Views: 7914 189

" ނޭދެމޭ ވަކިވުމެއް ހާދަހާ ލޯބިވޭ..." ލައިބާ ހިތުގައިވީ އެ އިބާރާތެވެ. ހިތްއެދި ގޮވަމުން ދިޔައީ ނަވީނާ ވަކިނުވުމަށެވެ. މުޅި އުމުރު އެލޯބީ ލިބުމެވެ. އެހެނަސް ނަވީންގެ ދިރިއުޅުން ބިނާވެފައި އޮތީ މާލޭގައެވެ. އޭނާ އިންތިހާއަށް ލޯބިވާ އަންބެއް އެބަހުއްޓެވެ. ކުރަމުންދާ ވިޔަފާރިތައް އެބަހުއްޓެވެ. ކިތަންމެ ބޭނުންވިޔަސް އެހެން އެކަން ވާކަށް ނެތެވެ. ރަށުގެ ފަޅުން ލޯންޗު ނިކުތުމުން ލައިބާ ހިނގާ ގަތީ ގެއާ ދިމާލަށެވެ.

ލައިބާ ގޭދޮށަށް ދިޔައިރު ބަޝީރާ އާއި ފާތުން ތިބީ ބުލްބުލާގެ ޖޯލިފަތީގައެވެ. ލައިބާ ފެނިފައި ދައްކަމުން ދިޔަ ވާހަކަ މެދު ކެނޑާލިއެވެ. ބަޝީރާ ލައިގެން ހުރި ހެދުމުގެ ކޮނޑުމަތިން މޫނު ފޮހެލިއެވެ. އަދި ބަޝީރާ ގަދަކަމުން ހިނިތުންވުމެއް ގެނަޔަސް ދެލޮލުގައިވި ކަރުނަ ލައިބާއަށް ސިއްރެއްނުވިއެވެ.

" މަންމަ މިދަނީ ކުނިއުކާލަން...........'" ބަޝީރާ ތެދުވެގެންގޮސް އެއްފަރާތުގައި ހުރި ބާލީދީ ނަގައިގެން ހިނގައިގަތެވެ. ލައިބާގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތިއެވެ. ގެއިން ނިކުމެގެން ދިޔަ ބަޝީރާއަށް ބަލަންހުރެ އެކުވެރިޔާ ކައިރީ ލައިބާ އިށިއިނެވެ. އަދި އެކުވެރިޔާގެ މޫނަށްބަލާލީ ވީ ކިހިނެތްތޯ އަހާ ފަދަޔަކުން ނިތްއަރުވާލަމުންނެވެ.

" ލައިބާގެ މަންމަ ބިރުގަންނަނީޔޯ.......ނަވީން ފުރައިގެން ދިޔާމަ....." ފާތުން ވާހަކަ ދައްކަމުންދިޔައިރު ލައިބާ ބަލަންއިނީ ސުވާލުން ފުރިގެންވީ ނަޒަރަކުންނެވެ.
" ކުރިން ފަހަރުވެސް ލައިބާއަށް ވީވަރު ފެނިފަ އެކަމާ ބިރުންނޯ މިހިރީ..........." ފާތުންގެ ވާހަކަ އަހާފައި ލައިބާ ދޫކޮށްލީ ހަމަޖެހުމުގެ ނޭވާއެކެވެ.

" އޯޙް......މިފަހަރު އެހެނެއް ނުވާނެ..........." ލައިބާގެ އަޑުގައިވީ ޔަގީންކަމެވެ.

" ހޫމް މިފަހަރު މާބޮޑަށް ހިތްފުރުނީދޯ.........." ފާތުން ބެލީ ލައިބާ އާ ދިމާކޮށްލެވޭތޯއެވެ.

" އާން...މާ ބޮޑަށްވެސް....... އެހެންނޫނަސް ފުރިފަ ހުންނަ އެއްޗެއް ގުޑުގުޑެއް ނާޅާންނުދޯ............." ދެމީހުންގެ ހުނުމުގެ އަޑު ގޭތެރޭގައި ގުގުމާލިއެވެ. އެއެކުވެރިކަމުގެ އުފާވެރިކަން އަޑުއިވިއްޖެ ކޮންމެ ހިތަކަށް އެތަށްއެތަށް އުފަލެއް ލިބޭނޭކަން ކަށަވަރެވެ.

******

އެއްބަޔަކު އުފަލުން އުދުހޭއިރު އަނެއްބަޔަކު މުޅިދުނިޔެއާ ސިއްރުން ރޯލަރޯލަ ތިބީ ލޯބިވާމީހުންގެ ހައްޤުގައެވެ. އޭގެތެރެއިން އެކަކީ ސަޖާއެވެ. ސަޖާ ގެއަށް ބަދަލުވިތާ ހަފްތާއެއް ފާއިތުވެގެން ދިޔައިރު ސަޖާ ދެކިލަން މާހިލަށް ނާދެވުނެވެ. ގުޅާލެވޭ ވަރެއް ނުވިއެވެ. ސަޖާގެ މަދު މެސެޖަކަށް ނޫނީ ޖަވާބު ދެވުންކަމަކަށް ނުހަދައެވެ. އެއަށްވުރެން މާހިލް އުޅެނީ މާބޮޑަށްވެސް އަވަދިނެތިއެވެ. އެހެންކަމުން އެކަނިވާނެ ގަޑިއެއް ލިބިއްޖެއްޔާ ސަޖާގެ ލޮލުން ކަރުނަހިކޭ އެންމެ ވަގުތުކޮޅެއްވެސް ނުދެއެވެ.

ސަރުމީލާ ސަޖާ އޮތް ކޮޓަރިތެރެއަށް ވަނުމުން ސަޖާ ލޯފޮހެލިކަން ސަރުމީލާއަށް ސިއްރެއް ނުވިއެވެ. އެހެނަސް މަންމަ ފެނުމުން ސަޖާ އެނދުންތެދުވެތީ މަސްނުއީ ހިނިތުންވުމެއް ތުންފަތަށް ގެންނަމުންނެވެ. ސަރުމީލާ އެކޮޓަރިއަށް ވަނީ ކުޑަތަބަކެއްގައި ކޮށާފައި ހުރި އެކިވައްތަރުގެ މޭވާ ހުރިއިރު ތާޒާމޭވާގެ ޖޫސްތައްޓެއްވެސް ހުއްޓެވެ. ގެނައި ތަބަށް އެނދުކައިރީގައި ހުރި ކުޑަކަބަޑުމަތީގައި ބެހެއްޓުމަށްފަހު ސަރުމީލާ އިށިއިނީ އެނދުމަތީގައެވެ. އަދި ސަޖާގެ ބޮލުގައި ފިރުމާލީ ނިކަން ލޯބިންނެވެ.

"ދަރިފުޅާ ސަޖާ ކޮންކަމަކާ ތި ރޮނީ .........." ސަރުމީލާގެ ޖުމްލަ އިވިފައި ސަޖާގެ ދެލޮލުން ފެނުނީ ސިހުމެވެ. އެހާ ސިއްރުކޮށްގެން އުޅެނިކޮންވެސް މަންމަޔަށް އެނގުނީތީ ކަންބޮޑުވިއެވެ. ތިރީ ތުންފަތުގައި ދަތް އަޅާލެވުނީ މަންމައަށް ދޭނެ ޖަވާބެއް ނޭނގިހުރެއެވެ.

"ކޮންކަމަކާ ތި ހިތާމަކުރަނީ..........." މިފަހަރު ސަރުމީލާ އަތްހިނގާލީ ސަޖާ ކޮނޑުގައެވެ. އެދަރިފުޅުގެ ލޮލުން އެންމެ ކަރުނަތިއްކެއް ވެއްޓެންވެސް ސަރުމީލާ ނޭދެއެވެ.
"އަހަރެން ހިތާމައެއް ނުކުރަމޭ މަންމާ........" ދޮގުހަދަން އާދަވެފައި ނެތުމުން ސަޖާގެ ހިތްދިޔައީ ބިރުން ތުރުތުރު ލަމުންނެވެ.

" އެކަމަކު މަންމަ ދުށިން ސަޖާ ލޯފޮހެނިކޮން......" ސަރުމީލާ ވާހަކަ ދެއްކީ ފިލިތަކަށް ބާރުލައިފައެވެ.

" މާހިލާ ދެކުދިން މައްސަލައެއް ޖެހުނީތަ؟ " މާހިލްގެ ނަން އިވިފައި ސަޖާއަށް ތެޅިގަނެވުނީ އަމިއްލަ އިޙްތިޔާރަކު ނޫނެވެ.

"ނޫނޭ މަންމާ......" ސަރުމީލާ ކަޅިޖަހާނުލާ ބަލަން އިނުމުން ސަޖާ އަވަސް އަވަހަށް އިސްޖަހާލިއެވެ.

"ދެން ކީއްވެ؟ މަންމަޔަށް ހަމަ ޔަގީން ކޮންމެވެސް ކަމެއް ވެއްޖެ .........." ސަރުމީލާގެ އަޑުގައިވީ ޔަގީންކަމެވެ. ހީވަނީ ދަރިއަކަށް އޭނާޔާ ސިއްރު އެއްވެސް ކަމެއް ނުކުރެވޭނެހެންނެވެ.

" ހަމަ އަސްލުވެސް ކަމެއް ނުވެޔޭ މަންމާ.........ދެރަވަނީ ކާކޮންމެ އެއްޗެއް ހޮޑަށް ލެވޭތީ........" ހަޤީގަތް ފަރުދާކޮށް ސަޖާ އުޛުރަކަށް ދެއްކީ ސަރުމީލާ ގަބޫލުކުރާނެ ފަދަ ވާހަކައެކެވެ. އެއްފަހަރުން ސަރުމީލާގެ އަނގަ ބަންދުކޮށްލުމުގެ ވެސް މަޤްސަދުގައެވެ.

"ސަޖާ ޑޮކްޓަރަށް ދައްކައިގެން ބޭސްނަގަންވީނު.......މާބަނޑުއިރު ގަވައިދުން ޑޮކްޓަރަށް ދައްކަންވާނެ......ޑޮކްޓަރ ދެއްވާނެ ބޭސް........."

"ރަނގަޅު ކާނާގެ އިތުރުން ބޭސްބޭނުން ކުރަންވާނެ......ކަންކަމާ ވިސްނާ ހިތާމަކުރާކަށް ނުވާނެ......" މޭވާތަށި އަތަށްދެމުން ސަރުމީލާ ސަޖާއަށް ކިޔާދިނެވެ. އަލަށްބަލިވެ އިނުމުން އެކަހަލަކަންކަން ނޭގި އޮވެދާނެތީ ސަރުމީލާއަށް އެނގޭކަންކަން ކިޔާދެމުންދިޔައެވެ.

"މާބަނޑުދުވަސްވަރު ފުރަތަމަ ތިންމަސްދުވަހު ހޮޑުލެވޭނެ ގިނަ މީހުނަށް .....ބައެއް މީހުން ވިހަންވަންދެންވެސް ހުރިހާ ކަމަކަށްވެސް ކެތްތެރިވާންވާނެ......" ސަރުމީލާގެ ކޮންމެ ފިރުމުމެއް ސަޖާގެ ހިތަށް ލިބެމުންދިޔައީ އިންތިހާ ހިތްހަމަޖެހުމެވެ. ކިތަންމެ ބޮޑުވެފައި ހުރި ނަމަވެސް މައިވަންތަކަމުގެ ލޯބި ބޭނުންވާނެވަރު ސަޖާއަށް އިޙްސާސްކުރެވުމުން ދެލޯ ފެންކަޅިވިއެވެ.

"މަންމަ އެޕޮއިންޓްމެންޓު ހަމަ ޖައްސަންތަ؟ ވަރަށް ރަނގަޅު ގައިނީއެއް ކުލިނިކެއްގަ އިން ވާހަކަ މަންމަގެ ރައްޓެއްސަކު ބުންޏޭ........." ސަޖާ ހަމައެކަނި ބޯޖަހާލާފައި ހިނިތުންވެލީއެވެ. ސަރުމީލާ ފޯނުނަގައިގެން އެއްފަރާތަކަށް ޖެހިލިއެވެ. އަނެއްކާވެސް ސަޖާގެ ހިތުގައި ކޫރުއެޅުނެވެ. ފިރިމީހާގެ އެހީއާ ލޯބިލިބޭނަމައޭ ސަޖާގެ ހިތަށްއެރިއެވެ. ސަޖާ ދެކޭ ގޮތުގައި އެކަންކަމަކީ މާހިލްކޮށްދޭން ޖެހޭ ކަންކަމެވެ. އެހެނަސް އޭނާއަށް އެނޫން ގޮތެއް ނެތެވެ.

*****

މެންދުރު ކެއުމަށް ޖޫލީއަށް ދައުވަތު ދިނީ ސަރުމީލާއެވެ. އެގާރަ ނުޖަހަނީސް ޖޫލީ އައީ މަންމަޔަށް އަތް ގާތް ކޮށްދިނުމުގެ ބޭނުމުގައެވެ. ކަންދިމާކުރި ގޮތުން ޖޫލީ ގެއަށް ދިޔައިރު ސަރުމީލާ ހުރީ ގޭސްއުނދުން ދޮށުގައި ކުކުޅުރިހަ ކައްކާށެވެ. ސެލެޑު މޮޑެން ތަރުކާރީ ކޮށުން ނޫން ހުރިހާ ކަމެއްހެން ހުރީ ނިމިފައެވެ.

"މިއަދު ބޮޑު ދުވަހަކީތަ؟" ކުކުޅު ރިހަ ކެކެމުން ދިޔައިރު ދުވާ މީރުވަހުން ޖޫލީ ހުރީ ކުޅުދިޔާވެފައެވެ. ޖޫލީ އައިގޮތަށް އައިސް ހުއްޓުނީ ސަރުމީލާ ގާތުގައެވެ.

" ނޫނޭ ހަމަހިތަށް އެރީ ހުރިހާ ކުދިން އެއްތަންވީމަ ހާދަ މަޖާވާނޭ....." ސަރުމީލާ ހުރިގޮތަށް ހުރެ ވާހަކަދެއްކީ ހިނިއައިސްހުރެއެވެ.

" ސަޖާވެސް އަންނާނެދޯ ބުރޭކްގަޑީގަ........." އެއްވެސް މީހެއްގެ ފަރާތުން ސަޖާ ގެއަށް ބަދަލުވިކަން ޖޫލީއަށް އެނގިފައެއް ނުވެއެވެ.

" ދޭބަލަ ކޮއްކޮ ވެއްޖެ ކޮޓަރީގަ......" ޖޫލީއަށް ބަލާލަމުން ސަރުމީލާ ބުނެލިއެވެ. ޖޫލީއަށް އިތުރު ހަރަކާތެއް ނުގެނެސް ހައިރާންވި ވަރުން ސަރުމީލާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
" ކީއްވެ ތިހުރީ..... ދޭ ބަލަ ސަޖާ ވެއްޖެ ކޮޓަރީގަ " ސަރުމީލާ ދެތިންފަހަރަކު ބުނުމުން ޖޫލީ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

ޖޫލީ ސަޖާ ކޮޓަރީގެ ދޮރުހުޅުވާލިއިރު ސަޖާ އޮތީ ދޮރަށް ފުރަގަސްދީގެން އޮށުވެއެވެ. ސަޖާ ކުރިމައްޗަށްވާނެހެން ޖޫލީ ގޮސް ހުއްޓުނުއިރު ސަޖާއަށް އޮތީ ނިދިފައެވެ. އެސްފިޔަތަކުގައި ތެތްކަން ވީއިރު ލޮލުގެ ހިމަކޮޅުން ރޮނގަކަށް ފައިބާފައިވާ ކަރުނަތިކިން ހެކިދެނީ ކޮންމެވެސް ކަމަކާ ރޮއެފަވާކަމެވެ. ގޮވަން އުޅެފައިވެސް ޖޫލީ މަޑުޖެހިލިއެވެ. ވަށައިގެން ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އަންނައުނު އަޅާފައިވާ ފޮއްޓާއި ތުވާލި އަޅުވާ އެތީގައި އިން ތުވާލި ފެނިފައި ޖޫލީގެ ސިކުނޑިއަށް ސިގްނަލް ލިބުނީ ނުބައިގޮތަކަށެވެ. ސަޖާ އާ ބެހޭގޮތުން މަންމަޔާ ސުވާލުކުރާނަމޭ ހިތާ ބޭރަށް ނިކުންނަން ހިނގައިގަތެވެ.

" ސި.....ސް...." ސަޖާގެ އަޑު ކަންފަތުގައި ޖެހުމުން ޖޫލީއަށް އެނދާ ދިމާލަށް ބަލާލެވުނެވެ. މީހެއްގެ ހިލަންވެގެން ސަޖާއަށް ލޯހުޅުވާލެވުނީ ވަރުބަލިވެގެން ދެލޯމެރިފައިވިޔަސް ނުނިދޭތީއެވެ.

" އަހަރެން ހީކުރީ ނިދިފަ ކަމަށް.........." ޖޫލީ އައިސް އެނދުގެ މަގަތުގައި އިށިއިނެވެ.

" ސިސް ނުވެސް އާދޭ ވިއްޔާ........... އަހަރެން މިގޭގަ އުޅޭތާ ވީކެއްމިވީ........" ސަޖާގެ މޫނުމަތީގައިވި ކުލަވަރު ޖޫލީއަށް ތަރުޖަމާކުރާކަށް ނޭނގުނެވެ. ފާޑަކަށް އަނގަ ހުޅުވިފައި ޖޫލީއަށް ސަޖާ އާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ.

" ނޭގޭތަ އަހަރެން މިގޭގަ އުޅޭކަމެއް........" ދެންވެސް ވާހަކަ ދެއްކީ ސަޖާއެވެ. ޖޫލީ ހަމަ އެކަނި އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީއެވެ.

" މަންމަ ނުބުނޭދޯ......." ސަޖާ ތެދުވެ އެނދުގެ ހެޑްބޯޑުގައި ބުރަކަށި ޖައްސާލިއެވެ.

" އަސްލު ކިހިނެތްވީ ގެއަށް ތިއައީ........މާޙިލާ ދެމީހުން ފައިޓްކޮށްފަތަ؟" އެންމެ ފަހުން ޖޫލީގެ އަނގައިން ބޭރުވީ ހިތުގައި އޮތް ގޮތަށެވެ.

" މަންމާ.! ބަލާ ބަލަ ސިސް މިއޮށް ދައްކާ ވާހަކައެއް........." އެތެރެއަށް ވަދެގެން އައި ސަރުމީލާ ފެނިފައި ސަޖާ ވާހަކަދައްކަން ފެށީ ހިތުގައިވާ ޒަހަމްތަކަށް ފަސްއަޅަމުންނެވެ.
" ކީކޭތަ ކިޔަނީ........" ސަރުމީލާ ނިކަން ފުޅާ ހިނިތުންވުމަކާއި އެކު އައިސް އެދެކުދިން ކައިރީ ހުއްޓުނުއިރު އަތުގައި ހޮޅިޖަހާފައިވާ ކުރުނބަލެއް އޮތެވެ.

" އަހަރެން މިކިޔަނީ ކީއްވެހޭ ގެއަށް ބަދަލުވީ..........؟ " އެއްފަހަރު ސަޖާއަށް އަނެއްފަހަރު ސަރުމީލާއަށް ބަލާލަމުން ޖޫލީ ބުނެލިއިރު އެމޫނުމަތިން ފެންނަނީ އެކަން އެނގެން ބޭނުންވެފައިވާ މިންވަރެވެ. ސަޖާ ، ސަރުމީލާގެ މޫނަށް ބަލާލިއެވެ. ދެމީހުން ލޮލުން ފޮނުވާލި ސިގްނަލުން ސަރުމީލާ އަންގަނީ ސަޖާ ކައިރީ ބުނުމަށެވެ. ސަޖާ ބުނަން ނުކެރި ލަދުން ފަސްޖެހެނީއެވެ.

" ސިސ........ސް....." ސަޖާ ގޮވާލުމުން ޖޫލީ އެނބުރުނީ ސަޖާ އާ ދިމާލަށެވެ.

" އަހަރެން ޕުރެގް............" ދެކުދިންނަށް އެއްކުއްޖަކު އަނެއްކުއްޖެއްގެ ގައިގާ އޮޅުލައިގަނެވުނެވެ. ސަރުމީލާ ބަލަން ހުރި ނަމަވެސް ޖޫލީ ދެރަވާނެވަރު ހިތަށް އަރާފައި އެއްޗެއް ނުބުނެ ހުރީއެވެ. ޖޫލީގެ ލޮލުން ނީރާލީ ކަރުނައެވެ. ސިއްރުސިއްރުން ކަރުނަ ފޮހެލި ނަމަވެސް ސަރުމީލާއަށް އެކަން ސިއްރެއްނުވިއެވެ.

*****

ހެނދުނުން ސުރެން ނަވީންގެ ފޯނަށް ލައިބާއަށް ގުޅުންވަރެއްގެ އަދަދު ނޭގެއެވެ. އެކަމާ މޫޑް ގޯސްވެގެން ލައިބާ އިނީ ޖޯލީގައެވެ. އެއަޑު އަހާލާ ހިތުން އޭނާގެ ހިތްތެޅިފޮޅެނީއެވެ. ނަވީން ފުރައިގެން މާލެދިޔަ ފަހުން ވަރަށް ދުރުވެއްޖެއެވެ. މަހެއްވީ އިރު ދުރުވަމުން ދުރުވަމުން ގޮސް ހާލު ބަލާލާނެ ވަގުތެއް ނަވީންގެ ޝެޑިއުލްގައި މިހާރު ނުވެއެވެ. އޭގެ އަސަރު ދިޔައީ ލައިބާއަށް ކުރަމުންނެވެ. ކެއުމާއި ދުރުވެ އަބަދުވެސް މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ. ޖޯލީގައި އިނދެގެން ހިތާހިތުން ދިޔައީ ނަވީނަށް ކުދިކިޔަމުންނެވެ.

" އެކަނި އިނދެގެން ކީކޭތަ ތިކިޔަނީ...........؟ " ގޯތިތެރެއަށް ވަދެގެން އައީ ފާތުންނެވެ.

" އަދިވެސް ނަވީން ފޯނު ނުނަގާ.............." ތުންކޮޅު ދަމާލަމުން ލައިބާ ޝަކުވާކުރީ ފާތުން ގާތުއެވެ.

" ވެދާނެ ނަވީން ބިޒީކަމަށް........އެކަމާތަ ތިއިނީ މާ ބަނަވެފަ ؟ " ފާތުން ވާހަކަ ދެއްކީ ހިނިއައިސް ހުރެއެވެ.

" ހިނގާ ބަށިކުޅެންދާން ކިހާ ދުވަހެއް މިހާރު ކުޅެންނުދަނީ.....އިނާމެން އެބައުޅޭ މީހުން މަދުވެ ......." ލައިބާ ދާހިޔާލެއް ނުކުރިއެވެ.

" ހިނގާބަލަ....... ކިތަންމެ އިރަކު ތިތާ އިނަސް ނަވީން ފޯނުނަގާނީ ނަވީން ފުރީވީމަދޯ.........." ލައިބާ އަތަށް ދަމާލަމުން ފާތުން ވާހަކަދެއްކިއެވެ. އެކުވެރިޔާ ދެރަވެފައި އެހެން އިންނާނެތީ ފާތުން ބޭނުންވީ މަޖާކަމެއް ކޮށްލާށެވެ.

ފާތުންގެ އާދޭހަށް ބަށިކުޅޭތަނަށް ދިޔަޔަސް ލައިބާ ހުރީ ކުޅޭ ގޮތަކަށް ނޫނެވެ. ފާތުން ކުޅޭކުދިންނާއި ގުޅުމުން ލައިބާ ހުރީ ކުޅިބަލާށެވެ. ބަށިކޯޓްކައިރީ ކޮޅަށް ހުރީ މެންދުރު ވެހެނު ވާރެއިން ވިނަގަނޑު ތެމިފައި އޮތުމުންނެވެ. ހަރަމް ބަނދެލައިގެން އެހެން ހުރެވުނީ ކިހާ އިރެއް ވަންދެން ކަމެއް ނޭނގެއެވެ. ފައިކައިރިއަށް ޖެހުނު ޓެނިސްބޯޅައެއް ނަގަން ލައިބާ ގުދުވެތީ މާބޮޑު ކަމެއް ވެދާނެކަމަކަށް ނޫނެވެ. އެހެނަސް މޫނުމައްޗަށް ކުދިއެތި ބުރާފައި މޫނުމައްޗަށް އަނދިރިވެގެން ލައިބާ ބިންމައްޗަށް ވެއްޓުނީ ކަނޑާވައްޓާލި ރުއްގުޅިއެއް ފަދައިންނެވެ.

~ ނުނިމޭ ~

 1. Avatar

  ވާހަކަ އަޕްކޮށްފަ މިއޮތީ
  ކޮބާ އަޕްނުކޮށްގެން ރައިޓާރއަށް ކުދިކީ މީހުން…..ނެގެޓިވް ކޮމެންޓް ކުރި ގޮތަށް ހިތްވަރުވެސް ދޭން ފެނޭ………..

  6
  1
 2. Avatar

  މިއަދު މިއޮތީ ހުސް ހާސަރު ދަމާފައެއްނުން…. އެއްވެސް ކަމެއްވެސް ނުހިނގާ… އާދީއްތަ ވީމަ ކޮންމެވެސް އެއްޗެއް ލިޔާންވެގެން ހާސަރުދަމާފަަ… ފޫހި

  5
  2
 3. Avatar

  މަރީ. ވަރަށް ރީތި މިބައި. ކިތަންމެ ލަހުން އަޕްކުރިޔަސް ކިޔާނަން. ކެއްނުގެން އެއުޅެނީ މޮޔައިން. މިއީ ހަޤީޤީ ފޭންސް.

  5
  1
 4. Avatar

  ވަރަށް ރީތި ސޮޓޯރީ. އާދީއްތަ ދުވަހު އަޕްކޮއްލަ ދެއްޗޭ. ބަރާބަރަށް ދުވަހަށް އަޕް ވެސް ނުކުރެވި ދާނެކަމަށް ގަބޫލު ކުރަން. އެކަމަކު ނެގެޓިވް ކޮމެން ކުރިޔަސް އަނެކާގެ އިހުސާސް ތަކާމެދު ވިސްނާލަން ރަގަޅު އެބޭފުޅުން. ތިބޭފުޅުނާ ދިމާލަށް ތިކަހަލަ ކޮމެންޓު ކުރި ދުވަހަކުން އެގެނީ ދުލަކީ ކިހާވަރެއްގެ އެއްޗެއްކަމެއް. އިންސާނާގެ ޕާސަނަލް ލައިފްއެއް ވެސް އޮންންކަން ދަންނަންވާނެ. ފަހަރެއްގަ ވެދާނެދޯ ދިމާވި ބޮޑު ކަމެއްގެ ސަބަބުން ކަމަށް ވެސް. އަދި ތައުލީމު ހާސިލް ކުރާމީހެއެ ނަމަ މި ވާހަކަ އަޕް ކުރުމަށް ވުރެން ޓެސްޓު ތަކުން ފާސް ވުން މުހިންމު ކަންނޭގެ.ބަލަ މިހާރު ވާޒީފާއެއްވެސް ލިބެނީ އެއްމެ ދަށް ވެގެންވެސް ޑިޕްލޮމާ ނުވަތަ ޑިގްރީއެއްއޮތީމަ. ވިސްނާނުލާ ދުލުން ތިބުނެވެނީ ކިހާވަރެއްގެ އެއްޗެއް ކަން ވިސްނާލަން ވެއްޖެކަން ނޭގެ.

  12

ޚިޔާލު ފޮނުއްވާ