ފްލައިޓް ވައިގެތެރެއަށް އުދުއްސައި ގަތުމާއެކު އަހަރެންގެ ލޯ އަމާޒުވީ، ކުޑަ ކުޑަ ބިއްލޫރި ވިންޑޯ އިން ބޭރަށެވެ. ދުވެލި ބާރުވާ ވަރަކަށް ފެންނަމުން ދިޔަ މަންޒަރުތައް ކުޑަވަމުންދިޔައެވެ. ބިޔަ ގަސްތައް އިސާހިތަކު ބާރެއްނެތް ތިކި ތަކަކަށްވެއްޖެއެވެ. އަހަރެން ހިތުން ބޮޑު ކަމަށް ސިފަކުރާ އަވަށް، ފުޅާ ކަނޑުގެ ބޮޑުމިނުގެ ކުރިމަތީ އެއްވެސް އެއްޗަކަށް ނުވިއެވެ. ދުނިޔެއަކީ އަޖައިބުކުރަނިވި ތަނެކެވެ.
އެކަނި ކުރެވޭ މިފަދަ ދަތުރު ތަކަކީ އަމިއްލަ ނަފްސަށް އަލިއަޅުވާލެޥޭ ދަތުރުތަކެކެވެ. އެކަނި ގޭގައި އޮންނަން ވިސްނަން ބިރުގަންނަ ޚިޔާލުތަކާ ކުރިމަތިލާން ކެރޭ ވަގުުތުކޮޅެކެވެ. ބިމާއި އެތަކެއް މީޓަރެއް މަތީ ވައިގެ ތެރޭ އުދެހުމުންދާ އިތުރަށް ދެން ބިރުގަންނަންވީ ކަމެއް އޮންނާނެ ބާވައެވެ؟
މުޅި ބޯޓުގައި ދަންނަ މޫނެއް ނެތުމުން އަހަރެން ސީޓުގައި ހަމަޖެހިލީމެވެ.
މި ބޯޓުގައި އަހަރެންނަކީ އަހަރެން ބޭނުން މީހެކެވެ. ކުރިއަށް އޮތް ހަ ގަޑި އިރުތެރޭ އަހަރެންނަކީ ރަފާހާ އެއް ނޫނެވެ. ކައިވެނީގެ ބޭރުން ބަނޑުބޮޑުވެ، ދަރިފުޅު ބަނޑުތެރެއަށް މަރާލާފައިހުރި އަމިއްލަ ނަފްސުގެ ކުއްވެރިއެއް ނޫނެވެ. މައިންބަފައިންގެ ނަފްރަތާ ކުރިމަތިލާ، ދުނިޔޭގެ ލަދުން ރެކެން ޖެހިފަ ހުރި މީހެއް ނޫނެވެ. ރައްޓެހިންގެ މަލާމާތްތަށް އަޑު އަހަން ޖެހޭ، މޮޔައެއް ކަމަށް ނަން މަޝްހޫރު މީހެއް ނޫނެވެ. ލޯބީގެ މަސްަރަހުގައި ނާކާމިޔާބު، ދިރިއުޅުމުގައި މާ ފާހަގަކޮށްލެވޭ އުސްއަލިތަކެއް ނެތް މީހެއް ނޫނެވެ.
ކުރިއަށް އޮތް ހަ ގަޑި އަހަރެންނަކީ ރަފާ އެވެ. އުމުރުން ސޯޅަ އަހަރުގައި ރާއްޖޭގެ ތަޢުލީމީ ތާރީޚުގައި ގަދަ ރަން ކުލައިން ނަން ލިޔެވުނު ކުއްޖާއެވެ. މައިންބަފައިން ލޯބިވާ، މުޖުތަމަޢު ބަލައިގަންނަ ޒުވާނާއެވެ. އަހަރެންނަށް އަޅާލާ، އޯގާތެރި ފިރިއެއްގެ، ނަސީބުވެރި އަނބިމީހާއެވެ. ދަރިން ލިބުމުގެ އުފާ ހިއްސާކުރެވޭނެ ފުރުސަތު އޮތް، އުއްމީދީ މައެކެވެ. ރައްޓެހިން ފަޚުރުވެރިވާ، ބަސް ވިކޭ މީހެކެވެ.
ނަމަވެސް ހަގީގަތަކީ، މިއަދު އަހަރެންނީ، އެފަދަ މީހަކަށް ވެވޭނެ ކުޅަދާނަކަމެއްހުރި މީހެއް ނޫނެވެ.
*** *** ***
އޮއްސުނު އިރާއިއެކު ދުނިޔެ މައްޗަށް ވެރިވެގަތީ އަނދިރިކަމުގެ މަޢުނަވީ ސާލެކެވެ. ދިއްލާފައިވާ ބޮކިތަކުން ފަނޑު އަލިކަމެއް އެ ހަނި ގޯލިއަށް ވެރިވެފައި އޮތްނަމަވެސް، އަހަރެން ހުރީ ފުދޭވަަރަކަށް ބިރުގަނެފައެވެ. އާންމުކޮށް އެކަނި ބޭރަށް ނިކުމެ އުޅޭ މީހެއް ނޫންވިއްޔާއެވެ. އިރުއިރު ކޮޅާ އަތުކުރީ ގަޑިއަށް ބަަލާލެވެއެވެ. މިހާރު މާ ލަސްވަނީއެވެ. ކުރިއަށް އޮތް ފަނަރަ މިނެޓް ތެރޭ އޭނާ ދައްކާނުލައިފިއްޔާ އަހަރެން އަނބުރާ ގެއަށް ދާނީއެވެ. މިހެން ހުއްޓާ ދަންނަ މީހަަކަށް ފެނިއްޖެއްޔާ ކަންތަކާ ޖެހޭނެއެވެ. މަންމަގެ ކަންފަތާ ހަމައަށްވެސް މި ވާހަކަ ފޯރައިފިއްޔާ އަހަރެންނަކީ ނެތް މީހެކޭ ހީކޮށްލާށެވެ.
ޚިޔާލުތަކަށް ގެނބި ގެނބި ހުއްޓާ ގޯޅި ތެރެއަށް ވަދެގެންް އައި ސައިކަލެއް އަހަރެންގެ މުޅި ސަމާލުކަން ހޯދައިފިއެވެ. ހެލްމެޓެއް އަޅައިގެން އިން މީހެކެވެ. އަހަރެންނާ އަރާ ހަމަވެފައި މޫނުން ހެލްމެޓް ނަގަން ނުހަދަ ދިނީ މުށި ކުލައިގެ ސިޓީ އުރައެކެވެ. ތަންކޮޅެއް ބޮޑު އުރައެކެވެ. ދިނީ ކާކު ކަން ނުބުންޏަސް އަހަރެންނަށް ވަގުތުން އެނގިއްޖެއެވެ. އެއްޗެކޭ ބުނެވުމުގެ ކުރިން، މި ގޮތް ނޭނގޭ ޒުވާނާ ސައިކަލު ދުއްވާލާފައި ގޮސް ގޯޅިން އޮބާލައިފިއެވެ.
ބަލަން ނުހުރެ އަވަސް އަވަހަށް ސިޓީ އުރަ ކަނޑާލާ އޭގެ އެތެރެ ބަލާލީމެވެ. ހަމަ ހީކޮށްގެން ހުރި އެއްޗެވެ. އެ ދުވަހު އަހަރެން ގެއަށް ދިޔައީ،ފ ފުޅާ ހިނިތުންވުމަކާއެކުއެވެ.
*** *** ***
މަޑު މަޑު ވައިބްރޭޓްގެ އަޑު ކަންފަތުގައި ޖެހުމާއެކު ފުންމައިގެން ތެދުވެ، ސިއްރު ސިއްރުން ބާލީހުގެ ދަށުގައި އޮތް ފޯނު ނެގީމެވެ. އަމިއްލަ ކޮޓަރިއެއް ލިބިފައި ހުއްޓަސް އެއްވެސް ޕްރައިވެސީ އެއް މި ގެއަކު ނޯންނާއެވެ. ކޮންމެފަދަ ވަގުތަކުވެސް މަންމަ ވަދެދާނެއެވެ. މަންމަގެ މަސައްކަތަކީ އަހަރެންނާމެދު ޝައްކު ކޮށް ކުރާ ކޮންމެ ކަމަކަށް ފާރަލުމެވެ. ކިރިޔާވެސް ކަމެއް ފާހަގަ ވެއްޖެއްޔާ ފިހިގަނޑުގައި ހުރި ވަރެއް ދައްކަދޭނެއެވެ. އެއީ އަނިޔާކުރުމަށް ދެވި ހިފާފައި ހުންނަ މީހެކެވެ. ލޯބިން ފިރުމާލަން ޖެހޭ ތަންތަނުގައި ވެސް ހޫނު ދިލައިގެ އަސަރު ނުފިލާވަރު އެތިފަހަރެއް އަޅާލުމުން ނޫނީ މަންމަގެ އަނިޔާވެރި ހިތަށް ތަސައްލީއެއް ނުލިބޭނެއެވެ.
ކޮންމެއަކަސް އަހަރެން ފޯނު ނަގައިފީމެވެ. ކާކުގެ ކޯލެއްކަން އެނގިހުރެއެވެ.
ހުޝާމް އާއި އަހަރެންގެ ގުޅުމަކީ ސިއްރު ގުޅުމެކެވެ. މަންމަ އަށް ސިއްރިއްޔާތުގައި ލޯބީގެ ގޮތުން އޭނާ އާއި ގުޅިގެން އުޅޭތާ މިހާރު އަހަރެއް ވެދާނެއެވެ. ސާނަވީ އަހަރު ޓިއުޝަން ކުލާހަކުން ދިމާވި ގޮތަށް އަހަރެމެންގެ ގުޅުން އައީ ދުވަހުން ދުވަހަކަށް ގަދަ ވަމުންނެވެ. ނަމަވެސް ފަހަކަށް އައިސް ވާހަކަ ދެއްކެނީ ހަމައެކަނި އެންމެ ކަމަކާ ބެހޭގޮތުންނެވެ. އެކަމެއްގެ ސަބަބުން އަހަރެމެންގެ ގުޅުން މުޅިންހެން ހީނަރުވެއްޖެއެވެ. ނަމަވެސް އޭނާ އަހަރެން ދޫކޮށްފައި ނުދާ ކަމަށްޓަކައި ޝުކުރުވެރިވީމެވެ.
"ލިބުނުތަ؟"
އޭނާ ސުވާލުކޮށްލިއެވެ. އެ ދައްކަނީ ކޯއްޗެއްގެ ވާހަކަކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ.
"އާނ. އެކަމަކު ނުކެރޭނެ..."
އަހަރެންނަށް މިހެން ބުނެވުނީ ވަރަށް މަޑުންނެވެ. ހިތުގައި ކޯޅެމުންދިޔައީ ވަހުމްގެ ޚިޔާލުތައް އެންމެ ފަހުން ދުލު ކުރިއަށް އަންނަނީ ހެއްޔެވެ؟
"ވަޓް ޑޫ ޔޫ މީން؟ އިނގޭތަ ތި ހޯދަން މަ ގަތް ގަނޑު؟ ރަފާހާ ހީކުރީ މީ ލައްކަ ފަސޭހަ ކަމެކޭ ދޯ؟"
ހުޝާމް ރުޅިވެރި ރާގަކަށް ވާހަކަ ދައްކަމުން ސުވާލު ފަތި އަމުނާލިއެވެ. އެއަށް ވަކި އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އަހަރެން ބަނޑު ބޮޑުވީ އަމިއްލަ ކުށުން އެކަންޏެއް ނޫނެވެ. ހުޝާމްގެ ވެސް އިހުމާލުންނެވެ. ރުޅި އައުމުގެ އިޚްތިޔާރު އޮތީ އޭނާ އަށް އެކަނި ހެއްޔެވެ؟ އަހަރެން އެއްޗެކޭ ބުނެފިއްޔާ ދެން ދައްކާނީ ބިރެވެ. އަހަރެން އަމިއްލަ ހާލަށް ދޫކޮށްލާފައި ތިމަންނަ ފިލާނީ އޭ ބުނާނެެއެވެ. ދިރިއުޅުމުގައި ވެވުނު ފުރަތަމަ ލޯބި ވެވިފައި މިހުރީ ސަހަލު ފިރިހެނަކާއެވެ.
"ފައިން. އަހަރެން މާދަން މިކަން ނިންމާލާނަން"
މިހެން ބުނުމަށްފަހު ނިދަނީ އޭ ބުނެ އަހަރެން ފޯނު ބޭއްވީމެވެ. ބޭއިޚްތިޔާރުގައި އަތުން ބަނޑުގައި ފިރުމާލެވުނެވެ. މިވީ ދެތިން މަސް ތެރޭ، ބަނޑުގައި އަށަގަންނަމުން މިދާ އަހަރެންގެ ދަރިއަށް ހިތުގައި ލޯބި ޖެހި، ކުލުނު އުފެދިއްޖެއެވެ؟ މި ތުއްތު ފުރާނަ ދުއްވާލަން ކެރޭނީ ފަހެ ކިހިނެތްހެއްޔެވެ؟
*** *** ***
ކުޑަ ކޮށް ފުލައިޓު ތަޅުވާލުމާއެކު، ހަމަ ދުނިޔެއަށް އަނެއްކާވެސް އާދެވިއްޖެއެވެ. ބޭރު ބަލާލިއިރު ސޫރަދު އޮއްސި، އޮރަންޖް ކުލައާއި ރަތްކުލައިގެ ވިލާ ތަކުން މުޅި އުދަރަސް ހިސާރުކޮށްލައިފިއެވެ. ދުނިޔެ މައްޗަށް ވެރިވެފައި އޮތް ހަމަ ހިމޭންކަމުން އަހަރެންގެ ހިތުގެ ތެޅުން މަޑުކޮށްލައިފިއެވެ.
އަނެއްކާވެސް ޚިޔާލުތަކުގެ ފުން ކަނޑަށް މިސްރާބު ޖެހީމެވެ.
*** *** ***
ދަރިފުޅު ގެ މައްޗަށް އަނިޔާވެރި ވެވުނީ މަންމަ ދެކެ އަރައިގެން އައި ރުޅިއެއްގެ ސަބަބުންނެވެ. އަހަރެންނަކީ މުޅިން ހަމަޖެހޭ މީހެއް ނޫނެވެ. ރުޅި ކޮންޓްރޯލް ކުރަން އުނދަގޫ މީހެކެވެ. މަންމަ ގެ ފަރާތުން ވާރުތަކުރި ހަމައެކަނި ކަމަކީ އެއީ ކަންނޭނގެއެވެ. ޑިޕްރެޝަން އަށް ބޭސްކަމުން އައިސް މިހާރު ހުއްޓާލިތާ ދެތިން މަސްވެދާނެއެވެ. ބަނޑު ބޮޑުކަން އެނގުނިއްސުރެ އެއިން ގުޅައެއް ދިރުވާނުލަމެވެ. އޭގެ ސަބަބުން ދަރިފުޅަށް ގޮތެއް ވާން ނޭދޭތީ ކަންނޭނގެއެވެ.
ނަމަވެސް އެންމެ ފަހުން ދަރި ވައްޓާ ބޭހުގެ ބޭނުންކޮށްގެން ދަރިފުޅު މަރާލީ ހަމަ އަހަރެންގެ މި ދެއަތުންނެވެ. މަންމަ ކަހަލަ މަޔަކަށް ވާން އަހަރެން ބޭނުމެއް ނޫނެވެ. އެކަހަލަ އަނިޔާވެރިޔަކަށް ވެ އަހަރެންގެ އަމިއްލަ ދަރިފުޅަށް އެހާ ބޮޑު ވޭންތަކާ ކުރިމަތިކުރުވަން އަހަރެން ދެކޮޅުހަދަމެވެ. މިހާރު މި ދަރިފުޅު ބޮޑުކުރަން ނިންމައިފި ނަމަ ކަންތައް ދާނީ ގޯހުން ގޯހަށެވެ. ކޮންޓްރޯލް ނުކުރެވޭ ރުޅިއާއި، ގޮތް ނޭނގޭ ޑިޕްރެޝަން ގެ ވަކިތަކުގައި އެޅިގެންދާނީ އަހަރެންނެތް ނޫނެވެ. އެ ދަރިފުޅުވެސް މެއެވެ.
މިހެން ހިތާ ބޭސް ކައިގެން ދަރިފުޅު ގެ ފުރާނަ ދުއްވާލައިފީމެވެ.
ދެން ކުރިމަތިލާން ޖެހުނީ ބޮޑު ތޫފާނަކާއެވެ.
އަހަރެންގެ ހަށިގަނޑުން ދަރިފުޅު ވަކިވުމާއެކު، ހުޝާމް ގުޅާ އަހަރެންނާ ހުރިހާ ގުޅުމެއް ކަނޑާލައިފިއެވެ. ބަނޑު ބޮޑުވިއްސުރެ އޭނާ ހުންނަނީ އަހަރެން ކިބައިން ސަލާމަތްވާނެ ފުރުސަތެއް ހޯދާލަ ހޯދާލަ ކަމާއި، މިވީހާ ދުވަހު މަޑުކޮށްގެން ހުރީ ދަރިފުޅު ވައްޓާލިކަމަށް ޔަގީންކުރުމަށެވެ. އެހެންނޫނީ، ހުޝާމް ދެކެ އަންނަ ރުޅީގައި ދަރިފުޅު ވިހާ، އޭގެ ޚަރަދުތައް އޭނާ ބޮލަށް ޖަހާލަފާނެތީއެވެ.
މި ވާހަކަތައް އަޑު އަހާފައި އަހަރެންނަށް ހުރެވުނު ތަނެއް ނޭނގެއެވެ. އެއްފަހަރާ މުޅި ސިކުނޑި ފުރުވާލީ ވިހަގަދަ ޚިޔާލުތަކަކުންނެވެ. ބޭނުންވީ ވަގުތުން ވަގުތަށް އަމިއްލަ ފުރާނަ ދުއްވާލާށެވެ. އަހަރެންގެ މައިވަންގަ ކުލުނު ޖެހުނު ދަރި ވެސް މަރާލީ ހުޝާމްގެ އާދޭހުގެ ސަބަބުންނެވެ. އޭނައާއި ކައިވެނިކޮށްގެން އަދިވެސް ދަރިއެއް ހޯދުމުގެ ފުރުސަތު ލިބޭނެޔޭ ކިޔައިގެން ދެއްކި ފޮނި ދަޅައަށް ހެއްލިގެންނެވެ. ކައިވެނީގެ ބޭރުން ބަނޑުބޮޑުވުމުން ހަލާކުވެގެން ދާނީ އަަހަރެންގެ މުޅި ކުރިމަގޭ ކިޔައިން ހެދި ބުހުތާނުތައް އަޑު އަހައިގެންނެވެ.
މިހާރު އަހަރެންގެ ދިރިއުޅުން ވަކި ރަނގަޅު ހެއްޔެވެ؟
މަންމަ މެންނާ ދުރަށް ކިޔަވަން އައީވެސް ފަސޭހައިން ނޭވާ ލެވޭނޭ ކަމަށް ހިތާއެވެ. ނަމަވެސް އަދިވެސް ހޭލާ އޮންނަ އިރު ކުޑަ ކުއްޖެއް ރޯ އަޑު އިރު އިރު ކޮޅާ އިވެއެވެ. ބައެއްފަހަރު މަންމާ އޭ ކިޔާ ގޮވާލާ އަޑެވެ. ބައެއްފަހަރު ލޯބި ލޯބި ގޮތަކަށް ހީލާ އަޑެވެ.
*** **** ***
އަހަރެންގެ މައިންބަފައިންނަށް މި ހާދިސާގެ ވާހަކަ ކިޔައިދިން ދުވަހުއްސުރެ އެމީހުންނާ އަހަރެންގެ މެދުގައި އޮތް ހީނަރު ގުޅުން މުޅިންހެން ކެނޑިގެން ހިނގައްޖެއެވެ. އެކަމާ އަހަރެންގެ ޝަކުވާއެއް ނެތެވެ. އެ ދެމީހުންގެ ފަރާތުންވެސް ހިތާމަ އާއި ހިތްދަތިކަން ނޫން އެއްޗެއް އަހަރެންނަކަށް ނުލިބެއެވެ. ރައްޓެހިންގެ ކުރިމަތީ މަންމަ އަހަރެންގެ އަގު ވައްޓާލައިފިއެވެ. އެމީހުންގެ މައިންބަފައިން ކައިރީ ހަދާލި ދޮގު ފަތިތަކުން އަހަރެންނާ އެއްވެސް ގޮތަކަށް ވާހަކަދެއްކުން މަނާކޮށްފިއެވެ. އެކަމާވެސް އަހަރެންގެ ފަރުވާލެއްނެތެވެ.
އަހަރެން ދެރަވާ ހަމައެކަނި ކަމަކީ މުޅި ދުނިޔެއިންވެސް އަހަރެންގެ މައްޗަށް ކުޑަކޮށްވެސް އަޅާލުމާ ލޯބި ދޭނެ ފަރާތް އަމިއްލަ އަތުން މިދުނިޔެއާ ވަކި ކުރުވުމެވެ. ނަމަވެސް މިއަދު އެކަމާ ކިތަންމެ ހިތާމަކުރިއަސް ކުރާނެ ކަމެއް ނެތެވެ. އަނެއްކާވެސް އެނބުރި މިދަނީ އުފަން ޤައުމަށެވެ. ނަމަވެސް އެތަނުގައި ވަނީ ހުސް މިތަނެކޭ އެއްފަދައިން ނުދަންނަ މޫނުތަކެވެ.
- ނިމުނީ -
Rohvaalaifi. Haadha reethi vaahaka ekey.
Salhi
Sad life?
MashaAllah... Vvvv salhi asluvx... Ibratheh(moral) vx libeyne mihen ulhey meehunnah... Hama asluvx
Nice.love it
Wow... Varah salhi.... ?
Salhi meethi