ފަރި ހިނގުމެކެވެ. ރަކި ބެލުމެކެވެ. ކޯތާފަތުގައި ވީ ޖަންބު ކުލައެވެ. ތުންފަތުން ހަދިޔާކުރީ ލުއި ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ސިއްރެއްވާ ފަދަ އެވެ. ތުނި ހަށިގަނޑެކެވެ. ލާފައި ހުރި ލިބާހުގެ ފެހިކަން ގަދައެވެ. ބޯވަޅުގައި ހުރި ރަނާއި ރިހި ކުލައިގެ ވިދުން ގަދައެވެ. ކަޅުކަންގަދަ އިސްތަށިގަނޑުގެ ކަނޑުރާމަތިން ހުޅިއަކަށް އައްސާލާފައި އޮތް އިރު ހުޅީގެ ހައްޔަރުން ބޭރުވެފައި ހުރި އިސްތަށިތައް ދިޔައީ އޭނާގެ މޫނުގައި ފިރުމަމުންނެވެ.
އެއީ އެފަދަ ދެވަނައެއް ނުވާ ގޮއްޔެއެވެ. މަގޭ ގޮއްޔެއެވެ. މަ ނޫން މީހަކަށް އެ ގޮއްޔެ ލިބިގެން ނުވާނެއެވެ. އެހާމެ ކިޔަމަންތެރި ވެފައި މަޑުމައިތިރިއެވެ. މުރާލިވެފައި ހިއްވަރުގަދައެވެ. އޭނާގެ ބައްޕަގެ ކުއްލި މަރަށް ފަހު އޭނާގެ ބަލި މަންމައާއި ކުޑަ ކޮއްކޮ ބަލަމުން ދިޔައީ އެކަނި ކުރަމުން އަންނަ މަސައްކަތުންނެވެ. އެހާ ފުދުންތެރިއެއް ނޫނެވެ. ނަމަވެސް އެއްވެސް މީހަކަށް ނުދަރާ އުޅެން ވަނީ ދަސްކޮއްފައެވެ.
މިސްކިތު ގޯތިތެރެއިން ފެން ބަނޑިޔާ ކީލި ޖަހާލައިގެން އެހެރަ ދަނީ ގޮއްޔެއެވެ. އޭނާ އެ މިސްރާބު ޖަހާފައި ހުރީ އޭނާ ދިރިއުޅެމުން އަންނަ ޖިފުޓިގަނޑަށެވެ. ފަސްފަހަތުން އަހަރެންވެސް ހިނގަންފެށީމެވެ. ތަންކޮޅަކަށް ދެވުނުތަނާ ހުއްޓުންއެރީ ހުސްއަތާ ގޮއްޔެ ކައިރިއަށް ނުދިޔުމަށް ހިތްބުނުމުންނެވެ. ވަށައި ހޯދައި ބަލާލިއިރު ބޯކޮށް ހެދިފައި ހުރި ފިނިފެންމާ ގަހެއް އައިސާދީގެޔާއި އިންވެގެން ހުރި ފަޅު ގޭގައި ހުއްޓާ ފެނުނެވެ. ރަތްކަން ގަދަ ފިނިފެންމަލުން ބަރުވެފައި ހުރި ގަހެކެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް އެ ގޭތެރެއައް ވަދެ ފިނިފެންމަލެއް ބިނދެލީމެވެ. ރީތި ރަތް ފިޔަތަކުގައި ފިނީގެ އަސަރު ހިފާލާފައި އިން ތާޒާ މަލެކެވެ.
މާ ބިނދެވުމުން އަހަރެން ދުއްވައި ގަތީމެވެ. ގޮއްޔެގެ ފަހަތުން އަރާ ހަމަކޮއްފައި ގޮއްޔެއައް ގޮވާލީމެވެ. މާނޭވާ ލެވޭ ހާލުގައި އެ ފިނިފެންމާ ދިއްކޮއްލުމައްފަހު އަހަރެންނާއި ކައިވެނި ކުރުމަށް ގޮއްޔެ ގާތުން އެދެވުނެވެ. މޭގައި އޮތް ހިތް ނާގާ ޖެހެމުން ދިޔައެވެ. ގޮއްޔެގެ ޖަވާބު ލިބެން ނެގި ވަތުކޮޅަކީ ގަރުނެއް ފަދަ ގިނައިރު ކަމުގައި ހީވިއެވެ. ގޮއްޔެގެ ހިމަ އަޑުން ހީލުމާއިއެކު ރަކި ހަރަކާތަކުން އާއެކޭ ބުނެ ބޮލުން އިޝާރާތް ކޮއްލިއެވެ. އެވަގުތު އަހަރެންގެ އަތުގައި އޮތް މަލުގެ ކައްޓަކުން އަހަރެންގެ އިނގިލި ކެނޑުނެވެ.
އަހަރެންގެ ކައިވެނި ގޮއްޔެއާއި ކުރެވިގެން ދިޔައެވެ. އަހަރެންގެ ހިތް އެދެމުން އައި ހުވަފެން ހަގީގަތަކަށް ވީއެވެ. އަހަރެން އޭނާއަށް ހަދިޔާ ކުރި ފިނިފެންމާ އަހަރެމެންގެ ނިދާ އެނދު ކައިރީ ފެންތައްޓެއްގައި ބައިންދާފަ އިނެވެ. އެމަލު ވަސް މުޅި ގޭގައި ހިފާލާ އަބަދުވެސް ހުރެއެވެ. އެތައް ދުވަހެއް ވެގެން ދިޔައިރު ވެސް މަލުގެ ކުލައައް އަދި ވަހައް ވެސް ބަދަލެއް ނާދެއެވެ. އެމަލައް އަހަރެން އާދަވާކަށް ގިނަ ދުވަހެއް ނުނެގިއެވެ. އޭގެން ވެސް ފެންނަނީ ގޮއްޔެގެ މޮޅުކަން ކަމުގައި ދެކުނީމެވެ.
ގޮއްޔެގެ ފުށުން އަހަރެންނަށް އުނިވާ އެއްވެސް ކަމެއް ނެތެވެ. އެފަދަ ދެވަނަ އަންބަކު މުޅި ރަށުން ކީއްކުރަން ރާއްޖެއިން ވެސް ނުލިބޭނެއެވެ. އަހަރެމެންގެ ޒަވާޖީ ހަޔާތް ކުރިޔައް ދިޔައީ އުފަލުގައެވެ. ދެމަފިރިންނައް ލިބޭ އެއްޗަކުން ފުދިގެން އުފަލުގައި ދިރިއުޅެވެއެވެ. އަހަރެންގެ ގޮއްޔެއައްޓަކައި ގެޔެއް ހަދާދިނީމެވެ. ފަނުންނާއި ލަކުޑިން ހެދި ކުޑަ ގެޔަކީ މީހުން އުޅޭތަނާއި ތަންކޮޅެއް ދުރުން ލިބުނު ބިމެކެވެ. އަހަރެމެންގެ ލޯބީގެ ނިޝާން ކަމުގައިވާ ރަތް ފިނިފެންމާވެސް އެ ގެޔައް ހިޖުރަ ކުރިއެވެ. ގޮއްޔެ އެ ފިނިފެންމާ ބަލަހައްޓަނީ ނުހަނު ލޯބިންނެވެ.
ކައިވެންޔައް އަހަރުދުވަސް ފާއިތުވީއެވެ. އަހަރެމެންގެ ފުށުން ދަރިއަކު ދުނިއެއަށް އަންނަ ކަމުގެ ހަބަރު ލިބުނެވެ. އުފަލުގެ ކޮޅެއްނެތެވެ. ރަށު ރައްޔިތުންނަށް ބޮނޑިބަތް ބެހީމެވެ. އަހަރެމެންގެ އުފަލުގައި ބައިވެރި ކުރުމަށެވެ. ދަރިއަކު ލިބިގެން ނަން ކިޔުމަށް ވެސް މަޑު ނުކުރެވުނީއެވެ. ވާނީވެސް އެހެންތާއެވެ. އަލަތު ދަރިފުޅެވެ. ލޯބިވާ ގޮއްޔެއެވެ.
ދަރިފުޅު އަންނަ ދުވަހައް އަހަރެމެން ތައްޔާރުވީމެވެ. އެ ދަރިފުޅު ލާނެ އަންނައުނާއި ނިދާނެ ކުޑަ އެނދެއް ހެދީމެވެ. ދަރިފުޅައް ކިޔާނޭ ނަމަކާއި މެދު ބަހުސް ކުރީމެވެ. އެ ބަހުސް ނިމުނީ އަންހެން ކުއްޖެއްނަމަ އައިމިނަ އަދި ފިރިހެން ކުއްޖެއްނަމަ ހުސޭނު ކިއުމައް ނިންމާފައެވެ. ގޮއްޔެގެ ބަނޑު ބޮޑުވަމުން ދުވަސް ކައިރިވަމުން އައެވެ. އުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ބަނޑު ބޮޑު ވުމުން އާންމުކޮށް މީހުންނަށް ވާ އުދަގޫ ތަކުން ގޮއްޔެ ހުރީ ސަލާމަތް ވެގެންނެވެ. ހޮޑު ލުމާއި ބުރަކަށީގަ ރިއްސުން އަދި ފައިތިލަ ދުޅަވުމުގެ ކަމެއް އެއްގޮތަކަށްވެސް ދިމާ ނުވެއެވެ.
ދަންވަރުގެ ވަގުތެއްގައި ގޮއްޔެގެ ބަނޑައް ވިހެއުމުގެ ވޭންވަރު އަރައިފިއެވެ. އެއީ ފޫޅުމައިމިހާ ވިހާނެ ކަމަކަށް ބުނި ދުވަހަށް ވުރެ ފަސްދޮޅާސް ދުވަސް ކުރިއެވެ. ގޮއްޔެ ބަނޑުގައި ރިއްސާތީ ރޮއެ ހޭރެއެވެ. އަހަރެން ގެއިން ނިކުތީ ފޫޅުމައިމީހާ ބަލާދިއުމަށެވެ. އެވަގުތު ވިދާލި ވިދުވަރުގެ އަލިން ދެލޯ ކަނުވިފަދައެވެ. ހަމައޭގެ ފަހަތުން ހޮނު ގުގުރިއެއް ފަދަ ބާރުގައި ޖަހާލި ގުގުރިއާއި އެކު ބޯ ވާރޭ ވެހެންފެށިއެވެ. ކެރި ބޯ ވާރެއާއި އެކު އިސާހިތަކު މަގުމަތީގައި ފެންބޮޑު ވެއްޖެއެވެ. ފޫޅުމައިމީހާ ބަލާ ދިއުމުގެ ބަދަލުގައި އަހަރެން އެނބުރި ގޭތެރެއައް ވަނީމެވެ. ގޮއްޔެ އެކަނި ގޭގައި ބާއްވާފައި ދާކައް ނުކެރުނެވެ.
ބޯކޮއް ވެހެމުންދިޔަ ވާރޭގެ އަޑުން މުޅި ގޭތެރެވަނީ ގުގުމާފައެވެ. ގޮއްޔެގެ ވޭނީ ހަޅޭކުގުގެ އަޑުވެސް އެހާމެގަދައެވެ. އަވަހަށް ގޮއްޔެ ގާތުގަ އަހަރެން އިށީނީމެވެ. ކުރެވުން ނުކުރެވުން ކަމެއް ނޭނގުނެވެ. ވިހަން ވެގެން އުޅޭ މީހަކަށް އެހީވެދެވޭނެ ގޮތެއް އަހަރެންނަކަށް ނުވިސްނުނެވެ. ކުއްލިއަކަށް ގޮއްޔެގެ ގަޔައް އެރި ބާރަކާއި އެކު ބަނޑު ހިދިގެން ދިޔައެވެ. ގޮއްޔެގެ ފައިކައިރީގައި އޭނާ ވިހޭ "ދަރިފުޅު" އޮތެވެ. އަހަރެން ހުރީ ހިރިލަންވެސް ނުކެރިފައެވެ.
ގޮއްޔެގެ ބަލި އަޑުން ދަރިފުޅާއޭ ކިޔާފައި ގޮވާލުމުން އަހަރެން އެ ކުއްޖާއާއި ގާތްވެލީމެވެ. ކުޑަ ކުއްޖެކޭ އެއްވަރަށް އޮތް އިރު ބޮޑައް ސިފަވަނީ ބުޅަލަކާއި އެވެ. ކައިރިވެލިތަނާ އެ ކުއްޖާގެ ލޯ ހުޅުވާލިއެވެ. ބޮޑު ރީނދޫ ލޯ އިނީ ނިތްކުރީގެ މެދުގައެވެ. ލޯ ހުޅުވާލުމާއިއެކު ބުޅަލެއް ފަދައިން ހޭރިގަތް އަޑު އިވުނެވެ. ދެން އެ ކުއްޖާ ގެއްލުނީ އެއްކަލަ ރަތް ފިނިފެންމަލުން ނިކުތް ބޯ ކަޅު ދުންގަނޑެއްގެ ތެރެއަށެވެ. އެ ދުންގަޑުގެ ތެރެއިން އަހަރެންނަށް ފެނުނީ އެކުއްޖާގެ ފަދަ ބޮޑު ރީނދޫ ދެލޮލެވެ.
އެ ދުންގަނޑު ލޯމަތިން ގެއްލުމާއި އެކު ވާރޭގެ އަޑު ކެނޑިއްޖެއެވެ. އިވެން ހުރި ހަމައެކަނި އަޑަކީ ގޮއްޔެގެ ފުން ނޭވާގެ އަޑެވެ. އަވަސް ކަމާއި އެކު ދުވެގޮސް ފޫޅުމައިމީހާ ހޯދީމެވެ. މަގުމަތީގައި ދެންމެ ވެހުނު ކެރިގަނޑުގެ އެއްވެސް އަސަރެއް ނެތުމުން އަހަރެންގެ ހިތް ބިރުން ކުދި ކުދިވީ ފަދައެވެ. ގެއައް ދެވުނު އިރު ގޮއްޔެގެ ހެޔެއްނެތެވެ. ކުއްޖާ ނެތުމުން އެތައް ސުވާލަކާއި ކުރިމަތިލާސް ޖެހުނެވެ. ގޮއްޔެ ކައިރީ ފޫޅުމައިމީހާ އިންއިރު އެއްކަލަ ފިނިފެންމާ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެ މާ ވަނީ ހިކިގެންގޮސް ފިޔަތައް ފައިބާ ހިމުންވެފައެވެ.
އަހަރެންގެ ގޮއްޔެ ގެއްލުނީއެވެ. އެދުވަހަށް ފަހު ގޮއްޔެގެ ހެއެއް ނުހުރެއެވެ. ހޭ ހުންނާ ވަގުތު މޮޔަގޮވުން ނޫންކަމެއް ނުވެއެވެ. އަހަރެންގެ ވެސް ހާލަކީ އެއީއެވެ. ފެނުނު ކަންތަކުން ހިތައް ވަދެފައި ހުރި ބިރެއްގެ ބޮޑުކަމުންނެވެ. ލޯބިން ހެދުނު ގެ ވަނީ ފަޅުވެފައެވެ. މީހުންނަށް އެތަނުން ނާމާން ކަންތަކާއި ދިމާވާ ވާހަކަ އަޑުއަހަމެވެ. އެ ގޭގެ ދޮރުމަތީގައި ބިޔަކޮއްހެދިފައިވާ ރަތް ފިނިފެންމާ ގަހެއް ހުންނަވާހަކަ ވެސް އަޑުއަހަމެވެ. އެ ގަހުގައި އަޅާފައި ހުންނަނީ އެންމެ ދެ ފިނިފެންމަލެވެ.
(ނިމުނީ)
ވަރަށް ރީތި ވާހަކައެއް.. އިންޓުރެސްޓިންގް.. 😁 😁