އުއްބައްތި

ކިތަންމެ މަގުފުރެދިފައިވާ މީހަކަށްވިޔަސް ﷲ سُبْحَانَهُ وَ تَعَالَى އިރާދަފުޅާއެކު ތެދުމަގު ދައްކަވާނެވެ. ހީވެސް ނުކުރާފަދަ ގޮތްގޮތަ އެކަލާނގެ އެތައް ބަޔަކަށްވަނީ ތެދުމަގު ދައްކަވާފައެވެ.

ޖާވިޒްއަކީ ކުޑައިރުސުރެ މައިންބަފައިންގެ ލޯބިން މަހުރޫމްވެފައިވާ ޒުވާނެކެވެ. އޭނާގެ މަސައްކަތަކީ ވައްކަން ކުރުމާ ރާބުއިމާ ފޭރުމާ އަދި މާރާމާރީއެވެ. ނިދަން އޮށޯންނަނީ ހެނދުނު އިރުއެރުމުންނެވެ. ހޭލަން އެންގެނީވެސް ހަވީރުވުމުންނެވެ. ހޭލުމަށްފަހު މަގުމައްޗަށް ހުސްގަޔާ ހަދާލައިގެން ނުކުމެހުރެ ސިނގިރޭޓްބޮމުން ތަނުން ހިނގާ މީހުންނަށް ޖެއްސުންކޮއް އަންހެންކުއްޖަކު ފެނިއްޖެނަމަ އެކުއްޖަކާ ފޮށިހަދައެވެ. މިކަމާ އެސަރަހައްދު މީހުން އޭނާއާމެދު ވަރަށްބޮޑަށް ނުރުހުންވެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. އޭނާއާ ދިމާލަށް އެއްޗެއް ބުނެފިނަމަ އޭނާ ގެންގުޅޭ ރަހުމަތްތެރިންނަށް އަންގައިގެން އެމީހަކަށް އެހާ ޖެއްސުންކުރާނެއެވެ.

އެހެންދުވަހެކޭވެސް އެއްފަދައިން މިއަދުވެސް ޖާވިޒް ހޭލައިގެން ނުކުތެވެ. ނުކުތްއިރު އޭނާގެ ރަހްމަތްތެރިންވެސް އެތަނުގާ އައިސް ތިއްބެވެ. " އޭ ބުރޯ ނެތެތަ ފެގެއް " ޖާވިޒް ނުކުމެ އޭނާގެ ސިނގިރޭޓް ރޯކޮއްލިތަނުން އެޭނާގެ ރަހްމަތްތެރިއަކު ބުނެލިއެވެ. " ކާލޭ އަމިއްލައަށް ހޯދަބަލަ ". އެންމެން އެކުގައި ހޭފެށުމަށްފަހު ޖަހާނެ ސަކަރާތެއް އެތާތިބެ ޖަހާފައި އެންމެން އެކުގައި ސައިކަލްބުރު ޖަހަން ނައްޓާލިއެވެ. އަދި ބުރުޖެހުމަށްފަހު ސައިބޯން އެންމެން އެކުގައި ހޮޓަލަކަށްވަނެވެ. ވޭޓަރުފެނުމުން ޖާވިޒް އަޑުގެ ނެތްކޮޅަށް ބުނެލިއެވެ. " އޭތް މިހިރަ ބަންގާޅީ ބީތާ އާދެބަލަ ". ވޭޓަރު އައުމުން ހުރިހައި އެންމެން ކާއެއްޗިއްސަށް އޯޑަރުދިނެވެ. އަދި ކާތަކެތި އައުމުން ކައި ނިމިގެން ބިލްނުދައްކާ ހޮޓަލުން ނުކުންނަނިކޮއް ވޭޓަރު އައިސް ބިލް ނުދައްކާ އޮތްވާހަކަ ބުނުމުން ވޭޓަރު ކަންފަތްމަތީ ބާރަކަށް ޖެހުމަށްފަހު ޖާވިޒް ބުނެލިއެވެ. " މަ ނުޖެހޭނެ ބިލްދައްކާކަށް ކަލޭ ތި ބިލް ދައްކާ " މިހެން ބުނެ އަނެއްކާވެސް ހޮޓާތެރެއަށްވަދެ އެތާހުރި ތަށިތައް ތަޅާލުމަށްފަހު ވޭޓަރާ ދިމާލަށް އެނބުރިފައި ބުނެލިއެވެ. " މިޔަށްވެސް ކަލޭ ބިލްދައްކާދެން ". މިހެން ބުނެ ސައިކަލްއަށް އަރައިގެން ބާރުބާރަށް ދުއްވާފައިގޮސް އޮބާލިއެވެ.

ކުރެވުނު ކަންތަކާ ފަޙުރުވެރިވެ އެކަމުގެ ވާހަކަ ދައްކަން ތިބެ އަނެއްކާވެސް އެހޮޓަލަށް ދަންކޮއްފައި ދިޔުމަށް ނިންމިއެވެ. ނަމަވެސް މިފަހަރު ޖާވިޒް ބޭނުންވީ އޭނާގެ ރަހްމަތްތެރިންނަށް އޭނާގެ ނުލާފާކަން އިތުރަށް ދައްކާލާށެވެ. ގަޑިން މެންދަމު ދޭއް ޖެހުމުން ޖާވިޒްއާ އޭނާގެ ރައްޓެހިން އެ ހޮޓަލަށް ދިޔައެވެ. އެއިރު ހޮޓާ ހުރީ ބަންދުކޮއްފައެވެ. ނަމަވެސް ދޮރު ހުޅުވާފައިހުރުމުން އެތެރެއަށް އެންމެން ދެމިގަތެވެ. މޭޒެއްމަތީ އެމީހުނަށް ޙިދުމަތްކުރި ވެއިޓަރު ނިދާފައި އޮތްތަން ފެނުނެވެ. ބާކީ ތިބި ދެވެއިޓަރުން ތިބީ މޭޒުތައް ސާފުކުރާށެވެ. ޖާވިޒް އެއްވެސް ޖެހިލުމެއްނެތި ޖީބުން ބެނެޓްއެއް ނަގާ ނިދާފައިއޮތް ވޭޓަރު މެޔަށް ތިންފަހަރު ފުންކޮއް ހަރާލިއެވެ. އޭނާގެ ހަޅޭކުގެ އަޑަށް ދެވޭޓަރުން ދުވެފައި އައިސް ޖާވިޒްއާ ދިމާލަށް ހަޅޭއްލަވަމުން ބުނެލިއެވެ. " ބޭބެ ކަލޭ ކޮންކަހަލަ މީހެއްތީ އޭ މިވެސް އިންސާންދޯ އޭނާ އަނބިދަރިން ހުންނަނީ ރަށު ކުޑަ ބައްޗާ އަދި ހަތަރުމަސްވަނީ. ހެޔޮނުވާނުން ކަލޭމެން ދިވެހިން ހަނޑްރެޑް ޕަސެންޓް މުސްލިމް ކިޔާފައި ތިކަހަލަ ކަންތައް ކުރަން ﷲ سُبْحَانَهُ وَ تَعَالَى ކަލެއާ ކަލޭގެ ތި ރަހްމަތްތެރިންނަށް ލައުނަތް ލައްވާށެވެ "

ރޮއެ ހޭރޭހާލު ދެވޭޓަރުން އެމީހުންގެ ރަހްމަތްތެރިއާ ނަގައިގަނެގެން ހޮސްޕިޓަލްއަށް ގެންދިޔައެވެ.

އެރޭ ކުރެވުނު ކަންތަކާމެދު ޖާވިޒް ހުރީ ވަރަށް ފަޙުރުވެރިވެފައެވެ. އަދި އޭނާގެ ރަހްމަތްތެރިން އޭނާއަށް ބުނެލިއެވެ. " ތީ ގަދަގޮލައެއް ބޮންދެއްވިޔަ ތި ދުއްވާލީ ތީ މޭންއަކީ. " އެންމެން ދިޔުމުން ޖާވިޒް ނިދަންވަނެވެ. ނަމަވެސް އޭނާ ގެއަށް ވަނުމުން އައީ މާޔޫސްކަމާ އެކަނިވެރިކަމެވެ. ކުރެވުނީ ކިހާބޮޑު ގޯސް ކަމެއްކަން ފުރުތަމަ ފަހަރަށް ހިތައްއެރިއެވެ. ސިކުނޑި ހަމަޖައްސާލަން ސިނގިރޭޓް ބޯލަން ނިދަން އޮށޯތެވެ. ނިދުމުގެ ތެރޭގައި ޖާވިޒްއަށް ހުވަފެނެއް ފެނުނެވެ. އެ ހުވަފެނުގާ އޭނާވަނީ އަނދިރި ކަމެއްގެ ތެރޭގައެވެ. ނަމަވެސް ވަރަށް ދުރުން އަލިފެނެވެއެވެ. ހިނގާ ހިނގާވެސް އެ އައްޔާ ހަމައަށް ނުދެވުނެވެ. ނަމަވެސް އަޑަކުން ބުނާ އަޑުއިވެއެވެ. " އަހަރެން ކަލެއަށް މަޢާޕް ދީފިން " އެހެން ބުނާ ކޮންމެ ފަހަރަކުން ޖާވިޒް ދިޔައީ އަލިކަމާ ގާތްވަމުންނެވެ.

ކުއްލިއަކަށް ޖާވިޒްއަށް ހޭލެވިއްޖެއެވެ. މުޅި މީހާވަނީ ދާހިއްލާ ފޯވެފައެވެ. މުޅި ހިތައްވަނީ ބިރުވެރިކަން ވަދެފައެވެ. މިވާހަކަ ކިޔާދޭނެ މީހެއް ނޭނގިގެން ޖާވިޒް އެނބުރުނެވެ. އަދި ވީ އެންމެ އަވަހަކާ އޭނާ އަނިޔާދިން ވޭޓަރު މަސައްކަތްކުރި ހޮޓަލަށް ދިޔައެވެ. ދޮރާ އާރާ ހަމަވިތަނުން ދެ ވޭޓަރަކަު އައިސް ޖާވިޒް ލަފުގައި ހިފާ ބަދިގެ ތެރެއަށް ވެއްދިއެވެ. ވަގުތުން ކައްކާ މީހާއައިސް ޖާވިޒް ކަރުގައި ވަޅި ޖެއްސުމަށް ފަހު ބުންލިއެވެ. " ކަލޭ އަހަރެންގެ ބާއީ ގަޔަށް ވަޅިޖަހާފައި އަނެއްކާ ފުއްޕަން އަންނަނީތަ؟ ކޮށާފައި ކައްކާލާފަ އެއްލާލާނަން މިފަހަރު. " ޖާވިޒް އަތުގެ އިޝާރާތުން މަޑުކުރަމަށް ބުނެލިއެވެ. ނަމަވެސް ވޭޓަރުންނާ ކައްކާވެގެން ހިއްފުރޭވަރަށް ޖާވިޒްގައިގާ ތަޅާލުމަށްފަހު ވާހަކަދަކަން ފުރުސަތުދިނެވެ. ޖާވިޒްއަށް ފެނުން ހުވަފެން ކިޔާދިނެވެ. އަދި ޒަޙަމްކޮއްލި ވޭޓަރުގެ ހާލު އޮޅުން ފިލުވުމުން އޭނާ ހެޔޮހާލުގައި އޮތްވާހަކަ ބުނެލިއެވެ. ޖާވިޒް އޭނާއަށް ޒިޔާރަތްކޮއް ކުރެވުނު ކުށަށް އިއުތިރާފްވެ މަޢާފްއަށް އެދުނެވެ. އަދި އަމިއްލައަށް ފުލުހުންނާ ހަވާލުވެ ކުރެވުނު ކުއްތަކަށް އިއުތިރާފްވެ އެކަމުގެ ހުކުމް ތަންފީޒެކުރުމުގެގޮތުން ދިހަ އަހަރު ޖަލުގައި ހޭދަކުރިއެވެ.

ދިހަ އަހަރަށްފަހު ޖާވިޒް މިނިވަންވުމުން އެއްކަލަ ހޮޓަލްއަށް ސައިބޯންދިޔައެވެ. ދިމާވީވެސް އޭނާ ޒަޙަމް ކޮއްލި ވެއިޓަރާއެވެ. ސަލާމްގޮވާ ސަލާމްކޮއްލުމަށްފަހު ސައިބޯން އިށީނެވެ. އަދި ބިލްގެންނަން ބުނުމުން ވެއިޓަރު އައިސް ބުންލިއެވެ. " ބޭބެގެ ބިލް މިފަހަރު ދައްކާނީ އަހަރެން ﷲ سُبْحَانَهُ وَ تَعَالَى ބޭބެއަށް ބަރަކާތް ލައްވާށެވެ "

- ނިމުނީ -

  Please log in or register to bookmark.
  2k

  2 ޚިޔާލު

  1. މި ވާހަކައާއި އުއްބައްތި އަކާއި ހުރި އެއްވެސް ގުޅުމެއް އަޅުގަނޑަކަށް ފާހަގައެއް ނުކުރެވުނެވެ. މި ވާހަކައަށް އުއްބައްތިގެ ނަމުން ނަންދެވުނު ސަބަބަކީ ކޮބާ؟؟؟؟؟

   1
   1
   • " އެ ހުވަފެނުގާ އޭނާ ވަނީ އަނދިރި ކަމެއްގެ ތެރޭގައެވެ. ނަމަވެސް ވަރަށް ދުރުން އަލިފެނެވެއެވެ. ހިނގާ ހިނގާވެސް އެ އައްޔާ ހަމައަށް ނުދެވުނެވެ." އެ އަތްޔަކީ އުއްބައްތިއެއްގެ އަލިފާން ކޮޅުން ވާ އައްޔެއް.

  ޚިޔާލު

  Your email address will not be published.