ހަވީރު ފަސްގަޑިބައިކަން ހާއިރެވެ. އުމުރުން ނުވަވަރަކަށް އަހަރުގެ ސާޔަލް ރަށުގެ ހުޅަނގުކޮޅު ތުނޑިއަށް ދިޔައީ އޭނާގެ މަންމަ ސާޖިނާ އާއި ސާޖިނާގެ ރައްޓެހިންތަކަކާއި އެކުގައެވެ.
ވަގުތަކީ ހަވީރުގެ އެންމެ ހިތްގައިމު ވަގުތެވެ. ތުނޑިއަށް ފެތުރިފައިވާ ހިޔަލާއިއެކު ފިނިކަމެއް ވެސް ފެތުރިފައި ވެއެވެ.
އެހެން ދުވަސްތަކުގެ ވެސް އާދައިގެމަތިން މިއަދު ވެސް ރަށުގެ އެތައް ބަޔަކު ތުނޑިއަށް ޖަމާވެފައި ވެއެވެ. ކުޑަކުދިންނާއި ބޮޑެތި މީހުން ނެވެ. ހަވީރުގެ ސަޔަށް ބޭނުންވާ ތަކެތި ހިފައިގެން އައިސް ސައި ބުއިމާއިގެން އުޅޭ ޢާއިލާތަކާއި ކުޅެމަޖާކުރާ ކުދިން ނެވެ. ފޮޓޯ ނަގާ މީހުންނާއި މުހިންމު ވާހަކަތަކާއިގެން މަޝްޣޫލްވެ ތިބި ގުރޫޕްތަކެވެ.
ހުރިހާ ކުދިން ވެސް ހަރަކާތްތެރިވަމުން ދިޔައީ ނުހަނު އުފަލާއި ހިތްހަމަޖެހުމާއި އެކުގައެވެ.
ރާޅުޖަހާފަށުން ކުދިކުދި ގާކޮޅު ކޮޅާއި ބޮލި ފަދަ ތަކެތި ހޮވައި ކުޑަވަރެއްގެ ބާލިދީއަކަށް އެޅުމާއިގެން އުޅެމުންދިޔަ ސާޔަލްއަށް ކުޑަކުޑަ ސަންގެއް ކަހަލަ ބޮއްޔެއް ފެނިއްޖެއެވެ. އޭރު ޒަމާނުގައި ރައްޔިތުން އެއްކުރުމަށް ރަށުއޮފީހުން ގޮއްވައި އުޅެނީ ސަންގެވެ. ރަށުއޮފީހުގައި ހުރި އާސާރީތަކެތި ބަލައިލަން ދިޔަ ދުވަހަކު ސާޔަލްއަށް ވެސް އެސަންގު ބަލައި މަޢުލޫމާތު ހޯދައި އަތްލެމުގެ ފުރުސަތު ލިބުނެވެ.
ކުޑަކުޑަ އެ ސަންގު ފެނުމާއިއެކު ސާޔަލްގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެން ދިޔައެވެ. ސަންގާއިދިމާއަށް ގުދުވަމުން ސާޖިނާއާ ދިމާއަށް ބަލާލިއިރު ސާޔަލް ހުރީ އުފަލުން ފޮޅިފައިވާ ފަދައަކުން ނެވެ. ސާޔަލްގެ އުފާވެރިކަން ފެނުމުން ސާޖިނާ ވެސް ހިނިތުންވެލި އެވެ.
ސަންގު ނަގައި ބާލިދީއަށް ލައިގެން ސާޔަލް އައިސް އިށީނީ ސާޖިނާމެން ކައިރީގައެވެ.
ސާޖިނާމެން އެމީހުންގެ ވާހަކަތަކާއިގެން ކުރިޔަށް ދިޔައިރު ސާޔަލް އިނީ ކުޅޭށެވެ.
" އިރުއޮއްސެން ކައިރިވެއްޖެ ..... ގެއަށް ދާން ހިނގާ. " ކޮޅަށް ތެދުވަމުން ސާޖިނާގެ ރަހުމަތްތެރިޔާ ގުލްމާ ބުނެލިއެވެ.
އިރުއޮއްސޭވަގުތު ގާތްވަމުން ދިޔައިރު ރަތްވިލާ ފެތުރި އިރުގެ ވަށައިގެން ރަތާއި އޮރެންޖެ އަދި ރީނދޫކުލަ ފެތުރިފައި ވެއެވެ. ފޮޓޯ ނެގުމާއިގެން އުޅެމުންދިޔަ މީހުން ގިނަވިއެވެ.
ކުޅެން ގެންގުޅުނު ތަކެތި ތުނޑިމައްޗަށް ދޫކޮށްލުމަށްފަހު އޭނާގެ ބާލިދީ ހިފައިގެން ސާޖިނާމެނާއި އެކު ގެއާ ދިމާއަށް ސާޔަލް ވެސް ހިނގައިގަތެވެ. އެހެނަސް ތަންކޮޅަކަށް ވެސް ނުދެވެނީސް ކުއްލިއަކަށް ފަހަތަށް ބަލައިލެވުނީ ކީއްވެގެން ކަމެއް ސާޔަލްއަކަށް ވެސް ނޭނގު ނެވެ. ފަހަތަށް ބަލައިލުމާއިއެކު ސާޔަލްގެ ނަޒަރު ހުއްޓުނީ އޭނާ ގެންގުޅުނު ސަންގު ބޮއްޔަށެވެ.
" ސާޔަލް! އަހަރެން ވެސް ގެންދޭ. " ކަންފަތްކައިރީ ކުޑަކުއްޖަކު ބުނެލިއަޑު އިވުނެވެ. ސާޔަލް އަވަސް އަވަހަށް ވަށައިގެން ހޯދާލިއިރު އެއްވެސް ކުޑަކުއްޖަކު ފެންނާކަށް ނެތެވެ. އެއީ އޭނާއަށް ހީވިގޮތެއްކަމަށް ސާޔަލް ނިންމިއެވެ.
އެ ރީތި ކުޑަކުޑަ ސަންގު ހިފައިގެން ގެއަށްދާން ހިތަށް އެރުމާއިއެކު އަވަސް އަވަހަށް ގޮސް ނެގިއެވެ. ސަންގު ނަގައި ވެލި ފޮޅާލަމުން ބާލިދީއަށް ލައިގެން ސާޖިނާމެނާއި ދިމާއަށް ސާޔަލް ހިނގައިގަތްއިރު އޭނާ އަންނަން ދެން މަޑުކޮށްލައިގެން ސާޖިނާމެން ތިއްބެވެ.
ބާލިދީ ގެންގޮސް ކޮޓަރީގައި ބެހެއްޓުމަށްފަހު، މަޣުރިބު ނަމާދު ވަގުތުވުމުން ފާޚާނާއަށްވަދެ ތައްޔާރުވެލައިގެން ސާޔަލް ދިޔައީ އޭނާގެ މަންމަ ސާޖިނާ އާއި ބައްޕަ އާޖިޒް އުޅޭ ކޮޓަރިއަށެވެ.
ސާޖިނާއާއެކު މަޣުރިބުނަމާދުކޮށްގެން ސާޔަލް އަނެއްކާ ވެސް އައީ ކޮޓަރިއަށެވެ.
ހަތިމު ހިފައިގެން މޭޒުކައިރީ އިނދެ ޤުރުއާން ކިޔަވަމުން ދިޔައިރު އޭނާގެ އަޑުދަށުން ކުޑަވަރެއްގެ އަންހެންކުއްޖަކު ޤުރުއާން ކިޔަވާކަހަލަ އަޑެއް އިވެމުންދިޔައެވެ. އެކަން ޔަގީންކުރުމުގެ ގޮތުން ސާޔަލް ވަށައިގެން ހޯދާލި ނަމަވެސް އެއްވެސް ކުއްޖަކު ނުވަތަ މީހަކު ފެންނާކަށް ނެތެވެ. އެގެއާ ޖެހިގެންހުރި ގޭގައި ކުޑަކުއްޖަކު ނުވެސް އުޅެއެވެ. އެއީ އޭނާއަށް ހީވިގޮތެއްކަމަށް ބަލާފައި ސާޔަލް އަނެއްކާ ވެސް ކިޔަވަން ފެށިއެވެ.
އޭނާގެ އަޑުދަށުން ކަހަލަގޮތަކަށް އިވެމުންދާ ޤުރުއާން ކިޔެވުމުގެ އަޑަކީ އޭނާއަށް ހީވާގޮތެއް ކަމަށް ބަލައިގެން ޤުރުއާން ކިޔަވަމުން ދިޔަ ސާޔަލް ކިޔެވުން ހުއްޓާލީ އިސާނަމާދު ވަގުތުވުމުން ނެވެ.
އިސާނަމާދަށް ވެސް ސާޔަލް ދިޔައީ އޭނާގެ މަންމަމެން އުޅޭ ކޮޓަރިއަށެވެ. ނަމާދުކޮށްގެން ކޮޓަރިއަށް އައިއިރު ވެސް، ކޮޓަރީގައި ދިމާވިކަންތައް ކިޔައިދޭކަށް ސާޔަލް ހަނދާނެއް ނެތެވެ.
ރޭގަނޑަށްކައިގެން އައިސް ފިލާވަޅުތައް ކިޔާލުމަށްފަހު ، ސާޔަލް ނިދަން އޮށޯތީ އައްގަޑިބައިކަން ހާއިރު އެވެ. މަންމަމެން ބުނާގޮތަށް މަދަރުސާއިން އައިސް ފިލާވަޅުތައް ނިންމާލާފައި ހުންނާތީ ސާޔަލްއަށް ރޭގަނޑު ވަރަށް ފަސޭހައެވެ.
ނުހަނު އަރާމުގައި ނިދާލާފައި އޮތް ސާޔަލަށް ސިއްސައިގެން ގޮސް ހޭލެވުނީ ކޮންމެވެސް ކުއްޖަކު އޭނާއަށް ގޮވާ އަޑަށެވެ. އަވަސް އަވަހަށް ފުންމައިގެން ތެދުވަމުން ވަށައިގެން ހޯދާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ލިބުނު ހައިރާންކަމާއިއެކު ވަށައިގެން ހޯދަމުން ދިޔަ ސާޔަލްގެ ނަޒަރު ހުއްޓުނީ ކޮޓަރީފާރުގައި ހުރި ގަޑިއަށެވެ.
ފާރުގައިހުރި ގަޑިއަށް ސާޔަލްގެ ނަޒަރު އަމާޒުވިވަގުތު ، ފަތިސްނަމާދު ވަގުތު ބަންގީގެއަޑު މިސްކިތު ތާޅަފިލިން ރަށުތެރެއަށް ފެތުރިގެން ދިޔައެވެ. އެކަމަށް އެއްވެސް ސަމާލުކަމެއްނުދީ އަނެއްކާ ވެސް އޮށޯވެ ނިދޭތޯ ސާޔަލް އުޅުނު ނަމަވެސް ނިދޭގޮތެއް ނުވިއެވެ.
ނިދިޖެހިލާއިރަށް ކުޑަކުއްޖަކު ގޮވާލާއަޑު އިވެއެވެ. ތެދުވެ ބަލާލާއިރު ކޮޓަރީގައި މީހަކު ނޫޅެއެވެ. ދިމާވަމުންދިޔަ ކަންތައްތަކުގެ ސަބަބުން ސާޔަލް ބިރުގަނެ ހާސްވާން ފެށިއެވެ. ކުއްލިއަކަށް ނިދިފިލައިދިޔަ އެވެ.
ވަރަށް ވިސްނައި ސަމާލުވެގެން އޮތުމަށްފަހު، ކުއްލިއަކަށް އެނދުން ފުންމާލައިގެން ދުވެފައި ގޮސް ސާޔަލް ކޮޓަރިން ނުކުތެވެ.
ސާޔަލް ގޮސް ސާޖިނާމެން ކޮޓަރިއަށް ވަތްއިރު ސާޖިނާ އުޅެނީ ފަތިސްނަމާދު ކުރާށެވެ. ސާޔަލްގެ މޫނުމަތިން ފާޅުވަމުންދިޔަ ހާސްކަމާއި ނުތަނަވަސްކަން ސާޖިނާ ދެނެގަތެވެ.
" ތައްޔާރުވެލައިގެން ނަމާދުކުރަން އާދޭ. " ސާޔަލް އައިސް ކޮޓަރިއަށް ވަނުމާއިއެކު ސާޖިނާ ބުންޏެވެ. ސާޔަލް އެއައީ ކޮންމެ ވެސް ކަމެއް ދިމާވެގެންކަން ޔަގީނާއި ގާތަށް އެނގުނު ނަމަވެސް، ފަތިސްނަމާދުވަގުތާއި ދިމާކޮށް ސާޔަލް ހޭލައިގެން އައިރޭ އޭނާ ލައްވައި ފަތިސް ނަމާދު ކުރުވުމަކީ މިހާރު ސާޖިނާގެ ހަމައެކަނި ބޭނުމެވެ.
އެހެން ނަމާދުތައް ބަރާބަރަށްކޮށް ޤުރުއާން ކިޔަވައި އުޅުނު ނަމަވެސް، ސާޔަލް ލައްވައި ފަތިސްނަމާދު ކުރުވުމަކީ މިހާތަނަށް ސާޖިނާއަށް ނުކުރެވުނު ކަމެކެވެ.
ގޮވާގޮވައި ބަރުބަލި ވިޔަސް ފަތިސްނަމާދަކަށް ސާޔަލް ނުތެދުވާނެއެވެ. ސާޔަލް ލައްވައި ފަތިސްނަމާދު ކުރުވޭނީ ހަމައެކަނި އޭނާގެ ބައްޕަ އަށެވެ.
ދިމާވި އެކްސިޑެންޓެއްގައި ލިބުނު ގެއްލުމުގެ ސަބަބުން އާޖިޒަށް ތެދުވެ ނޫޅެވޭތާ މިހާރު ތިންމަހެއްހާ ދުވަސްވީއެވެ. ބޭސްކޮށް އަތްމަތި ހުސްވިއިރު އަދިހަމަ ކުރިއެރުމެއް ކާމިޔާބެއް ނުލިބެއެވެ. ދިރިއުޅެމުންދަނީ ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީގައެވެ.
ސާޖިނާ ބުނި ފަދައިން ފާޚާނާއަށްވަދެ ތައްޔާރުވެލައިގެން ނުކުމެ ސާޖިނާއާއެކު ސާޔަލް ފަތިސްނަމާދު ކުރިއެވެ.
އެތައްދުވަހަކަށްފަހު ފަތިސްނަމާދުކޮށްލެވުމުން ލިބުނު އުފަލާއި ހިތްހަމަޖެހުމުގެ ސަބަބުން ކޮޓަރީގައި ދިމާވި ކަންތައް އޭނާ އެއްގޮތަކަށް ވެސް ހަނދާނެއް ނެތެވެ.
ސާޔަލް އެއްވެސް ވާހަކައެއް ނުދައްކާތީ ސާޖިނާ ވެސް އަޅައެއްނުލައެވެ. ފަތިސްނަމާދުކޮށްލުމުން ލިބުނު ހިތްހަމަ ޖެހުމުގައި އެކަން ހަނދާންނެތުނީކަމާއި، ސާޔަލް އޭރު އެހާ ހާސްވެ ނުތަނަވަސްވެފައި އެހުރީ ބިރުވެރިހުވަފެނެއް ފެނުމުން ކަމުގައި ސާޖިނާއަށް ގަބޫލު ކުރެވުނެވެ.
ކޮޓަރިއަށްވަދެ ނިދާލުމަށްޓަކައި އެނދުގައި އޮށޯތް ސާޔަލް ސިއްސައިގެން ދިޔައީ ކޮންމެވެސް އަންހެންކުއްޖަކު ގޮވާލި އަޑަށެވެ. އެއީ އޭނާއަށް ހީވިގޮތެއް ނޫނެވެ.
ފުންމައިގެން ތެދުވެ ދޮރާއި އިދިމާއަށް ދުއްވައި ގަންނަން އުޅުނު ނަމަވެސް، ކުއްލިއަކަށް އިވުނު އަޑުގެ ސަބަބުން ސާޔަލްގެ ފިޔަވަޅުތަކަށް ހުއްޓުންއައެވެ.
" ބިރުނުގަނޭ ކޮއްކޯ ! ފަތިސްނަމާދުކޮށްފި މީހާ އެވަނީ މާތްރަސްކަލާންގެ ހިމާޔަތާއި ރައްކާތެރިކަމުގައި .... ކޮއްކޮއަކީ ނަމާދުކޮށް ޤުރުއާން ކިޔަވާ ކުއްޖެއް . . . ކޮއްކޯ ! އަހަރެންނަށް އެހީތެރިވެދީ. " ކުޑަވަރެއްގެ އަންހެންކުއްޖަކު ވާހަކަދެއްކި އަޑު އިވުނެވެ. އަޑު އައީ ކޮޓަރިތެރޭން ނަމަވެސް ކުއްޖަކު ފެންނާކަށްނެތެވެ.
އަޑުއައި ދިމާއަށް ބަލަހައްޓައިގެންހުރި ސާޔަލްގެ ނަޒަރު އަމާޒުވީ ސަންގުބޮއްޔަށެވެ. އެއާއެކު އެހެންދިމާއަކަށް ބަލަން ސާޔަލް ބޭނުންނުވީ އަޑުއައީ އެދިމާއިންކަން ޔަގީންވާތީ އެވެ.
" ކަލޭތީ ކާކު ؟ " ބިރުގަނެ ހާސްވި ނަމަވެސް އިވުނު އަޑުން ބުނިފަދައިން އޭނާ އެވަނީ ހިމާޔަތާއި ރައްކާތެރިކަމުގައިކަން އޭނާއަށް ވެސް އިހުސާސްވަމުން ދިޔައެވެ. ސާޔަލް އަދިވެސް ހުރީ ސަންގާއިދިމާއަށް ބަލާށެވެ.
" އަހަރެންނަކީ ޕަރީއެއް .... ސާޔަލްއާ އެއްއުމުރެއްގެ ޕަރީއެއް ... ސަންގުބޮއްޔަކަށް ލުމަށްފަހު މިރަށު ގޮނޑުދޮށަށް އަހަރެން ދޫކޮށްލީ އަހަރެންގެ ބައްޕަ. އޭގެފަހުން މިހާރު ފަސްދުވަސް ވެއްޖެ .... ހުކުރުދުވަހާއި ހަމައަށް އަހަރެންނަށް ފުރުސަތުއޮތީ .... ހުކުރުދުވަހުގެ ކުރިން ކޮއްކޮ އަހަރެން ގެނައިކަން އެއީ އަހަރެންގެ ނަސީބު ...... ކޮއްކޯ ! ..... އަހަރެންނަށް އެހީތެރިވެދީ. " ރޮމުން ރޮމުން އާދޭސްކުރާ ފަދައަކުން ސަންގުބޮލި ވާހަކަ ދެއްކިއެވެ.
ސަންގުބޮލި ދެއްކި ވާހަކަތަކުގެ ސަބަބުން ހައިރާންވެ ބުނާނެއެއްޗެއް ނޭނގިފައި އެތައްއިރަކު ސާޔަލް ހުއްޓެވެ.
" އަހަރެންގެ ބައްޕަ އަހަރެންނަށް މިހެންހެދީ ކީއްވެބާއޭ ހިތަށްއަރާ ދޯ ؟ ..... އަހަރެންނަކީ ވެސް ސާޔަލް ފަދައިން ޤުރުއާން ކިޔަވައި ނަމާދުކޮށް އުޅުނު ކުއްޖެއް .... އެކަމަކު .... ހާލަކުން ފަހަރަކު ނޫނީ ފަތިސްނަމާދެއް ނުކުރަން ...... ދުވަހުގެ ނަމާދުތަކުގެ ތެރެއިން އެންމެ މުހިންމު ނަމާދަކީ ފަތިސްނަމާދު. ފަތިސްނަމާދުގެ ސުންނަތާއި ނަމާދުކޮށް ޤުރުއާން ކިޔެވުމަކީ ވެސް އެހާމެ މުހިންމުކަމެއް. އެހާމެ ބޭނުންތެރިކަމެއް .... އެކަންކަމަށް ފަރުވާކުޑަކުރުމުގެ ނަތީޖާ މިއީ. މިކަމުން އަހަރެން ސަލާމަތްކުރެވޭނެ ހަމައެކަނި ކުއްޖަކީ ތިއީ. އަހަރެންގެ ނަސީބު ރަނގަޅުކަމުން ކޮއްކޮއާ ދިމާވީ .... އަހަރެންނަށް އެހީތެރިވެދީ. " ސަންގުބޮލި ދެއްކި ވާހަކަތަކާއިއެކު ސާޔަލްގެ ހަނދާނަށްއައީ ފަތިސް ނަމާދާއި ބެހޭގޮތުން އޭނާގެ ބައްޕަ ދައްކަމުންދާ ވާހަކަތަކެވެ. މެދުނުކެނޑި ކަހަލަގޮތަކަށް ކޮންމެރެއަކު އޭނާގެ މަންމަ ހަނދާންކޮށްދޭ ހަނދާންކޮށް ދިނުމެވެ.
" އަހަރެން އެހީވާނަން .... ކީއް ކޮށްދޭންވީ ؟ " އިވުނު ވާހަކަތަކުގެ ސަބަބުން ސާޔަލް ބިރުފިލައި ހަމައަކަށް އެޅުނެވެ.
" ސާޔަލް އާއި މަންމަ ނަމާދުކުރުން މިކޮޓަރިއަށް ބަދަލުކޮށްދީ . . . . ނޫނީ ސާޔަލް ނަމާދުކުރަންދާއިރު އަހަރެން ގެންގޮސްދީ .... ސާޔަލް ޤުރުއާން ކިޔަވާއިރު ކައިރީގަ އަހަރެން ބާއްވާ ..... ފަސްއިރު ފަސްނަމާދުކޮށް މަސް ދުވަސްތެރޭ ހަތިމެއް ކުރީމަ އަހަރެން ސަލާމަތްވާނެ. އަހަރެންނަށް އެހީތެރިވާން ކޮއްކޮ އެއްބަސްވީތީ ވެސް ވަރަށް އުފާވެއްޖެ. " މިފަހަރު އިވުނީ އުފަލުން ރޮވިފައިވާފަދަ އަޑެކެވެ. އަޑު އަންނަނީ ސަންގުބޮލީގެ ތެރެއިން ނަމަވެސް އެއީ ސަންގުބޮލީގެ އަޑު ނޫންކަން ސާޔަލަށް ޔަގީނެވެ.
ސާޔަލް އާއި ޕަރީ ވާހަކަދައްކައި މަޝްވަރާކޮށް ނިންމިފަދައިން އެކުދިންގެ މަސައްކަތް ފެށިއެވެ. އެހެނަސް އެއިން އެއްވެސް ކަމެއް އެހެންމީހަކަށް ނޭނގެއެވެ.
ސާޔަލް އާއި ސާޖިނާގެ ނަމާދުކުރުން ސާޔަލްގެ ކޮޓަރިއަށް ބަދަލުކުރިއެވެ. ސާޔަލްގެ އުޅުމާއި އަޚްލާޤަށް އައި ހެޔޮބަދަލުގެ ސަބަބުން ސާޖިނާ އާއި އާޖިޒް ތިބީ ވަރަށް އުފަލުންނެވެ.
ދުވަސްތައް މާޒީއާއެކުވަމުން ދިޔައިރު، ސާޔަލް ކޮޓަރީގައި ހޭދަކުރާވަގުތު ގިނަވަމުންދިޔަ އެވެ. އެއީ އޭނާގެ އަމިއްލަކޮޓަރިއަށް ވެފައި ގޯސްކަމެއް ނުކުރާނެކަމުގެ ޔަގީންކަން އޮންނާތީ ސާޖިނާ އެކަމަކަށް ސަމާލުކަމެއް ނުދެއެވެ.
ކޮޓަރީގައި ހޭދަކުރާ ގިނަވަގުތު ސާޔަލް ހޭދަކުރަނީ ޕަރީއާ ވާހަކަދައްކަން ނަމަވެސް އެހެންމީހަކަށް އެއިން އެއްވެސް ކަމެއްގެ ހިލަމެއް ވެސް ނުވެއެވެ. ޕަރީ ބޭނުންވި ފަދައިން ސާޔަލް ހުރީ އެކަން ސިއްރުކޮށްގެންނެވެ.
ޕަރީއަށް ސަންގުބޮލިން ނުކުމެވެވި ސަލާމަތްވާނެ ކަމަށް ބުނި ދުވަސް ގާތްވަމުން އައިއިރު ސާޔަލް އިންތިޒާރު ކުރަމުން ދިޔައީ ހަމަލޮލަށް ޕަރީ ފެންނާނެ ދުވަހަކަށެވެ. ޕަރީންނާއި ގުޅުންހުރި ޚިޔާލީ ވާހަކަތައް ކިޔައި އުޅުނު ނަމަވެސް ، ޕަރީއެއްކަމަށް ބުނާ ކުއްޖާއާ ވާހަކަ ދައްކައި އުޅުނު ނަމަވެސް ، އަސްލު ޕަރީއެއް ހަމަލޮލުން ދުށުމުގެ ނަސީބެއް ސާޔަލްއަކަށް އަދި ނުލިބެއެވެ.
އެހެންރޭތަކުގެ އާދައިގެމަތިން ޕަރީއާ ވާހަކަ ދައްކަން އިރުކޮޅަކު މަޑުކުރުމަށްފަހު ސާޔަލް އޮށޯތީ ނިދާށެވެ. ފަތިސްނަމާދަށް ހޭލާއިރު ހަމަލޮލަށް ޕަރީ ފެންނާނެކަމަށް ބުނެފައިވާތީ ޕަރީ ދުށުމަށް އޭނާ ކުރާ އިންތިޒާރު ފޮންޏެވެ.
މިސްކިތުތާޅަފިލިން ރަށުތެރެއަށް ފެތުރިގެންދިޔަ ފަތިސްނަމާދުގެ ބަންގީގެއަޑާއިއެކު ރަށުތެރެއަށް ހަލަބޮލިކަން އަންނަން ފެށިއެވެ. މީސްތަކުން އެބައިމީހުންގެ ދުވަހުގެ ފެށުން ރަހުމަތާއި ބަރަކާތުން ފުރާލުމަށްޓަކައި ފަތިސްނަމާދަށް ދިއުމަށް އަވަސްވެގަތެވެ.
ނިދާފައި އޮތް ސާޔަލަށް ސިއްސައިގެން ގޮސް ހޭލެވުނީ ކުޑަވަރެއްގެ އަންހެންކުއްޖަކު އޭނާގެ ބޮލުގައި ފިރުމާލަމުން ގޮވާލި އަޑަށެވެ. ފުންމައިގެން ތެދުވަމުން ކޮޓަރިތެރެއަށް ނަޒަރުހިންގާލިއިރު އެނދުކައިރީ ހުރީ ހުދުހެދުމެއް ލައިގެން ހުރި ކުޑަވަރެއްގެ އަންހެންކުއްޖެކެވެ. މީގެކުރިން ދުވަހަކު ވެސް ފެނިފައިނުވާ ދޮންދޮން ލޯބިލޯބި އެއަންހެންކުއްޖާ އަކީ ޕަރީ ކަމުގައި ސާޔަލް އަމިއްލައަށް ނިންމިއެވެ.
" ޕަރީއެއްވިއްޔާ ފިޔަގަނޑު ހުންނާނެ. " ހިތާހިތުން ސާޔަލަށް ބުނެލެވުނެވެ.
" ގަބޫލު ނުކުރެވެނީތަ ؟ ....މިއޮތީނު ފިޔަގަނޑު. އަހަރެން ކީއްކުރަން ކޮއްކޮއަށް ދޮގުހަދަންވީ ؟ .... ކޮއްކޮގެ ސަބަބުން އަހަރެން ސަލާމަތްވީ. " ހިނިތުންވުމާއިއެކު ސާޔަލަށް ބަލަންހުރެ ހިނިތުންވެލަމުން ޕަރީ ވާހަކަދެއްކިއެވެ.
ހަމަލޮލަށް ޕަރީއެއް ފެނި ވާހަކަދައްކާލަން ފުރުސަތު ލިބުމުން ސާޔަލް ހުރީ ވަރަށް އުފަލުންނެވެ.
ފަތިސްނަމާދުކުރުމަށް ތައްޔާރުވެގެން ސާޖިނާ އައިސް ސާޔަލްކޮޓަރިއަށް ވަތްވަގުތު ފެނުނު މަންޒަރުން ސާޖިނާ ދިޔައީ ސިއްސައިގެންނެވެ. ފެނުނު މަންޒަރު ގަބޫލުނުކުރެވިގެން ކަހަލަގޮތަކަށް ލޯ ފޮހެވެސް ލިއެވެ.
ސާޖިނާއަށް ވީގޮތް ފެނުމުން ސާޔަލް ހެމުން ހެމުން އައިސް ސާޖިނާއާ ވާހަކަ ދެއްކިއެވެ. ވީގޮތް ކިޔައިދީ މަންމައާ ޕަރީ ރަހުމަތްތެރި ކުރުވިއެވެ.
ފަތިސްނަމާދުކޮށް ނިންމާލުމަށްފަހު، ޤުރުއާން ކިޔަވާން އިރުކޮޅަކު މަޑުކޮށްފައި ސާޖިނާ ދިޔައީ ބަދިގެއަށެވެ. ސާޔަލް އާއި ޕަރީ ކޮޓަރީގައި ތިބީއެވެ.
ތަކުރާރުކޮށް ޕަރީ އެދެމުންދިޔަ އެދުމުގެ މަތިން ސާޔަލްގެ ބައްޕަ އާޖިޒްއާ ބައްދަލުކުރުމުގެ ފުރުސަތު ޕަރީއަށް ސާޔަލް ދިނެވެ.
އާޖިޒްގެއުނަގަނޑު ބެލުމަށްފަހު ރަނގަޅުކުރެވޭނެ ކަމަށް ޕަރީ ބުނުމުން ވަރަށް ހައިރާންވި ނަމަވެސް އެކަމެއް ނުދައްކައެވެ. މީހާގެ މޮޅުކަމެއް މީހާގެ ކުޅަދާނަކަމެއް މީހާ ހުންނަގޮތުން ނޭންގޭނެކަމުގައި ސާޔަލް އަބަދު ވެސް ގަބޫލު ކުރެއެވެ.
އާޖިޒްގެ ބޭހަށްޓަކައި ވާންޖެހޭ ތައްޔާރުތައް ވަމުން އެކަމަށްޓަކައި ހޯދަންޖެހޭ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން އެމީހުނަށް ނުފެންނަ މީހަކާއި ޕަރީ ވާހަކަދައްކަމުން ދާކަން ސާޔަލްއަށް އެނގެއެވެ.
އެހޯދި ފަރާތެއްގެ ލަފަޔާއި މަޝްވަރާގެމަތިން ޕަރީ ތައްޔާރުކުރި ބޭސްގަނޑު އާޖިޒްގެ އުނަގަނޑުގައި އަޅާލިއިރު ދިވެހި ބޭސްވެރިއަކު އަޅާލި ބޭސްގަނޑަކާއި އެއްވެސް ތަފާތެއް ނެތެވެ.
" އަޅުން ކުރާނީ މަސައްކަތް .... ކާމިޔާބު ދެއްވާނީ އެހެންފަރާތަކުން. ކާމިޔާބަށް މަސައްކަތް ކުރުމާއިއެކު އެކަމަށް ޚާއްޞަ ކުރެވިގެން ބާއްވައިލެއްވި ސޫރަތްތަކާއި އާޔަތްތައް ކިޔަވައި ހެދުމަކީ ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމެއް. " ހަތިމް ހުޅުވާލައި ސާޔަލްމެން ތިން މީހުނަށް ބަލާލަމުން ޕަރީ ވާހަކަދެއްކިއެވެ. މިހާރުން މިހާރަށް ކިޔެވުން ފެށުމަށް ބުނަމުން އެމީހަކު ކިޔަވަންވީ ސޫރަތާއި އާޔަތްތައް އަދި ކިޔަވަންވީ ވަގުތު ބުނެދިނެވެ.
ސާޔަލްމެންގެ އެހީތެރިކަމާއިއެކު ޕަރީ ކުރަމުން ދިޔަ މަސައްކަތާއި މުޅިޢާއިލާއިން ކިޔަވަމުންދިޔަ ކިޔެވުމުގެ ހެޔޮ ނަތީޖާ މަހެއްހާ ދުވަސް ތެރޭގައި ފެންނަން ފެށިއެވެ. ސާޖިނާމެންގެ އެހީތެރިކަމާއިއެކު މަޑުމަޑުން ކޮޅަށް ތެދުވާންފެށި އާޖިޒަށް ކޮޅަށް ހުރެވޭން ފެށިއެވެ. މީހެއްގެ އެހީއަކާއި ނުލައި މަޑުމަޑުން ހިނގަން ވެސް ފެށުނެވެ. ލެއްވި ހެޔޮރަހުމަތަށް މުޅިޢާއިލާއިން ޝުކުރުދަންނަވަމުން ދިޔައިރު ޕަރީގެ ހެޔޮކަން ހަނދާން ނައްތައެއް ނުލައެވެ.
ދެމަހެއްހާ ދުވަސް ސާޔަލްގެ ޢާއިލާއާއެކުގައި ހޭދަކުރުމަށްފަހު، އޭނާގެ ޢާއިލާގާތަށް ޕަރީ ބަދަލުވިއިރު ސާޔަލްގެ ޢާއިލާގެ ދިރިއުޅުމުގެ ފެންވަރަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އާޖިޒަށް ބޭސްކުރުމުގައި ޕަރީ ކާމިޔާބު ހޯދިއިރު އެތައް ވައްތަރެއްގެ ބޭސް ހަދަން ސާޔަލްގެ މަންމަ އާއި ބައްޕަ އަދި ސާޔަލްއަށް ދަސްކޮށްދިނެވެ. އެކަމުގެ ފައިދާ އެޢާއިލާއަށް ލިބެމުން ވެސް ދިޔައެވެ.
މަންމަ އާއި ބައްޕަ ބުނަމުންދިޔަ ބުނުމުގެ ޙަޤީޤަތް މިއަދު ވަނީ ސާޔަލްއަށް ޔަގީންވެފައެވެ. ހެޔޮކަމެއް ކޮށްދީގެން ގެއްލުމެއް ދެރައެއް ނުލިބޭނެއެވެ. ޕަރީއަށް އޭނާ ވެދިން އެހީތެރިކަމުގެ ބަދަލުގައި އޭނާ ވެސް އެވަނީ ބޮޑު އެހީތެރިކަމެއް ވެދީފައެވެ.
ނިމުނީ
nice
Nice??