0 0

ދުނިޔެއަކީ އަމާންކަމުގެ އައްސޭރިއެއް ހޯދުމަށް އެންމެން ދަތުރުކުރާ ވަގުތީ ފާލަމެކެވެ. އެ ފާލަންމަތީ ކިތަންމެ ގިނައިރަކު ހުރުމަށް ކޮންމެ މީހެއްގެވެސް ހިތް އެދޭނެއެވެ. ނަމަވެސް ބައެއް މީހުންގެ ނަސީބުގައި ދުނިޔޭގެ ދަތުރު އަވަހަށް ނިންމުމަށް ލިޔެވިފައިވެއެވެ.

ކިތަންމެ މަދު ވަގުތަކު އެ ދަތުރުމަތީ ހުއްޓަސް ތިމާއަކީ އެ ފާލަންމަތީ ހެޔޮކަމެއް ކުރި މީހަކަށްވުމަށް ކޮންމެ މީހެއްގެ ހިތްވެސް އެދޭނެއެވެ. އެކަން ހާސިލްކުރުމަށް އެނގުމާއި ނޭނގުމުގައިވެސް އެތަކެއް ގިނަ މަސައްކަތްތަކެއް ކުރެވޭނެއެވެ.

އެގޮތުން "ވާހަކަކިޔާދޭ ރަޙުމަތްތެރިޔާ" ނުވަތަ ރ.ހުޅުދުއްފާރަށް ނިސްބަތްވި އުމުރުން 31 އަހަރުގެ މުހައްމަދު ނިޝާމްއަކީވެސް އެފަދަ ޒުވާނެކެވެ. ހުވަފެންތަކެއް ދެކި، މުޖުތަމައުގައި ހެޔޮކަންކަން ފެތުރުމަށް ހިތްމަތްކުރި ދިވެހި ދަރިއެކެވެ. ރަށުގެ ތަރައްގީއާއި ކުރިއެރުމުގެ އާރުކާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވި ހީވާގި މުދައްރިސެކެވެ. އާއިލާއެއްް ބިނާކޮށް ދަރިންނަށް އެކަށީގެންވާ ތަރުބިއްޔަތު ދިނުމަށް މަސައްކަތް ކުރި ކުލުނުވެރި ބައްޕައެކެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ނިޝާމް، އޭނާގެ އެންމެ ފަހުގެ ނޭވާ މިދުނިޔެމައްޗަށް ދޫކޮށްލީވެސް އުފާވެރިކަންމަތީގައެވެ. އަބަދުމެ ކުޅޭހިތްވާ، ރަށުގެ ޒުވާނުންނާއި އޭނަާއާއި ދެމެދު ގާތް ގުޅުމެއް އުފައްދައިދިން ފުޓުބޯޅައިގެ މައިދާނުގައި ހުރެއެވެ.

ނިޝާމް ނިޔާވުމުގެ ކުރިން ވަނީ ދިވެހި ވާހަކަ ކިޔުންތެރިންނަށް ވަރަށް ބޮޑު ހަދިޔާއެއް ދޫކޮށްފައެވެ. އެއީ ދިރިތިބީންނަށް އެތަކެއް އިބުރަތްތަކެއް ލިއްބައިދޭނެ ވާހަކަތަކެއް ހިމެނޭ ފޭސްބުކް ޕޭޖެކެވެ. ނިޝާމް ނިޔާވުމުގެކުރިން ކާކުކަން ނޭނގޭ ގޮތަށް، "ވާހަކަކިޔާދެ ރަޙުމަތްތެރިޔާ"ގެ ނަމުގައި އޭނާ ހިންގަމުންދިޔަ ޕޭޖްގައި އޭނާ ވަނީ އަރަބި އަދި އިނގިރޭސި ބަހުން ހުރި ގިނަ އިބްރަތްތެރި ވާހަކަތަކެއް ދިވެހިބަހަށް ތަރުޖަމާކޮށްފައެވެ.

ނިޝާމްގެ މި އަގުހުރި ހަދިޔާ ދިވެހި ވާހަކަތަކަށް ލޯބިކުރާ ކޮންމެ މީހަކުވެސް ދެކިލަން ބޭނުންވާނެއެވެ. އޭނާގެ ހިދުމަތުގެ ނިޝާނެއްގެ ގޮތުންނެވެ. މިފަދަ ފަރާތްތަކަށް މިއޮތީ އުފާވެރި ހަބަރެކެވެ. ނިޝާމްގެ އާއިލާގެ ހެޔޮއެދުންތަކާއި އެކު އޭނާގެ ހުރިހާ ވާހަކަތަކެއް ވާހަކަ.ކޮމްގައި ޝާއިއުކުރެވިގެންދާނެއެވެ. އަޅުގަނޑުމެންގެ މި ވެބްސައިޓްއާއި ދިވެހި ކިޔުންތެރިންނަށް ނިޝާމްގެ އާއިލާއިން ދެއްވި އަގުހުރި ހަދިޔާއަށް ފަށްފަށުން ޝުކުރު އަދާކުރަމެވެ.

ވާހަކަ.ކޮމްގެ ދުއާއަކީ އަލްއަޚް މުޙައްމަދު ނިޝާމްގެ ހުރިހާ ފާފަތައް ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމެވެ. މިއީ އޭނާއަށް ދެމިގެންދާނެ ހެޔޮ ޢަމަލެއްކަމުގައި ލެއްވުމެވެ. އަދި އޭނާ ދިރިތިބީންނަށް ދޫކުރި ހަދިޔާއިން އެންމެން އިބްރަތް ލިބިގަނެ، ހެޔޮގޮތުގައި ދިރިއުޅުން ބައްޓަން ކުރުމެވެ. ވަގުތީ ފާލަމުގެ ދަތުރު ވީހާވެސް ފަސޭހަކުރުމަށެވެ.

ޚާއްޝަ ޕޭޖް: ވާހަކަ ކިޔާދޭ ރަހުމަތްތެރިޔާ

0

ޚިޔާލު ފޮނުއްވާ