ބިމަކު ނުޖެހޭ

އެއީ ހުވަތުއަތޮޅު ދެކުނުބުރިއަށް ނިސްބަތްވާ މަދުބަޔަކު ދިރިއުޅޭ ކުޑަ ރަށެކެވެ. ކުޑަ ރަށެކޭ ބުނަން މިޖެހުނީ ރަށުގެ މީހުން ގެތަށް އަޅައިގެން އުޅެނީ ރަށުގެ މެދެއްހާ ހިސާބުކަމައި ކަމަށްވާއިރު ރަށުގެ ބޮޑުބަޔަކީ ވަލަށްވީމައެވެ. ދިގުމަގު ހަދާފައި އޮންނައިރު އެއްކޮޅުން އަނެއްކޮޅަށް އެމަގުން ދެވޭނެއެވެ. އެއްކޮޅުގައި ހުރެފަ ބަލާއިރު އަނެއްކޮޅު ޖެޓީގައި ހުންނަ ދޯނި ފަހަރުތައް ނުސާފުކޮށް ނަމަވެސް ފެންނާނެއެވެ. ރަށް ކިތަންމެ ކުޑައަކަސް މިރަށުގައި ދިރިއުޅޭ ދެހާހެއްހާ މީހުންގެ ތެރޭގައި އޮންނަނީ ފިސާރި ވާދަވެރިކަމެއް އުފެދިފައެވެ. ދެއަވަށެއް އޮންނައިރު ކުޅިވަރު ކުޅުމުގަޔާއި ޕާޓީތަކަށް ކެއްކުން ފަދަ ކަންތައް ކުރާނީ އެއްބަޔަކަށްވުރެ އަނެއްބަޔަކު މޮޅުވާންވެގެންނެވެ. ރޭގަނޑު އަންހެންވެރިން ދުވާލަން ނުކުންނައިރުވެސް ހަމަ މިސަކަރާތެއް ޖަހައެވެ. ކަސްރަތުކުރަން ނުކުންނަ މީހުން ނުކުންނާނީ އެއް ގްރޫޕަށްވުރެ އަނެއް ގްރޫޕްގެ ފަރާތުން މޮޅެތި ކަސްރަތުތަކެއް ދައްކާލެވޭތޯއެވެ. މިހެން ކަންތައްކޮށްގެން ގައިގައި ނުރިއްސާކަށް ތަނެއް ނެތަސް ހަމަ ހެޔޮވާނެއެވެ.

ސަކީނާއަކީވެސް މިފަދައިން ކަސްރަތުކޮށް އުޅޭ މީހެކެވެ. ކޮންމެ ދުވަހަކު ގޭގައި ކުރަން ހުންނަ މަސައްކަތްތައް ނިންމާފައި މަޢްރިބް ނަމާދުކޮށްލައިގެން ހަތެއް ޖެހީމަ އެއަވަށު ގުރޫޕާއެކު އަނެއް އަވަށު މީހުން ނުކުތުމުގެ ކުރިން ދުވަން ދިޔުމަށް ގެއިން ނުކުންނާނެއެވެ. ސަކީނާމެންގެ ގުރޫޕް މިގޮތަށް ނުކުންނަނީ ޢީޝާ ނަމާދުވެސް ނުކޮށެވެ. އެވެސް އަވަހަށް ދުވަން ގޮއްސައި އަވަހަށް ގެއަށް އަންނަން ޖެހޭ ކަމަށް އުޒުރުތަކެއް ދައްކާފައެވެ. ހަޤީޤީ މަޤްސަދު އިނގޭނީ މި ސަކަރާތުގައި ބައިވެރިނުވާ މަދު މީސްކޮޅަށެވެ.

އެއްދުވަހެއްގެ ހަވީރެވެ. ފިރިމީހާ ގެނައި މަސްކޮޅުން ރިހަކޮޅެއް ކައްކަންހުރި ސަކީނާއަށް މީހަކު ގޮވާލިއަޑަށް ސިއްސައިގެންގޮސް ކައިރީގައި ހުރި މޭޒުމައްޗަށް ކޮޅަށް ނޭރުނީ ހަމަ ކިރިޔާއެވެ. މޫނު ކުނިކޮށްލުމަށްފަހު ހެދުމުގެ ފަސްބައި ހިއްލާލައިގެން އައިސް ބަދިގެ ދޮރުން ބޭރަށް ބޯދިއްކޮއްލީ އެއައީ ކޮން މުސީބާތެއްހެއްޔޭ ކިޔަމުންނެވެ.

"ސާބަހޭ. ތިމޫނު އަނދިރިކަމުން ވަކިވެސް ނުވި. މަބުނީ މިރޭ މިހިރަގޭ އަމީނާއަކަށް ނެތޯ ދުވަން ދެވޭކަށް. ކަޑައެއްނު" އެތެރެއަށް ވަދެގެންއައި ޚަދީޖާ ބުންޏެވެ.

"އޭނ. އެޔޯ؟" ގުރޫޕުން އެކަކު މިރޭ މަދުވާނެތީ ވީ ފޫއްސެއްގެ ބޮޑުކަމުން އަނގަޔަށް ވައްތަރެއް ޖައްސާލަމުން ސަކީނާ އަހާލިއެވެ.

" މިއުޅޭ ހުން ލައްވާލީޔޯލަ. ބޮލުގަ ރިއްސަނީޔޯ. ދެން ކީއްކުރާނީ. އަހަރެމެން ދާނީދެން."

"ހުމްމްމް. އެކަމަކު އޭނަ ކައިރީގަ ބުނިނަމަ ދޯ ގޭގަ އޮތަކަސް ހުމެއް ނުދާނެޔޭ. ރަޖާދަށުން ނުކުމެ ދުވަން ދިޔައީމަ ރަނގަޅުވާނެ" ސަކީނާ ބޭރު އުނދޯލީގައި އިށީންނަމުން ބުންޏެވެ.

"ސަކީނާއަށް ހީވޭތަ މައެހެން ނުބުނާނެހެން. މަބުނީމޭ. އެކަމަކުވެސް ބުނީ މިރޭ ހަމަ ނުދެވޭނެޔޯ. އޭނަ ފިރިމީހާވެސް ބުންޏޯ މިރޭ ގޮސްގެން ނުވާނެޔޭ ހުން ގަދަވީމަ. ދެން އެލައިގަތީ ބޮޑުކަންތަކާ ވިއްޔަ." ދެފަރާތަކަށް ބޯ ހުރުވާލަމުން ހަދީޖާ ބުންޏެވެ.

"އާނ ދެން އަހަރުން ދާނީ. ކިހާއިރަކު މަ ތިގޭ ދޮށަށް ދާންވީ؟" ބަދިގެއާ ދިމާލަށް މިސްރާބުޖެހި ސަކީނާ އަހާލިއެވެ.

"މަޢްރިބްކޮށްގެން އާދޭ. ދެން މަ ގޮސްލީއޭ މި، އިނގޭ"

ޚަދީޖާ ދިޔުމުން އަތްމަތި އަވަސްކޮށްލަމުން ރިހަތެލި ކައްކައި ނިމުމުން ސަކީނާވަނީ ގިފިއްޔަށެވެ.

އެރޭގެ މަޢްރިބް ނަމާދަށް ބަންގި ގޮވިއިރު ސަކީނާ އިނީ ނަމާދު ކުރަން ތައްޔާރުވެގެންނެވެ. ބަންގި ގޮވުމުން ހަމަޖެހިލައިގެން ނަމާދުކުރުމަށްފަހު ބަދިގެއަށްވަދެ ކުރަންހުރި ކަމެއް ހުރިތޯ ބަލާލާފައި އިތުރުކަމެއް ނެތުމުން ގޭގެ ތަޅުލާފައި ތަޅުދަނޑި ލައިގެންހުރި ހައުސްކޯޓުގެ ޖީބަށް ލުމަށްފަހު ބޭރުގައި ހުރި ބޫޓު ބަހައްޓާ ހަރުގަނޑުން ބޫޓު ނަގައި އެއަށް އަރައި ތައްޔާރުވެލިއެވެ. ހެދުމަށް ދަމާލުމަށްފަހު ބުރުގާ ރަނގަޅުކޮށްލަމުން ގެއިން ނުކުމެ ޚަދީޖާމެންގެއާ ހިސާބަށް ދިޔުމަށް ހިގައިގަތެވެ. ދިޔަ މަގުމަތީގައި ގެކައިރީގައި ހުންނަ އަމީނާގެ ގެއަށްވެސް ވަދެލިއެވެ. ވަތްއިރު ބޮޑުކޮޓަރީގެ ސޯފާގައި އަމީނާ ބަލިގޮތަކަށް އޮތްތަން ފެނުނެވެ.

"އަނހާ އަމީނާ. ހާދަ ބައްޔޭ. މިރޭ ނުވެސް ދެވޭނެދޯ"

"އާނ ސަކީނާ. މިއޮއް ފިހެނީހަމަ. ބޭހަކަށް ނުގުޑާ. އެހެންނޫންނަމަ މަ ދާނެދޯ" ކުކުރާލުމަށްފަހު ސަކީނާއާށް ބަލާލަމުން އަމީނާ ބުނެލިއެވެ.

"އާން. ދެން ރަނގަޅުވީމަ ދާނީ" މިހެން ބުނެ އެގެއިން ސަކީނާ ނުކުތެވެ.

"ޚަދީޖާ. އަހަ ޚަދީޖާ. ދެން ނުކުމެބަލަ" ޚަދީޖާމެންގެ ގެއާ ހަމައަށް ދެވުމުން ބޭރު ދޮރުކައިރީގައި ހުރެ ސަކީނާ ގޮވާލިއެވެ. މިއަޑަށް ދުވަމުން ކަހަލަ ގޮތަކަށް ޚަދީޖާ އަތުވެއްޖެއެވެ. ދޮރު ކައިރީގައި ބަހައްޓާފައި ހުރި ގޮނޑީގައި އިށީނދެ ބޫޓުގެ ނާޑޮވާ ރަނގަޅަށް އައްސާލުމަށްފަހު ނުކުމެއްޖެއެވެ. މިދެމީހުން ދެން މިސްރާބުޖެހީ ދުވަންދާ ގުރޫޕް އެއްވާ ދިމާލަށް ދިއުމަށެވެ. އޭރު މިމީހުންގެ ފަހަތުގައި ދެގެ ދޫކޮށްފައި ހުރި އަމީނާގެ ގޭގެ ބޭރުމަގުގައި ހުރި ބޮޑު ގަސްކައިރިން ލާފައި ހިނގާލަމުންއައި އަމީނާ މިމީހުންނަކަށް ނުފެނެއެވެ. ނުވެސް ބަލާނެތާއެވެ. އަމީނާ އޮތީ ގަދަ ހުމެއްގައި ޖެހި ނުތެދުވެވިފަވިއްޔާއެވެ.

ކޮންމެއަކަސް މިގުރޫޕް ބޮޑުމަގުގެ އެއްކޮޅުން އަނެއްކޮޅަށް ބުރެއް ޖަހާލުމަށްފަހުު އަނެއް އަވަށު މީހުން ފަހަނައަޅައި ގޮސްފިއެވެ. އަދި އެއްބުރު ޖަހާނަމޭ ހިތައި ދުއްވައިގަތެވެ. ރަށުގެ މެދެއްހާ ހިސާބުގައި ހުންނަނީ ރަށުގެ މިސްކިތެވެ. އެއާ ޖެހިގެން ވާތްފަރުން ތަންކޮޅެއް ދުރުގައި ހުންނާނީ އިންޖީނުގެއެވެ. މިއިންޖީނުގޭ ކުރިމަތީގައި ހުންނަ ފަޅުގެއެއްގައި ހުންނަ ގަހާއި ވިނަގަނޑު ހުންނަނީ މަގަށް އެޅިފައެވެ. އިންޖީނުގޭގައި ހުންނަ އިންޖީނުތަކުގެ އަޑުން މުޅި ހިސާބުގެ ހަމަހިމޭންކަން ނަގާލާފައިވެއެވެ. މިއަޑާއެކު އެކުވެގެން އައީ ސަކީނާމެންގެ ދުވާ ގުރޫޕް މީހުންގެ ސަކަރާތާއި ހުނުމުގެ އަޑެވެ. އެއްކަލަ ފަޅު ގޯއްޗާ ހަމައަށް މިގުރޫޕަށް އާދެވުނު ވަގުތެވެ. ސަކީނާއާއި ޚަދީޖާ ހުރީ ލައިނުގެ އެންމެ ފަހަތުގައެވެ. ހަމައެވަގުތު ޚަދީޖާގެ ބޫޓުގެ ނާޑޮވާފަށެއް ދޫވެގެން މީނަ ކުޑަކޮށް ގޮދުވެ އެރަނގަޅު ކުރަން އުޅެގަތެވެ. ފަހަތުން އައި ޚަދީޖާ ހުއްޓުމުން ސަކީނާވެސް ކުޑަކޮށް މަޑުޖެހި ފަހަތަށް ބަލާލިއެވެ. އެވަގުތު ސަކީނާއަށް ފެނުނު މަންޒަރުން ގުރޫޕްގައި ދެންތިބި މީހުންނަށް ގޮވައި އެމީހުން ހުއްޓުވައިފިއެވެ. ޚަދީޖާވެސް ސަކީނާއާ ދިމާލަށް ބަލާލިއެވެ.

ސަކީނާ އެންމެންނަށް ދެއްކީ ޚަދީޖާގެ ކަނާތްފަރާތުން ފެންނަ ވިނަގަނޑު މަތީގައި އެއްތަނެއްގައި ފިޔަވަޅު އަޅައަޅާ އެކަމަކު މީހަކު ދުވާނެހެން ދުވެދުވެ ހުރި އަމީނާއެވެ. ބަލަހައްޓައިގެން ހުރީވެސް އެއްދިމާލަކަށެވެ. ބަޔަކު ކައިރީގައި އުޅޭކަމެއްވެސް އަމީނާއަކަށް ނޭނގޭކަހަލައެވެ.

"ބަލާބަ މި އަމީނާ މީ ބަލި އެނދުގަ އޮތް މީހެކޭ" ހިނިގަނޑެއް ޖަހާލަމުން ސަކީނާ އެންމެނަނަށް އަމީނާ ދައްކާލިއެވެ. އޭރު ގުދުވެގެން ނާޑޮވާ ރަނގަޅު ކުރަން އޮތް ޚަދީޖާ ތެދުވަމުން މޫނު ކުޑަކޮށް ފުސްކޮށް ބަހައްޓަމުން ސަކީނާއާއި ގުރޫޕްގެ އެހެން މީހުން ކައިރިއަށް ޖެހި ސިއްރު ސިއްރުން އެއްޗެއް ބުނެލިއެވެ.

"އެއީ އަމީނާތަ؟ ކޮބާ އޭނަގެ ބޫޓު. ވިނގަނޑު މައްޗަށް ފައިއަރާތަ؟ ހާދަ އަނދިރިއޭ" މިހެން ޚަދީޖާ ބުނުމުން ސަކީނާ ވެސް އެދިމާލަށް ބަލާލިއެވެ. އޭރު އެގްރޫޕްގައި އުޅޭ ބިރުކުޑަ އަލީކަމަށް ހެދިގެން އުޅޭ ސަފިއްޔާ އޭނަގެ ފޯނު ހިފައިގެން އޭގެ ޓޯޗު ޖައްސާލިއެވެ. އެވަގުތު އެހެންދިޔަ އަނެއް އަވަށުގެ މީހުންނަށްވެސް މިތަން ފެނި ދުރުގައި ކުޅިބަލަން ތިބެއްޖެއެވެ. ސަކީނާ ޓޯޗު ހިފައިގެން ގޮސް އާމިނަގެ ފަޔާ ދިމާލަށް އަލި އަޅުވާލިތަނާ އެންމެންގެ ލޯތަށް ބޮޑުވެ ކަޅިއަރާ ގޮތްވެއްޖެއެވެ. އެއްކަލަ އަމީނާގެ ފަޔެއް ބިމަކު ނުޖެހެއެވެ. ސުބުޙާނަﷲއެވެ.

އެލައިޓް އަޅުވައިގެން ހުރި ސަފިއްޔާވީ އެންމެ ބާރަށް އެންމެ އަވަހަށް އެތަނުން ދުވެ ރައްކާވި މީހުންގެ ތެރޭގައެވެ. ބުދެއްހެން ހުރީ ސަކީނާއާއި ޚަދީޖާ އެކަންޏެވެ. ދެން އެމީހުންގެ ވަށައިގެން ތިބިހާ ބަޔަކު ފިލްމެއްގެ މަންޒަރެއްހެން އެތަން މިތަނަށް ދުއްވައިގަތެވެ. އެވަގުތު އަމީނާގެ ސިފަ ޖެހިގެން އެތާ ހުރި އެތި ސަކީނާއާއި ޚަދީޖާއާ ދިމާލަށް ބަލާލިއެވެ. ހަމަ އެއްވެސް ތަފާތެއް އެބެލުމުގައި ނެތެވެ. ނަމަވެސް ބޯ އަރިއަކަށް ބަހައްޓައިގެންވެސް އޭތި ހަމަ ހުރި ތަނުގައި ހުރެ ދުވަނީއެވެ. ސަކީނާއާއި ޚަދީޖާ ބިރުންގޮސް ގަޔަށް ކުޑަކަމު ދެވުނު ނަމަވެސް ގުޑިލާކަށްވެސް ހަޅޭއްލަވާކަށްވެސް ނުކެރިފައިތިއްބާ ކައިރީގައި ހުރި މިސްކިތުން ބަންގިގޮވާ އަޑު އިވެން ފެށިއެވެ. ދެލޯ ބޮޑުކޮށްފައި ބިރެއް ފެނިގެން އުޅޭފަދައިން ދުވުން ކުއްލިއަކަށް މަޑުކުރުމަށްފަހު އެއްކަލަ އެތި ދުންގަނޑަކަށްވެގެން ގެއްލިގެން ދިޔައީ ސަކީނާއާއި ޚަދީޖާގެ ކުރިމަތީގައެވެ. ދެމީހުންގެ ހޭވެރިކަން ފިލާގޮސް ޚަބަރު ހުސްވީ ދެނެވެ. މަގުމަތިންދިޔަ ފިރިހެން ވެރިންތަކަކަށް މިމީހުން ފެނި ނަގައިގެން ސިއްޙީ މަރުކަޒަށް ގެންދެވުނެވެ. އެދުވަހުއްސުރެން ސަކީނާއާއި ޚަދީޖާއަކީ ބުއްދި ހަމަނުޖެހޭ ދެމީހުންނެވެ. އެމީހުން ނޫނީ ދުވާކަށް އެއްވެސް ބަޔަކު އެރަށުން މިހާރަކު ނުދެއެވެ.

މިހާރުވެސް އެރަށު ބައެއް މީހުންގެ ތުންތުންމަތިން މިވާހަކަ ދެކެވެއެވެ. ސަކީނާއާއި ޚަދީޖާ ހަމަ ކޮންމެ ރެއަކުވެސް ދުވަން ދެއެވެ. ބައެއް މީހުން ބުނާގޮތުގައި އެދެމީހުން ދުވަން ދަނީ އަދިވެސް ދެނަމާދު ދޭތެރޭގައެވެ. ބައެއް މީހުންނަށް އެމީހުން ކައިރިން ރަށުގެ އެކި އެކި މީހުންގެ ސިފައިގައި މީހަކު ދުވާތަން ފެންނަކަމަށްވެއެވެ. ނަމަވެސް އިނގޭހާވެސް ކަމަކީ އިތުރު މީހުން އެދެމީހުންނާއެކު ދާކަމަށް ބަޔަކަށް ފެނި އެވާހަކަ ދެކެވުނަސް އެދެމީހުން ފިޔަވައި އެހެން އެއްވެސް މީހަކު އެރަށުގައި މި ހާދިޘާއެއް ހިނގިފަހުން ދުވަން ނުދާކަމެވެ.

ނިމުނީ

    Please log in or register to bookmark.
    2k

    2 ޚިޔާލު

    ޚިޔާލު

    Your email address will not be published.