9703 182

ތަޅުވަޅަށް ތަޅުދަނޑި ޖަހާލުމަށްފަހު ތަޅުދަނޑި އަނބުރާލިއެވެ. އަދި ގައިގަ ހުރި ބާރެއް ލާފައި ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ފެނުނު މަންޒަރުން ޖޫލީގެ ދެލޯބޮޑުވިއެވެ. ނަވީން އަތުތެރޭގައި އެހެން އަންހެނަކު އޮއްވާ ފެނުމުން ޖޫލީގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގެންހެންނެވެ. ރުޅިވެރިކަމުން ޖޫލީގެ ހަށިގަނޑު ރޫރޫ އަޅާއިގެން ދިޔައެވެ.

“ނަވީން………….” އަޑުގެ ނެތްކޮޅަށް ޖޫލީ ހަޅޭލަވައިގަތްއިރު މުޅި އިމާރާތްވެސް ގުޑައިގެންދާހާ ވެއެވެ. ފުންމައިގެން ޖޫލީއަށް ތެދުވެވުނު އިރު މީހާވަނީ ދާހިތްލާ ފޯވެފައެވެ. މާނޭވާ ލެވި ހިތްވެސްތެޅެމުންދިޔައީ ނިކަން ބާރަށެވެ. ކޮޓަރީގެ އަލި ގަދަކޮއްލާފައި ވަށައިގެން ހޯދާލެވުނެވެ. ތަނަކީ އޭނާ ނިދާ ކޮޓަރިއެވެ. ނަވީނެއްވެސް އަދި އިތުރު މީހެއްވެސް ކޮޓަރިއަކުނެތެވެ. ޖޫލީއަށް ފެނުނީ ހުވަފެނެކެވެ. އެހެނަސް ޖޫލީ ހިތްހަމަ ޖެހޭ ގޮތެއް ނުވިއެވެ. ޖަގުން ފެންތައްޓެއް އަޅައިގެން ޖޫލީ އިށިއިނީ ސޯފާގައެވެ. ގަޑި ބަލާލިއިރު މެންދަމު ދެގަޑި ބައިވެ ބޮޑުވެއްޖެއެވެ. ކިތަންމެ ލަސްގަޑިއަކަށް ވިޔަސް ނަވީނަށް ގުޅާލަން ޖޫލީ ބޭނުންވިއެވެ. ހިތުގައި އުފެދިފައިވާ އިންތިހާ ނުތަނަވަސްކަމުން މިންޖުވުމުގެ ބޭނުމުގައެވެ. ޖޫލީގެ ފޯނުނަގާ ނަވީން ގެ ނަންބަރަށް ޑައެލް ކޮއްލިއެވެ.
*****
ތަނަވަސް ބޮޑު އެނދެއްގައިވެސް ނަވީނާއި ލައިބާ އޮތީ ޖެހިފިތިގެންނެވެ. ނަވީންގެ އަތްމަތީ ލައިބާ ބޯއަޅާލައިގެން އޮތްއިރު އޭނާގެ އެއް އަތް ވަނީ ނަވީން މޭމަތީގައެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ހިތްހަމަޖެހިފައިވާ ކަމެވެ. ކޮޓަރިތެރޭގައި އޮތް ހިމޭންކަން ފޫއަޅުވާލީ ނަވީންގެ މޯބައިލްގެ ރިންގު އަޑުންނެވެ. ދެލޯ ހުޅުވާލާނެހާ ހިތްވަރުނެތިފައި ނަވީން ލޯހުޅުވާލީ ގަދަކަމުންނެވެ. ސައިޑްޓޭބަލްމަތީ އޮތް ނަވީންގެ ފޯނުނަގާ ބަލާލިއެވެ. ފޯނުގެ ސްކުރީނުން ފެންނަންއިން ނަމުން ނަވީންގެ ދެލޯބޮޑުވިއެވެ. ނަވީނަށް ބޭއިޙްތިޔާރުގައި ބަލާލެވުނީ އަރާމްކޮށް ނިދާލާފައި އޮތް ލައިބާއަށެވެ. ބުލޭންކެޓްތެރެއިން ނަވީން ދެމިގަތީ އެކޯލަށް ޖަވާބު ދިނުމަށްޓަކާއެވެ. ނިދާފައި އޮތް ލައިބާއަށް އުނދަގޫވެދާނެތީއެވެ. ނަވީން ވާހަކަދައްކާ އަޑަށް ހޭލެވިދާނެތީ އާވެސް އެކީއެވެ.

“ހަ…..ހަލޯ….” ނަވީންގެ އަޑު ނިކުތީ ވަރަށް އުނދަގުލުންނެވެ. ދޮރު ހުޅުވާފައި ނަވީން ނިކުތީ ބެލްކަންޏަށެވެ.

“ހަލޯ………ހޭލައިތަ ތިއުޅެނީ……….” ޖޫލީގެ އަޑުގައިވި ހައިރާންކަން ނަވީނަށްވެސް ފާހަގަ ކުރެވުނެވެ.

“ފޯނު ރިންގުވާ އަޑަށް މިހޭލެވުނީ…..” ހަށިފުރާ ނަވީން ދޫކޮއްލި ނޭވާޔާ އެކު މޫނުގައި ބީހިލި ވައިރޯޅިން ބޭއިޙްތިޔާރުގައި ހިނިތުންވެވުނެވެ.

“ކިހިނެތް ވީ މިގަޑީ ތިގުޅީ……….؟” އެހާ ދަންގަޑިއެއްގައި ގުޅުމުން ނަވީން ހިތުގައި ސުވާލު އުފެދުނެވެ.

” ބިރުވެރި ހުވަފެނެއް ފެނިގެން މިގުޅީ……….އަދިވެސް ހިތް ވަރަށް ބާރަށް ތެޅޭ އެބަ….” ޖޫލީ ވާހަކަ ދެއްކުމުގެ ރާގު ބަދަލުވިއެވެ. ޖޫލީގެ އެއަޑުން ކަންބޮޑުވެފައިވާވަރު ކިތަންމެ ރަނގަޅަކަށްވެސް ނަވީނަށް އިހްސާސްކުރެވުނެވެ.

“ކޮން……..ކޮން ކަހަލަ ހުވަފެނެއް…….؟” ނަވީންވެސް ޖޫލީއަށް ފެނުނީ ކޮންކަހަލަ ހުވަފެނެއްތޯ ޔަގީންކުރަން ބޭނުންވިއެވެ.

“އެނގޭ އެއަސްލެއް ނޫންކަން…….ދުވަހަކު އެހެން ނުވެސްވާނެކަން……”

“އެކަމަކު…. އެކަމަކު ހޭލެވުނުއިރު ނަވީން ކައިރީ ނެތީމަ މާބޮޑަށް ބިރުގަތީ………” ޖޫލީގެ އަޑުގައި ހުރި ނުތަނަވަސްކަމާއި ކަންބޮޑުވުން ނަވީނަކަށް ސިއްރެއް ނުވިއެވެ.
“އަދިވެސް ފެނުނު ހުވަފެނެއް ކިޔާ ނުދެމެއްނު…….ފުރޭތައެއްތަ ފެނުނީ…..ނޫނީ ފޫޅުދިގުހަންޑިތަ؟” ނަވީން ޖޫލީއާ ސަމާސާކޮށްލިއެވެ. ޖޫލީ ހިތްހަމަޖައްސައި ދިނުމުގެ ގޮތުންނެވެ.
“ޕިސް….. އެކަހަލަ ހުވަފެނެއް ނޫން……. ނަވީން އެހެން ގާލްއެއް އެކީ ސްލީޕްކުރަން އޮއްވާ…………..” ވަގުތުން ނަވީންގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ބުނާނެ ބަހެއް ނޭނގި ދުލުގައިވެސް ހީވީ ތަޅެއް ލެވުނުހެންނެވެ. ހިތުގެ ހިނގުންބާރުކަމުން ހީވީ ހިތްވެސް ބޭރަށް ނިކުމެދާނެހެންނެވެ.

” ހަލޯ ހަލޯ…….” ނަވީންގެ އަޑެއް ނީވުމުން ޖޫލީއަށް ދެތިން ފަހަރު ގޮވާލެވުނެވެ.

” އޭން ކީކޭ……؟ ގާލްއެއް އެކީއޭ ……….ހެހެހެ….ތިވާނީ މަގޭ ވައިފްއެކީ ކަމަށް……” ނަވީން ކިތަންމެ ހަމަޖެހިލާފައި އެހެން ބުނިނަމަވެސް މޫނުމަތިން ފެންނަނީ ހާސްވެފައިވާ ކަމެވެ. ޖޫލީ ނަވީންގެ ކުރިމަތީ ހުރިނަމަ އެމޫނުން ކަންބޮޑުވުމާއި ނުތަނަވަސްކަމުގެ އަސަރުތައް ފެންނާނޭކަން ޔަގީނެވެ.

“ހެހެ…………ކީއްވެ އެއްޗެކޭ ނުބުނީ ވައިފްނޫން ގާލްއަކާ އެކީ އަހަރެން ނުނިދާންނު……..” ޖޫލީ އެއްޗެއް ނުބުނުމުން ނަވީން އިތުރަށް ބުނެލިއެވެ.

“އެނގެޔޭ…..އެކަމަކު ނޭގެ ހާދަބިރުގަތޭ…….ހީވީހަމަ……” ޖޫލީގެ ހިތަށްއެރި ޖުމްލަ ދުލާހަމައަށް ގެންނާކަށް އޭނާއަކަށް ނުކެރުނެވެ. ނަވީންގެ ލޯތްބާމެދު ކުޑަވެސް ކުންހީއެއް ކުރުމަކީ ޖޫލީއަށް ފަސޭހަ ކަމަކަށް ނުވިއެވެ.

“ސޮރީ ޑިސްޓާރބް ކުރެވުނީމަ…….ދެން ހިނގާ ނިދަމާދޯ…..” ޖޫލީ ދެރަވިއެވެ. އޭނާގެ އަޑުން ކިތަންމެ ރަނގަޅަކަށްވެސް އެކަން އެނގެއެވެ. ނަވީން ނިދާފައި އޮއްވާ އުނދަގޫ ކުރެވުނީތީއެވެ.

” އޯކޭ ގުޑްނައިޓް…” ނަވީން އަވަސްއަވަހަށް ބުންޏެވެ. ހީވަނީ ޖޫލީ ފޯނު ނުބާއްވައިގެން ހުރިހެންނެވެ.

“ގުޑްނައިޓް ބާ ބާއި…..”

ޖޫލީ ފޯނު ކަނޑާލުމުން ނަވީނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އެނދާ ހިސާބަށް ދެވުނުއިރު ނަވީންގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. އެނދުގެ މަގަތުގައި ނަވީން ޖައްސާލީ އޭނާގެ ދިރިއުޅުމާއި މެދު ފިކުރުކުރަމުންނެވެ.

*****

ރަށުތެރެއަށް ރަނގަޅަށް އަލިނުވަނީސް އަންހެންވެރިން މަގު ކުނިކަހަން ފަށާފިއެވެ. ފާތުން ކުނިކަހަން ހުރެފައި ދެތިން ފަހަރު ބުލްބުލާގެއާ ދިމާއަށް ބަލާލެވިއްޖެއެވެ. މަގުކޮޅަށް ބަލާލާފައި ވެސް ފާތުންގެ ލޯހޯދާލީ ލައިބާއެވެ. ކުނިކޮޅު އެއްކޮއްފައި ފާތުން ގެއަށް ވަދެ ނިކުތީ ކުނިއަޅަން ބާލީދީ ހިފައިންނެވެ. މަގުކޮޅުން ފަރިގޮތަކަށް ހިނގާލާފައި އަންނަ ލައިބާ ފެނިފައި ފާތުންނަށް ހުރި ފިޔަވަޅުމަތީ ހުއްޓެވުނެވެ. ފާތުން ބަލަން ހުރިގޮތުން ލައިބާއަށް ދުއްވައިގަނެވުނީ ފާތުންނާ ދިމާލަށެވެ. އައިގޮތަށް އައިސް ފާތުން ގައިގާ ލައިބާ ބައްދައިގަތެވެ. ފާތުންނަށް ހުރެވުނީ ބަސްހުއްޓިފައި އިތުރު ހަރަކާތެއްވެސް ގެންނަން ނޭނގިފައެވެ.

“އައި ލަވް ޔޫ…..” ފާތުން ދެލޯ ބޮޑުކޮއްލެވުނީ ލިބުނު ހައިރާން ކަމުންނެވެ. ފާތުނަށް ހީވީ ލައިބާ ބުއްދިގޯސްވީ ކަމަށެވެ.

“އައި ލަވްޔޫ ނަވީން…….” ލައިބާ ފާތުންގެ ކޮނޑުގައި ދެއަތުން ހިފާ ފާތުންގެ މޫނަށް ބަލާލިއިރު އެމޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ދަތްތައް ފެންނަ ވަރަށް ހިނިތުންވެލައިގެން ހުރިއިރު ދެލޮލުން ފާޅުވަނީ އުއްމީދުގެ ކުލަވަރެވެ.

“ފާތުން….! ނަވީން އަހަންނަށް އޮޅުވައެއް ނުލާ………… ހުރިހާ ވާހަކައެއްވެސް ކިޔާދީފި……” ފާތުންނަށް ބޭރުކޮއްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ. އެކުވެރިޔާއަށް ރަނގަޅު ގޮތް ވުމަކީ ފާތުންގެ އަބަދުވެސް ދުޢާއެވެ.

“އަހަރެން ބުނީމެއްނު ކޮންމެވެސް ކަހަލަ މަޖްބޫރީއެއް އޮވެގެންވެސް މީހަކު ދެއަންބަށް ކައިވެނިކޮށްދާނޭ……”

“ހިނގާ އިށިއިންނަން ތަންކޮޅެއް ހަމަޖެހިލައިގެން ތިވާހަކަ ދައްކަން……….” ފާތުން އިސާރާތްކުރީ އެގޭ ކައިރީގައި ހުރި ޖޯލިފައްޗަށެވެ. ޖެހިޖެހިގެން ހުރި ދެޖޯލީގައި ދެމީހުން އިށިއިނެވެ.

“ހޫން….ކިޔާދީ ބަލަ ނަވީނަށް ކޮންމަޖްބޫރެއް ވެގެންތަ ލައިބާއާ މެރީކުރީ………….” ލައިބާގެ ކޮނޑުގައި އަތްޖައްސާލަމުން ފާތުން އަހާލިއެވެ. އެކަމެއް އެނގެން ފާތުންވެސް ހުރީ ނިކަން ބޭނުންވެފައެވެ.

” ނަވީންގެ އަންހެނުންނަށް ކުދިންނެތް ނުލިބޭ…….” ލައިބާގެ އަޑުގައިވީ ހަމްދަރުދީއެވެ.

“އެކަމަކު ނަވީންގެ އަންހެނުންނަކަށް ނޭގޭ އެކަމެއް ނަވީން އެވާހަކަ ނުބުނޭ…………” ލައިބާގެ ފަހު ޖުމްލަ އިވިފައި ފާތުންނަށް ލިބުނީ ހައިރާންކަމެވެ.

“އެހެންވެގެންތަ ނަވީން ލައިބާ އާ މެރީކުރީ…………” އިތުރަށް ޔަގީން ކުރަން އަހާފަދަ ގޮތަކަށް ފާތުން އަހާލިއެވެ.

” ހޫމް ” ލައިބާ ބޯޖަހާލަމުން ފާތުންގެ މޫނަށް ވަރަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ.

“ނަވީން އަންހެނުން ދެކެ ވަރަށް ލޯބިވޭދޯ އެހެންވީމަ…….” ފާތުން ސުވާލުކުރީ ލައިބާގެ މޫނަށް ބަލަން އިނދެއެވެ.
” ކީއްވެ ތިހެން ތިބުނީ…….؟” ލައިބާގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ.

” ލޯބިނުވާނަމަ ދަރިން ނުލިބެޔޭ ކިޔާފަ ދޫކޮއްލީހެންނު……… ސިއްރެއް ނުކުރާންނު…….ސިއްރުކުރާނީ ލޯބިވާތީނުން އެކުގަ އުޅެން ބޭނުން ވާތީއޭނުން …….” ފާތުން ވާހަކަ ދައްކަމުން ދިޔައީ އޭނާއަށް ހީވާ ހީވުމެއްގެ މައްޗަށް ބިނާކޮށެވެ.

ލައިބާ އިސްޖަހާލި ގޮތަށް އިޙްތިޔާރުކުރީ ހިމޭންކަމެވެ. ފާތުން އެދެއްކި ވާހަކަޔާ މެދު ހިތުގެ އެންމެ ފުނުން ވިސްނާލިއެވެ. ލައިބާ އެއްޗެއް ބުނަން ހީކޮއްލިތަނާ ގޭދޮރޯށި ހުޅުވާފައި ނިކުތް ބަޝީރާ ފެނި އެވާހަކަ މަޑުޖައްސާލިއެވެ. ދޮރޯށި ހުޅުވުނު އަޑަށް ފާތުންވެސް އެދިމާއަށް ބަލާލީ ލައިބާ އެއްޗެއް ބުނަން އުޅެފައި މަޑުޖެހިލި ގޮތުންނެވެ. ބަޝީރާ މަގުމައްޗަށް ނިކުތީ ކުނިކަހަން އިލޮށިފައްޗަކާ ކުނިއަޅަން ރީނދޫ ހަންބުރިއެއް ހިފައިގެނެވެ. ޖޯލީގައި ތިބި ފާތުންނާއި ލައިބާއަށް ހިނިތުންވެލިއެވެ.

” އަހާން ދަރިފުޅާ ވަރަށް ގިނައިރުވެއްޖެތަ އައިސް އިންނަތާ…….މަންމަ ހިޔެއް ނުކުރަން މިހާ މައިރާ ދަރިފުޅު އަންނާނެ ކަމަކަށް އެހެންވެ ބަދިގޭގަ މިއުޅުނީ ދޮރޯށި ނުހުޅުވާ…………” ބަޝީރާ ވާހަކަދެއްކީ އުޅަނބޯއްޓާ ހަމައަށް އޮޅާފައި ހުރި ހެދުމުގެ އަތް ތިރިކުރަމުންނެވެ.

” ނޫނޭ ހަމަދެންމެ މިއައީދޯ ފާތުން……..” ފާތުންނަށް ދޯދެމުން ލައިބާ ހިނގައިގަތީ ބަޝީރާ އާ ދިމާލަށެވެ.

” ކޮބާ ނަވީން ނާދޭތަ؟” ބަޝީރާ މަގުގެ ދެކޮޅަށް ބަލާލަމުން އަހާލިއެވެ.

“އާން ނިދާފަ………ދަތުރު ވަރުބަލިވެފަ އޮތީ……..އަހަރެން މިދަނީ ނަވީން އަންނަން ވާއިރަށް ސައިތައްޔާރުކުރަން……….” ލައިބާ އެހެން ބުނެފައި މަޑުކުރުމެއްނެތިވަނީ އެތެރެއަށެވެ.

******

އުޑުމައްޗަށް ޖަމާވެފައިވާ ވިއްސާރަ ވިލާތަކުން ދުނިޔެމައްޗަށް ވެރިވެފައިވަނީ އަނދިރިކަމެވެ. ޖެހެމުންދިޔަ ވައިގެ ބާރު ހިނދެއް ހިނދަކަށް ދިޔައީ ގަދަވަމުންނެވެ. ނަވީން މެންދުރު ނަމާދުން މިސްކިތުން ފޭބިއިރު ވިއްސާރަކަނި ޖަހައެވެ. ނަމާދުން ފޭބި ކޮންމެ މީހަކުވެސްބެލީ ވިއްސާރައިގައި ނުޖެހި އެމީހެއްގެ މަންޒިލަށް ވާސިލްވެވޭތޯއެވެ. ނަވީންވެސް ދުވެފައި ކަހަލަގޮތަކަށް އައިސް ބުލްބުލާގެއަށް ވަދެވުނީ ކިރިޔާއެވެ.ވާރޭވެހިގަނެއްޖެއެވެ. އޭރު ލައިބާ ހުރީ ނަވީންގެ އިންތިޒާރުގައި ކާންތައްޔާރުކޮއްގެންނެވެ. ސުފުރާމަތި ފެނުމުން ނަވީން އެންމެ ސިކުންތެއްވެސް ލަސްކުރާކަށް ނުހަދައެވެ. ކާމޭޒުދޮށުން ގޮނޑިއެއް ދަމާލާފައި އިށިއިނދެއްޖެއެވެ.

ނަވީނަށް ފެން އަޅާދީފައި ލައިބާ ގޮސްހުއްޓުނީ ދޮރުކައިރީގައެވެ. ވެހެމުންދިޔަ ވާރެއަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު ލައިބާގެ މޫނުމަތިން ފެންނަނީ މައުސޫމްކަމެވެ. ފަނޑުހިނިތުންވުމެއް ތުންފަތުގައި ދުވެލަދުވެލަ ހުރިއިރު ލައިބާވަނީ ހިޔާލީ ދުނިޔެއަކަށް ގޮސް ގެއްލިފައެވެ. މޫނުމައްޗަށް ހޯސްލައިފައި ފެންފައިބާ ގަތުމުން ލައިބާއަށް ސިހިފައި ދުރަށްޖެހިލެވުނެވެ. ފުރާޅުން ފެން ފައިބަނީއެވެ. ވާރެވެހެންޏާ މިއީ އެމީހުންގެ ހާލެވެ. ވާރޭވެހޭ ދިމާލުގައި ބާލީދީއެއް ބަހައްޓާފައި ހިނގައިގަތް ވަގުތު އެހެންދިމާލަކުން ވާރޭތިކި ތަޅަންފެށިއެވެ.
” ދަރިފުޅާ….ގޭތެރޭ ފެންބޮޑުވެދާނެ….ބޮޑުތެލިގެނެސް ތިތާ ބަހައްޓާ…..” ބަޝީރާގެ އަޑަށް ލައިބާއަށާއި ނަވީނަށް ބަލާލެވުނީ ދާދި އެކުއެކީއެވެ. ލައިބާ ހިނގައިގަތީ ފެންޑާގައި އޮތް ތެލި ބަލައިދިއުމަށެވެ.

“މީ ވާރޭފެންތިކެއް ޖަހާފިއްޔާ ހާލަކީ…..ވައިގަދަވެއްޖެއްޔާ ލައިބާ ނުވެސް ނިދާނެ ބިރުން ……ގެގަނޑު ވެއްޓިދާނެތީ……” ނަވީން ބަޝީރާއަށް ބަލަން އިނުމުން ބަޝީރާ އޭނާގެ ހާލަތު ބަޔާންކޮއްދިނެވެ. އެކަންކަމަކީ ނަވީނަށް ވަރަށް އާކަންކަމެވެ. ތަނަވަސްދިރިއުޅުމެއް އުޅޭމީހަކަށް ފަގީރުހާލުގައި އުޅޭ މީހުންގެ ދިރިއުޅޭހާލު އިހްސާސްކޮއްލެވޭނީ ވަރަށް މަދުފަހަރަކުއެވެ.

“ނުބައީތަ؟….” ބަޝީރާ ނަވީން ކުރިމަތީ ހުއްޓެމުން ސުވާލުކުރީ ނަވީން ކެއުމާ މާގަޔާ ނުވާހެން ހީވާތީއެވެ. ނަވީނަށްވެސް ބަތްތަށިތެރޭ ސަމުސާ ހަލުވާލަ ހަލުވާލަ އިނދެވުނުކަން ރޭކާލީ ބަޝީރާ އެހެން ބުނުމުންނެވެ.

“ނޫނޭ ހުރިހާ އެއްޗެއްވެސް ވަރަށް މީރު……” ނަވީން އަވަސްއަވަހަށް ބޯހޫރާލަމުން އެހެންބުނެލީ ހަމައެކަނި ބަޝީރާއަށް އިވޭވަރަށެވެ.

ކައިނިމިގެން ނަވީން ނިކުތީ ފެންޑާއަށެވެ. އޭރު ބަޝީރާ އިނީ ނަވީން ނިކުންނަން ވާއިރަށް ދުފާފޮށި ތައްޔާރުކުރާށެވެ.

“އާދޭ ދުފާލަން…..ވާރޭ ހިޔެއް ނުވޭ ހުއްޓަން އުޅޭހެންނެއް……….” ނަވީން ފެނިފައި ބަޝީރާ ދައުވަތުދިނީ ދުފާލުމަށެވެ.
ނަވީން އުނދޯލީގައި އިށިއިނެވެ.

“މަންމާ….!” ނަވީންގެ އަޑަށް ބަޝީރާ ބަލާލިއެވެ. ނަވީން އިނީ ވެހެމުންދާ ވާރެއަށް ނަޒަރު ހުއްޓާލައިގެންނެވެ. ނަވީން އިން ގޮތުން ބަޝީރާ ހީކުރީ “މަންމާ” އޭ ގޮވާލިހެން އޭނާއަށް ހީވިހެންނެވެ.

“މަންމާ.!………އަހަރެން ގަސްތުމިކުރަނީ މިއޮއް ހުސްތަންކޮޅުގައި ފިހާރައެއް ހަދަން…….” ބަޝީރާއަށް ނަވީނާއި ދިމާއަށް ބަލަހައްޓާއިގެން އިނދެވުނީ އިވުނު އަޑު ޔަގީން ނުކުރެވޭ ހާލުގައެވެ.

“ދެބުރިއަށް……މަތީގަ މަންމަޔާ ލައިބާއަށް އުޅެވޭނޭގޮތަށް ދެކޮޓަރިއާއި ސިޓިންގރޫމެއްގެ އިތުރުން ކައްކާކެވޭނެ ގޮތަށް މަތި ނިންމަދޭނަން…….ތިރީގަ ފިހާރަ” ބަޝީރާގެ މޫނުމަތިންނާއި ހަރަކާތްތަކުން ނަވީނަށް ފެނުނީ ހިމޭންކަމެވެ. ދެލޮލުގައި ވިދަވިދާހުރި ކަރުނަތައް ވެސް ހީވަނީ ދެންމެ ދެންމެ ފައިބައިގަނެދާނެހެންނެވެ.

“އެގޮތް މަންމައަށް ކަމުދޭތަ؟ ” ދުފާތަބަކުން ފޯއްފޮއްޗެއް ނަގާ ނަވީން އަނގައަށް ލަމުން އަހާލިއެވެ. ބަޝީރާ ހަމައެކަނި ބޯތަޅުވާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

ނަވީންގެ ހެޔޮކަންފެނި ހިތާހިތުން ބަޝީރާ މާތް ރަސްކަލާނގެ ކިބަޔަށް ޝުކުރުކުރިއެވެ. ބަޝީރާމެން ދެމައިން ކަހަލަ ނިކަމެތި ބަޔަކަށް އަޅާލާ ހެޔޮފޯރުކޮއްދޭން ނަވީން އެއީ އެދެމައިންނަށް ލެއްވި ނަސީބެއްކަން ގައިމެވެ.

****

އާޝާ ކުލިނިކުން ނިކުތްއިރު ސަޖާގެ ދެލޮލުން ހިފެއްޓުމެއްނެތި ކަރުނަތައް ދިޔައީ ދެކޯތާފަތްމަތި ތެންމަމުންނެވެ. ކުލިނިކަށް ވަންނަމުންނާއި ނިކުންނަމުން ދިޔަ އެތައް ހާސް ލޯތަކެއް ދިޔައީ އޭނާއަށް އަމާޒުވަމުންނެވެ. އިރުއިރުކޮޅާ ލޯ ފޮހެލިއަސް ކަރުނަތައް ހީވަނީ ސަޖާގެ އިހްސާސްތައް ޖަޒްބާތީކުރުވާހެންނެވެ. ކަރުނަ ފޮހުންވީ ބޭކާރެވެ. އެހެންވެ މަގުމައްޗަށް ނިކުމެ ޓެކްސީއަކަށް އަތް ނެގީ މީހުންގެ ބެލުންތަކުން ސަލާމަތްވުމަށެވެ. ކަންދިމާކުރިގޮތުން ވަރަށް ފަސޭހައިން ޓެކްސީއެއް ލިބޭގޮތްވިއެވެ. ވިލިގިލީ ފެރީ ޓާރމިނަލަށް ކަމަށް ބުނުމުން ކާރު ދުއްވާލައިފިއެވެ. ދެލޯމަރާ ބާރުކޮށް ލެވުނީ ހިތުގައިވާ އިހްސާސްތައް ކޮންޓުރޯލް ނުކުރެވިގެންނެވެ. ސަޖާ ކުރަމުން އެދާ އިޙްސާސްތަކަށް ދޭނެ ނަމެއް ޙުދު ސަޖާއަށްވެސް ނޭގޭ ހާލުއެވެ. ހަމައެކަނި އެނގޭހާވެސް އެއްޗަކީ ހީވެސްނުކުރާފަދަ ބަދަލެއް ދިރިއުޅުމަށް އަންނާނެކަމެވެ.

******

އާޝާ އުނގުގައި ބޯއަޅާއިގެން އޮތްއިރު މާޙިލްގެ ދެލޯވަނީ މެރިފައެވެ. އާޝާގެ ކޮންމެ ބީހުމެއް މާޙިލްގެ ހިއްސުތަކުގައި ދިޔައީ ހުޅުރޯކުރަމުންނެވެ.

“މިހެނެއް ނޫޅެވޭނެ……؟” އެތަށް އިރަކު ހިމޭނުން އިނުމަށްފަހު އާޝާގެ އަޑަށް މާހިލް ލޯހުޅުވާލިއެވެ.

“ކީއްވެ؟” މާޙިލްގެ ތުންފަތްމަތީގައިވީ ހިނިތުންވުމެވެ.

“ތީ މީހެއްގެ ފިރިއެއް……….މަމީ ހިލޭ އަންހެނެއް ………..އަންބެއްގެ މަގާމް ދޭކަށް މާހިލް ބޭނުމެއް ނުވޭ……ވީއިރު ކީއްކުރަން މާހިލަށް ހިތްހަމަޖެހުމާ އުފާ އަހަރެން ފަރާތުން ދޭންވީކީ……” މާޙިލްގެ މޫނަށް ނުބަލަން އާޝާ އެއްފަރާތަށް މޫނު އަނބުރާލިއެވެ.

“އަންބެއްގެ މަގާމް ދޭން ބޭނުން ނުވަނީކީ ނޫން………އާޝާއަށް ކެރިދާނެތަ އަހަންނާ އިންނަން……….” މާހިލް ކޮއްލީ ސުވާލެކެވެ.
” ހޫމް……..އެކަމަކު އޭނަ ވަރިކޮށްފަ…..” މާހިލަށް ތެޅިގަނެފައި އޮތް ތަނުން ތެދުވެވުނެވެ.

“ކިހިނެތްވީ……ހާދަ ހާސްވީ………މާހިލް ބުނިންދޯ އޭނަ ދެކެ ލޯތްބެއް ނުވެޔޭ…..ލޯބިނުވާ މީހަކާއެކު އިނދެގެން އުޅުމުގެ މާނައެއްނެތް…” މާޙިލަށް ވީގޮތްފެނިފައި އާޝާގެ ހިތް އަނދައިގަތީ ހަސަދަވެރިކަމުންނެވެ. މާހިލްގެ ހިތުގައި އެހެން މީހަކަށް ޒައްރެއްގެ މިންވަރުވެސް ލޯބިއޮތުމަކީ އާޝާ އެދޭ ކަމެއްނޫނެވެ.

“ދެއަންބަކަށް ނީދެވޭނެތަ؟……….” މާޙިލްގެ އަޑުގައިވީ މަޑުމައިތިރިކަމެވެ. އޭރު މާޙިލްހުރީ އަލަމާރިކުރިމަތީ ގަމީހުގެ ގޮށްތައް އަޅުވާށެވެ.

” ޗި………އަހަރެން ނޫޅެން ބަތްތަށީގެ އެތްފަޅިކާކަށް………….އެހެން ނޫނަސް އެއްއުރައެއްގަ ދެކަނޑިއަކަށް ހަމަޖެހިގެނެއް ނޯވެވޭނެ……..” މިހާރު އާޝާގެ މޫނުފެންނަ މީހަކު ބިރުގަންނާނެކަން ޔަގީނެވެ.

” އަހަރެން ބޭނުމީ ހަމަ އެކަނި އަހަރެންގެ މީހަކަށް މާޙިލްވާން ……….”

“ހަމަ އެކަނި އަހަރެންގެ…………” ފުރަގަހުން މާހިލްގެ ގައިގާ ބައްދާލަމުން އާޝާ އޭނާގެ އެދުން ހާމަކުރިއެވެ.

“ޢާޝާގެ ބައްޕަ ގަބޫލުވާނެތަ؟ ކުރިންވެސް ގަބޫލުނުވެފައޭނުން އޮތީ……….” މާޙިލް ވާހަކަދެއްކީ ވަރަށް ކުރީގެ ހަނދާނެއް އާކުރަމުންނެވެ.

” މިފަހަރު އެހެނެއް ނުވާނެ އަހަރެން މިފަހަރު ބައްޕަ އޯކޭ ކުރާނަން…………..” އާޝާގެ ފަރާތުން ލިބުނު ޔަގީންކަމަށް މާހިލް ހިނިތުންވެލިއެވެ. މާޙިލްގެ މީހަކަށް އާޝާވާން އޭނާ ނުހަނު ބޭނުމެވެ.

“ދެން މިގެއަށް އަންނަންވާނީ ހަމައެކަނި އަހަރެންގެ މީހެއްގެ ގޮތުގަ…………” މާހިލް ހިނިތުންވެލާފައި ހަމައެކަނި ބޯޖަހާލީއެވެ. އެކަން ކުރެވޭނެ ކަމުގެ މާބޮޑު ޔަގީންކަމެއް އޭނާއަކަށް ނެތެވެ. ކުށެއްނެތި ސަޖާ މިނިވަންކޮށްފިނަމަ އެހެން މީހުންގެ މަލާމާތާއި ފުރައްސާރަޔާ މާހިލާ ކުރިމަތިލާން ޖެހޭނެއެވެ. އަދި ނުވިތާކަށް ސަޖާމެން އާޢިލާ ކުރިމަތީ މާހިލްގެ އަގުވެއްޓޭނެއެވެ.
މާޙިލް ގެއަށް ދިޔައިރު ސަޖާހުރީ ބެލްކަނީގައެވެ. ދޮރަށް ފުރަގަސްދީގެން ހުރި ނަމަވެސް ކޮޓަރިއަށްވަނީ މާހިލްކަން އޭނާއަށް އެނގެއެވެ. ހުދުކުލައިގެ ސިޓީ އުރައެއް ސަޖާގެ އަތުގައި އޮތް އިރު އޭނާ އެއިންތިޒާރުކުރަނީ މާހިލަށެވެ.

“އަހަރެން އެބަ އޮތް ވާހަކައެއް ބުނަންވެފަ……..” މާހިލް ސަޖާގެ ފުރަގަހަށް ހުއްޓުނުކަން ޔަގީން ވުމުން ސަޖާ ވާހަކަދެއްކިއެވެ.

“އަހަރެންވެސް އެބައޮތް ސަޖާއާ ވާހަކައެއް ދައްކަންވެފަ……….” މާހިލްވެސް ބޭނުންވީ ލަސްނުކޮށް އާޝާގެ އެދުން ފުރިހަމަކޮށްދޭށެވެ.

“އެހެން ވިއްޔާ ފުރަތަމަ މާހިލް ބުނޭ…….” ސަޖާ ހިނިތުންވެލަމުން މާހިލާ ދިމާއަށް މޫނު އަނބުރާލިއެވެ. މާހީލް ޖީންސްގެ ޖީބަށް އަތްޖަހާލަމުން ސަޖާއަށް ފުރަގަސްދިނެވެ.
“އަހަރެން ބޭނުން އިތުރު ކައިވެންޏެއް ކުރަން…………..” ސަޖާއަށް ހީވީ މީހަކު ބާރުހުރި އެތިފަހަރަކުން އޭނާގެ މޫނުމަތީ ބޮނޑިއެއް އެޅިހެންނެވެ. ބަސްހުއްޓިފައި ތުންފަތުގައި ދަތްއަޅާލެވުނެވެ. އަތުގައި އޮތް ސިޓީއުރަ ބޮނޑިކޮށްލެވުނީ ހިތަށްކުރި ވޭނީ އަސަރެއްގެ ބޮޑުކަމުންނެވެ.

~ނުނިމޭ~

ނޯޓް: މިވާހަކަ ދެން ގެނެސްދޭނީ ކޮންމެ ހަފްތާއެއްގެވެސް އާދިއްތަ ދުވަހަކުއެވެ

 1. Avatar

  ވާހަކަ ވަރަށް ރީތި… ކާންޓް ވެއިޓް ފޯ ދަ ނެކްސްޓް އަޕްޑޭޓް.. ކުޑް ލަކް މަރިޔަމް ހުސައިން…

  7
  2
 2. Avatar

  ރައިޓަރ ވ ގޯސް ކިއުންތެރިންގެ އިހްސާސް ތަކަށް އެއްވެސް ރެސްޕެކްޓެއް ނުކުރޭ އެތައް ދުވަހެއްކޮއްފަ ކުޑަކުޑަ ތަންކޮޅެއް މި ގެނެސްދެނީ?

  11
  2
 3. Avatar

  ވާހަކަ ލިޔެ ނިންމާފަ އޯ އަޕް ކުރަން ފެށީ، އެކަމް ވާހަކަ ގެނެސް ދެވޭނީ ކޮންމެ އާދިއްތަ ދުހުކު އޯ. މީހަކު އަޅެ އަޖައިބު ނުވާނެތަ؟ ތިވަރުން ކީއްކުރަން ވާހަކަ ލިޔަނީ. އަހަރަކުން ދެ ފޮޅުވަތް ލިޔަން؟ އެހެން މީހުން ވާހަކަ ލިޔަނީ ލިޔާހިތުން، ކިޔުން ތެރިންނަށް ކިޔާލަން އަވަހަށް ދޭން. އެކަމު މީނަ ވާހަކަ ލިޔަނީ ބަޔަކު ލިޔާތީ، ތިމަންނަވެސް ވާހަކަ ލިޔަމޭ ބުނަން ވެގެން ތޯ އެއްޗެއް. ޑަން ވިތް ރީޑިންގ ދިސް ސްޓޯރީ……

  17
  4
 4. Avatar

  އާދީއްތަ ދުވަސް ދެބައިވީ މި. އަދިވެސް ވާހަކަ ކިޔާލަން ލިބޭ ވަރެއް ނުވި. ކިޔުންތެރިންނަށް ޖެއްސުމަށް މިކަން ކުރާހެން ވެސް ހީވޭ ބައެއްފަހަރު. ):

  2
  2

ޚިޔާލު ފޮނުއްވާ