބުނު ލޯބި ދެން އަހަންނަށް ނުލިބޭނެއެވެ. އެހެނީ ލޯބި ބިނާވެފައި ވަނީ އިތުބާރަށެވެ. އެ އިތުބާރު މިހާރު އަހަރެމެންގެ ދެމެދުގައި ނެތެވެ. ނަމަވެސް އަހަރެންގެ ދުވަސްތައް މިގޮތުގައި ހޭދަކުރަމުން މިދަނީ އަދިވެސް އަހަރެން ތިލޯބި ބޭނުންވާތީއެވެ.
-ނިމުނީ-
މި ދެން ކޮން ހާސަރެއް. ނޭގެންޏާ ނުލިޔެބަލަ
ޥާހަކައިގެ މައިގަނޑު ރީތި ، އެހެންނަވެސް ރަނގަޅަށް ސިފަ ކުރުން ގެނައިނަމަ އިތުރަށް ފެރިހަމަވީސް
V reethi ❤️
މީ ދެން ކޮން ކަމެއް......
10 އަހަރު ކުއްޖަކަށް ވެސް އިނގޭނެ މިއަށްވުރެ ރީތި ވާހަކަ ލިޔަން....!
ޔޫ ސްޓިންކް....! 😡😠